Support Us

ކޮލަމް: ރަންދެލި

ކޮލަމް ރަންދެލި: ހިޔަނި އަމްބަރާޠޫރިއްޔަތު

ޢަރަބި ޢިމާރާތް، ނުވަތަ ޔޫ.އޭ.އީގެ ޢާލަމީ ކުލީސިފައިންގެ މެސެނު، ނުވަތަ ދައުލަތުން ސްޕޮންސަރކޮށްގެން ހަމަނުޖެހުން ހިންގާ ނެޓްވޯކަކީ، ކޮންމެހެން ދުނިޔެއަށް ބޭނުންވާ ސަލާމަތީ ކިއާނެއް ހެއްޔެވެ؟ ސޫދާނުން ފެށިގެން ޣައްޒާއާ ހަމައަށް ދަމާލައިފައިވާ ބާރުތަކުގެ ނެޓްވޯކާއި، ފައިދާއާއި ހަމަނުޖެހުންތަކުގެ ސަބަބުން އާޚިރުގައި އެންމެ ބޮޑު އަގެއް ދައްކަން ޖެހެނީ އާންމު ރައްޔިތުންނަށެވެ. ދައުލަތަކުން ސްޕޮންސަރ ކޮށްގެން ހިންގާ ކުލީ ސިފައިން ނެޓްވޯކެއް ކަމަށްވާ، ޢަރަބި ޢިމާރާތުގެ ހިޔަނި އަމްބަރާޠޫރިއްޔަތަށް މަރުހަބާއެވެ.

މިއީ "ދަ ކްރެޑްލް" ކިޔާ ނޫހެއްގެ ތަޙުޤީޤީ ނޫސްވެރިއެއް ކަމަށްވާ މަވާދާ އިސްކަންދަރުގެ ދިރާސާއެކެވެ. މި ތަޙުޤީޤުން ހާމަކޮށްދޭ ގޮތުގައި، ޢިމާރާތަކީ ފުރިހަމަ ސިނާޢަތެއްގެ ގޮތުގައި، ދައުލަތުން ސްޕޮންސަރކޮށްގެން ސިއްރު ހަނގުރާމަތަކުގައި ބައިވެރިވާ ކުލީ ސިފައިންގެ އަމްބަރާޠޫރިއްޔަތެކެވެ. ޔަމަނުން ފެށިގެން ޣައްޒާއާ ހަމައަށް، މިއީ ހަމައެކަނި އަޚުލާޤުން އެއްކިބާވެފައިވާ މުމައްސިލުންނެއް ނޫނެވެ. މިއީ ޖިއޮޕޮލިޓިކަލް ފައިދާއަށް މުއްސަނދިކަން ހަތިޔާރުގެ ގޮތުގައި ބޭނުންކޮށްގެން، ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ނިވަލުގައި ތިބެ، ޖަވާބުދާރީވުމާ މެދު ސުވާލު އުފައްދާ، ނިކަން ރަނގަޅަށް ހިސާބު ޖަހައިގެން ހިންގާ ބޮޑު މާލީ ވިޔަފާރިއެކެވެ.

ޢިރާޤުގައި ހިންގި ހަނގުރާމައިގެ ޖަރީމާތަކުގެ ތަޙުޤީޤަށް ފިލައިގެން "ބްލެކްވޯޓާރ"ގެ އެރިކް ޕްރިންސް، 2010 ވަނަ އަހަރު އަބޫދާބީއަށް ބަދަލުވިއެވެ. އަދި ވަލީޢަހުދު މުހައްމަދު ބިން ޒައިދުގެ ތާއީދާއެކު ރިފްލެކްސް ރެސްޕޮންސް (އާރު 2) ލޯންޗުކުރިއެވެ. ނިއުޔޯކް ޓައިމްސްއާއި، ބަޒްފީޑުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކުލީސިފައިން ތަމްރީނުކުރުމަށް ޢިމާރާތުން 529 މިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއް، ބްލެކްވޯޓަރއަށް ދީފައިވެއެވެ. އޭގެއިތުރުން، އެއްވެސް ވަރަކަށް ފާރަލައި ނުބެލޭނޭ ގޮތަށް، ނާޖާއިޒު މާލީ މުޢާމަލާތްތައް ހިންގާ، މަނީލޯންޑަރ ކުރެވޭނެ ގޮތްތަކާއި، ޤާނޫނީ ހިމާޔަތާއި، ބާރުވެސް ޢިމާރާތުން، ބްލެކްވޯޓަރަށް ދީފައިވެއެވެ.

