Support Us

ކޮލަމް ކޯދު: ކީރިތި ގުރުއާނުގެ ހިޔަލުގައި- ޔަހޫދީންނާ ބެހޭ ވާހަކައެއް

ކީރިތި ގުރުއާނުގައި ޔަހޫދީންނާ ބެހޭ ގިނަ ވާހަކަތައް އައިސްފައި ވެއެވެ. މިސާލަކަށް ބަގަރާ ސޫރަތުގައި، ސާޅީސް ވަނަ އާޔަތުން ފެށިގެން، ދެން އޮތް، ގާތް ގަނޑަކަށް، އަށްޑިހަ އާޔަތުގައި، ޔަހޫދީންގެ ދީނީ ތާރީޚުގެ ބައެއް ވާހަކަތައް ނަންގަނެވިފައި ވެއެވެ.

ބަގަރާ ސޫރަތުގައި ޔަހޫދީންގެ ވާހަކަ ގެނައުމުގެ މައިގަނޑު ދެ ސަބަބެއް ވެއެވެ. ފުރަތަމަ ސަބަބަކީ ބަގަރާ ސޫރަތުގެ މައިގަނޑު މައުޟޫއު ކަމުގައިވާ ހިދާޔަތާ، އާދެ، އިލާހީ ތެދުމަގާ ބެހޭ ކަމެކެވެ. ޔަހޫދީންގެ ދީނީ ތާރީޚަކީ، އިލާހީ ހިދާޔަތުގެ ތާރީޚަށް ބަލާލާއިރު، އެންމެ ތަފްސީލުކޮށް ފެންނަން އޮތް ވާހަކައެވެ. އެހެންވެ، އެ ވާހަކަތަކުން ބަޔެއް ނަންގަނެވިފައި ވަނީ، މުސްލިމުން އެތާރީޚުން އިބުރަތް ލިބިގަތުމަށެވެ. އަދި، ޔަހޫދީންނަށް ހެދުނު ގޯސްތައް މުސްލިމުން ތަކުރާރު ނުކުރުމަށެވެ. އުއްމަތަކަށް އިލާހީ ހިދާޔަތު ދެވެނީ ފަހަރެއްގައި ވެސް އެ އުއްމަތަކީ މާތްﷲ ހަޟުރަތުގައި ޚާއްސަ ބަޔަކަށްވާތީއެއް ނޫނެވެ. އެހެން މީހުންނަށް އޮތް ހެޔޮ ކަމުގެ މިސާލަކަށް ވުމަށްޓަކައެވެ.

މީގެ އިތުރުން، ބަގަރާ ސޫރަތުގައި ޔަހޫދީންގެ ވާހަކަ ނަންގަނެވިފައިވާ ދެވަނަ ސަބަބަކީ ކީރިތި ގުރުއާނުގެ ހިދާޔަތުގެ މަގަށް މަދީނާގެ ޔަހޫދީންނަށް ދައުވަތު ދިނުމެވެ. މަދީނާއަށް ސަލާމާތް ސަލަވާލެއްވި އިތުރު ރަސޫލާ ހިޖުރަކުރައްވައި މަދީނާގައި އިސްލާމީ ފުރަތަމަ ދައުލަތް ބިނާކުރެއްވުމާ ވިދިގެން، ޔަހޫދީންނަށް ވިސްނުނީ އެމީހުންގެ މަގާމު، ޚާއްސަ ގޮތެއްގައި، މަދީނާގައި އޮތް އެމީހުންގެ އިގުތިސާދީ ބާރު ގެއްލިގެން ހިނގައިދާނޭ ކަމެވެ. އަދި، މި ހީކުރެވުނު ހީކުރުމުގެ ސަބަބުން، މަދީނާގައި ޔަހޫދީންގެ ހިތުގައި ނަފުރަތާއި ދެކޮޅުވެރިކަން އުފެދުނެވެ. މިކަމުގެ ހައްލެއްގެ ގޮތުގައި މަދީނާގެ ޔަހޫދީންނަށް، ބަގަރާ ސޫރަތުގައި އިސްލާމް ދީން ގަބޫލުކުރުމަށް ދައުވަތު ދެވިފައިވެއެވެ. އިސްލާމް ދީން ގަބޫލު ކުރުމުން، އެ މީހުންގެ އަފުރާދުންގެ އަތުގައި އޮތް އިގުތިސާދީ ބާރަށް އެއްވެސް ބުރުލެއް ނާރާނެތީއެވެ.

ކޮންމެއަކަސް މިތާގައި ބަލާލަން ގަސްދުކުރަނީ ޔަހޫދީންނާ ބެހޭ ކީރިތި ގުރުއާނުގެ އެހެން އާޔަތެކެވެ. އެއީ ނިސާއު ސޫރަތުގެ ސާޅީސް ހަވަނަ އާޔަތެވެ. مِنَ الَّذِينَ هَادُوا يُحَرِّفُونَ الْكَلِمَ عَن مَّوَاضِعِهِ މި އާޔަތެވެ. މާނައަކީ 'ބަސްބަސް، އެބަހީ، ތައުރާތުގައި ނަންގަނެވިފައިވާ ބަސްބަސް، ލަފްޒު ލަފްޒު، އޭގެ މަގާމުން، މާނައަކީ، އެ ބޭނުން ކުރެވިފައިވާ ހަގީގީ މާނައިން، ދުރުކޮށް ބަދަލުކޮށްލާ ބަޔަކު ޔަހޫދީންގެ ތެރޭގައި ވެއެވެ.

މި އާޔަތުގެ ޖުމްލަ މާނައަކީ ކޮބާ ހެއްޔެވެ؟ ތައުރާތުގައި ނަންގަނެވިފައިވާ ވާހަކަތައް، ޔަހޫދީންގެ މަސްލަހަތު ނިޔާކުރާ ގޮތެއްގެ މަތިން، ބަދަލުކޮށްލައި އޮޅުވާލާ ވާހަކައެވެ. މި އޮޅުވާލުމުގެ ހަގީގަތް އަދުވެސް ފެންނަމުން ދެއެވެ. ތިރީގައި ބަޔާން ކުރެވިފައިވާ މިސާލުތަކަށް ބަލާލުމުން މިކަން ސާފުކޮށް ފެނިގެންދާނެއެވެ.

މި އޮޅުވާލުމުގެ ވާހަކަ މި ވަގުތު ލިޔަން ޖެހުނީ ކީއްވެ ހެއްޔެވެ؟ އެންމެ ފަހުން، ސަތާރަ އޮކްޓޯބަރުގައި، އާދެ، މިދިޔަ އަންގާރަ ދުވަހު، އިޒުރޭލުން ހަމަލަދީ ޣައްޒާގެ އަރަބި އަހުލީ ހޮސްޕިޓަލް ގޮއްވާލައި ފަލަސްތީނުގެ އެތައް ސަތޭކަ މައުސޫމޫ މަދަނީން ޝަހީދުކޮށްލުމަށް ފަހު، އެކަމަކީ ހަމާސްގެ ހަނގުރާމަވެރިން ކުރި ކަމެކޭ އިޒުރާލުން ބުނެ އޮޅުވާލަން މަސައްކަތް ކުރަމުންދާތީއެވެ.

މިއީ ފަލަސްތީނުގެ މަދަނީ މައުސޫމު ރައްޔިތުންނާ ދެކޮޅަށް، ބޮޑެތި ބޮޑެތި ލާއިންސާނީ ޖަރީމާތައް ހިންގުމަށް ފަހު، އިޒުރޭލުން އާންމު ގޮތެއްގައި ކަންތައް ކުރާ ގޮތެވެ. އެ ފަދަ ޖަރީމާތަކަކީ ފަލަސްތީނުގެ ކޮންމެ ވެސް ބައެއް ކުރި ކަމެކޭ ބުނެ، އެކަމުން ރެކިގަންނަން އުޅުމެވެ. މީގެ ބޭނުމަކީ ދުނިޔޭގެ ނަޒަރު އެފަދަ ޖަރީމާތަކާ ދިމާއަށް ހުއްޓިފައި އޮންނަ ވަގުތެއްގައި، އޮޅުވާލުމުގެ ގޮތުން، އެކަން ކުރީ އެހެން ބައެއް ކަމުގައި ބުނުމެވެ. ދެން، ޚަބަރުތައް ފަތުރާ ހުޅަނގުގެ ގިނަ ވަސީލަތްތަކުން، އިޒުރޭލު ބުނާ ގޮތަށް އެ ވާހަކަތައް ގެނެއެވެ. މިހެން ކަންތައް ކުރުމުން، އިޒުރޭލު އަރައިގަންނަ ބޮޑެތި ޖަރީމާތަކުން ރެކިގަތުމުގެ މަގު ހުޅަނގުގެ މީޑިއާ ވެސް ފަހި ކޮށްދެއެވެ. މިވާހަކަ އިތުރަށް ކުރިއަށް ގެންދިޔުމުގެ ކުރިން މިފަދަ ދެތިން އެހެން މިސާލެއް ލިޔެލާނަމެވެ.

އެންމެ ފުރަތަމަ، ދެ ހާސް ވަނަ އަހަރު، ފަލަސްތީނުގެ ބާރަ އަހަރުގެ މުހައްމަދު އައްދުއްރާ ޝަހީދުކޮށްލެވުނު ހާދިސާގެ މަތިން ހަނދާން ކޮށްލާށެވެ. އިޒުރޭލު ސިފައިންގެ ބަޑީގެ ހަމަލާތަކުން ސަލާމަތްވުމަށްޓަކައި މުހައްމަދު އޭނަގެ ބައްޕަގެ ފުރަގަހުގައި ބޮނދާ އޮވެ ރޯ މަންޒަރު ފެނުނެވެ. ދެން، ފެނުނީ މުހައްމަދާ އަމާޒުކޮށް އިޒުރޭލުގެ ސިފައިންގެ މީހެއްގެ ބަޑި ޖެހި ތަނެވެ. އަދި، ކުޑަކުޑަ މުހައްމަދު ޝަހީދުވި ތަނެވެ. މި ހާދިސާ ހިނގީ އެންމެނަށް ފެންނަ ގޮތެއްގައި އެ މަންޒަރު ވީޑިޔޯ ކުރެވެމުން ވެސް ދަނިކޮށެވެ. ނަމަވެސް، މި ޖަރީމާ ހިންގުމަށް ފަހު، މިވާނީ ފަލަސްތީނު މީހެއްގެ ބަނޑީގެ އުންޑަ މުހައްމަދަށް އަމާޒުވެގެން ހިނގި ހާދިސާއެއް ކަމުގައި އިޒުރޭލުން ބުންޏެވެ. ނަމަވެސް، ފަހުން، އެންމެންގެ ނަޒަރު އެކަމާ ދުރަށް ދާހާ ދުވަސް ވުމުން، އެކަމާ އިޒުރޭލުން ވެސް އެއްބަސްވާން މަޖުބޫރުވިއެވެ.

މުޅި ދުނިޔޭގެ ނަޒަރު، އެކަމުގެ މައްޗަށް ހުއްޓުނު ދެވަނަ މިފަދަ ހާދިސާއަކީ 2003ގައި އެމެރިކާގެ މުވާތިނެއް ކަމުގައިވާ ރޭޝަލް ކޯރީގެ ފުރާނަ ދުއްވާލި ހާދިސާއެވެ. ރޭޝަލް ކޯރީއަކީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރި އެމެރިކާގެ ޒުވާން ތާލިބާއެކެވެ. ފަލަސްތީނުގެ މީހެއްގެގެ ގެ، އިޒުރޭލުގެ ބުލްޑޯޒަރެއް އައިސް ތަޅާލުމުގެ މަސައްކަތް ހުއްޓުވޭތޯ އެ ގޭ ކުރިމަތީ ރޭޝަލް ހުއްޓިގެން ހުއްޓެވެ. ދެން، އެ ބުލްޑޯޒަރު އައިސް ރޭޝަލް ގައިގައި ޖައްސައި އޭނަގެ ދުވަސް ދުއްވާލިއެވެ. މި ހާދިސާއާ ވިދިގެން އިޒުރޭލުން ބުނީ އެކަންކުރީ ރޭޝަލް އަމިއްލައަށް ކަމެވެ. އާދެ، ބުލްޑޯޒަރު ދުެއްވަން އިން މީހާއަށް ރޭޝަލް ނުފެނުނީ ކަމަށެވެ. އެހެންވެ، ބުލްޑޯޒަރު ކުރި މައްޗަށް ރޭޝަލް އަރައި ހުރުމަކީ އޭނަގެ ކުށެއް ކަމުގައެވެ.

މި ފަދަ އަނެއް ހާދިސާއަކީ މިދިޔަ އަހަރު މޭމަހުގައި އިޒުރޭލުގެ ސިފައިން ބަޑިޖަހައި ޝަހީދުކޮށްލި ޝީރީން އަބޫ އަގްލާއެވެ. ޝީރީންއަކީ އަލްޖަޒީރާގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ފަލަސްތީނުގެ ދަރިކޮޅުގެ އެމެރިކާގެ ރައްޔިތެކެވެ. ޝީރީނުގެ ގަޔަށް ބަޑިޖެހުމަށް ފަހު، އިޒުރޭލުން ބުނީ އެކަން ކުރީ ފަލަސްތީނު މީހެއް ކަމެވެ. ނަމަވެސް ފަހުން އިޒުރޭލުން އެކަމާ އެއްބަސްވާން މަޖުބޫރުވިއެވެ. ނަމަވެސް، އެކަމުގެ މަސްއޫލިއްޔަތު އުފުލަން އިޒުރޭލުން ބޭނުމެއް ނުވިއެވެ.

