Support Us

ކޮލަމް: އަލި

ހޭލާށެވެ! ހޭލައިގެން ހޭލައްވާށެވެ!

ތިމާ އެދޭ ދިމާއަކަށް ތިމާގެ ގަލަމުން ސިޓީ ލިޔެލުމަކީ ކިހައި އުފާލިބޭ ކަމެއްތޯއެވެ؟ ލިޔަން ދަސްކުރުމީ ކިހައި ނިޔާމަ ހުރި ކަމެއްތޯއެވެ؟ ކިޔަން ދަސްކުރުމީ ކިހާ އުފާ ލިބޭ ކަމެއްތޯއެވެ؟

އާދޭހެވެ! މިއީ 1980ގެ އަހަރުތަކުގައި މުޅި ދިވެހިރާއްޖެއަށް ލިޔަން ކިޔަން ދަސްކޮށްދިނުމުގެ ގޮތުން ހިންގެވި އަސާސީތައުލީމުގެ ގައުމީ މަޝްރޫޢުގެ މައިގަނޑު ގޮވައިލެއްވުންތަކާ އެކު ރައްޔިތުންގެ ހިތްވަރު އާލާކުރައްވައި ރޫޙު ތާޒާ ކުރައްވަން ސަރުކާރުން އިއްވަމުން ގެންދެވި ހިތްވަރާއި ފޯރީގެ އަޑުތަކެވެ.

އަސާސީތައުލީމުގެ ގައުމީ މަޝްރޫޢުގައި ރައީސް މައުމޫން ކިޔަވައިވިދާޅުވެދެއްވަނީ

އަސާސީތައުލީމުގެ މަޝްރޫޢަކީ ކާމިޔާބު މަޝްރޫޢެކެވެ. ނަތީޖާ ނެރެދިން މަޝްރޫޢެކެވެ. އެއީ ދިވެހިން އަދު މިދެކޭ ތަރައްގީއާއި ތަހުޒީބަށް އަލިކޮށްދިން ފަނާރެވެ. ވިސްނުންތަރައްގީވެ ހޭލުންތެރިވެ ހޭލާން ހޭލެއްވި ނިދާއެވެ. ނަތީޖާއަކީ ކޮބައިތޯއެވެ! އދ.ގެ މިންގަނޑުގައި ދިވެހިރާއްޖެއަކީ އަދު 98 އިންސަންތަ ލިޔަންކިޔަން ދަންނަކަމުގެ ފަޚުރާއި ޝަރަފު ޙާޞިލްކޮށްފައިވާ ގައުމެކެވެ. މިއީ ސަރަހައްދީ ގައުމުތަކުގެ މިންގަނޑުތަކުގައި އެއްވަނައެވެ. އަދި މުޅި ދުނިޔޭގެ ލިޔަންކިޔަން ދަތުމުގެ ނިސްބީ މިންގަނޑުތަކާ އަޅައި ބަލާ އިރު އާދޔާޚިލާފު ކާމިޔާބެއް ވެސް މެއެވެ.
އަށްޑިހައިގެ އަހަރުތަކުގައި އޮތް ލިޔަންކިޔަންދަތުމުގެ ފިކުރާއި މިންތަކާއި އަސާސްތައް އަދު މި ވަނީ ބަދަލުވެފައެވެ. 21ވަނަ ޤަރުނުގެ ލިޔަންކިޔަންދަތުން މި ވަނީ މާދަރީބަސްބަހާ އެކު ދަސްކުރާ އެހެންބަސްބަހުގެ އަކުރުތައް ލިޔެ ކިޔާން ދަސްކުރުމުގެ އިތުރަށް ޒަމާނީ ފަންނިއްޔާތަށް އަހުލުވެރިވުމުގެ އަސާސީ ރުކުންތައް ކަމުގައި ވަނީ ވެފައެވެ. ސުމޭކުވަސީލަތްތަކަށް އަހުލުވެރިވުމާއި އިނގިލިކުރިން ދުނިޔެ ހޭވުމުގެ ތަންދޮރު ދަނެގަތުން ވެސް އަދު ވަނީ ލިޔަންކިޔަން ދަތުމުގެ ފިކުރުގެ ރުކުނެއްގެ ގޮތުގައެވެ.

ކޮންޕިޔުޓަރާ ބެހޭ ލިޔަންކިޔަންދަތުމާއި މައުލޫމާތަށް އަހުލުވެރިވުމުގެ ލިޔަންކިޔަންދަތުމާއި ފަންނިއްޔާތީ ލިޔަންކިޔަންދަތުން ފަދަ ކިތަންމެ ފިކުރެއް މިއަދުގެ ލިޔަންކިޔަންދަތުމުގެ މައި ފިކުރުގެ އަސާސްތައްކަމުގައި ވަނީ ވެފައެވެ. 21ވަނަ ޤަރުނުގެ ވިސްނުމާއި ފިކުރާއި މަސައްކަތްތެރިކަން ބިނާވަނީ ފަންނިއްޔާތާއި ސުމޭކު ވަސީލަތްތަކާއި ދާދިވަރު ހަރަކަތްތަކާއި ދީދާރީ ލިޔަންކިޔަންދަތުން ނުވަތަ ވިޜުއަލް ލިޓްރަސީގެ މައްޗަށެވެ. ދީދާރީ ލިޔަންކިޔަންދަތުން ބިނާވަނީ ފެނިދެނިވާ ކަންކަމުން ކުރެވޭ މުވާސަލާތުތައް އޮޅުންފިލުމުގެ ގާބިލިއްޔަތުގެ މައްޗަށެވެ. މީގެތެރޭގައި، ހަރަކާތްތަކާއި، ތަސްވީރާއި ޗާޓާއި ވީޑިޔޯފަދަ އެއްޗެހި ހިމެނެއެވެ. ޒަމާނީ ލިޔަންކިޔަންދަތުމުގެ ތެރޭގައި ތަފާސްހިސާބުގެ ލިޔަންކިޔަންދަތުމާއި ތަފާތުނަޒަރުން ވިސްނަން ދަސްކުރުމުގެ ލިޔަންކިޔަންދަތުމާއި މީޑިޔާގެކަންކަމަށް އަހުލިވެރިވުމުގެ ލިޔަންކިޔަންދަތުމާއި މާހައުލީ ނިޒާމަށް އަހުލިވެރިވުމުގެ ލިޔަންކިޔަންދަތުމާއި ކާރިސާތަކަށް ހޭލުންތެރިވުމުގެ ލިޔަންކިޔަންދަތުމާއި ސިއްހަތުގެ ލިޔަންކިޔަންދަތުން ފަދަ ކަންކަން ވެސް ހިމެނެއެވެ. މިހެންވުމުން މިއަދުގެ މަދަރުސާތަކުން ނުކުންނަ ކޮންމެ ދަރިވަރަކު ވާންވާނީ މިދެންނެވި ލިޔަންކިޔަންދަތުންތަކުގެ ތެރެއިން ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ދުޅަހެޔޮކަމާއެކު ރޯފިލައިފައިވާ ކުއްޖަށެވެ. ހޭލުންތެރިވެފައިވާ ކުއްޖަކަށެވެ. ބަވަނަވަމުން ދާ ދުނިޔެއަށް ލޯހުޅުވިފައިވާ ތަހުޒީބު މުވާޠިނަކަށެވެ.

ކުޑަކުދިންނަށް އުނގަންނައިދނުމުގެ މަސައްކަތް ކުރަނީ: މިއީ މުހިންމު ގައުމީ ޒިންމާއެއް -އަދިވެސް ފޮޓޯ: މުހައްމަދު އަޚުތަރު

