Support Us

ޓުޓިކޮރިން އިން ކުޅުދުއްފުއްޓަށް ދާއިމީކޮށް މުދާ ގެންނަން ފަށައިފި

އިންޑިއާގެ ޓުޓިކޮރިން އިން ކުޅުދުއްފުށި ސިޓީ އަށް ދާއިމީ ގޮތެއްގައި މުދާ ގެނެވޭނެ އިންތިޒާމްތައް ހަަމަޖެއްސުމުން 127 ޓަނުގެ މުދަލާއެކު ފުރަތަމަ ބޯޓު މިއަދު ބަނދަރުކޮށްފިއެވެ.

އެމް.ޕީ.އެލް އިން ބުނިގޮތުގައި ކުޅުދުއްފުއްޓަށް މިއަދު ބަނދަރުކުރި "ވީބީ ޕްރޮގްރެސް" އިން ގެނައީ އެސް.ޓީ.އޯގެ ކޮންސްޓްރަކްޝަން މެޓީރިއަލްސް އާއި އަމިއްލަ ވިޔަފާރިއެއްގެ ޕެރިޝަބަލް ކާގޯއެވެ.

އެމް.ޕީ.އެލް އިން ބުނާގޮތުގައި މި ވަގުތު ޝެޑިއުލްކޮށްފައިވަނީ ކޮންމެ މަހަކު ޓުޓިކޮރިން އިން ކުޅުދުއްފުއްޓަށް އެއް ދަތުރު ކުރާ ގޮތަށެވެ. އެހެން ނަމަވެސް، މުދާ ގެންނަ މިންވަރަކުން މި ދަތުރުތައް އިތުރުކުރެވޭނެއެވެ.

"ދާއިމީ ގޮތެއްގައި ޓުޓިކޮރިން އިން ސީދާ ކުޅުދުއްފުއްޓަށް މުދާ ގެނެވޭނެ އިންތިޒާމް ހަމަޖެހުމުން، ކުޅުދުފުއްޓާއި އުތުރުގެ އެހެން އަތޮޅުތަކުގެ ރައްޔިތުންނަށް އަގުހެޔޮކޮށް މުދާ ލިބުމަށް މަގު ފަހިވެގެންދާނެއެެވެ." އެމް.ޕީ.އެލް އިން ބުނެއެވެ.

"ސަރަހައްދީ ބަނދަރުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ބަނދަރުގެ އޮޕަރޭޝަންސްތައް ހަރުދަނާކުރުމަށް އެމް.ޕީ.އެލް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިންޑިއާގެ ޓުޓިކޮރިން ކުޅުދުފުއްޓަށް ދާއިމީ ގޮތެއްގައި ދަތުރުތައް ހަމަޖައްސަން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން، މި އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި އެމް.ޕީ.އެލް އިން ވަނީ ކުޅުދުއްފުށި ވިޔަފާރިވެރިންނާއެކު ބައްދަލުވުމެއް ބާއްވައިފައެވެ. މި ބައްދަލުވުމުގައި އުތުރުގައި ވިޔަފާރީގެ ފުރުސަތުތައް އިތުރުކުރުމައި، މުދާ ގެނައުމަށް ވިޔަފާރިވެރިންނަށް އޮތް އިންތިޒާމްތައް ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ މަޢުލޫމާތު ފޯރުކޮށްދީ، ވިޔަރާފިވެރިންގެ ހިޔާލު ހޯދައިފައެވެ."

އެމް.ޕީ.އެލް މެދުވެރިވެގެން، މިދިޔަ އަހަރު ޓުޓިކޮރިން އިން އައްޑޫ ސިޓީ ހިތަދޫ ބަނދަރަށް ދާއިމީކޮށް މުދާ ގެނެވޭނެ އިންތިޒާމްތައް ވަނީ ހަމަޖައްސައިފައެވެ. އެންމެ ފުރަތަމަ މަހަކު އެއް ދަތުރު ޝެޑިއުލްކުރި ނަމަވެސް، މިހާރު މަހެއްގެ ކުރާ ދަތުރުގެ އަދަދު ވަނީ އިތުރުކޮށްފައި ކަމަށް އެމް.ޕީ.އެލް އިން ބުނެއެވެ.