Support Us

ފާތިޙާ ސޫރަތާމެދު ވިސްނާލީމުތަ؟ 3

ސޫރަތުލް ފާތިޙާގެ ފުރަތަމަ ބައިގައި ވަނީ ތިން އާޔަތެވެ. ދެވަނަ ބައިގައި ވަނީ އެންމެ އާޔަތެކެވެ. އަދި ތިންވަނަ ބައިގައި ވަނީ ދެ އާޔަތެވެ. ތިންވަނަ ބައި ފެށެނީ ހަވަނަ އާޔަތުންނެވެ. މި އާޔަތުގައި ވަޙީކުރައްވަނީ އަހަރެމެންނަށް ސީދާވެގެންވާ ތެދުމަގަށް މަގުދައްކަވާނދޭވެ. އަޅާގެ އެންމެބޮޑު އާދޭހަކަށްވާނީ އަދި އިލްތިމާސަކަށް ވާނީ ތެދުމަގު ދެއްކެވުމެވެ.

ތިންވަނަ ބައިގެ އެންމެ ފަހު އާޔަތަކީ ފާތިހާ ސޫރަތުގެވެސް އެންމެފަހު އާޔަތެވެ. މިއާޔަތުގައި ﷲ ވަޙީކުރައްވަނީ 'އެއީ އެމީހުންނަށް އިބަރަސްކަލާނގެ ނިޢުމަތް ދެއްވި މީހުންގެ މަގެވެ. އެމީހުންގެ މައްޗަށް ކޯފާ ހުށަހެޅޭ މީހުންގެ މަގެއްނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ މަގެއްވެސް ނުމެނޫންމެއެވެ.'

މި އާޔަތުގައި ﷲ ދެ ބަޔަކު ފާހަގަކުރައްވާފައިވެއެވެ. އެއީ ﷲ ރުއްސެވި މީހުންނާއި ﷲ ނުރުއްސެވި މީހުންނެވެ. ﷲ ރުހިވޮޑިނުގަތް މީހުން ދެބަޔަކަށް ބެއްސެވިއެވެ. އެއީ ﷲގެ ކޯފާ އެބަޔަކަށް އަމާޒުވާ މީހުންނާއި ގެއްލެނިކުރެއްވި މީހުންނެވެ.

އެންމެ ފުރަތަމަ ބަޔަކީ ﷲ ރުއްސެވި މަގުން ދަތުރުކުރި މީހުންނެވެ. އެއީ އަންޢަމްތަ މިބައިގެ މީހުންނެވެ. އަންޢަމް މިބަސް އައިސްފައިވަނީ ނުޢުމާ މިބަހުންނެވެ. ނުޢުމާގެ މާނަޔަކީ ފަސޭހަ ނުވަތަ އަރާމުއެވެ. މިބަހުގެ އެހެން މާނަ ތަކަށް ބަލާއިރު މަޑު، މަޑުމައިތިރި، އަދި ގެރިބަކަރި ހިމެނެއެވެ. މިއިން ލިބޭ މެސެޖަކީ ﷲ ރުއްސަވާ މަގަކީ ހިނގަން ފަސޭހަ ނުވަތަ އަރާމު މަގެއްކަމެވެ. އަދި މިމަގަކީ ފަސޭހަ ކަމުގެ ސަބަބުން ބޭނުން ކޮންމެ މީހަކަށްވެސް ދަތުރުކުރެވޭނެ މަގެއްކަމެވެ. އެހެންވެ ފަސޭހައިގަ މިމަގުން ދަތުރުކޮށް ކާމިޔާބު ހޯދުމަކީ އަހަރެމެންގެ މަސްއޫލިއްޔަތެވެ.

ﷲ ރުއްސެވި މަގުން ހިނގި އަދި ހިނގާ މީހުންނަށް ބަލައިލަމާތޯއެވެ. އޭގެތެރޭގައި އީމާންވެ ޞާލިޙު އަމަލުކުރި އެންމެން ހިމެނެއެވެ. އެއީ ﷲ މަނާކުރެއްވި ކަންކަމުން ދުރުހެލިވި މީހުންނެވެ. އެއީ ކުށްކުރެވުމުންވެސް ތައުބާވި މީހުންނެވެ. އެއީ އެމީހުންނަށް ކުރެވުނު ހުރިހާ މަސައްކަތެއް ހިތްވަރާއެކުކުރި މީހުންނެވެ. އެއީ މަސައްކަތްކުރުމަށްފަހު ﷲ ގެ ޙަޟުރަތުން ވާގިއެދުނު މީހުންނެވެ. މިބައިގެ ތެރޭގައި ނަބިއްޔުންނާއި އެބެއިކަލުންނަށް ތަބާވި މީހުން ހިމެނެއެވެ. މިއީ ކާމިޔާބުގެ އަހުލުވެރިންނެވެ. އެހެންކަމުން އަހަރެމެންވެސް ކާމިޔާބު ހޯދުމަށްޓަކައި ކާމިޔާބު ހޯދި މީހުން ކަންތައްކުރިގޮތް ހޯދާބަލައި އެފަދަ މީހުން ކަންތައްކުރިހެން ކަންކުރަންޖެހެއެވެ.

