އުޒުބެކިސްތާނުގެ ސަމަރުޤަންދަކީ، މިސްކިތްތަކާއި ބޮޑެތި މަޤުބަރާތަކުގެ ސަބަބުން ވަރަށް މަޝްހޫރު ސަހަރެކެވެ. ސަމަރުޤަންދު އޮންނަނީ ސީނުކަރައާއި މެދުތެރޭ ކަނޑު ގުޅުވައިދޭ ޤަދީމީ ވިޔަފާރީގެ މަގެއް ކަމަށްވާ ފަށުވި މަގު ނުވަތަ ސިލްކު ރޯޑުގައެވެ. އުޒުބެކިސްތާނުގެ ބުޚާރާއަކީ، މި އުއްމަތުގެ އެންމެ ބޮޑު މުޙައްދިސް ކަމަށްވާ، އިމާމު ބުޚާރީގެ އުފަން ސަހަރެވެ.
ސަމަރުޤަންދުން ދަތުރުކޮށްފައި އައި ޤާޞިދަކު ބޭނުންވީ އިސްލާމީ ޚިލާފަތުގެ ޚަލީފާ ޢުމަރު ބިން ޢަބްދުލްޢަޒީޒާ ބައްދަލުކުރުމަށެވެ. އޭނާގެ އަތުގައި ސަމަރުޤަންދުގެ ނަސާރާ ފައްޅީގެ އެންމެ ބޮޑު ފާދިރީ، މުސްލިމުންގެ ލަޝްކަރުގެ ކޮމާންޑަރު ޤުޠައިބާ ބިން މުސްލިމާ ދެކޮޅަށް ލިޔުއްވާފައިވާ ޝަކުވާގެ ސިޓީއެއް އޮތެވެ.
ސަމަރުޤަންދުގެ އެންމެ ބޮޑު ފާދިރީ، އިސްލާމީ އުއްމަތުގެ ޚަލީފާ ޢުމަރު ބިން ޢަބްދުލްޢަޒީޒަށް ލިޔުއްވި ސިޓީގައި ބަޔާންކޮށްފައިވެއެވެ.
"އަޅުގަނޑުމެންނަށް ކުރިން އަޑުއިވިފައި އޮތީ މުސްލިމުން، ބަޔަކާ ހަނގުރާމަ ފެށުމުގެ ކުރިން، އެބަޔަކަށް އިސްލާމްދީން ގަބޫލުކުރުމަށް ދަޢުވަތުދޭ ވާހަކައެވެ. އެ ދަޢުވަތު ގަބޫލު ނުކޮށްފިނަމަ، ދެން އޮންނަނީ ޖިޒުޔަ ދިނުމަށް އެބަޔަކަށް އެންގުމެވެ. މި ދެ ޝަރުތުވެސް ގަބޫލުކުރަން، އެބަޔަކު ދެކޮޅު ހަދައިފިނަމަ ދެން އޮންނަނީ ހަނގުރާމައަށް ތައްޔާރުވުމެވެ. އެކަމަކު، މިއިން އެއްވެސް ފުރުޞަތެއް އަޅުގަނޑުމެންނަށް ނުދެއްވައި ރެއިންރެއަށް އިސްލާމީ ލަޝްކަރުން، އަޅުގަނޑުމެންގެ ރަށް ފަތަޙަ ކުރައްވައިފިއެވެ."
ޤާޞިދު، ދިމިޝްޤުގެ އަހުލުވެރިންގެ ކިބައިން ޚަލީފާ ދިރިއުޅުއްވާ ގަނޑުވަރާ ބެހޭގޮތުން ސުވާލުކޮށް، އެމީހުން ދެއްކި މަގުން ކުރިއަށް ގޮސް، އޭނާއަށް ދެވުނީ ވަރަށް ކުޑަ އަދި ވީރާނާވެފައިވާ ގެއަކަށެވެ. އެ ގޭގެ ފާރުގައި ހަރުކޮށްފައިވާ ސިޑިއަކުން ފިރިހެނަކު ފުރާޅަށް އަރައި ފުރާޅު މަރާމާތު ކުރަމުން ދިޔައިރު، ތިރީގައި ހުރި އަންހެނަކު އެ މީހާއަށް އެހީތެރިވުމުގެ ގޮތުން ކިސަޑުތަކެއް އޭނާއާ ހަވާލުކުރަމުން ދިޔައެވެ.
