އިހަށްރޭ ވަރަށް ގާތް އެކުވެރީންތަކަކާ ބައްދަލުވިއެވެ. އެންމެ އުފާވީ ރިސާޖާ ބައްދަލުވީމައެވެ. ޖަނާޒާއަކަށް ފަހުއެވެ. އެ ޖަނާޒާއަށް އަހުރެންނަަކަށް ނުދެވުނެވެ. ދަތުރެއްގެ މަތީ އުޅެނިކޮށް ޖަނާޒާގެ ވަގުތު ފާއިތުވީއެވެ. މާލެ އައި ތަނާ ހެން އެކުވެރި ފަސިއްޔު ގުޅީމާ ދިޔައީއެވެ. ވާހަކަތައް ވަރަށް އޮލައެވެ. ރަށުގެ ތަރައްގީގެ ވާހަކަތަކާއި ނުވެ ހުރި ކަންކަމުގެ ވާހަކައެވެ. އެ ކަންކަމުގައި އަހަރެމެންގެ އޮތް ހިއްސާގެ ބޮޑުކަމުގެ ވާހަކަ ވެސް ދެކެވުނެވެ. އަދި އެންމެ ބާރުލައިފައި ދެކެވުނީ ސަރުކާރުގެ މަތީ މަގާމުތަކުގައި މިހާރު ތިބި ރަށުގެ ދަރީންގެ އަޑެއް ނެތް ކަމުގެ ވާހަކައެވެ. އެ މީހުން ރަށުގެ ކަންކަމުގައި އިސްނުނަގާ ވާހަކައެވެ. އަޅައިލުން ކުޑަ ވާހަކައެވެ. ރަށު ކައުންސިލުން ކިތަންމެ މަސައްކަތެއް ރަށުގެ ތަރައްގީގައި ކޮށްފައި ހުރި ކަމުގެ ވާހަކަ ވެސް ދެކެވުނެވެ. މިހުރިހައި ވާހަކަތަކުގެ ތެރެއިން އުފަންވި އެއް ވާހަކައަކީ ދިވެހިބަހަކީ ބޭނުމެއް ނެތް ބަހެކޭ ކިޔައިގެން ރިސާޖު ދެއްކި ވާހަކައެވެ.
އޭނާ ބުނީ އޭނާގެ ދަރިން ދިވެހިބަހުން ވާހަކަ ނުދައްކާ ވާހަކައެވެ. އެއި މާ މުހިންމު ކަމެއް ކަމަށް އޭނާ ނުދެކޭ ކަމުގެ ވާހަކައެވެ. ރިސާޖަށް ދިވެހިބަސް ހަމަ އެކައްޗަކަށް ވެސް ނުވެއެވެ. އޭނާ ބުނާ ގޮތުން ދިވެހިބަހުން ދުއާއެއް ވެސް ކޮށްގެން ނުވާނެއެވެ. އޭނާ ބުނާ ގޮތުން ދުއާ ކުރަން ވާނީ އަރަބި ބަހުންނެވެ. އެކަމަކު ރިސާޖަށް ބުނަން ބޭނުންވާ ވަހަކައެއް އެބަ ހިއްސާކުރަމެވެ.
