Support Us

އަންހެނުން ކޮމެޓީތަކުގެ ބަޖެޓް ދެގުނަ ބޮޑުކުރައްވަން ނިންމަވައިފި

ކައުންސިލްތަކުގެ ބަޖެޓުން، އަންހެނުންގެ ކޮމެޓީތަކަށް ދެމުން އަންނަ ބަޖެޓް ދެގުނަ އަންނަ އަހަރު ބޮޑުކުރައްވައި، ކައުންސިލްތަކަށް ހިލޭ އެހީ ދޭ ބްލޮކް ގްރާންޓުގެ ފިސްކަލް ފޯމިއުލާ މުރާޖަޢާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

އެމަނިކުފާނުގެ އެކްސް އެކުންޓުގައި ރޭ ވަކިވަކިން ހިއްސާ ކުރެއްވި ދެ ޕޯސްޓެއްގައި ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓު ހުށަހެޅުއްވުމުގެ ކުރިން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތައް އިތުރަށް ބާރުވެރި ކުރުވުމަށްޓަކައި ކައުންސިލްގެ ބަޖެޓުން މިހާރު ދެމުންގެންދާ ފަހެއް އިންސައްތަ ދެގުނަކުރައްވައި، ދިހައެއް އިންސައްތައަށް ބޮޑުކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

ދެން ގެންނަވަން ނިންމެވި ބަދަލަކީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނަށް ދޭ ރަމަޟާން މަހުގެ އެލަވަންސް، އެ ކޮމެޓީގެ ބަޖެޓުން ދެއްވުމުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓްގެ ތެރެއިން ދެއްވާގޮތަށް ހަމަޖެއްސެވުމެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެމްބަރުންނަށް ރަމަޟާން މަހުގެ އެލަވަންސް ދެއްވުމަށް ނިންމަވައި، މިދިޔަ އަހަރުން ފެށިގެން އެ އެލަވަންސް ވަނީ ދެއްވަން ފައްޓަވައިފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 79 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ ޢާންމު ހިލޭ އެހީގެ ފައިސާ (ބްލޮކް ގްރާންޓް) ދިނުމަށް ކަނޑައަޅުއްވާފައިވާ ފިސްކަލް ފޯރމިއުލާގައިވާ ގޮތުން އާބާދީ ކުޑަ ރަށްތަކަށް ލިބޭވަރު މަދުވާތީ، އެއް ހަމައެއްގައި އެ ފައިސާދެވޭނެގޮތަށް ފިސްކަލް ފޯމިއުލާ މުރާޖަޢާކުރެއްވުމަށް ނިންމަވާފައެވެ. އެގޮތުން ބްލޮކް ގްރާންޓުގެ ފިސްކަލް ފޯމިއުލާ މިހާރު ކަނޑައަޅުއްވާފައިވާ ގޮތުން، އެ ކައުންސިލްތަކަށް ގެއްލުން ވާތީ ފިސްކަލް ފޯރމިއުލާ މުރާޖާކުރެއްވުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލުކުރައްވައި، އަންނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވާއިރު މި ބަދަލުވެސް ހުށަހެޅުއްވުމަށް ވަނީ ނިންމަވާފައެވެ.

މިގޮތަށް ބަދަލުގެންނެވުމަށް އެމަނިކުފާނު ނިންމެވީ، އާބާދީ ކުޑަ ނަމަވެސް، ބިމުގެ ގޮތުން ތަނަވަސް ރަށްތަކުގައި މުނިސިޕަލް މަސައްކަތް މަދުނުވާތީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *