އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތިބުމާ ބެހޭގޮތުން އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވާ ޕްރޮގްރާމެއް ކުރިއަށް ގެންދަވަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހަމަޖައްސަވައިފިއެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުއްލަވާ އިދިކޮޅު ލީޑަރު ވިދާޅުވީ މި ޕްރޮގްރާމް ކުރިއަށްގެންދަވާނީ ބޭސްފުކް ލައިވް ޗެޓް މެދުވެރިކޮށް އަންނަ ބުރާސްފަތި ދުވަހުގެ ރޭ 10 ޖަހާއިރު ކަމަށާއި އެ ޕްރޮގްރާމް އޭނާގެ ފޭސްބުކުން ލައިވްކުރާނެ ކަމަށެވެ.
"މި ޕްރޮގްރާމަކީ މި ޤައުމާ މެދު ހުރި އަޅުގަނޑުގެ ވިސްނުންތަކާއި އެކިއެކި ސިޔާސަތުތައް ރައްޔިތުންނަށް ހާމަކޮށް ރައްޔިތުންގެ ހިތުގައި އުފެދިފައި ހުރި ސުވާލުތަކަށް ޖަވާބު ދިނުމަށް ފަށާ ސިލްސިލާއެއް،" އަދިވެސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އުމަރު މިރޭ ވިދާޅުވިއެވެ. "ރާއްޖެ މި ދަތުރުކުރާ މިސްރާބު ބަދަލުކޮށް މުޅިން އާ މިސްރާބަކަށް ދާންވީ ކީއްވެކަމާއި، ދާނީ ކިހިނެތްކަމާއި، ދެވޭނީ ކޮން އިރަކުންކަމާއި މިކަންކަމާ ބެހޭގޮތުން ވެސް މި ޕްރޮގްރާމްގައި ޗެޓް ކުރެވޭނެ. ފުރަތަމަ މިއޮތީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތިބުމާ ބެހޭ ގޮތުން."
ބޭރުގެ އެއްވެސް ގައުމެއްގެ ހަތިޔާރު އެޅި ސިފައިންގެ ފައުޖެއް ނުވަތަ ބަޔަކު ރާއްޖޭގައި ނެތް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ދާދި ފަހުން ވިދާޅުވުމާ ގުޅިގެން، އެއަށް ރައްދު ދެއްވައި އުމަރު ވިދާޅުވެފައި ވަނީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަތުގައި މިވަގުތު ހަތިޔާރު ނެތުން އެއީ ނުރައްކާ ކުޑަވާ ކަމެއް ނޫން ކަމަށާއި ހެލިކޮޕްޓަރުގައި ގޮސް އިންޑިއާ މަނަވަރަކުން ހަތިޔާރު ގެނެސް، ރާއްޖޭގައި މިތިބަ 150 އިންޑިއާ ސިފައިން ހަތިޔާރު އެޅި ފައުޖަކަށް ބަދަލުވުމަށް ބޭނުންވާނީ އެންމެ ދެ ގަޑިއިރު ކަމަށެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ އުމަރު ވިދާޅުވެފައިވާ ގޮތުގައި އޭނާ އިންތިޚާބު ކާމިޔާބު ކުރައްވައިފި ނަމަ، އިންޑިއާ ސިފައިން ވަގުތުން ފޮނުވާލާނެއެވެ.
"2023 ވަނަ އަހަރުގެ އިންތިޚާބަށް ފަހު އިންޑިޔާގެ ހުރިހާ ސިފައިން އިރާދަކުރެއްވިއްޔާ މި ޤައުމުން ބާލާނަން. އިންޑިޔާގެ އަދި ޗައިނާގެ އުނގަކަށް މި ޤައުމު ނުވެއްޓޭނެ. މިއީ އަޅުގަޑުމެން ފަޚުރުވެރިވާ މިނިވަން ޤައުމެއް،" އުމަރު ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ އެކި ބާވަތްތަކުގެ ލޯނުތައް އިންޑިއާއިން ރާއްޖެއަށް ދީ ރާއްޖެ އަތްދަށުލާން އިންޑިއާއިން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މާލީ އެހީގެ ގޮތުގައި 250 މިލިއަން ޑޮލަރު (3.9 ބިލިއަން ރުފިޔާ) ގެ އެހީއެއް އިންޑިއާ ސަރުކާރުން ދާދި ފަހުން ވެސް ވަނީ ރާއްޖެއަށް ދޭން ނިންމައިފައެވެ. މި އެހީގެ ޕެކޭޖުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިސާދީ ދަތިކަމުން އަރައިގަނެ، ކޮވިޑް-19 އާއި ދެކޮޅަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އިތުރު އެހީއަކަށް ވެގެންދާނެ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް އެއީ ކިހާ ވަރެއްގެ އިންޓަރެސްޓަކާއެކު ދިން ލޯނުތަކެއް ކަމެއް އަދި އަނބުރާ ދައްކަންޖެހޭ މުއްދަތެއް ވެސް ނޭނގޭތީ އިދިކޮޅު ފަރާތްތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދިި ރާއްޖެ އަށް ދެ ހެލިކޮޕްޓަރު "ހަދިޔާކޮށް" އެ ދެ ހެލިކޮޕްޓަރު އުދުއްސަން އިންޑިއާ ސިފައިން ރާއްޖޭގައި ބައިތިއްބާފައި ތިބޭ މައްސަލަ އާއި އައްޑޫ ހަންކެޑައިގައި އިންޑިއާ އިން ހަދާ ޕޮލިސް ޓްރޭނިން ސްކޫލަކީ އިންޑިއާގެ މިލިޓަރީ ބޭސްއެއް ކަމަށް ބުނެވެސް އިދިކޮޅު ފަރާތްތަކުން ދަނީ ޝަކުވާކުރަމުންނެވެ. އެކަމަކު ދިވެހި ސަރުކާރުން އެކަން ދޮގުކުރެއެވެ.
ލޯނާއި މިލިޓަރީ އެހީތައް ދީ، އިންޑިއާއިން ރާއްޖެ އަޅުވެތިކުރާ ކަމަށް ބުނެ އެކަމާ ދެކޮޅަށް ދިވެހިންގެ ގިނަ ބަޔަކު ދަނީ #އިންޑިއާއައުޓް ނަމުގައި ކެމްޕެއިނެއް މީސްމީޑިއާގައި ހިންގައި، މުޒާހަރާތައް ވެސް ކުރަމުންނެވެ. އެއާއެކު ދިވެހި ސަރުކާރުގެ އިސް ފަރާތްތަކުން ދަނީ އިންޑިއާގެ އެހީތެރިކަމާއި މަދަދުގެ ވާހަކަތައް ދައްކައި އިންޓަވިއު ދީ، އިންޑިއާ ރުހޭ ކަހަލަ ޓްވީޓްތައް ކުރަމުންނެވެ.



advertisment
One Response
އިންޑިއާ އިން ރާއްޖެ އަޅުވެތިނުކުރާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތް. ސަބަބަކީ، އިންޑިއާ ސަރުކާރުން އިންދިރާގާންދީގެ ނަމުގައި، ރާއްޖޭގައި ހޮސްޕިޓަލެއް އަޅައިދިން، އެ އިމާރާތުގެ ދެވަނަ ފަންގިފިލާ އެއްކޮށް 15 އަހަރަށް ހިލޭސާބަހަށް ދޭންޖެހުނު އަދި އެތަނުގައި އިންޑިއާގެ ނަރުހުން، ޑޮކްޓަރުން ބައިތިއްބުމަށްފަހު އެމީހުނަށް ތަނެއް ކުއްޔަށް ހިފައިގެން ތިބުމުގެ ހުރިހާ ޚަރަދެއް ދޭންޖެހުނު. އެއީ ހޮސްޕިޓަލް އަޅަން ދިޔަ ހުރިހާ ޚަރަދެއް ކަށަވަރުކުރެވެންދެން. 15 އަހަރު ވީ އިރުވެސް އެ ޚަރަދު އެއްކޮށް ކަވަރުނުވުމުން އަނެއްކާވެސް މުއްދަތު އިތުރުކުރި. ސަލާމަތް ވެވުނީ ހޮސްޕިޓަލް އަޅަންދިޔަ ޚަރަދު އިންޑިއާ އަށް ލިބުނީމަ އަދި މިހާރު އެނަގާ ލޯނުތަކުންވެސް ޖައްސާނީ ހަމަ އެދަންތުރާގަ. 2008ގަވެސް އިންޑިއާ އިން 200 މިލިޔަން ޑޮލަރުގެ ލޯނެއް ދިން ވަހީދުގެ ވެރިކަމަށް ވެރިކަން ބަދަލުވާ އިރަށް 200 މިލިޔަން ޑޮލަރު ބަލާ އިންޑިއާ އިން އައީ ، އެހެނަސް އެ އިރުގެ ޙާލަތު އޮތްގޮތުން އާދޭސް ކޮށްގެން ނަމަވެސް ދިޔައީ 50މިލިޔަން ޑޮލަރު އަތުލައިގެން ،رئيس عبدالله يامين عبد القيوم ގެ ވެރިކަމުގައި އަނެއް 150 މިލިޔަން ޑޮލަރު އަތުލި. މިފަހަރު އަށްޑޫގަ ތި އަޅަނީ މިލިޓަރީ ބޮޑު މަރުކަޒެއް އަތުލާނީ މުޅި ގައުމު