ޝައްކެއް ނެތް ގޮތުގައި، ސިޔާސީ ނިޒާމުތަކަކީ އޭގެ ޒާތުގައި ރަނގަޅޭ ނުވަތަ ނުރަނގަޅޭ ބުނެވޭނޭ ނިޒާމެކޭ ނުބުނެވިދާނެއެވެ. މިސާލަކަށް ރަސްކަމަކަމާއި ޑިކްޓޭޓަރޝިޕް ވެސް ހަމަ ރަނގަޅު ނިޒާމަކަށް ވެދާނެއެވެ. ރަސްކަމާއި ޑިކްޓޭޓަރޝިޕްގެ ނިޒާމުގައި އަމިއްލަ މަސްލަހަތު އިސްނުކޮށް، ގައުމަށާއި ރައްޔިތުންނަށް ޚިދުމަތްކުރާ ނަމައެވެ. މިސާލެއް ނަންގަނެލާ ނަމަ، ތިން ވަނަ ދުނިޔޭގެ ގައުމަކުން އެއްވަނަ ދުނިޔޭގެ ގައުމަކަށް ސިންގަޕޫރު ބަދަލުވެގެން ދިޔައީ ލީ ކުވަން ޔޫގެ ޑިކްޓޭޓަރޝިޕްގެ ދަށުގައެވެ. ހަމަ އެހެންމެ ޑިމޮކުރަސީގެ ނިޒާމަކީ ވެސް އޭގެ ޒާތުގައި ރަނގަޅޭ ނުވަތަ ނުރަނގަޅޭ ބުނެވޭނޭ ނިޒާމަކަށް ނުވެދާނެއެވެ. އެ ނިޒާމުގެ ވެސް ރަނގަޅު ނުރަނގަޅު ގުޅެނީ ގައުމަށާއި ރައްޔިތުންނަށް ކޮށްދެވޭ ޚިދުމަތާއެވެ. ސިއްކިމްގެ މިނިވަންކަން ގެއްލި އެހެން ގައުމެއްގެ އަތް ދަށަށް ދިޔައީ ވެސް ވޯޓެއްގެ ނަތީޖާ ދެއްކި ގޮތަކުންނެވެ!!
ތިރީގައި ލިޔެލަން ގަސްދުކުރަނީ ޑިމޮކުރަސީގައި ވެސް އޮޅުވާލުމާއި މަކަރު ހެދުން އޮންނަކަމެވެ. އެހެން ސިޔާސީ ނިޒާމުތަކުގައި ވެސް އެކަން އޮންނަ ގޮތަށެވެ. މި ނަންގަންނަން އުޅޭ ވާހަކަކޮޅު ގުޅެނީ ލައިބީރިއާގެ ޑިމޮކުރަސީ ނިޒާމުގައި، 1927ގައި ހިނގި ކަމަކާއެވެ. އެ އަހަރަކީ އެ ގައުމުގައި އާންމު އިންތިޚާބެއް ބޭއްވުނު އަހަރެކެވެ.
ލައިބީރިއާގައި 1927ގައި ބޭއްވި އިންތިޚާބު ކާމިޔާބު ކުރީ ޗާރލްސް ކިންގް އެވެ. މިއީ ރިއާސީ ތިން ވަނަ ދައުރަކަށް އޭނަ ހޮވުނު އަހަރެވެ. މި އިންތިޚާބު ދުނިޔޭގެ ރެކޯޑު ފޮތްތަކަށް އެރިއެވެ. އެއީ ކީއްވެހެއްޔެވެ؟ މި އިންތިޚާބުގައި ރައީސް ޗާލްސް ކިންގް އަށް ދެ ލައްކަ ތިރީސް ހަތަރު ހާސް ވޯޓު ލިބުނެވެ. ނަމަވެސް މައްސަލައަކީ ވޯޓު ދިނުމުގެ ބާރު ލިބި، ރަޖިިސްޓްރީ ކުރެވިފައި ވަނީ ފަނަރަ ހާސް މީހުންނެވެ! އާދެ، ނެތް ވަޒީފާތަކަށް މީހުން އައްޔަނު ކުރެވޭ ފަދައިން، ނެތް ބަޔަކު ވޯޓު ދިނީއެވެ! މިކަމުގެ ސަބަބުން، މި އިންތިޚާބު ދުނިޔޭގެ ރެކޯޑު ފޮތްތަކަށް އެރީއެވެ. އޮޅުވާލުން އެންމެ ބޮޑު ފާސިދު އިންތިޚާބެއްގެ ގޮތުގައެވެ! އާދެ، މި ކަމުން ޑިމޮކުރަސީގެ އަނދިރި ފަރާތް ފެނެއެވެ!
