Support Us

ކޮލަމް ހާފިޒީ

ސަޢުދީ ރަސްގެފާނު ހުޅުދެލިން ރަން ބައްލަވައިގެންފާނެ؟

މި ސަރުކާރުގެ މެނިފެސްޓޯ ވައުދެއްގެ ގޮތުގައި މަސްވެރިންނަށްވި އެއް ވައުދަކީ "މަހަށްނުކުމެ ބާނާ އެއްޗަކުން އިސްރާފުވުމެއް ނެތި ހަމައަގު ލިއްބައިދެވޭނެ" ވާހަކައެވެ. މިވައުދު ވިއްކަން ރައްޔިތުންގެ ކުރިމައްޗަށް އައިއިރު އައީ މަސްވެރިކަމަކީ ދިވެހި އުފެއްދުންތެރިކަމުގެ ނާރެސް ކަމުގައި ބުނަމުންނެވެ. ދުނިޔޭގެ ބާޒާރުގައި މަހަށްލިބޭ ބޮޑުއަގު ސީދާ މަސްވެރިންނަށް ހޯދައިދޭނޭ ކަމުގައި ބުނަމުންނެވެ. މަހަށް ނުކުންނަ އެންމެ ކުޑަ ބޮއްކުރާފަހަރުން ފެށިގެން ކަންނެލި އޮޑިފަހަރު ބާނާ މަހަށް އިސްރާފުކުރުމެއް ނެތި ހަމައަގު ލިއްބައިދޭނެ ކަމަށް ބުނަމުންނެވެ.

ނަމަވެސް މިއިން އެއްވެސް ކަމެއް މަސްވެރިންނަށް ޙާސިލް ކޮށްދެވުނުހެއްޔެވެ؟ މިކަންކަން ވެގެން ގޮސްފައި ވަނީ ކަނޑުގައި އެޅި ރޮނގެއް ފަދައިންނެވެ. މިހާރު އެކަން ހަނދާން ހުރި ކަމެއްވެސް ނޭނގެއެވެ. ހަނދާން ހުރިނަމަ މިއަދު ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި އުޅޭ މަސްވެރިންނާއި މަސްވެރި އާއިލާތައް އެ ތަހައްމަލް ކުރަމުންދާ ނިކަމެތިކަމަށް ކޮންމެވެސް ކަހަލަ އަޅާލުމެއް އަޅާލީހެވެ. މަސްވެރިން ބާނާ ކަޅުބިލަމަހާއި ބޮޑުކަންނެލި ވިއަސް ވިއްކޭނޭ ގޮތެއް ނެތެވެ. މަސްވެރިން އަތުން މަސްގަންނަ ކުންފުނިތަކުގެ ހާލަތު ގޯސްވެ، މަސްވެރިންނަށް ދޭނޭ ފައިސާއެއް ހުރި ކަމަކަށް ނުވެއެވެ. މިއީ މިއަދުގެ ހާލަތެވެ.

މިހާލުގައި ދިވެހި މަސްވެރިން ޖައްސާފައި މިވާ ހިތްދަތި ދަނޑިވަޅުގައި އަޅުގަނޑުގެ ނަޒަރު ހުއްޓެނީ "މެދުވެރިއެއްނެތި ބޭރުގެ މަސްގަންނަ ފަރާތްތަކަށް މަސް ވިއްކޭނެމަގު ހުޅުވާލާނޭ" ކަމަށް ވީ ވައުދަށެވެ. އަނގައިން ބުނެ، ކަރުދާހުގައި ލިޔެލަން ވަރަށް ފަސޭހައެވެ. އެހެން ނަމަވެސް މިއީވެސް ހަމަ އެހެނިހެން ގިނަ ވައުދުތަކެކޭ އެއްފަދައިން ހުންގާނު ފުށްބުރުން ދަމާލި ރޮނގެކެވެ. ހަމަ އެކަނި ސުރުޚީއެއް އަޅާލީއެވެ. މިފަދަ ކަމެއް ތަންފީޒުކުރުމަކީ ރާއްޖެ ފަދަ މަސްވެރިކަމުގެ ސިނާއަތެއް ޤާއިމްވެފައި އޮތް ގައުމެއްގައި ކުރެވޭނެ ކަމަށް ނުބެލެވޭތީއެވެ.

ރާއްޖޭގެ މަސްވެރިން ބާނާ ބޮޑުކަންނެއްޔަކީ މައިގަނޑު ގޮތެއްގައި ޔޫރަޕްގެ މާރކެޓްތަކަށް ތާޒާ މަހުގެ ގޮތުގައި ބޭރުކުރާ ރަނގަޅު އަގުލިބޭ ބާވަތްތަކެވެ. ނަމަ ވެސް އިހު އޮތް ސަރުކާރުތަކަށް ޕްރެޝަރ ކުރުމުގެ ނަމުގައި ރާއްޖޭގެ މަސް ޔޫރަޕަށް ގަތަނުދޭން މިހާރު މި އޮތް ސަރުކާރުގައި ހިމެނޭ އިސް އެތައް ބަޔަކު ރޭވުންތެރިކަމާއެކު ކުރި މަސައްކަތްތަކުގެ ހިތި މޭވާ ފައްކާވިތާ ދުވަސްކޮޅެއް ވެއްޖެއެވެ.  މިސަރުކާރު އައި އިރު ޔޫރަޕުން ވަނީ ރާއްޖޭގެ މަސްވެރީން ބާނާ މަސް ނުގަންނަން ނިންމާފައެވެ. އެ ބަދުނަސީބާ ވެސް އަދުގެ މަސްވެރިން މި ވަނީ ކުރިމަތިލާން ޖެހިފައެވެ.

ކުދި ރީނދޫ އުރަހަ ކަންނެއްޔާއި ކަޅުބިލަމަހަކީ މައިގަނޑު ގޮތެއްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދަޅުގައި ބަންދުކުރުމަށް ބޭނުންކުރާ މަހެވެ. މިއީ ދުނިޔޭގެ މާރކެޓްތަކުގައި އެހާ އަގުބޮޑު ބާވަތްތަކެއް ނޫނެވެ. އަދި މިބާވަތުގެ މަހުގެ އަގު ކޮންޓްރޯލްކޮށް ހިފަހައްޓަނީ ތައިލެންޑްގެ މަސްބަންދުކުރާ ކާރުހާނާތަކަށް މަސް ގަންނަ ވިޔަފާރިވެރިންނެވެ. އެހެންކަމުން ބޭރުގެ މަސްގަންނަ ބޯޓުފަހަރަށް މަސްވިއްކޭނޭ އިންތިޒާމްތައް ހަމަޖައްސާނޭ ކަމަށް ބުނެ މަސްވެރިން ޅޮސް އުނދޯއްޔަށް ލައިފިކަން މިއަދު މަސްވެރިންނަށް އިހްސާސް ވާނެއެވެ. އަދި މިފަދަ ދެއުޅިއެއްނުވާ ވާހަކަތައް ދައްކައިގެން ދެން އިތުރަށް މަސްވެރިން ހައްލުވާލެވޭނޭ ކަމަކަށް ނުދެކެމެވެ.

ރާއްޖޭގެ ސަރަހައްދަށް ވަދެ ރާއްޖޭގެ ދޮށީގެ މަސްވެރިން ބާނާ ކަޅުބިލަމަހާއި ކަންނެލި ގަންނަން އަންނާނީ ކޮންކޮން އުޅަނދުފަހަރެއް ހެއްޔެވެ؟ މިއީ މިއަދު އުފެދޭ ސުވާލެކެވެ. މަސްވެރިން އަތުން މަސްގަނެ ފްރީޒްކޮށްގެން އެސްޕޯރޓްކޮށް އުޅޭ ޚާއްސަ އުޅަނދުފަހަރެއް ނުހުރެއެވެ. އެއް ގައުމުން އަނެއް ގައުމަށް މަސް އުފުލަނީ މަސް ފްރީޒް ކޮށްގެން ކޮންޓެއިނަރުތަކުގައި ސްޓޮކް ކޮށްގެންނެވެ. ބޮޑުދާ އަޅާ "ޕާސް ސެއިން" ބޯޓްފަހަރުގައި ދައު އަޅައިގެން ހިފާ މަސް ވަގުތުން ފިނިކޮށް، ތާޒާކޮށް ބެހެއްޓުމަށް ފިނިކުރި ލޮނު ފެންގަނޑެއްގައި ބަހައްޓައެވެ.