އޭނާ އައި މަގުން އެނބުރި ފަހަތަށް ގޮސް އޭނާއަށް މަގު ދައްކައިދިން މީހުންނާ ހަމައަށް ދެވުމުން ބުންޏެވެ. "އަހުރެން ކަލޭމެން ގާތުން އޮޅުންފިލުވީ، އިސްލާމީ ދައުލަތުގެ ޚަލީފާ އުޅުއްވާ ގަނޑުވަރާ ބެހޭގޮތުންނެވެ. ގޭގެ ފުރާޅު ހަލާކުވެފައިވާ ނިކަމެތި ޢާއިލާއެއް އުޅޭ ގެޔަކާ ބެހޭ ގޮތަކުން ނޫނެވެ."
އެވަގުތު އެމީހުން ބުންޏެވެ. "އަހުރެމެން ކިޔައިދިނީ ރަނގަޅަށެވެ. އެއީ އަޅުގަނޑުމެންގެ ޚަލީފާ ޢުމަރު ބިން ޢަބްދުލްޢަޒީޒު އުޅުއްވާ ގެކޮޅެވެ."
އެ ޤާޞިދު މާޔޫސްވެ، ހިތްދަތިވެފައިވާ ހާލު އެނބުރި ހަމަ އެ ގެއަށް ގޮސް، ގޭގެ ދޮރުގައި ޓަކި ޖެހިއެވެ. އެ ގޭތެރެއިން ނުކުތީ، އޭގެ ކުޑަ އިރުކޮޅެއް ކުރިން ފުރާޅު މަރާމާތު ކުރަން، ފުރާޅުމަތީގައި އޮތް މީހާއެވެ. އެމީހަކީ ދެވަނަ މީހެއް ނޫނެވެ. އެއީ ބިޔަ އިސްލާމީ އުއްމަތުގެ ޚަލީފާ ޢުމަރު ބިން ޢަބުދުލް ޢަޒީޒެވެ. އާދެ، މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރު رضي الله عنه ގެ ކާފަ ދަރިކަލުންނެވެ.
ޤާޞިދު ތަޢާރަފުވެ، އޭނާގެ އަތުގައި އޮތް ސިޓީ، ޢުމަރު ބިން ޢަބުދުލް ޢަޒީޒު އަތްޕުޅަށް އެރުވިއެވެ.
ޢުމަރު ބިން ޢަބްދުލް ޢަޒީޒު އެ ސިޓީ ވިދާޅުވެފައި، އެ ސިޓީގެ ފަހަތުގައި، ސަމަރުޤަންދުގައި ހުންނެވި އެކަލޭގެފާނުގެ ގަވަރުނަރު އަދި މުސްލިމުންގެ ލަޝްކަރުގެ ކޮމާންޑަރަށް ލިޔުއްވިއެވެ.
"ފާދިރީގެ ޝަކުވާ އަޑުއައްސަވާނޭ ފަނޑިޔާރަކު އައްޔަން ކުރައްވާށެވެ." އަދި އެ ސިޓީގައި ސިއްކަފުޅު ޖައްސަވައި ޤާޞިދުގެ އަތަށް ސިޓީ އަނބުރާ ދެއްވިއެވެ.
ޤާޞިދު ދަތުރުކޮށްފައި ސަމަރުޤަންދަށް ގޮސް ސިޓީގެ ޖަވާބާއި، ބައްދަލުވުމުގައި ކަން ހިނގި ގޮތުގެ ވާހަކަ ފައްޅީގެ ފާދިރީއަށް ކިޔައިދިނުމުން ފާދިރީ ވަރަށް ބޮޑަށް މާޔޫސްވިއެވެ. އަދި އޭނާ ބުންޏެވެ. މިއީ، މުސްލިމުންގެ އެ ބޮޑު ލަޝްކަރު އަހުރެމެންގެ ސަހަރުން ބޭރުކޮށްލާނެ ސިޓީ ހެއްޔެވެ؟ އެމީހުން ޔަގީންކުރި ގޮތުގައި އެ ކަރުދާސްކޮޅަކީ އެމީހުންނަށް އެއިން އެއްވެސް ފައިދާއެއް ކުރާނެ އެއްޗެއް ނޫނެވެ.
އެކަމަކު، އެނޫން ގޮތެއް ނެތުމުން އަތުގައި އޮތް ސިޓީ ހިފައިގެން ބިރުން ތިބެ، މުސްލިމުންގެ ލަޝްކަރުގެ ކޮމާންޑަރު އަދި ސަމަރުޤަންދުގެ ގަވަރުނަރު ޤުޠައިބާ ބިން މުސްލިމާ ބައްދަލުކުރިއެވެ.
ޤުޠައިބާ، އެ ސިޓީ ކިޔުއްވުމަށްފަހު، ސަމަރުޤަންދުގެ ފާދިރީ، އޭނާއާ ދެކޮޅަށް ކުރާ ޝަކުވާގެ އަޑުއެހުމަށް ވަގުތުން ފަނޑިޔާރަކު އައްޔަން ކުރެއްވިއެވެ.
ފަނޑިޔާރު، ފައްޅީގެ ފާދިރީއާ ސުވާލުކުރެއްވިއެވެ. "ތިޔަބައިމީހުންގެ ދަޢުވާއަކީ ކޮބައިތޯއެވެ؟"
ފާދިރީ ދެންނެވިއެވެ. "ޢިއްޒަތްތެރި ފަނޑިޔާރެވެ. ޤުޠައިބާ، އަޅުގަނޑުމެންނަށް ޙަމަލާދިނީ ކުރިން އެއްވެސް އިންޒާރެއް ދިނުމަކާ ނުލައެވެ. އިސްލާމްދީން ޤަބޫލުކުރުމަށް ދަޢުވަތު ނުދެއްވައި، އަދި އެކަމާ މެދު ވިސްނުމުގެ ފުރުސަތެއްވެސް ނުދެއްވައެވެ."
ފަނޑިޔާރު ޤުޠައިބާއަށް ބައްލަވާ ލައްވަމުން ވިދާޅުވިއެވެ. "މި ދަޢުވާއާ މެދު ކަލޭ ބުނަނީ ކީކޭ ހެއްޔެވެ؟"
ޤުޠައިބާ ވިދާޅުވިއެވެ. "ޢިއްޒަތްތެރި ފަނޑިޔާރެވެ. ހަނގުރާމައަކީ އަބަދުވެސް އޭގައި އޮޅުވާލުމާއި މަކަރު އެކުލެވޭ ކަމެކެވެ. ސަމަރުޤަންދަކީ ބޮޑު ސަހަރެކެވެ. އެ ސަހަރުގެ ވަށައިގެންވާ ކުދިކުދި ރަށްތަކުގެ އަހުލުވެރިންވެސް އަޅުގަނޑުމެންގެ އެއްވެސް ޝަރުޠެއް ޤަބޫލުކޮށްފައި ނުވާތީ، އަޅުގަނޑުމެން ހަނގުރާމަ އިސްކުރީއެވެ."
"ސަމަރުޤަންދުގެ ބިންތައް އެއަށްވުރެ ފެހިވެފައި ބާރުވެސް ގަދައެވެ. އަޅުގަނޑުމެންނަށް ފުރިހަމައަށް ޔަޤީންކުރެވުނީ މި ސަހަރުގެ މީހުންވެސް އިސްކަންދޭނީ ހަނގުރާމަ ކުރުމަށް ކަމަށެވެ. އެހެންކަމުން، އަޅުގަނޑުމެންނަށް ލިބުނު ފުރުޞަތުގެ ބޭނުން ހިފައި ސަމަރުޤަންދު ފަތަޙަކުރީއެވެ."