އިބްރާހިމް ޢަލައިހިއްސަލާމް ދީން ފެތުރުއްވީ އަރަބިބަހަކުންނެއް ނޫނެވެ. އެ ކަލޭގެފާނު ކުރެއްވި ދުޢާތައް ވެސް ކުރެއްވީީކީ ޢަރަތްބަކުންނެއް ނޫނެވެ. އިސްމާޢީލްގެފާނު ދުޢާކުރެއްވީ ޢަރަތްބަކުންނެއް ނޫނެވެ. ޔައުޤޫބުގެފާނު ދުޢާކުރެއްވީ ވެސް ޢަރަތްބަކުންނެއް ނޫނެވެ. ޔޫސުފްގެފާނު ވަޅުގައި އޮންނެވި ހިނދު ދުޢާކުރެއްވީ ވެސް ޢަރަތްބަކުންނެއް ނޫނެވެ. ޔޫނުސްގެފާނު ބޮޑުމަހުގެ ބަނޑުގައި އޮތް ހިނދު އެކަލޭގެފާނު ދުޢާކުރެއްވީ ވެސް ޢަރަތްބަކުންނެއް ނޫނެވެ. ހަމައެހެންމެ އައްޔޫބުގެފާނު ވެސް ދުޢާކުރެއްވީ ޢަރަތްބަކުންނެއް ނޫނެވެ. ދާވޫދުގެ ފާނާއި ސުލައިމާނުގެފާނު ދުޢާކުރެއްވީ ވެސް އަރަތްބަކުންނެއް ނޫނެވެ. މޫސާގެ ފާނު ވެސް ޢީސާގެފާނު ވެސް ދުޢާކުރެއްވީކީ ޢަރަތްބަކުންނެއް ނޫނެވެ. ޒަބޫރާއި އިންޖީލާއި ތައުރާތު ﷲ ތަޢާލާ ބާވައިލެއްވީ ޢަރަބި ބަހުން ހެއްޔެވެ؟ މި ވާހަކަތައް މި ބަޔާންކުރީ ވިސްނައިލުމަށެވެ.
އޭ މި ތިބަ ނިކަމެތި އިންސާނުންނޭވެ! ބަހަކީ އިލާހީ ނިޢުމަތެކެވެ. ކޮންމެ ބަހަކަށް ވެސް އިހުތިރާމް ކުރާން ޖެހެއެވެ. އެ ނިޢުމަތް ދަމަހައްޓަން ޖެހެއެވެ. އެއަށް ޝުކުރުވެރިވާން ޖެހެއެވެ. ހަމައެހެންމެ ޢަރަބިބަހަށް ވެސް ކުރާން ޖެހޭ އިހުތިރާމް ކުރާން ޖެހެއެވެ. ޢަރަބިބަހަށް ލޯބި ކުރާން ޖެހެއެވެ. އެއީ އަހަރެމެންގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މާދަރީ ބަހަށް ވީމައެވެ. އެކަލޭގެފާނު އިސްލާމްދީނުގެ ރިސާތު ފުރިހަމަކުރެއްވީ ޢަރަބިބަހުން ކަމަށް ވީތީއެވެ. އަހަރެމެންގެ ފޮތް ޢަރަބިބަހުން ބާވައިލެއްވީތީއެވެ. އަހަރެމެންނީ މުސްލިމުންނަށް ވީމައެވެ. އަހަރެމެން އަރަބި އަކުރު ދަސްކޮށް ކީރިތި ޤުރުއާން ކިޔަވަމުއެވެ. ޢަރަބިބަސް ވެސް ދަސްކުރަމުއެވެ، އެކަމަކު އަހަރެމެން ޢަރަބިބަސް ދަސްކުރަނީ ޢަރަބިން ޢަރަބިބަސް ދަސްކުރާން ޖެހޭ ބީދައަކަށް ނޫނެނެވެ. މި ކަމާ މެދު ވެސް ވިސްނައިލުން ހުށްޓެވެ.
ރިސާޖު ބުނި އަނެއް ވާހަކައަކީ ކުދިންނަށް ދަސްކޮށް ދޭން ޖެހޭނީ އިނގިރޭސިބަސް ކަމުގައެވެ. އޭނާ ބުނީ އެމެރިކާ ބޮޑު ބާރަކަށްވީ އިނގިރޭސިބަހުގެ ސަބަބުންނެވެ. ބޮޑު ބާރަކަށް ގައުމެއް ވަނީ އިނގިރޭސީ ބަހުގެ ސަބަބުން ވިއްޔާ ކުރިޔަށް އޮތް ދިހަވަރަކަށް އަހަރުފަހުން ދިވެހިރާއްޖެ ވެސް ދުނިޔޭގެ ބޮޑު ބާރަކަށް ވާނެތާއެވެ. އިނގިރޭސިބަހަކީ އިނގިރޭސީވިލާތުގެ މީހުންގެ އަހުލީބަހެވެ. އެއީ އެމެރިކާގެ އަމިއްލަ އެއްޗެއް ނޫނެވެ. މިއަދު އިނގިރޭސިބަހަކީ ބައިނަލްއަގުވާމީ ބަހެކެވެ. އެ ބަހުގެ ބޭނުން ކުރަނީ ވިޔަފާރީގައެވެ.