ބަޒްފީޑުން 2018ގައި ހާމަކޮށްފައިވާ ގޮތުގައި ވަކިވަކި މީހުންނަށް އަމާޒުކޮށްގެން މީހުން މެރުމަށްޓަކައި ކޮލަމްބިއާ، ޗިލީ، އަދި އެލްސަލްވަޑޯގެ އެތައް ސަތޭކަ ކުލީ ސިފައިން، ޔަމަނުގެ ދުރު ސަރަޙައްދުތަކަށް، ޢިމާރާތުން ފޮނުވާފައިވެއެވެ. ޢިމާރާތުން އެމީހުންގެ ނުފޫޒު ޔަމަނުގައި ދަމަހައްޓަނީ އެގައުމުގެ ސެކިއުރިޓީ ބެލްޓުގައި ހިމެނޭ ބާރުތަކުގެ ތެރެއިންނެވެ. ޢިމާރާތުން ކުލީ ސިފައިން ބޭނުންކޮށްގެން ޔަމަނުގައި ހިންގާ ޖަރީމާތަކުގެ ތެރޭގައި އާންމުން ގެއްލުވާލުމާއި، ވަގަށް ނެގުމާއި، އަނިޔާކުރުން ހިމެނެއެވެ. ސްޓެލައިޓް ތަސްވީރުތަކުން ދައްކާ ގޮތުގައި، އަބްދު އަލް ކޫރީ ޖަޒީރާގައި، ޢިމާރާތުން ދަނީ، އައު އަސްކަރީ ބިނާރުތަކެއް ހަދަމުންނެވެ. މިއީ ބާބް އަލް މަންދިބް ކަނޑުއޮޅި ކޮންޓްރޯލް ކުރުމަށްޓަކައި ހިންގާ ވަރަށް އިސްތިރާޖީ މިޝަންއެކެވެ.

އދ.ގެ ރިޕޯޓްތަކުން ކަށަވަރުވާ ގޮތުގައި، ޢަރަބި ޢިމާރާތުން ވަނީ "ރެޕިޑް ސަޕޯޓް ފޯސް" ކިޔާ ސޫދާނުގެ ހަނގުރާމަވެރި ޖަމާޢަތަކާ ގުޅިގެން ސޫދާނުގައި ހަމަނުޖެހުން ހިންގާފައެވެ. ސޫދާނުގެ އަލްފާޝިރު ކައިރިއަށް ވެއްޓުނު ޢިމާރާތުގެ މަތިންދާބޯޓަކުން، ކޮލަމްބިއާގެ 40 ކުލީ ސިފައިން ފެނިފައިވެއެވެ. މި ކުލީ ސިފައިންނާއި، ހަތިޔާރާއި އަދި ޑްރޯންތައް ސޫދާނަށް އެތެރެކޮށްފައިވަނީ ސޯމާލިއާއާއި ޗާޑު މެދުވެރިކޮށެވެ. ސޫދާނުގެ ހަނގުރާމައަށް ތެޔޮ އަޅައި ހަނގުރާމައިގެ އަލިފާންގަނޑު ނިވުނަނުދީ ހިފަހައްޓާ ބަޔަކީ ޢިމާރާތުން ސްޕޮންސަރކޮށްގެން، އެތަނަށް ފޮނުވާފައިވާ ކުލީ ސިފައިންނެވެ. ސީދާ ޢިމާރާތުގެ އެކިއެކި ވިޔަފާރި ކުންފުނިތައް ބޭނުންކޮށްގެން ސޫދާނުގެ ރެޕިޑް ސަޕޯޓް ފޯސްއަށް ފައިސާ ފޯރުކޮށްދެނީވެސް ޢިމާރާތުންނެވެ.