ޤުތައިބާގެ ވާހަކަފުޅަށް އެއްވެސް އެއްޗެއް ވިދާޅުނުވެ އަނެއްކާވެސް ފަނޑިޔާރު ސުވާލުކުރެއްވިއެވެ: "ޤުޠައިބާއެވެ. އަޅުގަނޑު ސުވާލަށް ޖަވާބު ދޭށެވެ. އިސްލާމްދީން ޤަބޫލުކުރުމަށް، ޖިޒުޔަ ދެއްކުމަށް، ނުވަތަ ހަނގުރާމަ ކުރުމަށް، މި ސަހަރުގެ އަހުލުވެރިންނަށް ދަޢުވަތު ދިނިން ހެއްޔެވެ؟"
ޤުޠައިބާ ވިދާޅުވިއެވެ. "ނޫން! އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެންނަށް ލިބުނު ފުރުޞަތުގެ ބޭނުން ހިފީއެވެ."
ފަނޑިޔާރު ވިދާޅުވިއެވެ. "އަޅުގަނޑަށް ފެންނަނީ ޤުޠައިބާއަށް ހެދުނު ގޯހަށް އިޢުތިރާފުވާތަނެވެ. އެހެންވީމާ، މި މައްސަލާގައި ފަނޑިޔާރުގެއިން ކުރާނެ އިތުރު މަސައްކަތެއް ނެތެވެ."
"الله މި ދީނަށް ނަޞްރާއި މަތިވެރިކަން ދެއްވީ ހަމައެކަނި ޢަދުލުވެރިކަމާއި އިންސާފުގެ ސަބަބުންނެވެ. މަކަރާއި، ހީލަތާއެކު ހޯދާ ފުރުޞަތުގެ ސަބަބަކުން ނޫނެވެ. މި މައްސަލާގައި އަޅުގަނޑުގެ ޙުކުމަކީ، އިސްލާމީ ލަޝްކަރުގެ ހުރިހާ ސިފައިންނާއި އޮފިސަރުންނާއި އެމީހުންގެ އަނބިދަރިންނާއި، އެމީހުން ޣަނީމާކުރި ހުރިހާ މުދަލެއް ދޫކޮށް، މިއަދު އިރުއޮއްސުމުގެ ކުރިން ސަމަރުޤަންދުގެ ސަރަޙައްދުން ބޭރުވުމެވެ. އިރު އޮއްސުމަށްފަހު، ސަމަރުޤަންދުގައި އެއްވެސް މުސްލިމަކަށް ނުހުރެވޭނެއެވެ."
"އަނެއްކާ ދެވަނަ ފަހަރަށް މިތަނަށް އަންނަ ކަމުގައި ވަނީ ނަމަ، ކުރިން އެންގުމަކާ ނުލައި ނުވަތަ ޝަރުޠުތައް ކުރިމަތިނުކޮށް، އަދި އެކަމާމެދު ވިސްނަން ތިން ދުވަހުގެ މުހުލަތެއް ނުދީ އައިސްގެން ނުވާނެއެވެ."
ފާދިރީގެ ކުރިމަތީގައި ނިއުޅެމުން ފެންނަމުން އަދި އަޑު އިވެމުން ދިޔައީ، އޭނާއަށް ޤަބޫލުކުރަން ދަތި މަންޒަރުތަކާއި އަޑުތަކެވެ. ފަނޑިޔާރުގެ އެންމެފަހުގެ ނިންމެވުމަށްފަހު، ދެތިން ގަޑިއިރުގެ ތެރޭގައި މުސްލިމުންގެ ބާރުގަދަ، ބިޔަ ބޮޑު ލަޝްކަރު ޤާފިލާއަކަށްފަހު ޤާފިލާއެއް އެ ސަހަރުން ނިކުމެގެން ދިޔައެވެ.
ބާރުގަދަ ލަޝްކަރަކުން ފަތަޙަ ކުރި ޤައުމެއް، އެ ޤައުމުގެ ބަލިކަށި ރައްޔިތުންނަށް މިނިވަން ޤައުމެއްގެ ގޮތުގައި އަލުން ލިބިގެން ދިއުމަކީ، ސަމަރުޤަންދުގެ ތާރީޚުގައި އެމީހުން ދުވަހަކުވެސް ދެކެފައިވާ ކަމެއް ނޫނެވެ.
