އެ ބިމަކާ މެދު، ރަޝިޔާއާއި ޔޫކުރޭނުން ދެބަސްވެރިވެ، އެ ބިމަކަށްޓަކައި ހަނގުރާމަ ކުރަމުންދާ ކްރައިމިއާގެ ބިމަކީ، އެ ދެބައިމީހުންނާ އެއްވެސް ގުޅުމެއް ނެތް ތަނެއްކަން އެނގޭ ހެއްޔެވެ؟ އެއާ ޚިލާފަށް، އެއީ މުސްލިމުންގެ އަތުން ފޭރިގެންފައިވާ ބިމެކެވެ. އެއީ އެބިމުގެ ދިފާޢުގައި އެތައް މުސްލިމު މުޖާހިދުންނެއްގެ ލޭ، އެ ބިމަށް އޮހޮރިފައިވާ އަދި އެމީހުންގެ ލެޔާއި ދާއޮހޮރުވައިގެން ދިފާޢުކޮށް އެތައް ޤަރުނެއް ވަންދެން އެމީހުން ދިރިއުޅެމުން ދިޔަ ބިމެކެވެ. އެ ބިމުގައި މިސްކިތްތައް ހަދައި، ތައުޙީދުގެ މަތިވެރި ކަލިމައިގެ އަޑު އިއްވައި، ކީރިތި ޤުރުއާން ކިޔަވައި، އުނގަންނައިދެމުން ދިޔަ ބިމެކެވެ.
މުސްލިމުންނާއި ކްރައިމިއާއާ ދެމެދު، އެންމެ ފުރަތަމަ ގުޅުން އުފެދުނީ ހިޖުރައިން ފުރަތަމަ ޤަރުނުގައި، މީލާދީން 1400 ވަނަ އަހަރު، އުމަވީ ޚަލީފާ، އަދި އަރުމީނިއާ އާއި އާޒަރުބައިޖާނުގެ ގަވަރުނަރު، ކަޅު ކަނޑުގެ އުތުރުގައިވާ ޚަޒާރު ބިންތައް ފަތަޙަކުރުމުގެ ކެމްޕޭނުގެ ތެރެއިން، އެ ސަރަހައްދަށް ޝެހެޒާދާ ސަޢީދު ބިން އަބްދުލް މަލިކު ފޮނުއްވެވި ހިސާބުންނެވެ. މި ދަތުރުފުޅަކީ އިސްލާމްދީނުގެ ދިދަ، އެ ސަރަޙައްދަށް އެންމެ ފުރަތަމަ ގެންދިޔަ ދަތުރުފުޅެވެ.
ނަމަވެސް ކްރައިމިއާގައި އިސްލާމްދީން މޫލައި ހެދެން ފެށީ ހިޖުރައިން ހަތްވަނަ ޤަރުނުގައި، މީލާދީން 13 ވަނަ ޤަރުނުގެ ތެރޭގައި ޚުރާސާނާއި މުސްލިމު ބިންތަކުން، އިސްލާމްދީން ފެތުރުއްވުމަށް އެ ސަރަހައްދަށް ޒިޔާރަތްކުރި މުސްލިމު ދާއީންނާއި ޢިލްމުވެރިންގެ ދަޢުވަތަށް މޮންގޯލް ތަތާރުން އިސްލާމްދީން ޤަބޫލުކުރި ހިސާބުންނެވެ. ގޯލްޑަން ހޯޑޭ ނުވަތަ "މަތިވެރި ދައުލަތު"ގެ ނަމުގައި، ކްރައިމިއާގައި އިސްލާމީ ދައުލަތެއް ޤާއިމުކުރީ މީލާދީން 15ވަނަ ޤަރުނުގެ ތެރޭގައެވެ. ގާތްގަނޑަކަށް ހަތަރު ޤަރުނު ވަންދެން ކްރައިމިއާގައި އެމީހުން ވެރިކަން ކުރިއެވެ. ކްރައިމިއާގައި ޤާއިމުކުރި އިސްލާމީ ދައުލަތަކީ، ދާޚިލީ މިނިވަންކަން ލިބިފައިވާ އެހެންނަމަވެސް އުސްމާނީ ޚިލާފަތުގެ ދަށުގައިވާ ތަތާރީ އިސްލާމީ ވިލާޔަތެކެވެ.

