ދުނިޔެއުޅޭ ބައެއް މީހުން ބޭނުންވަނީ އެމީހުން ދެކޭގޮތުގައި ދާއިމީ، އެކަމަކު ޙަޤީޤަތުގައި ވަޤުތީ އަރާމެވެ. އަގުބޮޑު ގޭގޭގައި، މޮޅުކޮށް ކައިގެން ބޮއިގެން، މަޑު ތަންމަތީގައި އަބަދު ނިދާށެވެ. ނޫނީ، ބާޒާރުގައި ހުރި އެންމެ އަގުބޮޑު ފޭރާން ލައިގެން، އެންމެ އަގުބޮޑު ސެންޓު ޖަހައިގެން، އެންމެ އަގުބޮޑު ފޯނު އަތަށް ލައިގެން، އެންމެ އަގުބޮޑު ކާރުގައި ދަމުން އެންމެ ފަޤީރުހެން ހީވާ މީހާ ކުރިމަތީގައި ބޮޑާ ބަސްބުނަމުން، އަޗާތަޅަމުން، ފޮނިދައްކަމުން ދުއްވާށެވެ. ތިމާޔަށް ވުރެ މޮޅު، ތިމާޔަށް ވުރެ ފޯރާ، ތިމާޔަށް ވުރެ ބާރު ހުރި، ނުފޫޒު ގަދަ މީހަކު ނެތްކަން ދައްކަމުންނެވެ. އެ މީހުންނަށް ތަޞައްވުރުނުވާ ދާއިމީ އަރާމަކީ އަދި ތަންކޮޅެއް ފަހުގެ ދުވަހެއްގައި އެ މީހުންގެ އަތް އެޔާ ހަމަޔަށް ނުފޯރާނޭ އެއްޗެއްކަން ނޭނގޭ ޙާލުގައި މެއެވެ.
ދުނިޔެއުޅޭ ބައެއް މީހުން ބޭނުންވަނީ، ފަށަމުން މި ދެންނެވި ބާވަތުގެ އަރާމުގެ އިތުރުން، ތިމާމެން ވަރުގެ ދީލަތި ބަޔަކު ނެތްކަން ދައްކާށެވެ. ތިމާމެންނަށް ވުރެ އަނެކުންނަށް ހެޔޮ ބަޔަކު ނެތްކަން ދައްކައި އިޢުލާންކުރާށެވެ. އަދި އެ ހެޔޮކަމަކީ އެދުމަކާ ނުލައި ވެދުމެއް ނުކުރާނެޔޭ ބުނާ ފަންޑިތަބަސް ނަފީކޮށްލާނޭ ހެޔޮކަމެއްކަން އިސްތިހާރުކޮށް، ދައްކާށެވެ. އަދި އެ މީހުން އެ ކަން ކުރުމުގައި ދެމި އެ ތިބެނީ އެ ދެއްކުންތެރިކަމަކީ ދަޅަޔެއްކަން އެންމެން ދަންނަކަމާއި، އެކަމަކު އެ ދަޅައިގެ ވާހަކަ ހާމަ ތަނެއްގައި ފައުޅުގައި ނުދައްކާން ފަޤީރުން ބިރުގަންނާތީ އެއީ ހެޔޮކަމެއް އޭގައި ނެތް ދެއްކުންތެރިކަމެއްކަން ނޭނގޭ ޙާލުގައި ވެސް ތޯއްޗެކެވެ.
ދުނިޔެއުޅޭ ބައެއް މީހުން، ނުވަތަ ގިނަ މީހުން ދިރިއުޅެނީ ތިމާމެންނަށް ވުރެ ތަނަވަސް މީސްމީހުންގެ ޚިދުމަތުގައެވެ. ވަޒީފާގައެވެ. ނޯކިރީގައެވެ. ގުލާނުކުރުމުގައެވެ. ގިނަ ފަހަރަށް، މަހުމުސާރަޔަށެވެ. މަސް ފެށޭތާ ދިހަބާރަޔަށް އެރީމައި ލިބޭ މުސާރައިން ގަމުތެރޭ ފިހާރައިގެ ލޭންދޭނުފޮތުގައި އޮތް ބައި ފިލުވައިފައި ދެން ބަލައިލާއިރު އެ ފޮތުގެ އަނެއް ޞަފުހާ ދެން އޮތް މަހަށް ހުޅުވާން ޖެހޭ ޙާލުގައެވެ. ނުވަތަ، ވަޒީފާޔެއް މަސައްކަތެއް ނުލިބިއްޖެ ޙާލުގައި ޞަދަޤާތަށް އެދިގެން ނުވަތަ ސަލާންޖަހާން ދިއްކޮށްލާ އަތާ ދެމެދުގެ ރާސްތާއެއްގައި ދާއިމަށް ދަތުރުކުރުމުގައެވެ. އެ މީހުންގެ ޙާލު އެހެން މީހުންނަށް އަދި ނޭނގުނަސް، އެމީހުންނަށް އެ މީހުންގެ ޙާލު އެނގެއެވެ.