އިންޑިޔާ ކަނޑުގައި މިދެންނެވި ފަދަ ބޮޑުދާއަޅާ ގިނަ އަދަދެއްގެ އުޅަނދުފަހަރު އުޅެއެވެ. ޔޫރަޕިއަން ޔޫނިއަންގެ ބޯޓްފަހަރާއި އީރާންގެ ބޯޓްފަހަރު މިސަރަހައްދުގައި ވަރަށް ފުޅާ ދާއިރާއެއްގައި މަސްވެރިކަންކުރެއެވެ. މިފަދަ ބޮޑުދާއަޅާ ބޯޓެއް ރާއްޖެއައިސް މަސްވެރިން އަތުން މަސްގަންނަން އުޅޭނޭ ކަމަކަށް ގަބޫލުކުރުމަކީ ސަޢުދީ ރަސްގެފާނު ދ. ހުޅުދެލިން ރަން ބައްލަވައިގަންނަވާނެ ކަމަށް ގަބޫލުކުރުން ފަދަ ކަމެކެވެ. އެހެންކަމުން އިންޑިއާ ކަނޑުގެ ސަރަހައްދުތަކުގައި މަސްވެރިކަން ރަނގަޅުނަމަ މި ދެންނެވި ފަދަ ބޯޓެއް ދިވެހިން އަތުން މަސްގަންނާކަށް ނާންނާނެއެވެ. ނަމަވެސް މަސްވެރިކަން ދަށް މޫސުމެއްގައި ނަމަ ދިވެހިން އަތުން މަސްކޮޅެއް ގަތުމަށް ޝައުގުވެރިކަމެއް ހުރެދާނެއެވެ. ނަމަވެސް ރާއްޖޭގެ މަސްކަނޑުތަކުގައި މަސްވެރިކަން ރަނގަޅުވާ މޫސުމާ، ބޮޑުދަލުގެ މަސްވެރިކަންވެސް ރަނގަޅުވާ މޫސުމާ އާއްމު ގޮތެއްގައި ދިމާވާތީ މިފަދަ ބޯޓެއް ރާއްޖެއައިސް މަސްގަތުމުގެ ފުރުސަތު ވަރަށް ކުޑަވާނެއެވެ. އަދި އައިސް މަސް ގަތްކަމުގައި ވިއަސް އެހެން ގައުމަކަށް އެމަސް ވިއްކުމުގައި ޓެކްސްނެގުމާއި އެހެނިހެން އިތުރު ހުރަސްތަކެއް ކުރިމަތިވާނެއެވެ.

