ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ހަރުމުދާ ހޯދުމަށް އެސްއެމްއީ ޑިޖިޓަލްއިން އައު ފައިނޭންސިން ޕްރޮޑަކްޓެއް ތައާރަފްކޮށް އެޕްލިކޭޝަން ހުށަހެޅުމަށް މިއަދު ހުޅުވައިލައިފި އެވެ.
މި ފައިނޭންސިންގެ ދަށުން، ހުރިހާ ދާއިރާއެއް ހިމެނޭހެން މިހާރުވެސް ހިނގަމުންދާ ވިޔަފާރިތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ބޭނުންވާ މެޝިނަރީ، އިކުއިޕްމަންޓް، ވިޔަފާރިއަށް ބޭނުންވާ އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރުގައި އިންޖީނު އެޅުން ފަދަ ބޭނުންތަކަށް ފަސޭހަކަމާއެކު ފައިނޭންސް ލިބޭނެ ކަމަށް އެސްއެމްއީ ޑިޖިޓަލް އިން ބުނެއެވެ.
"މި ފައިނޭންސިން ބޭނުންކޮށްގެން ޝަރީޢާ އުސޫލުތަކުގެ ތެރެއިން 100،000 ރުފިޔާއިން ފެށިގެން 5،000،000 ރުފިޔާއާ ހަމައަށް ފައިނޭންސް ފޯރުކޮށްދެވޭނެ އެވެ. އެއްވެސް ރަހުނަކާ ނުލައި 1،000،000 އާއި ހަމައަށް ތަކެތި ގަތުމަށް ފައިނޭންސިންގ ފޯރުކޮށްދޭއިރު، ފެސިލިޓީ އަނބުރާ ދެއްކުމަށް 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން 7 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. ރަހުނެއް ހިމެނޭހެން ފެސިލިޓީ ނަގާނަމަ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ކަނޑައަޅާފައިވާއިރު، މީގެ ތެރޭގައި 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނެއެވެ. އަހަރަކަށް ފައިދާ ހިސާބުކުރާނީ %9 އާއި %10.5 އާ ދެމެދުގައެވެ. ލުއިފަސޭހަކޮށް ދޫކުރެވޭ މި ފައިނޭންސިންގެ ސަބަބުން ވިޔަފާރިތަކުގެ އޮޕަރޭޝަންތައް ފުޅާކޮށް، ދިވެހި އިގުތިސާދަށް އިތުރުކުރިއެރުން ގެނެސްދިނުމަށް އެހީތެރިވެދޭނެއެވެ." ބީ.އެމް.އެލްގެ ބަޔާނެއްގައި ބުނެއެވެ.
މި ފައިނޭންސިން އާ ގުޅޭ ގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވީ މި ފައިނޭންސިންގެ ބޭނުމަކީ ރާއްޖޭގެ އިގުތިސާދަށް އެހީތެރިވެދިނުމާއި ވިޔަފާރިތަކަށް ދިމާވާ މާލީ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުން ކަމަށެވެ.
"ވިޔަފާރިތަކުން ހަރުމުދާ ގަތުމަށް ކުރިމަތިވާ މާލީ ދަތިތަކަކީ، އެފަރާތްތަކުގެ ކުރިއެރުމަށް ހުރަހަކަށް ވެފައިވާ ކަމެއް. މި ފައިނޭންސިންއާ އެކު، މިހާރު ދިމާވާ ދަތިތަކަށް ފަސޭހަ ހައްލެއް ހޯދައިދެވި، ވިޔަފާރިތަކުގެ އުފެއްދުންތެރިކަން އިތުރުވެ، އައު އިކުއިޕްމަންޓް އަދި މެޝިނަރީގެ އެހީގައި، އާ މާކެޓްތަކަށް ވަނުމުގެ ފުރުސަތު ލިބޭނެ،" ބަދުރުއްދީން ވިދާޅުވިއެވެ.
މި ފައިނޭންސިން އަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓް www.smedigital.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވައިލައިފަ އެވެ.



advertisment