ދުނިޔެއުޅޭ ބައެއް މީހުންގެ ޙާލަކީ މިއެވެ. ލިބޭ މީހުންނަށް ވުރެ ގިނައީ ނުލިބޭ މީހުންނެވެ. ބައެއް ޙާލަތްތަކުގައި، ދުނިޔޭގައި އުޅެނީ ހައްތާ ވެސް ނުލިބޭ މީހުންނެވެ. އެހެނީ، ދިރިއުޅޭން ކޮންމެހެން ކުރާންޖެހޭ ޚަރަދުތައް ކޮށްފައި ދެން ބަލައިލާއިރު ޖެހިގެން އޮތް ގޯތީ އަހަންމަދު އަތުގައި އޮތް ކަހަލަ ގަޑިޔެއް ތިމާ އަތުގައި ނެތީމައި އަމިއްލަ ނަފުސުގެ ނުލިބޭކަން ނޫން އެހެން އިޙުސާސެއް ނުވާ މީހާޔަކީ ނުލިބޭ މީހުންގެ ގިންތީގައި ހިމެނޭ މީހެކެވެ. އައިފޯނުގެ އައު ޢަދަދެއް ބާޒާރަށް ނެރުމުގެ ކުރީން އަތުގައި އޮތް ފޯނު އާފަލުތަޅަކުން ތަޅުލެވިދާނޭތީ އެކަމާ ބިރުން އައު ޢަދަދަށް ދުރާލައި އޯޑަރުޖަހާން ބަލައިލާއިރު ތިމާގެ ބެންކު އެކައުންޓުގައި އައު ޢަދަދު ގަންނާން ބޭނުންވާ ވަރަށް ފައިސާ ނެތީތީ ކުޑަ ލޯނެއް ނަގާން ޖެހުމުގެ ނުލިބޭކަން އިޙުސާސްވާ ކޮންމެ މީހަކީ ނުލިބޭ މީހެއް މެއެވެ. އިއްޔެ ލިބުނު ވަރަށް މިއަދު ޑޮލަރު ނުލިބޭ ރިސޯޓުވެރިޔާޔަކީ ވެސް ނުލިބޭ މީހެއް ނޫންތޯއެވެ! ހައްތާ ވެސް ނުލިބޭ މީހުންނެވެ. ލިބިފައި އޮތް އެއްޗެއް ނޭނގި، ދެއްވައިފައި އޮތް އެއްޗެއްވެސް ނުފެންނަ މީހާ، ޖައްވަށް ނޭވާ ލައިގެން، އުނުއޮރިޔާން ފިލުވައިގެން، ކަރުހިއްކުން ފިލުވައިގެން، ހައިހޫނުކަމުން މިންޖުވެގެން އެ އުޅޭ އުޅުމަކީ ލިބޭކަން ކަން ނޭނގޭ ޙާލުގައި އުޅޭ މީހުންގެ ޙާލަކީ…
ދެން ވިސްނާވަޑައިގެން ބައްލަވާށެވެ! ލިބޭ މީހުންނާ ނުލިބޭ މީހުންނަކީ ކޮބައިތޯއެވެ؟ ތަނަވަސްކަމަކީ ކޮބައިތޯއެވެ؟
ތިމާ އަތުގައި މިލިޔަނުން ބިލިޔަނުން ހުރި މީހާގެ ފައިސާގެ ތަނަވަސްކަން މާދަމާ ވެސް ގެއްލިއްޖިއްޔާ، އެ މީހާ ބަނޑުފުރާނަމުއްތިކުރާން ކުރާނޭކަ މަސައްކަތެއް އޭނާޔަށް ނޭނގޭ، ޢަމަލީ ހުނަރެއް މީހާގައި ނެތް، ބޭނުންކުރާނޭ ޙަޤީޤީ ޢިލްމެއް ލިބިފައި ނެތް މީހާ ދެން ކުރާން އޮންނާނީ ދެ ކަމުން ކުރެ އެއް ކަމެކެވެ. ތިމާ އަތުގައި ހުރި މުދަލާއި، ގޮވަތިގެދޮރާއި، ވިޔަފާރިޔާއި، މި ޒަމާނުގެ ބަހުރުވައިންނަމަ ތިމާގެ އަޚާގެ އަތުން "ރަސްމީ ކަންކަމުގެ ތެރެއިން ހިންތާއެއް ހަދައިލައިގެން ދަމައިގެން ރިޔަލްއެސްޓޭޓް" ތިމާގެ އަތުން ބީވެއްޖެ މީހާޔަށް ވެސް އޮންނާނީ ހަމަ އެ ދެ ކަމެވެ. އެ ތަނުން އެއް ކަމަކީ ވައްކަމާއި ޓެކުމާއި ފޭރުމާއި ލޫޓުމާރުކުރުމުގެ މަގު އިޚްތިޔާރުކުރުމެވެ. ނޫނިއްޔާ، ދެން ކުރާން އޮންނާނޭ ކަމަކީ ޞާދަޤާތަށް އެދުން ނުވަތަ ސަލާންޖެހުމެވެ. މި ނޫން ތިންވަނަ ގޮތެއް އޮތް ކަން ނޭނގޭ ޙާލުގައި ތިބޭ ބަޔަކު ކުރާނޭ ކަމެއް ދެން ހަމަ ނޯންނާނެއެވެ.
