ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަ މަސްލަހަތު އިސްކުރައްވައިގެން ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އަމަލް ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތުކޮށް، އެކަންކަން ހުއްޓުވައިދިނުމަށް އެޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބް މުގައްރިރު ފުރަހަނި ޝުއައިބު އަލީ އެދިވަޑައިގެންފިއެވެ.
ނަޝީދާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދިވަޑައިގެންފައި މިވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް މަގާމުން އެކަހެރިވެވަޑައިގަތުމަށް އެދި ރައީސް ނަޝީދު އެމްޑީޕީގެ އޮފީހަށް ސިޓީއެއް ވެސް ފޮނުއްވައިފައި ވަނިކޮށެވެ.
އެމްޑީޕީގެ ޗެއާޕާސަން އަދި މަޖިލީސްގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަންން ލަތީފަށް ފޮނުއްވާފައިވާ ސިޓީގައި ޝުއައިބު ވިދާޅުވީ ރައީސް ނަޝީދު މިހާރު އަމަލް ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ އަސާސީ ގަވައިދާއި ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލިސް މެމްބަރުން އަމަލްކުރަން އޮންނަ ގޮތާ ހިލާފަށް ކަމަށެވެ. އަދި ރައީސް ނަޝީދުގެ އަމިއްލަ މަސްލަހަތަށްޓަކައި ޕާޓީ ގުރުބާން ކުރައްވަމުން ގެންދެވުމަކީ ގައްދާރުވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވަޒީރަކު އަދާކުރަން ޖެހޭ ވާޖިބުތަކާއި ޖަވާބުދާރީ ކުރުވަން ޖެހޭ ގޮތް ބަޔާންކޮށްފައި އޮތުމާއި އެމްޑީޕީގެ އަސާސީ ގަވާއިދާއި ޕާލަމެންޓްރީ ގްރޫޕުގެ ހިންގާ ގަވާއިދާއި، ޕާޓީގެ އެކި ގުނަވަންތަކުން އަމަލު ކުރަން ޖެހޭ ގޮތް ވެސް ސާފުކޮށް ލިޔެ ބަޔާންކޮށްފައި އޮވޭ. އަދި މަޖިލިސް މެންބަރުން ތަބާވާން ޖެހޭ އުސޫލުތައް މަޖިލިސް ގަވާއިދުގައި އޮވޭ، މިހެން މިކަން އޮއްވައި އަޅުގަނޑުމެންގެ ޕާޓީގެ ރައީސް ނަޝީދުގެ އަމިއްލަފުޅު މަސްލަހަތަށް އަނެއްކާވެސް ޕާޓީ ގުރުބާން ކުރުމަކީ ޣައްދާރުވުން ކަމުގައި އަޅުގަނޑު ދެކެން،" ޝުއައިބުގެ ސިޓީގައި ވިދާޅުވި އެވެ،
ޝުއައިބު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް ނަޝީދު ޖަލަށް ހުކުމްކޮށްފައިވަނިކޮށް ގޭ ބަންދަށް ގެނެސް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށްޓަކައި އެމްޑީޕީއާއި ގާނޫނު އަސާސީ ގުރުބާން ކުރަން ޖެހުނު ކަމެވެ.
"ރައީސް ޔާމީންގެ ވެރިކަމުގައި ހިނގާދިޔަ ކަންކަމުގައި ދައުލަތަށް އެންމެ ބޮޑު ގެއްލުމެއް ވެގެން ދިޔައީ ގާނޫނު އަސާސީއަށް ބަދަލު ގެނެސް ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކުމަށް ގެނައި އިސްލާހާއި ނައިބް ރައީސަކަށް ހުންނަ މީހާގެ އުމުރަށް ބަދަލު ގެނެސް 24 ގަޑިއިރުގެ ތެރޭގައި ގެނައި އިސްލާހެވެ. މި އިސްލާހުތަކަށް އެމްޑީޕީގެ މެމްބަރުން ވޯޓު ދިނުމަށް މަޖުބޫރުވީ ރައީސް ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގައި ދިގު މުއްދަތަކަށް ޖަލަށް ލާފައި އޮތުމުން ރައީސް ނަޝީދު ޖަލުން ގެއަށް ބަދަލުކޮށް ބޭރަށް ބޭސްފަރުވާއަށް ފޮނުވުމަށް އެންމެ ފަރުދަކު މިނިވަން ކުރުމަށް އެޕާޓީ އާއި ދިވެހި ޖުމްހުރިއްޔާގެ ގާނޫނު އަސާސީ ގުރުބާން ކުރީމެވެ. އެދުވަސް ފާއިތުވެ ހިނގައްޖެ،" ޝުއައިބު ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން ބޮޑު ވަޒީރަކަށް ވެވަޑައިގަތުމަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތް ހަގީގަތަކަށް ހަދަން ނަޝީދު މަސައްކަތް ކުރައްވާ ކަމަށާއި އެކަމުގައި ޕާޓީ ގުރުބާން ވެގެން ދިއުމަކީ ގަބޫލްކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ޝުއައިބު ވިދާޅުވެފައިވެ އެވެ.



advertisment
One Response
އެމްޑީޕީގައި ހައްޤު ދަސްކޮށްގެން ތިއްބެވި ބޭފުޅުން ތިބިކަމަށް ފުރަތަމަ ފަހަރަށް ޤަބޫލުކޮށްފިން. ވެރިޔަކަސް ބާރާއި ނުފޫޒު ހިންގޭނީ ހައްދެއްގެ މިންވަރަށް. ނަޝީދަށް އޭނާގެވެސް ހުދޫދު މިހާރު އެނގިދާނެ ކަމަށް ފެނޭ.