ތިރީގައި އެވަނީ މަރުހޫމު އަލީ އިއްޒަތުބެގޮވިޗް އަށް ނިސްބަތް ކުރެވޭ ބަސްކޮޅެކެވެ. މަރުހޫމު އިއްޒަތުބެގޮވިޗް އަކީ މުސްލިމް ބޮސްނިޔާގެ ސިޔާސީ ލީޑަރެކެވެ. އޭނާ، 1990 ވަނަ އަހަރުން ފެށިގެން 1996 ވަނަ އަހަރާ ހަމައަށް ބޮސްނިޔާގެ ރައީސްކަން ކުރެއްވިއެވެ. އަދި އޭގެ ފަހުން ވެސް، 1996 ފެށިގެން 1998 އަހަރުގެ ނިޔަލަށާއި އަދި 2000 ވަނަ އަހަރު ވެސް ކުޑަ ދުވަސްކޮޅެއް ވަންދެން، ބޮސްނިޔާގެ ރިއާސީ ކޮމިޓީގެ ޗެއާމަންގެ ގޮތުން، ބޮސްނިޔާގެ ވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. ބޮސްނިޔާގެ ހަނގުރާމައިގެ ދުވަސްވަރު ބޮސްނީޔާ އަށް މަގުދެއްކެވި ލީޑަރަކީ މަރުހޫމް އިއްޒަތުބެގޮވިޗްއެވެ.
ސިޔާސީ ޒައީމެއްގެ އިތުރުން މަރްހޫމް އިއްޒަތުބެގޮވިޗަކީ ފަލްސަފާވެރިއެކެވެ. އަދި ފޮތްތައް ލިޔުއްވި ލިޔުންތެރިއެކެވެ. އޭނަގެ އެންމެ މަޝްހޫރު ފޮތެއް ކަމުގައި 'އިރުމައްޗާއި ހުޅަނގުގެ ދެމެދުގައި އިސްލާމް ދީން' މި ފޮތް ބެލެވެއެވެ. އޭނަ އަވަހާރަވީ 2003ގެ އޮކްޓޯބަރު މަހުގެ ނަވާރަ ވަނަ ދުވަހުއެވެ. އާދެ، މަރުހޫމު މި ފަނާވަނިވި ދުނިޔެ ދޫކުރެއްވިތާ ބާވީސް އަހަރު ފުރުނީއެވެ. ތިރީގައި އެވަނީ މަރުހޫމް އިއްޒަތުބެގޮވިޗްގެ ބަސްކޮޅެކެވެ.

1. ކީރިތި ގުރުއާނަކީ ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި މަންހަޖެއް، މަގެއް، ހުށަހަޅާލެވިފައިވާ މުގައްދަސު ފޮތެއް ކަމުގައި މުސްލިމުން އީމާނެއް ނުވެއެވެ. އެމީހުން ގަބޫލުކުރަނީ ކީރިތީ ގުރުއާނަކީ (އެ ފޮތުގައި ބީހި، ކިޔައި އެއިން ބަރަކާތް ލިބިގަތުމަށް އޮތް) މުގައްދަސު ފޮތެއް ކަމުގައެވެ.
2. ދުނިޔޭގައި ލިބޭ ބާރުވެރިކަމެއްގެ ފެށުން ގުޅިފައި އޮންނަނީ އަޚުލާގީ ގޮތުން ފައިތިލަ ސާބިތުކޮށްގެން ތިބޭ ތިބުމާއެވެ. އަދި ދުނިޔޭގައި ބަލިކަށިވާ ކޮންމެ ކޮންމެ ބަލިކަށިވުމެއް ގުޅިފައި އޮންނަނީ އަޚުލާގީ ގޮތުން ދަށުދަރަޖައަށް ވެއްޓޭ ވެއްޓުމަކާއެވެ.
3. ޔޫރަޕަށް އަހަރެން ގޮސް އުޅޭ އިރު، އިސްޖަހައި ގުދުވެގެން އަހަރެން ހިނގައި ނޫޅެމެވެ. އެހެނީ ހަނގުރާމައިގައި ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިން އަހަރުމެން މަރައެއް ނުހަދަމުއެވެ. އަދި އަޅުކަން ކުރާ އެއްވެސް ތަނެއް ހަލާކެއް ނުކޮށްލަމެވެ. އަދި، އެފަދަ ތަނަކަށް ހަމަލާއެއް ވެސް ނުދެމުއެވެ.
4. ހުރިހާ ކަމެއް ނިމުމުން، އަހަރުމެންގެ ހިތުގައި ހަރުލާ ހުންނަނީ އަހަރުމެންގެ ދުޝްމަނުން ބުނި ބަސްތަކެއް ނޫނެވެ. އަހަރުމެންގެ ރަހުމަތްތެރިން ކަމުގައި ބެލެވުނު މީހުންގެ ހަނުތިބުމެވެ.
5. އިސްލާމް ދީނާ ނުލައި އިސްލާމީ ދުނިޔެ ކުރިއަރުވައި ތަޖުދީދެއް ނުކުރެވޭނެއެވެ.
6. ޒުވާންކަން ރީތިވެފައި ހިތްގައިމެވެ. މުސްކުޅިކަން އިންސާނާ ހިކުމަތްތެރިކުރުވައެވެ. އެ ދެމެދުގެ އުމުރަކީ މުސީބާތްތަކާއި ދަތި އުނދަގޫތަކުން ފުރިގެންވާ ހަޔާތުގެ މަރުހަލާއެކެވެ.
7. ގައުމުގެ މިނިވަންކަމަށް މަސައްކަތްކުރާ ބަޔަކާއެކު މާތްﷲގެ އެހީތެރިކަން ވެއެވެ.
8. މުސްލިމުންނާއި އިސްލާމް ދީނަށް ކުރިއެރުން ލިބޭނީ ކެރޭ އިންގިލާބީންގެ އަތް މަތީގައެވެ. ނުކެރޭ ފިނޑި މީހުންގެ އަތް މައްޗަކު ނޫނެވެ.
9. ޑިޕްލޮމަސީގެ މައިދާނުގައި ވެވޭ ލޮބުވެތި ހިނިތުންވުންތަކާއި ބަދަލުކުރެވޭ ތަހުނިޔާތަކުގައި އެއްވެސް މާނައެއް ނޯވއެވެ. ސަބަބަކީ އެ ކަންކަމުގެ ތެރެއިން ކަލޭމެންގެ މަރުގެ އެއްބަސްވުމެއްގައި ވެސް ސޮއިކުރެވިދާނެތީއެވެ.
10. މުސްލިމުންގެ ކުރިމަތީގައި އޮތީ ދެ ޚިޔާރެކެވެ. ދެ ގޮތެކެވެ. ތިން ވަނަ ޚިޔާރެއް، ގޮތެއް ނޯވެއެވެ. އެ ދެ ޚިޔާރުން ކުރެ އެއް ޚިޔާރަކީ ދުނިޔެ ބަދަލުކޮށްލުމެވެ. ދެ ވަނަ ޚިޔާރަކީ ދުނިޔެ ދައްކާ ބަދަލުވުން ބަލައިގަތުމެވެ.
11. ގަތުލު އާންމުގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެވެ. އެކަން ހަނދާން ނައްތާލެވިއްޖެ ނަމަ، އެކަން ތަކުރާރުވާނެއެވެ.
12. ފިރިހެނުންނަށް ވުރެ އަންހެނުން މަތިވެރިވެގެން ނުވެއެވެ. އަދި ދަށްވެގެން ވެސް ނުވެއެވެ. އެހެނީ ސާފުކޮށް އެނގެނީ އެ ދެބައި މީހުންނަކީ ތަފާތު ދެބައި މީހުން ކަމެވެ. އެހެންވީމާ އެ ދެބައި މީހުން އަޅާކިޔޭކަށެއް ނޯންނާނެއެވެ. ފުއްޕާމޭތޯ ނޫނީ ހިތްތޯ މުހިއްމީ އަހައި ކުރާ ސުއާލުގެ މާނައެއް އެބަ އޮތް ހެއްޔެވެ؟ އެހެނީ އެ ދެ ގުނަވަނުން ކުރެ އެއްވެސް ގުނަވަނަކަށް އަނެއް ގުނަވަނުގެ ވަޒީފާ އަދާ ނުކުރެވޭނެއެވެ. އެ ދެ ގުނަވަނުގެ ތަފާތުކަން އަންގައިދެނީ އެއިން ކޮންމެ ގުނަވަނަކަށް ވެސް ޚާއްސަ އަގެއްވާ ކަމެވެ.