މި ފަދަ ހާދިސާތަކަކީ އަބަދުމެ ތަކުރާރުވަމުންދާ ކަންކަމެވެ. އިޒުރޭލުން ފަލަސްތީނު މީހެއްގެ ފުރާނަ ދުއްވާލާފައި، އެކަން ތަބުރީރު ކުރެއެވެ. އެ މީހަކީ ޓެރަރިސްޓެކޭ ބުނެއެވެ. ނޫނީ އެމީހަކު އުޅުނީ އެފަދަ އަމަލެއް ހިންގާށޭ ބުނެއެވެ. ފަލަސްތީނުގެ ތަންތަނަށް- މިސްކިތްތަކާއި މަދަރުސާތަކާއި ހޮސްޕިޓާތަކާއި އަމިއްލަ މީސްމީހުންގެ ގެދޮރަށް – ހަމަލާދީ ހަލާކުކޮށް ފުނޑު ފުނޑު ކޮށްލާފައި، އެތަންތަނުގައި 'ޓެރަރިސްޓުން' ފިލާ ތިބީއޭ ބުނެ އެމީހުންގެ އެ ޖަރީމާ ތަބުރީރުކުރެއެވެ.

ޣައްޒާގެ އަރަބި އަހުލީ ހޮސްޕިޓަލަށް ބޮންއަޅައި ގޮއްވާލުމުގެ ހާދިސާއަކީ މި ސިލްސިލާގެ ތެރެއިން އެންމެ ފަހުގެ އެއް ހާދިސާއެވެ. މިކަން ކޮށްފައި، އިޒުރޭލުގެ އިސް މީހަކު ޓުވީޓެއް ކުރި ކަމުގައި އަލްޖަޒީރާ ޚަބަރު ދިނެވެ. އެ ޓުވީޓުގައި އޮތީ 'ހޮސްޕިޓަލުގައި މިހާރު ބޭސް ނެތެއް ނޫން ހެއްޔެވެ؟ އެހެންވީމާ ހޮސްޕިޓާ 'އިއުތެނޭޒުކޮށް’، މަރާލުން، އެންމެ ރަނގަޅު ނޫން ހެއްޔެވެ؟' މިފަދަ އިބާރާތެކެވެ. އަލްޖަޒީރާ ރިޕޯޓުކުރި ގޮތުގައި މި ޓުވީޓު ފަހުން ފޮހެލެވުނެވެ. ނަމަވެސް، މިއިން އެނގެނީ މިކަމަކީ އިޒުރޭލުން ހިންގި ބޮޑު ލާއިންސާނީ ޖަރީމާއެއް ކަމެވެ.

ދެން، މިހާރު ހުޅަނގުގެ މީޑިއާ ތަކުގައި ޣައްޒާގެ އަހުލީ ހޮސްޕިޓާ ގޮއްވާލި ވާހަކަ ރިޕޯޓު ކުރާއިރު، ފަލަސްތީނުގެ މީހުން ބުނަނީ މިހެންނޭ އިޒުރޭލުން ބުނަނީ މިހެންނާ ބުނެ، އެ ހިންގި ބޮޑު ޖަރީމާގެ ބޮޑު ކުށް، ކަމަކަށް ހަދާނުލުމުގެ މަސައްކަތް ކުރެވެއެވެ. މިކަމަށް ބާރު ދިނުމުގެ ގޮތުން، އެމެރިކާގެ ރައީސް ބައިޑަން ވެސް މިހާރު ބުނަމުން އެ ދަނީ ޣައްޒާގެ ހޮސްޕިޓާ ގޮއްވާލީ ހަމާސްގެ މީހުން ކަމެވެ!

އާދެ، މަތީގައި ނަންގަނެވުނު ކީރިތި ގުރުއާނުގެ مِنَ الَّذِينَ هَادُوا يُحَرِّفُونَ الْكَلِمَ عَن مَّوَاضِعِهِ މިއާޔަތް އިޝާރަތް ކުރާ ފަދައިން، ޔަހޫދީންނަކީ ކަންކަމުގެ ހަގީގަތް އޮޅުވާލަން މަސައްކަތްކުރާ ބައެކެވެ. މިހަގީގަތަށް އިޝާރަތަކުރާ ދިވެހި މުހާވިރާ ބަހެއް ވެސް އޮވެއެވެ. އާދެ، ދިވެހި ބަހުގައި 'ޔަހޫއްޖެއް ހެދުމަކީ' މަކަރު ހެދުމެވެ. އޮޅުވާލުމެވެ. އެހެންވެ، އެ މީހުންނާއި އެމީހުންނަށް ތަބާވާ މީހުން ފަތުރާ ޚަބަރުތަކާ މެދު، އަބަދުވެސް، ސަމާލުވާން ޖެހެއެވެ.