އޮއްސެމުން ދިޔަ އިރުގެ ފަނޑު އަލީގައި އެއީ ކޮންފަދަ މަތިވެރި ދީނެއްތޯ އާއި، އެ ދީނުގެ އަހުލުވެރިންނަކީ ކޮންފަދަ އީމާންތެރި ޢަދުލުވެރި ބައެއްތޯ، އެއްބަޔަކު އަނެއްބަޔަކާ ވާހަކަ ދައްކައި މަޝްވަރާ ކުރަން ފެށިއެވެ. އަދި އެ ދީނުގެ އަހުލުވެރިންގެ އިންސާފުގެ މަތިވެރިކަން ހުރި މިންވަރަކީ، އެބައިމީހުންގެ އަމިއްލަ ލަޝްކަރާ ދެކޮޅަށް ޙުކުމް ކުރުމެވެ. އަދި އިސްލާމީ ލަޝްކަރުގެ ބާރުގަދަ ކޮމާންޑަރު، ފަނޑިޔާރުގެ ނިންމުމަށް ބޯލަނބައި ކިޔަމަންވެ، ޙުކުމް ތަންފީޒު ކުރިކުރުން، ވެގެންދިޔައީ، އެ ސަހަރުގެ މީހުން އިސްލާމްދީނާ މެދު އެމީހުންގެ ތަސައްވުރު ބަދަލުކޮށްލި ސަބަބަކަށެވެ.
މުސްލިމުންގެ ޢަދުލުވެރިކަން ފެނި ފާދިރީންވެސް ތިބީ ހައިރާންވެފައެވެ. މުސްލިމުންގެ ޢަމަލުތަކުން "އެމީހުންގެ ދީނަކީ ރަނގަޅު ދީނެއްކަން" ސާބިތުވާ ކަމަށް ވެސް ފާދިރީންގެ ތެރެއިން އެކަކު ބުންޏެވެ. ތާރީޚު ހެކިދޭ ގޮތުގައި، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މުޅި ސަހަރުގެ އެންމެން ގޯތި ގެދޮރުން ނުކުމެ، އިސްލާމީ ލަޝްކަރުގެ ފަހަތުން ރަށްބޭރަށް ނިކުމެ، އެލަޝްކަރާ ބައްދަލުކޮށް، "لأله الله محمد رسول الله" މި މަތިވެރި ކަލިމަ ކިޔައި އިސްލާމް ވެއްޖެއެވެ. ފާދިރީންގެ އެންމެންވެސް އިސްލާމްދީން ޤަބޫލުކޮށް، الله ނޫން އެހެން އިލާހެއް ނެތްކަމާއި މުޙައްމަދުގެފާނަކީ އެކަލާނގެ ރަސޫލާކަން އިޢުލާންކުރިއެވެ. އަދި މުސްލިމުންގެ ވެރިކަމާއި، މުސްލިމުންގެ ދަށުގައި ތިބުމަކީ ޝަރަފެއް ކަމަށް، އެމީހުން ދެކޭ ކަމަށް ބުނެ، އެ ލަޝްކަރު އަނބުރާ ގެންދިޔައެވެ.
މި ވާހަކައަކީ، ދުނިޔޭގެ ތާރީޚުގައި ޢަދުލުވެރިކަމުގެ އެންމެ ވަރުގަދަ މިސާލުގެ ގޮތުގައި ބެލެވޭ އެއް ވާހަކައެކެވެ. އެއް އިރެއްގައި، އިސްލާމީ އުއްމަތަކީ ޢަދުލު އިންސާފާއި ޢިލްމާއި ތަރައްޤީއާއި ތަހުޒީބުގެ އަލިގަދަ ދަންމަރެވެ. އެކަމަކު، މިއަދު މުސްލިމުންނަށް މުސްލިމުންގެ ކިބައިންވެސް އަމާންކަމާއި ސަލާމަތާއި ރައްކާތެރިކަމެއް ނެތެވެ. ޣައިރު މުސްލިމުންގެ ވާހަކަ ދެއްކޭނީ އޭގެ ފަހުންތާއެވެ!