އާދޭހެވެ! ކޮންމެ އަހަރެއްގެ ސެޕްޓޭންބަރު މަހުގެ 8ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ލިޔަންކިޔަން ދަތުމުގެ ދުވަހެވެ. މިއަހަރު މި ދުވަހަށް ޔުނެސްކޯއިން ކަނޑައަޅުއްވައިފައިވާ ޝިޢާރަކީ، "ކޮވިޑު19ގެ ހާލަތުގައްޔާއި އެ ނޫން ޙާލަތްތަކުގައި ލިޔަންކިޔަންދަތުމުގެ އުނގެނުމާއި އުނގަންނައިދިނުން" މިއެވެ. މި ޝިޢާރުން ބާރު އަޅަނީ އެދުރުންގެ ދައުރާއި ކިޔަވައިދިނުމުގެ އުކުޅުތައް ބަދަލުކުރުމުގެ މައްޗަށެވެ. އަދި މުޅިހަޔާތުގައި ލިޔަންކިޔަން ދަތުމުގެ އުނގެނުމުގެ ނަޒަރުގެ މައްޗަށް ވެސް މެއެވެ. މިހެން ވުމުން މި ޝިއާރުގެ މައިގަނޑު އަމާޒަކީ ޒުވާނުންނާއި ބޮޑެތި މީހުންނެވެ.
މިއަދު ދުނިޔޭގެ ތައުލީމާއި ތަރުބިއްޔަތުގެ އެކި މާހައުލުތަކުން ހިންގާ އުނގެނުމާއި އުންގަނައި ދިނުމުގެ އެންމެހައި ކަންކަން ބައްޓަ ކުރަމުން އަންނަނީ ސުމޭކު މަންސަތަކަށާއި ދާދިވަރު އުކުޅުތަކުގެ މައްޗަށެވެ. ފަންނިއްޔާތުގެ އަލީގައި ގައިދުރުކޮށް ދުރު ގާތްކޮށްގެންނެވެ. ވީމާ، އިންސާނީ އަތްތަކުގެ މައްޗަށް ފުނިޖެހެމުން ދާ ޒަމާނީ ވަސީލަތްތަކުން މާނަވީ ގޮތުންނާއި މާއްދީ ގޮތުން ކުރާ ނޭދެވޭ އަސަރުތަކަކީ ކޮބައިތޯ ބަލައި ހޭލުންތެރިވުމަކީ އަދުގެ ލިޔަންކިޔަންދަތުމުގެ ތެރޭ ހިމެނާން ޖެހޭ މުހިންމު ކަމެއްކަމުގައި ވާން ޖެއެވެ. ގިނަ އިރު އިސްކީރީނަށް ބެލެމުން ލޮލަށް ލިބޭ ގެއްލުންތަކުންނާއި ގިނަ އިރު އިށީނދެ ތިބެން ޖެހުމުން ޖިސްމާނީ ގޮތުން ލިބޭ ގެއްލުންތަކުން ދަފަރާވާނޭ މަގުތައް އަދު ހޯދާން ޖެއެވެ. ހަމަ އެހެންމެ، ސައިބަރު ގަނާކުރުންތަކާއި ނެޓުން ކުރާ ޒާތީ ޖެއްސުންތަކާއި ފުރައްސާރައިން ސަލާމަތް ވާނޭ މަގުތައް ވެސް ހޯދައި ހޭލުންތެރިވާން ޖެއެވެ.

ކުޑަކުދިން ކިޔަވަނީ: މިއީ ކޮންމެ ކުއްޖެއްގެވެސް މުސްތަގުބަލާ ގުޅިފައިވާ ކަމެއް -އަދިވެސް ފޮޓޯ: މުހައްމަދު އަޚުތަރު

ބައިނަލްއަގުވާމީ ލިޔަންކިޔަން ދަތުމުގެ ދުވަހެއް ދުނިޔޭގައި ފާހަގަ ކުރުމުގެ މަގުސަދަކީ މުޅި ދުނިޔެ ހޭލެއްވުމެވެ. ހޭލައިގެން ހޭއްލެއްވުން ނޫން ދެން އެހެން ކޮން ކަމެއް ތޯއެވެ! އަޅުގަނޑުމެން ދިވެހީންނަކީ ތަހުޒީބުގެ ބުއްދިއާއި ފިކުރުން ވިސްނުން ފުޅާވެފައިވައި ތިބި ބަޔަކުކަމުގައި ވާށިއެވެ. ހޭލައިގެން ހޭލެއްވުމުގެ އާދަ އަށަގެންފައި ތިބި ހަރުދަނާ ދިވެހީންކަމުގައި ވާށިއެވެ.