ރާއްޖޭގެ ހުރިހާ ބައިނަލްއަޤުވާމީ ވައިގެ ބަނދަރުތަކުގައިވެސް އަންނަ އަހަރު އީގޭޓްތައް ހަރުކޮށް، ބޭނުންކުރަން ފެށޭނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓަރމިނަލުގައި، އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗަރތައް ހިމެނޭގޮތަށް އީގޭޓް ހަރުކުރުމަށް ކުރަމުންދާ މަސައްކަތަށް އިޝާރާތްކުރައްވައި، އެމަނިކުފާނުގެ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި އެމަނިކުފާނު ވަނީ، އަންނަ ޖަނަވަރީގެ ކުރިން، އެރައިވަލް އަދި ޑިޕާޗަރ ޓަރމިނަލް ހިމެނޭގޮތަށް، ކޮންމެ ޓަރމިނަލެއްގައި 10 ގޭޓް ހަރުކޮށް، ބޭނުންކުރަން ފެށޭނޭ ކަމުގައި ވިދާޅުވެފައެވެ. އަދި އަންނަ އަހަރު އަންނަން ވާއިރަށް، ދިވެހިރާއްޖޭގެ އެންމެހާ ބައިނަލްއަޤުވާމީ ވައިގެ ބަނދަރުތަކަށް މި ޚިދުމަތް ފުޅާކުރެވޭނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ފަދަ އީގޭޓްތަކާއެކު، ވައިގެބަނދަރު ބޭނުންކުރާ ދިވެހިންނާއި ފަތުރުވެރިން، ބޯޑަރ ކޮންޓްރޯލް ކައުންޓަރުތަކުގައި ގިނައިރު ވަންދެން ކިއުގައި ހޭދަކުރަންޖެހޭޖެހުން ނިމުމަކަށް ގެނެވޭނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ގޭޓްތަކުން، އެއްފަހަރު ޕާސްޕޯޓު ސްކޭންކުރުމަށްފަހު، ދެން ބޯޑަރު ހުރަސްކުރާއިރު އޮތޮރައިޒްކުރެވޭނީ، ފޭޝަލް ރެކޮގްނިޝަންގެ ޒަރީއާއިންކަންވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
އަހަރެއްގެ މައްޗަށް ހަތް މިލިޔަން މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްޤީކޮށް، މި އަހަރު ޖުލައި 26 ގައި ހުޅުވި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓަރމިނަލާއެކު، މި ފަދަ ޒަމާނީ ގިނަ ޚިދުމަތްތަކެއް ވަނީ ރާއްޖެއަށް ތަޢާރަފުކުރެވިފައެވެ. އަދި ދިވެހިރާއްޖެ 2.0 ސިޔާސަތުގެ ދަށުން، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓައިޒްކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސަވައިދެއްވުމަކީ، މި ސަރުކާރުން އަހުމިއްޔަތުކަން ދޭ ކަމެކެވެ.



advertisment