އަަމިއްލަ ބަސްބަސް ހުރި ގައުމުތައް އެ ގައުމުތައް ތަރައްގީކުރުމުގެ ތަދުބިރުތައް ރޭވުމުގައްޔާއި އެ ބައެއްގެ އިޖުތިމާއީ އަޚްލާޤު ދަސްކޮށްދިނުމުގައްޔާއި އެއްބައިވަންތަ މުޖުތަމައުތައް އުފެއްދުމުގައްޔާއި ދަރީން ތަރުބިއްޔަތުކުރުމުގައި އިސްކަންދީ ބޭނުންކުރަނީ އެ ބައެއްގެ އަމިއްލަ ބަހެވެ. މި ކަމެއް ރިސާޖަކަށް ނޭނގެއެވެ. އޭނާއަކީ މި ކަން ނޭނގޭވަރުގެ "ކަނު" މީހެއް ވެސް ނޫނެވެ. އޭނާއަކީ ހަމަ ވިސްނުން ވެސް ތޫނު މީހެކެވެ، އެކަމަކު ވެސް ހަމަ ބޯހަރީ ތޯއްޗެކެވެ.
ރިސާޖުގެ ވާހަކަތައް ނިމުނީ ދިވެހިބަހަކީ އެއްވެސް އެއްޗެއް ނޫން ކަން ހާމަކޮށްދިނުމުގެ މަލާމާތުގެ ހިނިގަނޑަކުންނެވެ. އަހަރެން އޭނާއަށް ޖަވާބެއް ދިނުމުގެ ގޮތުން ރޭ ބުނީ ހަމަ އެންމެ ސުވާލެކެވެ. އެއީ ރިސާޖުގެ މަންމައާއި ބައްޕައާއި އޭނާގެ ދަރިން ވާހަކަ ނުދައްކާ ނަމަ މާމަ ކާފަ ވަންތަ ގުޅުން ގައިމު ކުރަނީ ކިހިނެއް ހެއްޔެވެ؟ އޭނާ އެއަށް ޖަވާބު ދިނީ އެ މީހުން ވެސް ވާހަކަ ދައްކަން ޖެހޭނީ އިނގިރޭސިބަހުން ކަމުގައި ބުނެއެވެ.
މިއީ ރިސާޖުގެ އެކަނި ވިސްނުމެއް ނޫނެވެ. މިއަދުގެ ޒުވާން ވަރަށް ގިނަ ބެލެނިވެރިންގެ ވެސް ވިސްނުން ހުރީ ހަމަ މިހެންނެވެ. ތަރައްގީއަކީ ތިމާމެންގެ އަމިއްލަވަންތަކަށް ނަގައިލައި ދުރަށް ޖައްސައިލައި އެއްލައިލައިގެން ހޯދާ އެއްޗެއް ކަމުގެ ވިސްނުން ވެއްދީ އިނގިރޭސިބަހުން ދަރިން ވިސްނަން ފެށި ހިސާބުންނެވެ. އެެއީ އެ ކުދިން ކުށެއް ނޫނެވެ. އެއީ އެ ކުދިންގެ މައިންބަފައިން ހެދި ވަރަށް ބޮޑު ގޯހެކެވެ. ދިރާސާވެރިންނަށް ވުރެ ގައުމެއްގެ އާދައިގެ މީހުން އިލްމީ ކަންކަމުގެ މައްޗަށް ހަޖޫ ޖަހައި ބަސްބުނާން ވެއްޖެއްޔާ ދެން ނުވާނެ އެއްކަމެއް ވެސް ނެތެވެ. ދިވެހީންނަށް ވެސް މި ވަނީ އެހެންނެވެ. ރިސާޖު ކަހަލަ ބައިވަރު ބެލެނިވެރިން އަދު ގައުމުގައި ފައިދާވީއެވެ.
