ކޮވިޑް19 ޖެހިގެން 24 ގަޑިއިރު ތެރޭގައި ދެ މީހުން މަރުވެ މި ބަލީގައި ރާއްޖެއިން މަރުވި މީހުން އަދަދު 31 އަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނި ގޮތުގައި ކޮވިޑް ޖެހިގެން މިއަދު މަރުވި މީހަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީޒްގެ އައިސީޔޫގައި ފަރުވާދެމުން ގެންދަނިކޮށް މިއަދު އިރުއޮއްސުނުއިރު މަރުވި އުމުރުން 60 އަހަރުގެ ފިރިހެނެކެވެ. ދެ ވަނަ މީހަކީ ހއ. ކެލާ ކަރަންޓީގައި ހުރި އުމުރުން 58 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ މަރުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދަނިކޮށް ރޭ 8 ޖަހާކަންހާއިރެވެ.
ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 8741 އަށް އަރައިފަ އެވެ. މި ސެޕްޓެންބަރު މަހުގެ ފުރަތަމަ ހަފްތާގައި ބަލި ޖެހޭ މިންވަރު އިތުރު ނަމަވެސް މިހާރު އެ އަދަދު ވަނީ ތިރިވާން ފަށައިފަ އެވެ. އެގޮތުން ފާއިތުވި ތިން ދުވަހު ވެސް ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 100 އިން ދަށަށް ވެއްޓިފަ އެވެ.



advertisment