މިއާޔަތުގައި ﷲ ދެން ބަޔާންކުރައްވަނީ އެއިލާހު ނުރުއްސެވި މީހުންގެ ވާހަކައެވެ. އޭގެތެރެއިން ފުރަތަމަ ބަޔަކީ މަޣުޟޫބި ނުވަތަ ކޯފާ އަމާޒުވި މީހުންނެވެ. މިއީ ލިބިފައިވާ ޢިލްމުގެ ސަބަބުން ހުރިހާ ކަމެއް އެނގިތިބެ އެކަމަކު އީމާންނުވި މީހުންނެވެ. ރަސޫލުﷲ ގެ ހަޔާތްޕުޅުގައި އެނގިތިބެ އީމާންނުވި މީހުންނަކީ ޔަހޫދީންނާއި ނަޞާރާއިންނެވެ. މިއަދު އެނގިތިބެ އީމާންނުވާ މީހުން މާގިނައެވެ. އެމީހުންނަކީވެސް ކޯފާއަށް ހުށަހެޅިފައިވާ މީހުންނެވެ. މިއާޔަތުގައި އަހަރެމެން ﷲ އަށް އެދި ދަންނަވަނީ މިބައިގަނޑުގެތެރޭ އަހަރެމެން ނުލެއްވުމަށެވެ. އެނގިތިބެ ނުބައިހަދާ މީހުންގެ ތެރޭގައި ނުލެއްވުމަށެވެ.

އެނގިތިބެ ނުބައި ހެދުމުގެ މިސާލަކަށް ބަލާލަމާ ހިނގާށެވެ. ސްކޫލެއްގައި ދަރިވަރުންނަށް ބޭއްވޭ އިމްތިހާނެކެވެ. އިމްތިހާނުގެ ގަވާއިދުތައް ދަރިވަރުންނަށް ވަނީ ދެވިފައެވެ. ކޮޕީކުރުމަކީ ކޮބައިކަމާއި އެކަމަށްދެވޭ އަދަބު ހުރިހާ ދަރިވަރުންނަށް އަންގާދެވިފައިވެއެވެ. އެކަމަކުވެސް ކިޔަވަން ރަނގަޅު ދަރިވަރުންތަކެއް ކޮޕީކުރިއެވެ. މިކަމާ މުދައްރިސުންނާއި ޕްރިންސިޕަލާއި ބެލެނިވެރިން އެކުދިން ދެކެ ރުޅިއައެވެ. އަދަބެއްގެ ގޮތުގައި ކޮޕީ ކުރި ދަރިވަރުންނަށް ލިބުނީ ސުމެކެވެ. މިދުނިޔޭގައި އެނގިތިބެ ފާފަކުރި މީހުންނަށް އަމާޒުވަނީ ﷲ ގެ ކޯފާ އެކަންޏެއްނޫނެވެ. އެކަމަކު އެމީހުންނަކީ މަލާއިކަތުންނާއި މޫމިނުންގެ ރުޅިވެރިކަން އަމާޒުވާ ބައެއްވެސްމެއެވެ.

މިއާޔަތުގައި ﷲ ނުރުއްސަވާ ދެވަނަ ބަޔަކީ ގެއްލެނިކުރެއްވި މީހުންނެވެ. ޟާއްލީން މިބަހުގެ މާނަޔަކީ ގެއްލިދިއުމެވެ. ޟާއްލީން މިބަސް އައިސްފައިވަނީ ޟައްލަ މިބަހުންނެވެ. މިއީ ތިމާމެމެންނަށް ނޭނގުނުކަމުގައިވިޔަސް އެނގިތިބި މީހުން ނުބައި ހެދުމުން އެމަގުން ދަތުރުކުރި މީހުންނެވެ. މިސާލަކަށް މީހަކު އޭނާ އަންނަންދެން ކާބޯތަކެތި ބަލަހައްޓަން އަހަރެންނާއި ހަވާލުކުރިއެވެ. އެމީހާ ދިއުމާއެކު އަހަރެން ކައިރިއަށް ބަޔަކުއައިސް ކާބޯތަކެތި ކާންއެދުނެވެ. އެހިނދު އަހަރެންގެ ޖަވާބަކީ ކެޔަސް އެންމެ ރަނގަޅެވެ. ކާބޯތަކެތި އަހަރެންނާއި ހަވާލުކުރި މީހާ އެނބުރި އައިއިރު ހުރިހާ އެއްޗެއް ބަޔަކު ކައި ހުސްކުރަނީއެވެ. މިތަނުގައި މަޣުޟޫބި ބައިގައި ހިމެނޭނީ އަހަރެންނެވެ. ވާނުވާ ނުބަލާ ނުވަތަ ވާނުވާ ނޭނގި ކޭ މީހުންވާނީ ޟާއްލީންގެ މީހުންނަށެވެ.