ހަގީގަތުގައި ވެގެން އުޅޭ ގޮތަކީ މިއީ ނޫންބާވައޭ ވެސް ހިތަށް އަރައެވެ. މާޒީގައި ރަށްފުށް ދޫކޮށް ތައުލީމުގެ އިންގިލާބީ ބަދަލަށް މަރުހަބާ ކިޔަން މާލެ އައި ރަށްފުށު ބައެއް ކުދިން މަސްކައްކަން ބަދިގެތެރޭގައި ތިބި ހަނދާން ނެތުނީއެވެ. ތެލިދޮންނަން އަތިރިމަތީގައި ތިބި ހަނދާން ނެތުނީއެވެ. ރަށްފުށުގައި އުޅުނު އިރު އަން މުންޑާއި ފޭއްޔާއި ކަނޑިކިބުރި މަތިން ވެސް ހަނދާން ނެތުނީއެވެ. މޫދާއި ވިލުގެ ޗާލޫކަމާއި ފަޅާއި ފަރާއި ހާހަލާއި ގިރިތަކާއި ކަނޑާއި މާކަނޑާއި ކަނޑުއޮޅިޔާއި ނެރާއި މާނެރުތަކުން ކުދިކުދި ބޮއްކުރާފަހަރުގައި ފަލިޖަހައި ކުރި ދަތުރުތަކާއި ރިޔާނަގައިގެން ކުރި ދަތުރުތައް މަތިން ވެސް ހަނދާން ނެތުނީއެވެ.
އިރު އުދަ އަސްތާ ހިނދު އަތިރިމަތީ އުޅުނު އުފާވެރި ހަޔާތުގެ ރީތިކަމުގެ މަތީން ވެސް ހަނދާން ނެތުނީ ތޯއްޗެެކެވެ. ރާޅުފަށުން ފަނިކާން އުޅޭ ދުށިތްމާއި ފިނދަނައާއި ރަތަފައާއި ވާރިޔާއި ބޮނޑަ ފަދަ ދޫނި ތަކުގެ ނަންތައް ވެސް ހަނދާން ނެތުނީއެވެ. ހޭޅިފަށުން ހަނާއަޅާ ބޯށިގަސްތަކާއި މަގޫގަސްތަކާއި ކުރެނދި ގަސްތަކާއި ހެލެވެލިގަސްތައް މަތިން މުޅީން ހަނދާން ނެތުނީއެވެ.
އަތިރިމަތީ ލައިފައި ގޭދޮށަށް އަންނަ އިރު ފެންނަ، ރުއްރުކުން ވެރިފައި ހުންނަ ހިކިފަނާއި މީދާކޭ އުނބާއި އިހަލާއި އިލަޔާއި ހިކިކާށްޓާއި ފުޅަފި މަތިން ހަނދާން ނެތުނީއެވެ. ބަނބުކެޔޮގަސްގަހުން ވެރިފައި ހުންނަ ބަނބުކެޔުފަތާއި ވަނދުބަނބުކޭލާއި ފާބަނބުކެޔޮ މަތިން ވެސް ހަނދާން ނެތުނީއެވެ. މިކަހަލަ ވާހަކަ ދެއްކީމާ ދައްކާ މީހުން ވަނީ މިއަދު ކަޓު މީހުންނަށެވެ. މިކަހަލަ އެތައް ކަމެއް ވެ ނިމިއްޖެއެވެ. ދިވެހިބަހާ މެދު އަދު ހުރި ނައްސި ރަވައްޔާތައް ގުޅެނީ މި ފަދަ އެތައް ކަމަކާއެވެ. ތެދެކެވެ! ތިމަތިމާމެން އައި ތަން ހަނދާން ނެތި އޮޅި އަމިއްލަވަންތަކަމުގެ ނަފުސު ގެއްލިއްޖެ ނަމަ ވާންވީ ގޮތް ވާނެއެވެ، ދިވެހީންނަށް ވެސް މި ވަނީ އެ ކަހަލަ ގޮތެކެވެ.
ހަނދާންކޮށްދޭ ހިތްވެއެވެ. ބަހަކީ ﷲ ތަޢާލާގެ ދެއްވުމެކެވެ. އެއީ ﷲ ބަޔަކަށް ދެއްވާ ނިޢުމަތެކެވެ. ކޮންމެ ބަހެއް ވެސް މުއުޖިޒާތެއް ފަދައެވެ. އެއްވެސް ބަހަކީ އިންސާނީ އުފެއްދުމެއް ނޫނެވެ، އެއީ ﷲ ތަޢާލާގެ ޙިކުމަތްވަންތަކަމާއި ކުޅަދުންވަންތަކަމުގެ ހެތްކެކެވެ. ކީރިތި ޤުރުއާނުން މި ކަމުގެ ހެކި ހޯއްދަވަން ރިސާޖު ފަދަ ބެލެނިވެރީންނަށް ނަސޭހަތްތެރިވަމެވެ. އިބްރާހިމް ސޫރަތުގެ ހަތަރުވަނަ އާޔަތާއި އައްރޫމް ސޫރަތުގެ 22ވަނަ އާޔަތާ މެދު ފުންކޮށް ނަޒަރުކޮށްލާށެވެ.
ރިސާޖުމެން ދިރިއުޅެން ދިވެހިރާއްޖެ އެ މީހުންނަށް ކަމުދެއެވެ. ފުރިހަމައެވެ. ބަރާބަރެވެ. ހަތަރުފަސް ގޯތި ވެސް ދިވެހިޜާއްޖޭގައި އޮންނަން ބޭނުން ވެއެވެ. ދެތިން ހަތަރު ފުލެޓާއި ގެ ވެސް ހުންނަން ހަމަ ބަރާބަރެވެ. އަދި ދިވެހިރާއްޖޭގެ ޖައްވަށް ނޭވާލާން ވެސް ހަމަ ވަރަށް ހިތްގައިމެވެ. ދިވެހި މޫދުގައި ފަތައިލައި ދިވެހިކަނޑުން މަސްބާނައި އެ މަސް ކާން ވެސް ހަމަ ބަރާބަރެވެ. އަދި ދަރިން ގޮވައިގެން ދިވެހި އަތިރިމަތިތަކާއި ފުށިރަށްތަކާއި ތުނިޑިތުނޑީގައި އުފާކޮށް މަޖާކޮށްލަން ވެސް ހަމަ ބަރާބަރެވެ. ރީތީގެ ގޮތުން ދިވެހިރާއްޖެއަށް މި އެންމެން ވެސް ދެނީ އެއްވަނައެވެ. ދުނިޔެމަތީގެ ސުވަރުގޭގެ ދަރަަޖައެވެ. އެހައިވެސް ގައުމު ދެކެ ލޯބިވެއެވެ. އެކަމަކު މިރާއްޖޭގެ މީހުން ޝުއޫރުފާޅުކުރާން ﷲ ތަޢާލާ ދެއްވި ބަސް މި މީހުންނަށް ހުތުރެވެ. ފީކަޅަލެވެ. ނިކަމެއްޗެވެ. ހިކުމަތްތެރިން ބުނާތީ އަޑު އަހަމެވެ. ބަހަށް ނެތް ކުލުނެއް ގައުމަކަށް ނުހުންނާނެއެވެ. މިއޮތް ރީތި ދިވެހިރާއްޖެއަށް ބަޔާން މި ކުރިފަދަ ފުރިހަމަ ކަންކަން ދެއްވީ ހަމަ އަހަރަމެންގެ ވެރި އިލާހެވެ. ﷲ ތަޢާލާއެވެ، ހަމަ މި މޭރުމުން މި އޮތް ޖަންނަތެއް ފަދަ ރީތި ދިވެހިރާއްޖޭގެ މީހުން ޝުޢޫރު ފާޅުކުރާނޭ ބަހެއް ވެސް ދެއްވީ އެ އިލާހުކަން ރިސާޖުމެންނަކަށް ނޭނގެއެވެ.