އެގޮތުން، އަލްޖީރިއާއި، މިސްރާއި، އެންގޯލާއާއި، ކޮންގޯއާއި، ޑީއާރުސީއާއި، ގިނީއާއި، ސެނެގާލާއި، ކެންޔާއާއި، މޮޒެމްބިކާއި، ޓެންޒޭނިއާއާއި، މޮރޮކޯއާއި، ނައިޖީރިއާއާއި، ރުވާންޑާއާއި އަދި ދެކުނު އެފްރިކާގައި ބަނދަރުތަކާއި، ޑްރައި ހަބްތަކާއި ލޮޖިސްޓިކްސް ސެންޓަރުތައް މެދުވެރިކޮށް، ހަތިޔާރާއި، ހަތިޔާރު އެޅި ޖަމާޢަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.

ޗާޑާއި، މިސްރާއި، ދެކުނު ސޫދާނާއި އަދި ޔޫގަންޑާގެ ނެޓްވޯކްތައް މެދުވެރިކޮށްގެން 2022 ވަނަ އަހަރު އެކަނިވެސް 39 ޓަނުގެ ޚާލިސް ރަން، ޢިމާރާތަށް ސުމަގުލް ކޮށްފައިވެއެވެ. އެއީ ގާތްގަނޑަކަށް ދެ ބިލިއަން ޑޮލަރުގެ، އަގު ހުރި ރަނެވެ.

ޢިމާރާތުން، ދުނިޔޭގެ ވިޔަފާރީގެ މަގުތައްވެސް ވަރަށް ބޮޑަށް ނާޖާއިޒު ގޮތުގައި ބޭނުން ކުރެއެވެ. ހަތިޔާރުއެޅި ޖަމާޢަތްތަކަށް އަސްކަރީ ތަމްރީނުދިނުމާއި، ހަތިޔާރު ފޯރުކޮށްދިނުމާއި، އެފަދަ ޖަމާޢަތްތައް ދުނިޔޭގެ އެކި ތަންތަނަށް ފޮނުވާފައިވެއެވެ. ޢިމާރާތުން ޗާޑާއި، އެރިތުރިއާއާއި، ލީބިޔާއާއި، ސޯމާލިއާއާއި، ޕެންޓްލޭންޑް އަދި ސޯމާލިލޭންޑްގައި ކުލީ ސިފައިންގެ އަސްކަރީ މަރުކަޒުތައް ގާއިމްކޮށްފައިވެއެވެ. ލީބިޔާގައި ހަރަކާތްތެރިވާ ޚަލީފާ ހަފްތާރުގެ ހަތިޔާރުއެޅި ޖަމާޢަތަށް ތާއީދުކޮށް، އެހީތެރިކަން ފޯރުކޮށްދީ ހަދަނީވެސް ޢިމާރާތުންނެވެ. އިތިއޮޕިއާގައި ހިނގި ޓިގްރޭ ހަނގުރާމަ ފަދަ ހަމަނުޖެހުންތަކުގެ ތެރެއަށް ޢިމާރާތުން ސީދާ ވަދެފައިވެއެވެ.

