Support Us

ކޮލަމް އަލި

ބަހާއި އަދަބުގެ ފެނާރު: ކުދިން އުޅެ ބޮޑުވާ މާހައުލު

ކުއްޖެއްގެ ވިސްނުމާއި ފިކުރު ބައްޓަންވަނީ އެކުއްޖެއްގެ މާދަރީބަހުންނެވެ. މާދަރީބަހާ ބީރައްޓެހިވީ ވަރަކަށް ކުދިންގެ ވިސްނުން ހަނިވެއެވެ. މާދަރީ ބަހަށް އަހުލުވެރިވެ ފަރިތަވީ ވަރަކަށް ވިސްނުން ފުޅާވެއެވެ. ކަންކަމާ މެދު އުފެދޭ ތަފާތު ނަޒަރުން ވިސްނުމުގެ ބާރު ވެސް ގަދަވެއެވެ. މާދަރީބަހުން ސިކުނޑީގެ އޮނިގަނޑުތައް ވަރުގަދަ ވުމުގެ ފައިދާ އެތައް ކަމަކަށް ކުރެއެވެ. ހަނދާން ގަދަކޮށް ދިނުމާއި އެހެން ބަސްބަސް އުނގެނެން ފަސޭހަވުމާއި ޢިލްމުވެރިވުމާއި ހަޔާތުގައި ދިމާވާ އެކި ކަންކަން ޙައްލުކުރާނޭ މަގުތައް ފަހިވުން ފަދަ ކިތަންމެ ކަމެއް ހިމެނެއެވެ. ޢިލްމުވެރިވުމާއި ޙިކުމަތްތެރިވުމާއި ތައުލީމީ ކާމިޔާބުތައް ހާސިލްކުޅުއުމުގައި ވެސް މާދަރީބަހުގެ ފައިދާއާއި ލާބަ މަންފާ ވަރަށް ބޮޑެވެ.

ޝައްކެއް ނެތެވެ. ބަހުގެ ހުނަރުތަކާއި ބަހުގެ ލޯތްބާއި އަދަބީ ހުނަރުތަކާއި އަދަބަށް ކުރާ ލޯބި ދަރީންގެ ކިބައިގައި އަށަގަތުމާއި އެ ފަދަ ހުނަރުތައް ތަރައްގީވެ ކުރިއެރުމުގެ ހަގީގީ ފެނާރަކީ ކުދިން އުޅެ ބޮޑުވާ މާހައުލެވެ. މާދަރީބަހަށް ކުދިން އަހުލުވެރި ކުރާ ފުރަތަމަ އުނގަކީ މައިންބަފައިންނާ އެކު ކުދިން ހޭދަކުރާ ގޯއްޗެވެ. ގެއެވެ. އާއިލީ ގޯތިތަކާއި މާހައުލުތަކެވެ. ކުދިން އެހެން މީހުންނާ އެއްތާވާ އެކި މާހައުލުތަކެވެ. މި ފަދަ ކޮންމެ މާހައުލަކީ ކުދީން މާދަރީ ބަހަށް އަހުލުވެރިކުރުވުމުގައި އެހީތެރިވެދޭ މާހައުލެކެވެ. ކުދިންގެ ޅަފަތަކީ ކަންކަން އަށަގަނެ ހުނަރުތައް ހޭލާ ދުވަސްވަރެވެ. ކުއްޖެއްގެ އުމުރުން 12 އަހަރު ވުމުގެ ކުރިއަކީ އެ ކުއްޖެއްގެ ހަޔާތުގައި އަންނަ ވަރަށް ނާޒުކު އެހެނަސް ވަރަށް މުހިންމު ދުވަސްވަރެކެވެ. އެއީ ސިކުނޑި ހެދިބޮޑުވަމުން އަންނަ ދުވަސްވަރެވެ. ކަންކަމާ މެދު ލޯހުޅުވުމުގެ އިތުރަށް މުސްތަގުބަލުގެ ކަންކަން ބިނާވާ ބިންގާތައް އެޅެން ފަށާ ދުވަސްވަރެވެ. ހިފެހެއްޓުމެއް ނެތި ކަންކަން އަށަގަންނަމުން ދަސްވަމުން އަންނަ އުމުރެވެ.

މިހެން ވުމުން ކުދިން ޅަފަތުގައި ގޭތެރޭގައްޔާއި އެކިއެކި މާހައުލުތަކުގައި އުޅޭ އުޅުމުގައި އެކުދީންނާ އެކުދިންގެ މާދަރީ ބަހުން މުޢާމަލާތުކުރުމާއި އަދަބީ ހުނަރުތަކަށް ޝައުގުވެރިކުރުވުން ވަނީ ވިސްނުމާއި ފިކުރަށް ދެވޭ ދެމެހެއްޓެނިވި އިލްމީ އަދި އަދަބީ ކާނާއަކަށެވެ. އޭގެ ސަބަބުން އިސްދާނަކަމުގެ ހުނަރުތައް ހޭލުމާއި އުނގެނުމާއި ކަންކަން ހޯދައި ދެނެގަތުމުގެ ހުނަރުތައް ހޭލައެވެ.