ނަމަވެސް ހަމައެކަނި ސުރިހީއެއް އަޅާލުމުގެ ގޮތުން ނުވަތަ ވެވިފައިވާ ވައުދަކަށްވާތީ ނަމެއްގައި އެކަން ފުއްދަން ކަމުގައިވިއަސް ރާއްޖޭގެ މަސްވެރިން ބާނާ މަސް ގަތުމަށް ބޭރުގެ އުޅަނދުފަހަރު ރާއްޖެއަށް އައުމުގެ ފުރުސަތު ހުޅުވާލައިފިނަމަ އިއާދަ ނުކުރެވޭ ފަދަ ބޮޑެތި ގެއްލުން މަސްވެރިކަމުގެ ސިނާއަތަށް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އެންމެ ފުރަތަމަ ކަމަކަށް ދިވެހި މަސްކުންފުނިތަކަށް މަސް ލިބުން ދަތިވެ، އެކުފުންފުނިތަކުން ބިލިއަނުން ކޮށްފައިވާ އިންވެސްޓްމަންޓްތައް މުޅިން ފުނޑުފުނޑުވެގެން ފުނޑިގެންދާނެއެވެ. އަދި "ޚާއްސަ" ހުއްދައެއް ދީގެން ބަޔަކު މަސްގަންނަން ވެއްދިއެއް ކަމަކު އެއީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިންނަށް ނަފާވާނެ ގޮތެއްގައި ކުރެވޭނެ ކަމެއް ނޫނެވެ. އަދި މިފަދަ އޮޕަރޭޝަނެއް ފެށިކަމުގައި ވިއަސް އޭގެ ނުރަނގަޅު ނަތީޖާތައް އެންމެ ފުރަތަމަ ކުރާނޭ ބަޔަކަށްވާނީ ދިވެހި މަސްވެރި ކުންފުނިތަކެވެ. މާ އިހުއްސުރެ ދިވެހިން އަތުން މަސްގަންނަ ކުންފުނިތަކެވެ. އެކުންފުނިތައް ބަނގުރޫޓް ވެއްޖެނަމަ އަލުން އެކުންފުނިތައް ކޮޅަށް ޖަހާނޭ ގޮތެއް އޮންނާނީ ނުފެނިފައެވެ. ހުރިހާވެސް ގެއްލުމެއް އޮތީ ދިވެހި މަސްވެރިންނަށެވެ. މިލިއަނުން އިންވެސްޓްކޮށްގެން ބޮޑެތި ދޯނިފަހަރު ބަނދެ، މަސްވެރިކަމުގައި ހަރަކާތްތެރިވާ އޮޑިވެރިންނަށެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު މިއަދު ބައްޓަންވެ ކުރިއަށް ދާގޮތަށް ބަލާއިރު ރާއްޖޭގައި މަސްވެރިން އަތުން މަސްގަތުމަށް ސަރުކާރުން ވަކި އަގުތަކެއް ކަނޑައަޅާފައި އޮތުމާއެކު، އެ އަގުގައި މަސްގަނެ އެކްސްޕޯޓް "ކުރުމަށް ބޭރުގެ ކުންފުނިތަކުން އަމުދުން ޝައުގުވެރިކަމެއް ހުންނާނޭ ކަމަކަށްވެސް ނުބެލެވެއެވެ. އެހެންކަމުން މަސްވެރިންއަތުން މަސްގަތުމަށް ރާއްޖެ ވަން ނަމަވެސް ވަންނާނީ އިންޑިއާ ކަނޑުގައި ބޮޑުދާއަޅާ ބޯޓެއް ކަމަށް ބެލެވެއެވެ. އެފަދަ ބޯޓެއް ރާއްޖޭގެ ސަރަހަށްދަށް ވަދެ، މަސްވެރިން އަތުން މަސްގަތުމުގެ ހުއްދަ ދީފިނަމަ މަސްކޮޅު ގަންނަން ރާއްޖެ ވަންނަ މަގުމަތީގައި ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ވަގަށް މަސްކޮޅު "ދަމާލަން" ފުރުސަތު ލިބޭނެއެވެ. އަދި މަސްކޮޅުގަނެގެން ދަމުން ދިމާވާ މަސްއައިންތައްވެސް ކަހާލަން ދައު ވައްޓާލަން ފުރުސަތު ލިބޭނެއެވެ. އަޅުގަނޑުމެންގެ އިގްތިސާދީ ސަރަހައްދަކީ އެންމެ ފުރިހަމައަށް ބެލެހެއްޓޭ ސަރަހައްދަކަށް ނުވާތީ "ނުބީހެންޏާ ކަނޑާހަމައޭ" ބުނާ އުސޫލުން ވަގަށް މަސްވެރިކަން ކުރުމަށް ދެވޭ ހުއްދައަކަށްވެސް މިކަން ވެގެން ހިނގައިދާނެއެވެ.

ކޮންމެޔަކަސް މަސްވެރީންނަށް ވީ ވަޢުދުތައް ފަންޑިތަވެރިޔަކު ތަށީގައި ލިޔުނު ހާހޫރައެއް ފަދައެވެ. ލިޔެ ނިންމާފައި ފެންފޮދެއް އަޅާ ގިރާލީމާ ނިމުނީއެވެ. އެ ބޮއިގެން އަނެކާއަށް ވާގޮތެއް ވެދާނެތާއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2

2 Responses

  1. ރަގަޅު ވާހަކައެއް. މިފަދަ ކަންކަން މަސްވެރިންނަށް ވިސްނާއިދިނުން ވަރަށް މުހިންމު. ޒުވާން މަސްވެރިން މިކަހަލަ ކަންކަމަށް ހޭލުނެރިވެ، ވާނުވާ އޮއުންފިލުވާ ހަޤީޤަތް ދެނެގަންނަން ޖެހޭ.

  2. 1970ގެ އަހަރުތަކިގައި ހޯކޯމާރު ބޯޓުފަހަރަށް މަސް ގަނެ މަސް ބޭރުކުރި އިރު ދިވެހިން ދެކެ އަތުން ހިފާފައި ހުރި ހަޤީގަތް މިލިއުމުން ފެންނަން މިހުރީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *