Support Us

ކޮލަމް: އަލި

އެއީ މުއްސަނދި ބަހެއް! މިއީ ފަގީރު ބަހެއް!: ކޮން ހަމައަކުން ނިންމާ ނިންމުމެއް؟

އިންސާނުން އެކިއެކި ތަންތާނގައި ލައްވައި އެ ބައިމީހުންގެ ޝުޢޫރުތައް ބަހެއްގެ ޒަރިއްޔާއިން ފާޅު ކުޅައުމުގެ ނިޢުމަތް ދެއްވީ ﷲ ސުބުޙާނަޙޫ ވަތަޢާލާއެވެ. ބަހަކީ އިލާހީ ނިޢުމަތެކެވެ. މިހެން ވުމުން ކޮންމެ ބަހަކީ ވެސް އޭގެ ޒާތުން ތަފާތު ހަމަތަކަކާއި އުސޫލުތަކަކާއި ސިފަތަކެއް އެކުލެވިގެންވާ އެއްޗެކެވެ. ގުދުރަތީ އެހެން ކޮންމެ އެއްޗެގައި ވެސް އެ އެއްޗަކަށް މުނާސަބު ތަފާތުތަކާއި ސިފަތައް ހުންނަ ފަދައިނެވެ. ކޮންމެ ބަހެއް ވެސް އުފެދިގެން ހެދިބޮޑުވެ ފައްކާ ވަނީ އެ ބަހެއް ﷲ ސުބުޙާނަހޫ ވަތަޢާލާ ލެއްވި މާހައުލުއްގެ ތެރެއިންނެވެ. އެ މާހައުލެއްގެ ސަގާފަތާއި އާދަކާދައިގެ ޒަރިއްޔާއިންނެވެ. ބަހާއި ސަގާފަތަކީ ވަކި ނުކުރެވޭ ދެ ބަހާއެވެ. އެހެނީ ސަގާފަތާއި ބަސް ވަނީ ގުޅިލައިމެހިފައެވެ.
ކޮންމެ ބަހެއް ވެސް ވެފައިވަނީ އެ ބަހެއްގެ މާހައުލުގައި އުޅޭ މީހުންގެ ޝުޢޫރުތަކާއި ޖަޒުބާތުތައް އުފުލައިދޭ ސަވާރީއަށެވެ. ހަމައެހެންމެ ކޮންމެ ބަހެއް ވެސް ވެފައި ވަނީ އެ ބަހެއްގެ ސަގާފީ މާނަވީ ތަރިކައިގެ މައިގަނޑު އަސާސް ކަމުގައި ވެސް މެއެވެ. މިހެންވުމުން ކޮންމެ ބަހެއް ވެސް ވަނީ އެ ބަހަކުން ވާހަކަ ދައްކާ ބަޔަކަށް އެބައެއްގެ އަމިއްލަވަންތަކަމުގެ ތައްގަނޑުކަމުގައެވެ. އެ ބައިމީހުންގެ ދިރިއުޅުމުގެ މުހިންމު އަސާސެއްކަމުގައެވެ. އެ ބައެއްގެ މުއްސަނދި ސަގާފަތުގެ އެންމެ މުއްސަނދި ތަރިކަ ކަމުގައި ވެސް މެއެވެ.