ކްރައިމިއާގެ އިސްލާމީ ދައުލަތަކީ، އިރުމަތީ ޔޫރަޕްގައި ގާއިމުކުރި ތާތާރީ އިސްލާމީ ދައުލަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ދައުލަތެވެ. އެ ދައުލަތުގެ ވެރިރަށަކީ ބަޚުޝް ސާރޭއެވެ. ބަޚުޝް ސާރޭގެ މާނައަކީ "ބަގީޗާއެއް ފަދަ ގަނޑުވަރު" އެވެ. ކްރައިމިއާގައި މުސްލިމުން ވެރިކަން ކުރި އިރު، އެތަނަކީ އިރުމަތީ ޔޫރަޕްގައިވާ ތަރައްޤީއާއި ތަހުޒީބާއި ތަމައްދުނުގެ ކުރިބޯއްޓެވެ. ސްކޫލްތަކާއި މިސްކިތްތަކާއި ބަގީޗާތަކާއި ގަނޑުވަރުތައް ބިނާކޮށްފައިވާއިރު، އޭގެ ތެރެއިން އެންމެ މަޝްހޫރު އެއް ގަނޑުވަރަކީ މިއަދާ ހަމައަށްވެސް ތާތާރީ އިސްލާމީ މިއުމާރިއްޔަތުގެ ޝަރަފުވެރިކަމުގެ ރަމުޒެއް ކަމަށް ބެލެވޭ "ހާރެމް" ގަނޑުވަރެވެ.
ކްރައިމިއާއަކީ ހަމައެކަނި މިޞްރުގައި ތިބި މަމްލޫކުންނާއި އަދި އުސްމާނީ ޚިލާފަތުގެ ވިޔަފާރީގެ ނުވަތަ އަސްކަރީ މަރުކަޒެއް ގޮތުގައި އޮތް ތަނެއް ނޫނެވެ. އަދި އެއީ މަމްލޫކު ދައުލަތުގެ އެންމެ މުހިންމު އިންސާނީ ވަސީލަތް ވެސް މެއެވެ. މިޞްރުގައި އިސްލާމީ ދައުލަތެއް ޤާއިމުކޮށް، އެ ދައުލަތް އެންމެ މަތީ މަޤާމަށް އުފުލައިދިން ގިނަ މަމްލޫކުންނަކީ ކުޑައިރު ނުވަތަ ޒުވާން ޢުމުރުގައި ކްރައިމިއާއިން ޤާހިރާއަށް ގެންގޮސް ކިޔަވައިދީ، ހެވިކަމާއި ކަނޑި ހަނގުރާމަ ދަސްކޮށްދީ އަސްކަރީ ޤާއިދުންނަށް ހަދައިފައިވާ ބައެކެވެ. އޭގެ ތެރެއިންވެސް އެންމެ މަޝްހޫރު ބަޔަކީ ސަރުކޭޝިއަން އަދި ކޯކޭޝިއަން ނަސްލުގެ މީހުންނެވެ. މި މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު އައިސްފައިވަނީ ކަޅު ކަނޑުގެ ބަނދަރުތަކުންނެވެ. ކަޅުކަނޑުގެ ބަދަރުތަކުގެ ތެރެއިން އެންމެ މުހިންމު އަދި އެންމެ މަޝްހޫރު ބަނދަރަކީ ކްރައިމިއާގެ ކައްފާ ބަނދަރެވެ.
ކްރައިމިއާގެ ވެރިކަމުގެ އެންމެ ބާރުގަދަ ދުވަސްވަރު، ކްރައިމިއާ ވެގެން ދިޔައީ އުސްމާނީ އިސްލާމީ ޚިލާފަތުގެ މުހިންމު ބައެއްގެ ގޮތުގައެވެ. ކްރައިމިއާ އުސްމާނީ ޚިލާފަތުގެ ބައެއް ކަމުގައި ހަމަޖެހިގެން ދިޔައީ 16 ވަނަ ގަރުނުގައި ސުލްޠާން ސަލީމް 1 ގެ ވެރިކަމުގައެވެ. އަދި ކްރައިމިއާއަކީ އުސްމާނީ ޚިލާފަތުގެ އެންމެ މުހިންމު އެއް ވިލާޔަތު ނުވަތަ ޕްރޮވިންސުގެ ގޮތުގައި ހަމަޖެހިގެން ދިޔައެވެ. އެއީ ރަޝިޔާއާއި ޕޮލެންޑާއި ކަޒާކު އަދި އުތުރު ތަނޑީގައިވާ އެހެން ޤައުމުތަކާ ދެކޮޅަށް އުސްމާނީ ޚިލާފަތުގެ ދިފާޢީ ސަލާމަތާއި ރައްކާތެރިކަމާ އެންމެ ގާތުން ގުޅިފައިވާ ވިލާޔަތު ނުވަތަ ޕްރޮވިންސެއް ކަމުގައިވާތީއެވެ.