ޣައްޒާގައި ހިންގާ ނަސްލުހޭދައިގައި ޢިމާރާތުން މަސައްކަތް ކުރަނީ އިޒުރޭލާއި އަތާއި އަތް ގުޅައިގެންނެވެ. އިޒުރޭލުގެ ދިފާޢުގައި މަސައްކަތް ކުރުމަށް ހަތިޔާރުއެޅި ގޭންގުތައް އޮޕަރޭޓްކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެނީ ޢިމާރާތުންނެވެ. އެގޮތުން، އައިއެސްއާ ގުޅުން ހުރި ކުށްވެރިޔާ ޔާސިރު އަބޫ ޝަބާބުގެ ހަތިޔާރު އެޅި ގޭންގު، އިޒުރޭލުގެ ހިމާޔަތާއެކު ޣައްޒާގައި ހަރަކާތްތެރިވެއެވެ. އަބޫ ޝަބާބުގެ ހަތިޔާރުއެޅި ޖަމާޢަތުން ފަލަސްޠީނަށްދޭ އިންސާނީ އެހީގެ ސާމާނު ފޭރިގަތުމުން، އިޒުރޭލުން އެކަން އަޅުވަނީ ފަލަސްތީނުގެ ދިފާޢުގައި ޖިހާދުކުރާ މީހުންގެ ބޮލުގައެވެ.

ފަލަސްޠީނުގެ ޣައްޒާގައި މުސްލިމުންނާއި ދެކޮޅަށް ހިންގާ ނަސްލުހޭދައިގައި، އިޒުރޭލުގެ ވަޙުޝީ އަސްކަރީ ސިފައިންނާއެކު ހަނގުރާމަ ކުރުމަށް އެފްރީކާއިން ކުލީ ސިފައިން ފޮނުވުމާއި އަދ އެމީހުންނަށް ހިނގާ ހުރިހާ ޚަރަދެއް ޢިމާރާތުން ހަމަޖައްސާ ދީފައިވެއެވެ. ޣައްޒާގެ ހަނގުރާމައަށް ފަހު ކަންކަން ކުރުމަށް ރާވާފައިވާ ރޭވުންތައް ލޮލުން ދެކެފައިވާ މީހުންނާއި ޙަވާލާދީ، ދަ ކްރެޑުލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޢިމާރާތީ ޢަރަބި ބަހުން ތަޙުޤީޤުތައް ހިންގައި، މީހުންނާއި ސުވާލުކުރާނެ މީހުންނާއި އަދި އިޒުރޭލާއި ޢިމާރާތުގެ ދިދަޖެހި އަސްކަރީ ޓޭންކުތައްވެސް ޣައްޒާގާއި ޙަރަކާތްތެރިވާނެއެވެ.

ނިއުޔޯކް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހެއިޓީގެ ޕްރިންސްގެ ނަމުން މަޝްހޫރު، ޖެކް ވިކްޓަރ ހެންރީގެ ކުންފުންޏެއް ކަމަށްވާ، ވެކްޓަސް ގްލޯބަލްއާއެކު 200 ކުލީ ސިފައިން، 10 އަހަރުގެ މުއްދަތަށް ފޯރުކޮށް ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. އަދި ކުލީ ސިފައިން ލައްވާ ހެއިޓީގެ ސަރުކާރާއި މެދު ނަފުރަތު އުފައްދައި، ހެއިޓީގެ މިނިވަންކަމާއި އިސްތިގުލާލު ނަގާލުމުގެ މަސައްކަތް ކުރުން ހިމެނެއެވެ.