މަދަރުސީ ހަޔާތުގެ އެކިއެކި މަރުހަލާތަކުގައި ވެސް ކުދިން އިލްމީ ގޮތުންނާއި އަދަބީ ގޮތުން ހޯދާ ކާމިޔާބު ބިނާ ވަނީ އެކުދީންނަށް ގޭތެރޭގެ މާހައުލުން އެކަންކަމަށް ދެއްވައިފައިވާ އަހަންމިއްޔަތެއްގެ މައްޗަށެވެ. މައިންބަފައިން އެކަންކަމަށް ކުރައްވާ ލޯތްބާއި ބަހައްޓަވާ ޝައުޤެއްގެ މައްޗަށެވެ. ދިވެހިބަހުން ހުންނަ ފޮތް ކިޔުމާއި ދިވެހި އަދަބީ ހުނަރުތަކާއި ސަގާފީ ކުޅިވަރުތަކަކީ ދިވެހި މާހައުލުތަކުން ކުދިންނަށް ދަސްވާން ޖެހޭ ވެށީގެ ލޯބީގެ ގުޅުންތަކާއި އުޅުންތަކެވެ.
އާދޭހެވެ! ދިވެހި ރާއްޖެ ދުށް ކުޅަދާނަ ކޮންމެ އަދީބެއްގެ، ކޮންމެ އިލްމުވެރިއެއްގެ، ކޮންމެ ލިޔުންތެރިއެއްގެ، ކޮންމެ ޅެންވެރިއެއްގެ، ކޮންމެ ވާހަކަދެއްކުންތެރިއެއްގެ ކާމިޔާބީގެ މޯހިރުން ވިދަވިދާ އޮންނާނީ އެ ބޭފުޅެއްގެ ގޭތެރެއިން ބަހާއި އަދަބަށް ދެއްވައިފައިވާ އަހަންމިއްޔަތާއި އެ ބޭބޭފުޅުންގެ ތުއްޕުޅު އިރު އެ ފަދަ ކަންކަން އެ ބޭފުޅުންނަށް ދަސްކޮށް ދެއްވައި ލޯބި ޖައްސަވައި ޝައުޤު އުފައްދަވަން އެބޭފުޅުންގެ މައިންބަފައިން ބެހެއްޓެވި ޝައުޤާއި ކޮށްދެއްވި މަސައްކަތްޕުޅުކަން ކަށަވަރެވެ.

ބޭނުންފުޅު ވަނީ ދަރީން މޮޅު ކުދީންނަށް ވާން ތޯއެވެ. ބޭނުންފުޅުވަނީ ދަރިން ވިސްނުންތޫނު ޙިކުމަތްތެރީންނަށް ވާން ތޯއެވެ. ބޭނުންފުޅުވަނީ ދަރިން އިމްތިހާންތަކުން ކާމިޔާބު ނަތީޖާއެއް ހޯދުން ތޯއެވެ. މި އުންމީދުތައް ގުޅިފައިވަނީ ބަހާއި އަދަބާއެވެ. ބަހާއި އަދަބަށް ލޯބިކުރާ ދަރީންކަމުގައި އެކުދިން ހައްދަވާށެވެ. އެ ލޯބި ދަރީންގެ ހިތުގައި އުފެދޭނީ އިއްޔެގެ ބެލެނިވެރީންނާއި މައިންބަފައިން ފަދައިން އަދާއި މާދަމާގެ ބެލެނިވެރީންނާއި މައިންބަފައިން ދަރީންނަށް އެ ނަމޫނާ ދައްކަވައިގެންނެވެ. ދިވެހިބަހުން ކުދިންނާ ވާހަކަދައްކަވައިގެންނެވެ. އަދަބީ ހުނަރުތަކުން ގޭތެރޭގެ މާހައުލުގައި އުފާވެރިކަން ގާއިމުކުރައްވައި ކުދީންނަށް ފުރުސަތުތައް ފަހިކޮށް ދެއްވައިގެންނެވެ. އަދަބުން އުފާކުރާނޭ ގޮތްތައް ހަމަޖައްސަވައި ދެއްވައިގެން ވެސް މެއެވެ.

މިހެން ވުމުން ކުދިން އުޅޭ ބޮޑުވާ މަހައުލީ ފެނާރުގެ މީރު ފެން ދާއިމީ ގޮތެއްގައި ކުދީންނަށް ލިބޭނޭ މަގު މައިންބަފައިން ހަމަ ޖައްސަވައިދެއްވާން ވާނެއެވެ. އެ ހިތްގައި ފެނާރުން އުފާލިބި ހިތްހަމަ ޖެހުމާ އެކު މުޖުތަމައަށް ނުކުތުމުގެ ގާބިލިއްޔަތާއި ނަފުސުގެ އިތުބާރާއި ޔަގީންކަން ހޯއްދަވައި ދެއްވަން ވާނެއެވެ. ހަރުދަނާ ދިވެހިވަންތަ މުވާޠިނުންނަށް ދަރީން ހެއްދެވުމަށާއި ޢިލްމާއި ޙިލްމުގައި ކުރިރައި ވިދާނެ ދަރީންނަށް އެ ކުދީން ހައްވާން ބޭނުންފުޅިއްޔާ ކުދީން އުޅެ ބޮޑުވާ މާހައުލަކީ އަދަބާއި ބަހުގެ މީރުފެން ލިބޭ ފަނާރެއްކަމުގައި ހައްދެވުން ހުއްޓެވެ. ޝައްކެއް ނެތެވެ. އެ ފެނާރުގެ ފެން ދާއިމަށް ލިބި ހިތްހަމަ ޖެހުމާއި އުފާވެރިކަން މުޖުތަމަޢުގައި ގާއިމުވެ ދާއިމްވެދާށިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2111

One Response

  1. ސަގާފި ހެދުމެއްލައްވާފައި ކުޑަކުދިން ފޮޓޯ ނެގުމުން އެކުދީން ދިވެހި ބަހަށް ލޯބިކުރާ ، ދިވެއްސަށް ފަރިތަ ބަޔަކަށް ވާނެތޯއެވެ؟!
    ދިވެހި ބަސް ދިރުވުމަށް އިސްކޫލުތަކުގައި ކުރަނީ ކޮންކަމެއްތޯ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *