އަޅުގަނޑުމެންގެ ކާބަފައިންނަކީ މޫސުމަށް ވަރަށް ފަރިތަ، ނަކަތްތަކަށް ވަރަށް އަހުލުވެރި ބައެކެވެ. ހުޅަނގު މޫސުމުގެ ފުރަ ނަކަތާ ބެހޭ ގޮތުން ކާބަފައިން ބުނާ އެއް ބުނުމަކީ "ފުރަ ނަކަތުގައި ފުރަން ތުރާވާނެއެވެ. ވެހޭނީ ތުނިވާރެއެވެ."
އަޅުގަނޑުގެ ބައްޕަ ވިދާޅުވިއެވެ. ފުރަ ނަކަތުގައި ފުރަން ތުރާވާނެކަމަށް ބުނެވެނީ މޫސުން އޮންނަގޮތުންނެވެ. އުޑުމަތި ބަނަވެ އުޑުމަތީގައި ވިލާތައް ގިނަވެފައި އޮންނާތީ ފުރައިގެން ތަންތަނަށް ދިއުމަށް އުނދަގޫ ނުވަތަ ދަތިވާތީއެވެ.. ރަށެއްގައި ނުވަތަ ބަނދަރެއްގައި އޮވެފައި އޮޑިނަގައިގެން ދާން، މޫސުން ފެންނަގޮތުން ހިތްހަމަ ނުޖެހޭނެތީއެވެ. މި މޫސުމުަގައި ހީވާނީ ހަމަ ދެންމެ ދެންމެ ވާރޭ ވެހިގަނެފާނެ ހެންނެވެ. އެކަމަކު ވިލާ އަރުވާ ވަރާ، އުޑުމަތި ބަނަކޮށްފައި އޮންނަ ގޮތާ އަޅާ ބަލާއިރު މި ނަކަތަކު ބޯކޮށް ވާރެއެއް ނުވެހޭނެވެ. ވެހުނަސް ވެހޭނީ ތުނިވާރެއެވެ. ކުއްލިކުއްލިއަށް ތުނިތުނިކޮށް ވާރޭ ވެހިދާނެއެވެ.
ފުރަ ނަކަތަކީ އޮގަސްޓްމަހުގެ 24 ވަނަ ދުވަހުން ފެށިގެން ސެޕްޓެންބަރުމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ދެމިގެންދާ ނަކަތެކެވެ. މި ނަކަތާއެކު ހުޅަނގު މޫސުމުގެ އެންމެ ގަދަ ދުވަސްތައް ނިމުމަކަށް އަންނާނެއެވެ. ފުރަ ނަކަތަށްފަހު އަންނާނީ އުތުރަ ނަކަތެވެ. އުތުރަ ނަކަތް ދެމިގެން ދާނީ ސެޕްޓެންބަރުމަހުގެ 7 ވަނަ ދުވަހުން ފެށިގެން 20ވަނަ ދުވަހުގެ ނިޔަލަށް ދެމިގެންދާ ނަކަތެކެވެ. ކާބަފައިން ބުނެފައި ވާ ގޮތުގައި މި ނަކަތުގައި ހަޅަޖަހާނެއެވެ. މީގެ މާނައަކީ ވައި ބާރުވެ ކަނޑުތައް ގަދަވާނެއެވެ.
ކޮންމެ އަހަރެއްގެ ވެސް އެޕްރީލްމަހުގެ 8 ވަނަ ދުވަހު ފެށޭ ހުޅަނގު މޫސުމުގައި އޮންނަނީ 18 ނަކަތެވެ. އެއީ އައްސިދަ، ބުރުނު، ކެތި، ރޯނު، މިއަހެލި، އަދަ، ފުނޯސް، ފުސް، އަހުލިހަ، މާ، ފުރަ، އުތުރަ، އަތަ، ހިތަ، ހެއި، ވިހާ، ނޮރަ، ދޮށަ މިއެވެ. އަދި ކޮންމެ އަހަރަކު ޑިސެންބަރު 10 ވަނަ ދުވަހު ފެށޭ އިރުވައި މޫސުމުގައި އޮންނަނީ 9 ނަކަތެވެ. އެއީ މުލަ، ފުރަހަޅަ، އުތުރުހަޅަ، ހުވަން، ދިނަށަ، ހިޔަވިހަ، ފުރަބަދުރުވަ، ފަސްބަދުރުވަ، ރޭވަ އެވެ. ތިރީގައި މިވަނީ މި ހުޅަނގު މޫސުމާއި އިރުވައި މޫސުމުގެ ނަކަތްތައް ފެށޭ ތާރީޚުތަކެވެ.
ހުޅަނގު މޫސުމްގެ ނަކަތްތައް
1- އައްސިދަ (އެޕްރީލް 8 އިން އެޕްރީލް 21 އަށް)
2- ބުރުނު (އެޕްރީލް 22 އިން މެއި 5 އަށް)
3- ކެތި (މެއި 6 އިން މެއި 19 އަށް)
4- ރޯނު (މެއި 20 އިން ޖޫން 2 އަށް)
5- މިއަހެލި (ޖޫން 3 އިން ޖޫން 16 އަށް)
6- އަދަ (ޖޫން 17 އިން ޖޫން 30 އަށް)
7- ފުނޯސް (ޖުލައި 1 އިން ޖުލައި 14 އަށް)
8- ފުސް (ޖުލައި 15 އިން ޖުލައި 28 އަށް)
9- އަހުލިހަ (ޖުލައި 29 އިން އޯގަސްޓް 10 އަށް)
10- މާ (އޯގަސްޓް 11 އިން އޯގަސްޓް 23 އަށް)
11- ފުނަ (އޯގަސްޓް 24 އިން ސެޕްޓެންބަރު 6 އަށް)
12- އުތުރަ (ސެޕްޓެންބަރު 7 އިން ސެޕްޓެންބަރު 20 އަށް)
13- އަތަ (ސެޕްޓެންބަރު 21 އިން އޮކްޓޫބަރު 3 އަށް)
14- ހިތަ (އޮކްޓޫބަރު 4 އިން އޮކްޓޫބަރު 17 އަށް)
15- ހެއި (އޮކްޓޫބަރު 18 އިން އޮކްޓޫބަރު 31 އަށް)
16- ވިހާ (ނޮވެންބަރު 1 އިން ނޮވެންބަރު 13 އަށް)
17- ނޮރަ (ނޮވެންބަރު 14 އިން ނޮވެންބަރު 26 އަށް)
18- ދޮށަ ( ނޮވެންބަރު 27 އިން ޑިސެންބަރު 9 އަށް )
އިރުވައި މޫސުމުގެ ނަކަތްތައް
1- މުލަ (ޑިސެންބަރު 10 އިން ޑިސެންބަރު 22 އަށް)
2- ފުރަހަޅަ (ޑިސެންބަރު 23 އިން ޖަނަވަރީ 5 އަށް)
3- އުތުރުހަޅަ (ޖަނަވަރީ 6 އިން ޖަނަވަރީ 18 އަށް)
4- ހުވަން (ޖަނަވަރީ 19 އިން ޖަނަވަރީ 31 އަށް)
5- ދިނަށަ (ފެބުރުވަރީ 1 އިން ފެބުރުވަރީ 13 އަށް)
6- ހިޔަވިހާ (ފެބުރުވަރީ 14 އިން ފެބުރުވަރީ 26 އަށް)
7- ފުރަބަދުރުވަ (ފެބްރުއަރީ 27 އިން މާޗް 11 އަށް)
8- ފަސްބަދުރުވަ (މާރިޗު 12 އިން މާރިޗު 25 އަށް)
9- ރޭވަ (މާރިޗު 26 އިން އެޕްރީލް 7 އަށް)
* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން



advertisment