އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދާ އެކިއެކި ސިޔާސީ ހަރަކާތްތަކާ ގުޅިގެން ކަމާ ބެހޭ ފަރާތްތަކުން ކުރާ ޖޫރިމަނާގެ ފައިސާ ހޯދަން ފަންޑު ފޮއްޓެއް ހުޅުވައިފި އެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި "ހައްގު ފޮށި" ހުޅުވައިދެއްވީ އެ ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. އެމަނިކުފާނުގެ އިތުރުން ކޯލިޝަންގައި ހިމެނިވަޑައިގެންނަވާ އިސް ބޭފުޅުން ވަނީ ފަންޑު ފޮއްޓަށް ފައިސާ ޖަމާކޮށްފަ އެވެ.
މި ފަންޑު ފޮއްޓަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން ހަވީރު 6 ޖަހަންދެން ފައިސާ ޖަމާކުރެވޭނެ އެވެ. އަދި އަތޮޅުތަކުގައި ތިބި އެޕާޓީގެ ސަޕޯޓަރުންނަށް ވެސް އެ ފޮއްޓަށް ފައިސާ ޖަމާކުރެވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން ބީއެމްއެލް އާއި ބޭންކް އޮފް ސިލޯންގައި ހުޅުވާފައިވާ އެކައުންޓަކަށް ފައިސާ ޖަމާކުރެވޭނެއެވެ.

ޕީޕީއެމް/ޕީއެންސީން ކޯލިޝަނުން މި ފަންޑު ފޮށި ބަހައްޓާފައިވާއިރު އެ ދެ ޕާޓީން މާލޭގައި ބޭއްވި އެއްވުމެއްގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީން އެކުލަވާލާފައިވާ ގައިޑްލައިންތަކާ ހިލާފަށް އަމަލްކޮށްފައިވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ދެ ޕާޓީ ވެސް 75،000 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ. އަދި އެ އެއްވުމާ ގުޅިގެން އިދިކޮޅު ކޯލިޝަންގައި ހިމެނިވަޑައިގެންނަވާ އިސް ފަރާތްތައް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ވަނީ ޖޫރިމަނާކޮށްފަ އެވެ.



advertisment