އާދޭހެވެ! ބަހެއް ފަގިރު ވަނީ ކީއްވެގެން ތޯއެވެ؟ އަދި ބަހެއް މުއްސަނދި ވަނީ ކީއްވެގެން ތޯއެވެ؟ މި ސުވާލު ތަފާތު އެހެން ގޮތަކަށް ވެސް ބައެއް މީހުން ކުރާތީ އަޑު އިވެއެވެ. މި ސުވާލު އުފައްދާ މީހުން މި ސުވާލު އުފައްދަނީ މިވެނި ބަހަކީ ހާދަހައި ފަގީރު ބަހެކޭ އަދި އެވެނި ބަހަކީ ހާދަހައި މުއްސަނދި ބަހެކޭ ބުނާ އަޑުތަކެއް އިވޭ ހިނދުގައި ކަމަށް ގަބޫލުކުރެވެއެވެ. މި ލިޔުމުގައި އަލިއަޅުވައި ލެވޭތޯ މި އުޅެނީ މި ސުވާލަށް ދޭނޭ ޖަވާބެއްގެ މައްޗަށެވެ. ސާފުކޮށް ދަންނަވަންޏާ ދިވެހިބަހާއި އިނގިރޭސިބަހާ އަޅައި ކިޔައި ދިވެހިބަހަށް ދެރަ ބަސް ބުނެ އިހައިނެތިކޮށް ހިތާ ބަޔަކަށް ޖަވާބެއް ދިނުމުގެ މައްޗަށެވެ.

މި މަޒުމޫނު ފަށަމުން ދެންނެވި ފަދައިން ބަހަކީ އިލާހީ ނިޢުމަތެކެވެ. އެއީ މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ބަޔަކަށް ދެއްވާ އެންމެ މަތިވެރި ނިޢުމަތެވެ. މި ކަން ކީރިތި ޤުރުއާނުން ވަރަށް ސާފުސާފުކޮށް އެނގެން އެބަ އޮތެވެ. ކީރިތި ޤުރުއާނުގެ ސޫރަތުއް ރޫމުގެ 22ވަނަ އާޔަތުގައި މާތްﷲ ވަހީ ކުރައްވައިފައިވާ އާޔަތުގެ މައުނައިގައި ވެއެވެ.
"އުޑުތަކާއި ބިން ހެއްދެވުމާއި ތިޔަބައި މީހުންގެ ދޫތަކާއި (އެބަހީ ބަސްތަކާއި) ކުލަތައް ތަފާތުވެފައިވާ ކަމީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެތެރެއިން ވާކަމެކެވެ. ހަމަ ކަށަވަރުން އެ ކަމުގައި(އެ ފަދަކަންތައް) ދަންނަ މީހުންނަށް ހެކިތަކެއް ވާކަން ކަށަވަރެވެ. މި މަތިވެރި ބަސްފުޅުން އަޅުގަނޑުމެންނަށް އެނގެނީ ކޮންމެ ބަހަކީ ވެސް މާތްރަސްކަލާނގެ ބަޔަކަށް ދެއްވާ މަތިވެރިވެގެންވީ ނިޢުމަތެއް ކަމެވެ."

ސޫރަތުލް އިބްރާހިމްގެ 4ވަނަ އާޔަތުގައި މާތްﷲ ވަހީކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ. "ތިމަން ރަސްކަލާނގެ އެއްވެސް ރަސޫލަކު އެ ބޭކަލެއްގެ ގައުމުގެ ބަހުން މެނުވީ ނުފޮނުއްވަމެވެ. އެއީ އެއުރެންނަށް ސާފުކޮށް ބަޔާންކޮށް ދެއްވުމަށް ޓަކައެވެ. ފަހެ ﷲ އިރާދަކުރައްވާ އަޅަކު މަގު ފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ އަޅަކަށް ތެދުމަގު ދައްކަވަތެވެ. އެކަލާނގެއީ ޢަޒީޒުވަންތަ ޙަކީމުވަންތަ ރަސްކަލާނގެއެވެ."

މިއާޔަތުގައި ވަހީކުރައްވައިފައިވާ ބަސްފުޅުން އަޅުގަނޑުމެންނަށް އެނގެނީ ކޮން ކަމެއްތޯއެވެ؟ އާދެ ގައުމުތަކުގެ ބަހަކީ ކޮން ފަދަ މުހިންމު އެއްޗެއްކަމެވެ. ކިހައި ބޭނުންތެރި އެއްޗެއް ކަމެވެ. ރަސޫލުން ވިދާޅުވާ އެއްޗެއް ސާފުކޮށް ބަޔާންކޮށް ދެއްވުމުގައި އެ ބައެއްގެ ބަސް މުހިންމުވި މުހިންމުވުމުން ހާމަކޮށްދެނީ ކޮންމެ ބަހަކީ ވެސް އެ ބަހެއް ބާވައިލެއްވި ތަނެއްގެ ބަޔަކަށް އެންމެ ބޮޑަށް އެންމެ ފަސޭހައިން ދޭހަވާނޭ މައިގަނޑު އަސާސްކަމުގައެވެ. މިހެން ވުމުން އެއްވެސް ބަހަކީ ފަގީރު ބަހެކޭ ބުނެވޭނޭ ޖާގައެއް ނެތެވެ. އިލާހީ ބަސްފުޅުތަކުން ވެސް ހާމަ ވަނީ މި ހަގީގަތެވެ.
ބަސް އުފެދިގެން ތަރައްގީ ވަނީ ސަގާފަތާއި މާހައުލުން ކަމުގައި ވެސް ދަންނަވައިފީމެވެ. އެ ބަހަކުން ވާހަކަ ދައްކާ ބަޔަކު އުޅޭ މާހައުލެއްގައި ހުރިނަމަ ހުރި ތަކެއްޗަށް ކިޔާނޭ ނަންނަމާއި ބޭނުން ކުރާނޭ ހާލަތުތައް ނެތް ނުވަތަ މަދު ނުވަދަ ނުފުދޭ އެއްވެސް ބަހެއް އެބަ އޮތްތޯއެވެ؟ މި ސުވާލުގެ ޖަވާބުގައި ދަންނަވާން އޮތީ އެކަން އެހެން އޮތް ނަމަ އެފަދަ ކޮންމެ ބަހަކީ ފަގީރުބަހެކޭ ބުނެވިދާނެ ކަމުގައެވެ. އެހެނީ ބަހެއް ފަގީރުވުމާއި މުއްސަނދިވުން ބިނާ ވަނީ އެ ބަހެއް ލެއްވި މާހައުލުގައި ހުރި ތަކެއްޗަށާއި ކަންކަމަށް ބޭނުން ކުރާނޭ ލަފުޒުތައް ނެތުމާއި އެ ތަނެއްގައި ދިރިއުޅޭ ބައެއްގެ މުއާމަލާތުތައް ފުރިހަމަ ކުރެވޭނޭ ގާބިލިއްޔަތެއް އެބަހެއްގެ ބަސްކޮށާރުގައްޔާއި އޮނިގަނޑުގައި ނެތުމެވެ. މިއީ ޢިލްމީ ގޮތުން މި ކަން އޮންނަ ގޮތެވެ. މިއާ ޚިލާފަށް މިވެނި ބަހެއްގައި މިވެނި އެއްޗަކަށް ކިޔަނީ މިހެންނޭ އެޔަށް ކިޔާނޭ ލަފުޒެއް މި ވެނި ބަހެއްގައެއް ނެތޭ، ވީމާ އެ ބަސް ހާދަ މުއްސަންޖޭ މި ބަސް ހާދަ ފަގިރޭ ބުނާ ބުނުމަކީ އިލްމީ ގޮތެއް ނޫނެވެ.