ދިވެހިރާއްޖޭގެ ބަސް ކަމުގައިވާ ދިވެހިބަސް ފިޔަވައި އެހެން ހުރިހައި ކަމެއް މި ބައިމީހުންނަށް ރަނގަޅެވެ. ރީއްޗެވެ. ފުރިހަމައެވެ. ހެއްވާ ކަމެއް ނޫން ބާވައެވެ! ދިވެހިބަސް ދިވެހިރާއްޖެ ހައި ނަލަކަމާއި ރިތިކަމާއި ފުރިހަމަކަން ވިސްނޭނީ ދިވެހިބަހުގެ މީރުކަމުގެ ރަހަ ލިބިގެންނެވެ. އެއިން އުފާކުރަން ދަރިންނަށް ދަސްކޮށްދީގެންނެވެ.
ދިވެހިބަސް މިއަދު ވެއްޓިފައި އޮތް އަނދިރިވަޅުގަނޑަށް ދިވެހިބަސް ވައްޓައިލީ ހަމަ އަހަރެމެންނެވެ. ދިވެހީންނެވެ. ދިވެހި މަންމައިންނާއި ބައްޕައިންނެވެ. ދިވެހިބަހުގެ އަހުލުވެރީންނެވެ. ދިވެހިބަހުގެ މަސްލަހަތުވެރީންނެވެ. އެހެންވީ ދިވެހި ގައުމީ ތަރައްގީގެ ތަދުބީރުތަކާއި ސިޔާސަތުތަކުން ދިވެހިބަސް ބާކީ ކުރީމައެވެ. ނިޒާމީ ކަންކަމުން ދިވެހިބަސް ބޭކާރުކުރީމައެވެ. ދިވެހިބަސް ދަރީންނަށް ދަސްކޮށްދޭން ކުރަންޖެހޭ ޒަމާނީ ތަދުބީރުތަކުގެ ރޭވުންތަކާއި އިސްތިރާޖީތައް ނުކުރީމައެވެ. ދިވެހިބަހުގެ ކުރިއެރުމާއި ފާގަތިކަމަށް ޓަކައި ގައުމީ ޚާޒާނާއިން ފުރުސަތު ނުދިނީމައެވެ. އަދިވެސް ވަގުތެއް ފާއިތެއް ނުވެއެވެ. އަދިވެސް ބަސް ސަލާމަތް ކުރެވޭނެއެވެ. މި ދެންނެވި ކަންކަމަށް ސަމާލުކަން ދީގެން ކަމުގެ މަސްލަހަތުވެރިންގެ ހެޔޮ ހިތްތަކުން އޯގާވެރިވާ ނަމައެވެ. ލޭފަވެތި އަތްތަކުން ފިރުމައިދެންޏާއެވެ.
އަހުރެންގެ ހިތަށް އަރައެވެ. މަންޑޭލާގެ ބަސްފުޅު ވެސް ރިސާޖުމެންނަށް ވާނީ ތާކުންތާކު ނުޖެހޭ ބަސްފުޅަކަށެވެ. މަންޑޭލާ ވިދާޅުވީ "ދަސްކުރާ ބަހުން ވާހަކަ ދެއްކީމާ ދޭހަވަނީ ބޮލަށް ކަމުގައެވެ. އަމިއްލަބަހުން ވާހަކަ ދެއްކީމާ ދޭހަވާނީ ހިތަށް ކަމުގައެވެ". އެހެންވީމާ ރިސާޖުމެންގެ ދަރީންނާއި މާމަކާފަ ދަރީން ވާހަކަދެއްކީމާ ރިސާޖުމެންނަށް ދޭހަވަނީ ބޮލަށްތާއެވެ. ހިތަށް އަސަރު ނުކުރާ ކޮންމެ މަންމައަކާއި ބައްޕައަކު ވެސް މި މައުޒޫގައި ދައްކާނީ ރިސާޖުމެން ދައްކާ ހެން މުޖުތަމައުގެ ނޭވާއާއި ހިތުގެ ވިންދާއި ނޭވާ ހުއްޓޭ ކަހަލަ ފުރެއްދެ ޚިޔާލާއި ވިސްނުން އުފަން ކުރުވާ ދޯހަޅި ވާހަކައެވެ. އެ ފަދަ ކޮންމެ މަންމައަކަށާއި ބައްޕައަކަށް ހެޔޮ ވިސްނުން ދެއްވުން އެއީ އަހުރެންގެ ހިތުގެ ދުޢާއެވެ.