ދެން ވިސްނާވަޑައިގެން ބައްލަވާށެވެ! ތިމާމީހާ މި ދެންނެވި ބާވަތުގެ ލިބޭނުލިބޭ މީހަކަށް ވެ ހުރެ، ތިމާގެ ދަރީންނަށް ވެސް ދުނިޔެއުޅުމުގެ ހަމަ އެ "ހުނަރު" ދަސްކޮށްދީދީ ހުރި މީހާގެ ދަރީން ބޮޑުވާނީ، ބޮޑު އެ ކުރަނީ، އަދި އެޔަށް ވުރެ ބޮޑު ނުލިބޭކަމެއްގެ މައްޗަކަށް ނޫންތޯއެވެ؟ ދެން ފަހެ، އެ ދަރީންގެ އެ ޙާލުގެ މައްޗަށް ވިސްނައިބަލައިފި މީހެއްގެ ހިތުގެ ޙާލާ މެދު…. އެ ހިސާބުން އަޅުގަނޑު ހަމަ ގައިމު ވެސް އާހަކުން ފުއްދައިލާނަމެވެ.
ދެން އެހެން ވެއްޖިއްޔާ، ތަނަވަސްކަމުގެ އަހުލުވެރީން ދުނިޔޭގައި ފަހެ ނޫޅެނީބާވަޔޭ ވިދާޅުވާނޭ، އައްސަވާނޭ، ހީފުޅުކުރައްވާނޭ ބައެއް ބޭބޭފުޅުން ވެސް އުޅުއްވާނެއެވެ. އެ ފަދަ ބޭބޭފުޅުން އެ ޙާލުކޮޅުން މިންޖުކުރުމުގެ މަސައްކަތް އަޅުގަނޑާ ޙަވާލުކުރައްވައިފިތަ، އެ ކަމާ އަޅުގަނޑު ޙަވާލުވެއްޖައިމުތަ، ދެން ދަންނަވާނޭ ވާހަކަ މި ދަންނަވަނީއެވެ.
އަޅުގަނޑު ދެކޭ ގޮތުގައި، ދުނިޔަވީ ތަނަވަސްކަމުގެ އަހުލުވެރީންނަކީ އަގުބޮޑު ގޭގޭގައި، މޮޅުކޮށް ކައިގެން ބޮއިގެން، މަޑު ތަންމަތީގައި އަބަދު ނިދައިފައި ތިބޭ މީހުންނެއް ނޫނެވެ. އަދި ކިއެއްތަ، އެއީ ތިމާމެންނަށް ލިބޭ މިންވަރަކުން ލިބޭ ފެންވަރަކަށް ގެ އަޅައި، ދަރައިނުވިކި ކައިގެން ބޮއިގެން އުޅޭ، ދުނިޔެއުޅޭން މަސައްކަތްކުރުމާއި ނިދުމާ ވަޒަންހަމަކުރާން ދަންނަ މީހުންނެވެ. ބާޒާރުގައި ހުރި އެންމެ އަގުބޮޑު ފޭރާން ލައިގެން، އެންމެ އަގުބޮޑު ސެންޓު ޖަހައިގެން، އެންމެ އަގުބޮޑު ފޯނު އަތަށް ލައިގެން، އެންމެ އަގުބޮޑު ކާރުގައި އެންމެ ފަޤީރުހެން ހީވާ މީހާ ކުރިމަތީގައި ބޮޑާ ބަސްބުނަމުން، އަޗާތަޅަމުން، ފޮނިދައްކަމުން ދުއްވާ މީހާ އެއީ ތިމާ އެ ނަމޫނާ ހަމަ އެއްގޮތަކަށް ވެސް ނަކަލުކޮށްގެން ނުވާނޭ ނަމޫނާއެއްކަން ދަންނަ މީހުންނެވެ. ޅެންވެރިޔާ ވިދާޅުވި ފަދައިން، "ލިބޭ މިންވަރު ނިކަން ދަނެގެން ވި ބޭނުންތައް ބަހައިލައިގެން" އުޅޭ ޙިކުމަތްތެރީންނެވެ.