ފާތިޙާ ސޫރަތުގެ ވަޒަނަށް ބަލާއިރު އެވަޒަނަކީވެސް މުޢުޖިޒާތެކެވެ. ކޮންމެ ގޮތަކަށް ބެލިކަމުގައިވިޔަސް ސޫރަތުގެ ވަޒަން ފުރިހަމައެވެ. މިސާލަކަށް ﷲ އަށް ހުރީ ޙަމްދުއެވެ. ހަމައެކަނި ޝުކުރު ނުވަތަ ހަމައެކަނި ތަޢުރީފަކުން ނުފުދެއެވެ. ވަޒަން ފުރިހަމަވަނީ ތަޢުރީފާއި ޝުކުރު އެކުވެ ނިކުންނަ ޙަމްދުގައެވެ. ރަޙުމާންވަނީ މިދުނިޔެއަށެވެ. ރަޙީމްވަނީ އާޚިރަތަށެވެ. ވަޒަން ފުރިހަމަވަނީ މިދެސިފަފުޅު އެކުވުމުންނެވެ. ރަޙުމާނާއި ރަޙީމް އެކަނި އޮވެއްޖެއްޔާ އެކަމުގެ ނާޖާއިޒު ފައިދާ މީހުން ނަގާނެއެވެ. އެހެންވެ ވަޒަން ފުރިހަމަވަނީ ﷲ އަކީ ޤިޔާމަތް ދުވަހުގެ ވެރި ރަސްކަލާނގެއަށް ވުމުންނެވެ.

ސޫރަތުގެ ފުރަތަމަ ބައި ވަނީ ﷲ އަށެވެ. އެއީ 2، 3، އަދި 4 ވަނަ އާޔަތެވެ. މިތިން އާޔަތްވަނީ ނަމުގެ ޖުމުލައިންނެވެ. މިއިން އަންގައިދެނީ އަބަދަށް ދެމިގެންވުމެވެ. ދެވަނަ ބައިގައިވަނީ އެންމެ އާޔަތެކެވެ. މިއާޔަތް އަމާޒުކުރެވެނީ ﷲ އާއި އަހަރެމެންނަށެވެ. މިއާޔަތުގެ އެއްބައިގައިވަނީ ނަމެވެ. އަނެއް ބައިގައިވަނީ ކަމެވެ. އެންމެފަހު ބައި ވަނީ އަހަރެމެންނަށެވެ. އެއީ 6 ވަނަ އަދި 7 ވަނަ އާޔަތެވެ. މިދެ އާޔަތްވަނީ ކަމުގެ ޖުމުލައިންނެވެ. މިއިން އަންގައިދެނީ ނެތިފަނާވާނެކަމެވެ.

ސޫރަތުގެ ފުރަތަމަ ބައިގެ ނިމުން އަންނަނީ ދެވަނަ ބައިގެ ފެށުމުންނެވެ. އެއީ 'އިއްޔާކަ ނަޢުބުދު' އެވެ. އަހަރެމެން އަޅުކަންކުރަނީ (އަޅުވެތިވަނީ) ހަމައެކަނި އިބަ ﷲއަށެވެ. ސޫރަތުގެ ފަހު ބައިގެ ތަޢާރަފްވަނީ މިއާޔަތުގެ ދެވަނަ ބައިގައެވެ. އެއީ 'އިއްޔާކަ ނަސްތަޢީން' އެވެ. މިސޫރަތުގައިވަނީ މައިގަނޑު ދެ މައުޟޫއުއެވެ. އެއީ މައުލޫމާތާއި އަމަލެވެ. ސޫރަތުގެ ފުރަތަމަ ބައިގައިވަނީ މަޢުލޫމާތެވެ. ދެވަނަ ބައިގައިވަނީ ކަމެވެ. ސޫރަތުގެ ފަހު ބައިގައި ބަޔާންކުރައްވާ ރުއްސެވި މީހުންނަކީ މަޢުލޫމާތު ހޯދައި އެއަށް އަމަލުކުރި މީހުންނެވެ. ކޯފާއަށް އަމާޒުކުރެވުނު މީހުންނަކީ މަޢުލޫމާތު ހޯދައި އެކަމަކު އެއަށް އަމަލުނުކުރި މީހުންނެވެ. ގެއްލެނިވެގެންވާ މީހުންނަކީ މައުލޫމާތު ނުހޯދައި އަމަލުކުރި މީހުންނެވެ.

މައުލޫމާތު: މުފައްޘިރު ނުޢުމާން ޢަލީ ޚާން، ބައްޔިނާ ޓީވީ