ތާވައްކާށްޓަކީ ތާރުކު ކާށްޓެވެ. ދިވެހިރާއްޖޭގެ ނަމާ ގުޅުވައިގެން ބޭރު މީހުން މި ކާށްޓަށް ދީފައިވާ ނަމަކީ ދިވެހިކާށި ނުވަތަ ލޮޑޮއިސިއާ މަލްޑިވިކާ (Lodoicea maldivica) އެވެ. މިއީ ތާވައްކާށީގެ ސައިންޓިފިކް ނަމެވެ. އާންމު ނަމަކީ ކޮކޯ ޑެ މަރ (Coco de Mer) އެވެ.
ތާވައްކާށްޓަކީ ދުނިޔޭގައި ހެދޭ ގަސްގަހާގެހީގައި އަޅާ އެންމެ ބޮޑު އޮށެވެ. އަދި އެންމެ ބޮޑު ކާށްޓެވެ. ތާވައްކާށްޓަށް ދިވެހިރާއްޖޭގެ ނަމާ ގުޅުވައިގެން ނަން ދީފައި ވަނީ އެ ކާށްޓާއި ދިވެހިރާއްޖެއާ ގުޅިފައިވާތީއެވެ.
ތާވައްކާށީގެ ތާރީޚަށް ބަލާއިރު މި ކާށި މީހުންނަށް ފުރަތަމަ ފެނި، ތަޢާރަފުވާން ފެށީ ދިވެހިރާއްޖޭގެ ގޮނޑުދޮށްތަކުންނެވެ. އޭރު މި ކާށްޓަކީ ކިހިނެތް، ކޮންތަނަކުން އަންނަ އެއްޗެއް ކަމެއް ނޭނގެއެވެ. ދިވެހީންނަށް ވެސް ފެންނަނީ އޮއިކާށީގެ ގޮތުގައި ރާއްޖޭގެ އެކިއެކި ރަށްރަށުގެ ގޮނޑުދޮށްތަކަށް ލައްގައިފައި އޮއްވައެވެ.

ތާރުއް ހެދެނީ ސީޝެލްސްގެ ޕްރަސްލިން (Praslin) އަދި ކިއުރިޔޫސް (Curieuse) މި ދެ ރަށުގައެވެ. ނަމަވެސް މި ރުއް ހެދޭ ތަން ނޭނގި އޮތް ދިގު ތާރީޚުގައި، މި ކާށި ހުޅަނގު އިންޑިޔާ ކަނޑުގެ އެކި ހިސާބުތަކުން، ޚާއްޞަކޮށް ދިވެހިރާއްޖޭގެ ގޮނޑުދޮށްތަކުން ފެނިފައިވެއެވެ. މިހެންވެ، ގިނަ ބަޔަކު ދުށީ މިއީ ކަނޑު އަޑީގައި ނުވަތަ ފަރުބަދަތަކުގައި ހެދޭ ވަރަށް ނާދިރު އެއްގެ ގޮތުގައެވެ.

ތާރުކުގެ ހަގީގަތާއި ތާވަށްކާށީގެ އަސްލު އޮތީ މީލާދީން 17ވަނަ ގަރުނާ ހަމައަށް އައި އިރުވެސް ނޭނގުމެއްގެ ތެރޭގައެވެ. ބައެއް މީހުން ހީކުރީ މިއީ ކަނޑު އަޑީގެ ގަހެއްގައި ނުވަތަ ވަރަށް ބާރުގަދަ ރޫޙާނީ ނުވަތަ ސިހުރުވެރި ގަހެއްގައި އަޅާ އެއްޗެއް ކަމަށެވެ. ކޮކޯ ޑި މަރ މި ނަން ދީފައި މި ވަނީ މިއީ ކަނޑުގެ ކާށްޓެއް ކަމަށް ގަބޫލުކޮށްގެންނެވެ.
ތާވައްކާށްޓަކީ ކުރީގައި ވަރަށް ޚާއްޞަ އަދި ވަރަށް އަގުބޮޑު އެއްޗެކެވެ. ވަރަށް މަދުން ފެންނަ ނާދިރު އެއްޗެކެވެ. މި ކާށި ބެލެވިފައި ވަނީ ރަސްރަސްކަލުންނާއި މުއްސަނދިންގެ އެއްޗެއްގެ ގޮތުގައެވެ. ދުނިޔޭގައި ތާވައްކާށްޓަކީ ރަސްރަސްކަލުންނަށް ހަދިޔާކުރެވޭ ވަރަށް އަގުހުރި އެއްޗެކެވެ. މިއީ ދިވެހިރާއްޖޭގެ ރަސްރަސްކަލުން ވެސް ހަދިޔާގެ ގޮތުގެ ބޭރުގެ ރަސްރަސްކަލުންނަށް ފޮނުވާ އެއްޗެއްކަމަށް ބުނެވެއެވެ.

ތާވައްކާށްޓަކީ އެކި ބަލިތަކަށް ފަރުވާ ކުރުމަށް ބޭހެއްގެ ގޮތުގައި ދިވެހީން ވެސް ބޭނުންކުރި އެއްޗެކެވެ. އާންމުކޮށް ބޭނުންކުރަނީ ވިހަ ބަލިތަކުގެ ފަރުވާއަށާއި އެހެނިހެން ދިވެހި ބޭހުގެ ގޮތުގައެވެ.

ލާޒާރެ ޕިކޯލްޓް (Lazare Picault) ކިޔާ މީހަކު 1768 ގައި ކުރި ދަތުރެއްގައި ސީޝެލްސްގެ ޕްރަސްލިން ކިޔާ ރަށުން ތާރުއް ދުށްޓެވެ. ތާވައްކާށީގެ ހަގީގަތް އެނގުނީ އެ ހިސާބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެކަމަކު ތާވައްކާށީގެ ސައިންޓިފިކް ނަން ކުރިން ވެސް އޮތް ގޮތަށް ދިވެހިރާއްޖެއަށް ވަނީ ނިސްބަތް ކުރެވިފައެވެ. ދެން އުފެދޭ ސުވާލަކީ ތާރުއް ދިވެހިރާއްޖޭގައި ހައްދައި އާލާ ކުރެވިދާނެބާވައެވެ؟ ދިވެހިރާއްޖޭގެ ނަމަށް ނިސްބަތްވާ ކާށްޓެއް އެ ރުކުން ލިބޭ ތާރުއް ދިވެހިރާއްޖޭގައި ހައްދައި އާލާކުރަން ނޫޅެނީ ކީއްވެގެން ބާވައެވެ؟
* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން



advertisment