އަޅުގަނޑު ދެކޭ ގޮތުގައި، ދުނިޔަވީ ތަނަވަސްކަމުގެ އަހުލުވެރީންނަކީ ބިދޭސީ އަކުރުގެ ގިނަ މިނާއި ފަލަ މިނުން ހައިބަތު މިނާ ކަރުދާހު ސަނަދުގެ ބަދަލުގައި ޢިލްމުގެ ޙަޤީޤީ މާނައިގައި ލޯހުޅުވިފައި ތިބި، އެއް ހުނަރަށް ވުރެ ގިނަ ހުނަރު އަމިއްލަ މަސައްކަތުން ހޯދައިގަނެގެން އެ ތިބޭ މީހުންނެވެ. ހަމަ ކޮންމެ ޤައުމަކަށް ތިމާ ގެންގޮސް ދޫކޮށްލިޔަސް، ނުވަތަ ދިމާވާ ކުއްލި ކަމެއްގެ ނަތީޖާޔެއްގެ ގޮތުން ތިމާގެ ޘަޤާފަތް ނޫން ކޮންމެވެސް އެހެން ޘަޤާފަތެއްގެ އަހުލުވެރީންގެ ތެރެޔަށް ތިމާޔަށް ގޮސް މަސައްކޮށްގެން އުޅޭން ޖެހުނަސް، އެއްވެސް ދައްޗެއް ނެތި އުޅެވޭނޭކަމުގެ އިތުބާރު އަމިއްލަ ނަފުސަށް އޮންނަ މީހުންނެވެ. ތިމާގެ ޤައުމު ނޫން އެހެން ޤައުމަކަށް ހިޖުރަކުރާން ޖެހި، އެހެން ބަހެއްގެ އަހުލުވެރީންނާ މުޢާމަލާތްކޮށް އުޅުމަކީ ދަތިކަމަކަށް ނުވާނޭ މީހުންނެވެ. ކިތަންމެ ނިކަމެތި އެނދުގަނޑެއްގައި ވެސް ނިދައި، ދެރަ ކަމަށް ބުނެ އުޅޭ ތަކެތީން ބަނޑުހައިކަން ފިލުވައި އުޅުމުގެ ކުޅަދާނަކަމާއި، ކެރުމާއި ތަޖުރިބާ ހުރި މީހުން މެއެވެ. ތިމާގެ ތަނަވަސްކަމީ އަނެކާގެ ޙައްޤަށް އައްސުން އަރައިގަނެގެން ހޯދައިއުޅޭ ނުވަތަ ކޮންމެވެސް ޒަމާނެއްގައި ހޯދި ތަނަވަސްކަމަކަށް ނުވާ މީހުންނެވެ. އަނެކާގެ ޙައްޤެއް ތިމާޔާއި ތިމާގެ އަނބިދަރީންގެ އަރުން ތިމާޔަށް އެނގިގެން ދުވަހަކު ވެސް އެތެރެނުވާ މީހުންނެވެ. އަދި އެހެންވީމައި، އާޚިރަތުގެ ތަނަވަސްކަމަކީ ވެސް ޙަޤީޤަތުގައި ކޮބައިކަން ދަންނަ މީހުން މެއެވެ.
އަޅުގަނޑު ދެކޭ ގޮތުގައި، ތަނަވަސްކަމުގެ އަހުލުވެރީންނަކީ އެއީއެވެ!

One Response
ސަތޭކައިގެ ލިޔުއްވުމެކޭ މި ދަންނަވަނީ ކުޑަކޮށް ވެސް ޖެހިލުމެއް ނެތިއެވެ!