ބަޔާން މި ކުޅަ ދެ އަސާސްގެ މައްޗަށް ބަލާ އިރު ދިވެހިބަހާއި އިނގިރޭސިބަސް އަޅައި ކިޔައި ދިވެހިބަސް ހާދަހައި ފަގީރޭ އިނރޭސީބަސް ހާދަހައި މުއްސަންޖޭ ބުނެވޭނޭ ޖާގައެއް ނެތެވެ. އެހެން މި ދެންނެވީ ދިވެހިބަހުގައި ވެސް އެކިއެކި އެއްޗެއްސާއި ކަންކަމަށް ބޭނުން ކުރާ ވަރަށް ގިނަ ލަފުޒުތަކާއި އިބާރާތްތަކަށް، ބޭނުން ކުރާނޭ ލަފުޒާއި އިބާރާތް އިނގިރޭސިބަހުގައި ނުހުންނާނެތީއެވެ. އަދި އިނގިރޭސިބަހުގައި އެކި އެއްޗެއްސަށާއި ކަންކަމަށް ބޭނުން ކުރާ ލަފުޒާއި އިބާރާތް ދިވެހިބަހުގައި ވެސް ނުހުންނާނެތީއެވެ.

ހަގީގަތުގައި ބަހާއި ބަހުގެ ތަންދޮރު ފިލައިފައި ހުރި އެއްވެސް މީހަކު މި ފަދަ ކަމަކަށް ބަލައިގެން އެއްވެސް ބަހަކީ މުއްސަނދި ބަހެކޭ ނުވަތަ ފަގީރު ބަހެކޭ ބުނެ ސިއްކަޖަހައި ހުކުމެއް ނުކުރާނެއެވެ. އެހެނަސް ދެރަވަރު ކަމަކީ އަޅުގަނޑުމެންގެ ތެރޭގައި "ތަންދޮރުފިލައިފައި ތިބި" ވަރަށް ގިނަ މީހުން ބަހާ މެދު މި ފަދަ ދޯހަޅި ހުކުންތަކާއި ނިންމުތައް ނިންމާތީއެވެ.

ދިވެހީންގެ ސަގާފީ އެކިއެކި މަސައްކަތްތަކަށް ބަލައިލަމާ ތޯއެވެ! ދިވެހިބޭސްވެރިކަމުގައި ބޭނުން ކުރާ އެކި ބާވަތްތަކަށް ބޭނުން ކުރާނޭ ދިވެހި ލަފުޒު ދިވެހިބަހުގައި އެބަ ހުއްޓެވެ. އެކި ވައްތަރުވައްތަރުގެ ބަލިބައްޔަށް ކިޔާ ނަންނަމާއި އެ ބަލިބައްޔަށް ކުރާ ބޭހުގެ ނަންނަން ވެސް އެބަ ހުއްޓެވެ. ރުއްގަލުބޭސް، މަތިކަރާބޭސް، ހުވަނދުބޭސް، ބަނޑުބޭސް، މިހެން ގޮސް ނަން ހުސްކޮށް އެބަ ހުއްޓެވެ. އަދި މި ބޭސްބޭހަށް ބޭނުން ކުރާ ބާވަތްތަކުގެ ނަންތައް ވެސް ހާހުންހާހުން އެބަ ހުއްޓެވެ. ހުއިޒުން، ކޮލިޒާން، އަރޮޅި، ވަށަގުލު، ކަނަހަނދުން، ކުމުންޒާނި، ތަކޫވައް، ލާދަން، ކުކުން، ފަދަ އެތައް ލަފުޒެކެވެ.

މަސްވެރިކަމުގެ ދާއިރާއަށް ވިސްނަވާށެވެ! މަސްވެރިކަން ކުރާ އާލާތްތަކާއި އުޅަނދުތަކާއި އެ އުޅަނދުތަކުގެ އެކި ތަންތަނަށާއި އެ އުޅަނދުތަކުގައި ކުރާ ކަންކަމަށް ބޭނުން ކުރާ އެތައް ލަފުޒެއް ވެސް އެބަ ހުއްޓެވެ. ހިތަށް އަރައެވެ. އައްޝައިޚު އެދުރު އުމަރު މާފަތްކަލޭގެ ފާނު ލިޔުއްވި ބޮޑުތާހީދާއި ބަނޑޭރި ޙަސަން މަނިކުފާނު ލިޔުއްވި އަރިއަތޮޅު އަރުމާދާއި ޚާއްޞަކޮށް ދިޔޯގެ ރައިވަރު ލަފުޒުންލަފުޒަށް ތަރުޖަމާ ކުރުމުގެ ގާބިލްކަން އިނގިރޭސިބަހުގައި އެބަ ހުރިބާވައެވެ. ދިވެހިބަހުގެ އުސްތާޛު ނިޝާން ޢިއްޒުއްދީނު ޢިއްޒަތުގެ ވެރިޔާ އޮނަރަބަލް ޢަބްދުﷲ ޞާދިޤް އަޅުގަނޑުގެ ގާތުގައި ވިދާޅުވި ވާހަކަފުޅެއް ދެންމެދެންމެ ވިދާޅުވި ބަސްފުޅެއް ފަދައިން މިހާރު ވެސް ހަނދާން އެބަހުއްޓެވެ. ދޮންހިޔަލައާއި އަލިފުޅު ވާހަކަ އިނގިރޭސިބަހަށް ތަރުޖަމާ ކުރަން ބަޔަކު މައްސައްކަތް ކުރިކުރުމުގައި އެ މީހުންނަށް ދިމާވި އެންމެ ބޮޑު ހުރަހަކީ ދިވެހިބަހުން ބަޔާން ކޮށްފައި ހުރި ވެށީގެ ޚާއްޞަ ދިވެހިވަންތަ ލަފުޒާއި އިބާރާތްތަކަށް ބޭނުންކުރާނޭ މުޠުލަޤު އިނގިޜރޭސި ލަފުޒުތައް ނެތުން ކަމުގައެވެ. މިހެން ވުމުން ޖެހުނީ ދިވެހިބަހުން އެ ލަފުޒެއް ލިޔުމަށް ފަހު އިނގިރޭސީބަހުން އޭގެ ތަފްސީލެއް ދީ ބަޔާން ކުރާށެވެ.

މިހިރަމިހިރަ ކަންކަމާ މެދު ފިކުރު ކުރާނަމަ، ޢިލްމީ ގޮތުން ވެސް، ބަހަވީ ގޮތުން ވެސް، އަދި ފަލްސަފީ ގޮތުން ވެސް އެއްވެސް ބަހަކީ މުއްސަނދި ބަހެކޭ ނުބަތަ ފަގީރު ބަހެކޭ ބުނެ އެކަކު ވެސް ހުކުމެއް ނުކުރާނެއެވެ. އޭގެ ބަދަލުގައި ބަހުގެ މުއުޖިޒާތީ ކަންކަމާއި އޭގެ ފިޠުރަތުގެ ހުންނަ ތަފާތު ރީތިކަމާއި ނަލަކަމާއި މޮޅުކަމުގެ މައްޗަށް ކުރާނީ ތާރީފެވެ. ބަހުގެ މަތިވެރި ނިޢުމަތަށް ޓަކައި މާތްރަސްކަލާނގެއަށް އަބަދުމެ ދަންނަވާން ޖެހޭނީ ޙަމްދާއި ޝުކުރެވެ. އަޅުގަނޑުމެންނަކީ އަޅުގަނޑުމެންނަށް ﷲ ދެއްވި ބަހުގެ މުއްސަނދިކަމަށް ޓަކައި އެކަލާނގެއަށް ޝުކުރު ކުރާ ބަޔަކު ކަމުގައި ވަމާތޯއެވެ! ދިވެހިބަހަށް ހޭހަންކޮށް އޯގާތެރިކަމާއެކު ފިރުމާ ބަޔަކު ކަމުގައި ވަމާތޯއެވެ! ދިވެހިބަހުގެ ހައްގުގައި އަޑުތައް އުފުލައި ދިވެހިބަހުގެ ޝަރަފުގައި ދިދަތައް ނަގާ ބަޔަކު ކަމުގައި ވަމާތޯއެވެ!