މިހުރިހާ ކަމެއްގެ ބޮޑު މަންޒަރު އެބަ ސިފަކުރެވޭތޯއެވެ. ޢިމާރާތުގެ ޝެއިޚު މުޙައްމަދުގެ ގަނޑުވަރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ނަމުގައި ފެށުނު މި ޙަރަކާތް، މިހާރުވަނީ ކެންސަރެއްހެން މުޅި ދުނިޔެއަށް ފެތުރި، ދުނިޔޭގައި އަނިޔާވެރިކަމާއި، ހަމަނުޖެހުން ހިންގާ މެސެނެކަށް ބަދަލުވެފައެވެ. ޢިމާރާތުގެ ތެލުގެ މުއްސަދިކަމުން ލިބޭ ފައިސާއިން ފަންޑުކޮށްގެން އިޒުރޭލާއި ގުޅިގެން ޢިމާރާތުން ހިންގާ މި ޢާލަމީ ޢުދުވާނުގައި، އެމީހުންނާއި ޚިޔާލުތަފާތުވާ ޤައުމުތަކާއި ޖަމާޢަތްތައް ފުނޑުފުނޑުކޮށް ނައްތާލައި، ވާދަވެރިންގެ ތެރޭގައި ހަމަނުޖެހުން ހިންގުން ހިމެނެއެވެ. މި ޣައިރު ޤާނޫނީ މުއައްސަސާ، އެހެން މީހުންނަށް ވިއްކަނީ، އެއީ "ސަރަހައްދީ ހަމަޖެހުމަށް" ކުރާ ކަމެއްގެ ގޮތުގައެވެ. އެކަމަކު، މިއީ ކުލީ ސިފައިން އައުޓްސޯސް ކުރުން ނޫން ކޮން ކަމެއް ހެއްޔެވެ؟ ނުވަތަ މިއީ ޒަމާނީ އިސްތިއުމާރީ ލަޝްކަރެއް ނޫން ހެއްޔެވެ؟

ކުލީ ސިފައިންގެ އޮޕަރޭޓްކުރުމުގައި ޢިމާރާތުން އަދާކުރާ މުހިންމު ރޯލުގެ ސަބަބުން އެމީހުންގެ ރަހުމުކުޑަ އެޖެންޑާ މިވަނީ މުޅި ދުނިޔެއަށް ހާމަވެފައެވެ. ނަމަވެސް ޢާލަމީގޮތެއްގައި އެއްވެސް ޤައުމަކުން މިކަމާ ދެކޮޅަށް މިހާތަނަށް އެއްވެސް އެއްޗެއް ބުނެ، ދެކޮޅުހަދާފައި ނުވާތީ ޖަވާބުދާރީކުރުވުން މިވަނީ ދަތިވެފައެވެ. ރަސްމީކޮށް އެންމެން ހަނުތިބުމުގެ ސަބަބުން، މިކަމުގެ އަޑުތައް ވަނީ ހިނދިފައެވެ. މިއީ ސަލާމަތީ ބޭނުމަށް ހިންގާ ކުލީ ސިފައިންގެ ނެޓްވޯކެއް ހެއްޔެވެ؟ ނުވަތަ އެއްވެސް ފަރާތަކުން އަޅާނުލައި ދޫކޮށްލާފައިވާ ސާމުރާޖިއްޔަތެއް ހެއްޔެވެ؟

ޢިމާރާތުގެ ކުލީ ސިފައިންގެ ނެޓްވޯކަކީ ސަރަހައްދީ ސަލާމަތާއި އިރުހާބިއްޔަތާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ނަމުގައި އުފައްދައި، ދުނިޔޭގައި އަދި ވަކިން ޚާއްސަކޮށް ޢަރަބި އިސްލާމީ ޤައުމުތައް ފަނާކުރުމަށް ބޭނުންކުރާ ނެޓްވޯކެކެވެ. ޢިމާރާތަށް ހަނގުރާމައާއި، ބަނޑުހައި ހޫނުކަމާއި ހަމަނުޖެހުންތަކުން ފައިދާ ލިބޭއިރު، ހުޅަނގުގެ ގައުމުތަކުން މިކަމަށް ލޯމަރާލައިގެން ތިބުމުގެ ސަބަބުން، ހުރިހާ ވޭނަކާއި ތަކުލީފެއް ތަހައްމަލުކުރަން ޖެހިފައިވަނީ ނިކަމެތި އާންމު ފަރުދުންނަށެވެ. މިއީ ހަނގުރާމައިގެ ޖަރީމާތަކާއި، ދުނިޔޭގައި ހަމަނުޖެހުން ހިންގާ، އެކަންކަމުން ނާޖާއިޒު ފައިދާ ނެގުމަށް ހިންގާ ޝައިޠާނީ ވިޔަފާރިއެކެވެ.