ކްރައިމިއާގައި ވެރިކަން ކުރީ ތާތާރީ މުސްލިމު ޢާއިލާއެއް ކަމަށްވާ ކަރާއީ ދަރިފަސްކޮޅުންނެވެ. އެ ދަރިފަސްކޮޅުން ބާރުގަދަ އެތައް ވެރިންނެއް ކްރައިމިއާގައި ވެރިކަން ކުރިއެވެ. އޭގެ ތެރެއިން މެންގުލީ ކަރާއީ އަކީ އުސްމާނީ ޚިލާފަތުގައި ކޯކަސް ސަރަޙައްދާއި ކަޅުކަނޑުގެ ވަށައިގެންވާ ޤައުމުތައް ފަތަޙަކުރުމުގައި މުހިންމު ދައުރެއް އަދާކުރި ހިތްވަރު ގަދަ ފަހުލަވާނެކެވެ. އަދި ޣާޒީ ކަރާއީ އަކީ ކްރައިމިއާގައި މިސްކިތްތަކާއި މަދަރުސާތައް ބިނާކުރައްވައި އިރުމަތީ ޔޫރަޕްގައި އިސްލާމްދީން ދިފާޢު ކުރުމަށް އެންމެ ބުރަ މަސައްކަތެއް ކުރި އެކަކެވެ.
ނަމަވެސް އުސްމާނީ ޚިލާފަތް ބަލިކަށިވުމާއެކު 1783 ވަނަ އަހަރު ރަޝިޔާގެ އަތްދަށަށް ކްރައިމިއާ ދިޔައެވެ. އެއީ ރަޝިޔާއިން އެއްކޮށް ފަތަޙަކުރި މުސްލިމުންގެ ފުރަތަމަ ސަރަޙައްދެވެ. އެ ދުވަހުން ފެށިގެން ކުރައިމިއާގެ މުސްލިމު ރައްޔިތުންނަށް އެއް މުސީބާތަށްފަހު އަނެއް މުސީބާތް ކުރިމަތިވަމުން ދިޔައެވެ. އެގޮތުން، ގަދަކަމުން ނަސްރާނީ ދީނަށް ވެއްދުމާއި ކްރައިމިއާގެ އިސްލާމީ ހުވިއްޔަތު ނައްތާލުމާއި މިސްކިތްތައް ތަޅާލުމާއި މުސްލިމުން ގަދަކަމުން އެމީހުންގެ ގޯތިގެދޮރުން ބޭރުކުރުން ފަދަ އަނިޔާވެރި އެތައް ޢަމަލުތަކެއް އެމީހުންނަށް ތަޙައްމަލު ކުރަން ޖެހުނެވެ.
ނަވާރަ ވަނަ ގަރުނުގައި ކްރައިމިއާގެ ބޮޑު ހަނގުރާމަ ފެށުނީ ކްރައިމިއާ އަކީ ރަޝިޔާގެ ބައެއްގެ ގޮތުގައި ހަދަން ރަޝިޔާ މަސައްކަތް ކުރުމުންނެވެ. އުސްމާނީ ޚިލާފަތުން ކްރައިމިއާގެ ދިފާޢުގައި ތެދުވެ، ރަޝިޔާއާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކޮށް، ރަޝިޔާ ފުޅާކުރުމުގެ މަސައްކަތް ހުއްޓުވިއެވެ. މި ހަނގުރާމައިގައި ފަރަންސޭސި ވިލާތާއި އިނގިރޭސިވިލާތުގެ އެހީތެރިކަން އުސްމާނީ ޚިލާފަތަށް ލިބިގެން ގޮސްފައިވެއެވެ.
ދެން އޭގެ ފަހުން 1944 ވަނަ އަހަރު، ޖޯސޮފް ސްޓާލިންގެ ވެރިކަމުގައި ކްރައިމިއާގެ މުސްލިމުންނަށް ލާއިންސާނީ އެތައް އަނިޔާއެއް ދީ ބޮޑެތި ޤަތުލުއާންމުތައް ހިންގިއެވެ. ސްޓާލިންގެ ހައްދެއް ނެތް އަނިޔާގައި އެންމެފަހުން ކްރައިމިއާގެ ހުރިހާ މުސްލިމުން ސައިބީރިއާ އާއި މެދުތެރޭ އޭޝިއާގެ އެކި ތަންތަނަށް ފޮނުވާލިއެވެ. ސްޓާލިންގެ އަނިޔާވެރި ވެރިކަމުގައި އެތައް ލައްކަ މުސްލިމުންގެ ފުރާނަ ދުއްވާލިއެވެ. ކްރައިމިއާގެ އަހުލުވެރިން، އެމީހުންގެ ވަޒަނުން ބޭރުކޮށް ނިމުނުއިރު ކްރައިމިއާގައި ތާތާރީ ނަސްލުގެ އެންމެ މީހަކުވެސް ނެތެވެ. އެގޮތުން ކްރައިމިއާގެ ތާތާރިންގެ 80،000 ގެއާއި 360،000 އަކަމީޓަރުގެ ބިން ދޫކޮށްލާފައި އެކި ތަންތަނަށް ގަދަކަމުން ހިޖުރަކުރަން އެމީހުންނަށް މަޖުބޫރުކުރިއެވެ. މި އަނިޔާވެރި ކަމުގެ ތެރޭގައި، އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމުގެ ތެރޭގައި ގާތްގަނޑަކަށް 8،000 ކްރައިމިއާގެ ތަތާރުން މަރުވެފައިވާއިރު، އޭގެ ފަހުން އެމީހުންނަށް ދިރިއުޅެން މަޖުބޫރުވި ހިތްދަތި ދިރިއުޅުމުގެ ސަބަބުން 10 ހާސް މީހުން ވަނީ މަރުވެފައެވެ.

މީލާދީން 1956 ވަނަ އަހަރު ސޯވިއެޓްގެ އާ ލީޑަރު ނިކިޓާ ކްރޫޝޭވް ވަނީ ސްޓާލިންގެ އެ ސިޔާސަތަކީ ނަސްލުހޭދައިގެ ޖަރީމާއެއް ކަމަށް ބުނެ އެކަން ކުށްވެރި ކޮށްފައެވެ. އަދި ސްޓާލިންގެ އެ ސިޔާސަތުގެ ސަބަބުން ވަޒަނުން ބޭރުކޮށްލި އެކިއެކި ނަސްލުތަކުގެ މީހުން، އެމީހުންގެ ވަޒަނަށް އެނބުރި އައުމުގެ ހުއްދަދިނެވެ. އެހެން ނަމަވެސް ކްރައިމިއާގެ ތަތާރު ނަސްލުގެ މީހުންނަށް އެމީހުންގެ ވަޒަނަށް އެނބުރި އައުމުގެ ހުއްދައެއް ނުދެއެވެ. އަދި އޭގެ ފަހުން ފާއިތުވި 30 އަހަރުގެ ތެރޭގައިވެސް ކްރައިމިއާގެ ތަތާރުންނަށް އުޅެން ޖެހުނީ ސައިބީރިއާއި އަދި މެދުތެރޭ އޭޝިއާގެ އެކި ޤައުމުތަކުގައެވެ. އެއަށްފަހު، 1980 ގެ އަހަރުތަކުގެ ފަހުކޮޅު ޕްރޮސްޓްރޮއިކާގެ ދުވަސްވަރު، އެމީހުންގެ ތެރެއިން 260،000 މީހުން، އެމީހުންގެ އަސްލު ވަޒަން ކަމުގައިވާ ކްރައިމިއާއަށް އެނބުރި ދިޔައީ، ގަދަކަމުން އެމީހުން ވަޒަނުން ބޭރުކޮށްލިތާ 45 އަހަރު ފަހުންނެވެ.
"ކްރައިމިއާ" މި ނަމަކީ ރަޝިޔާ އަދި ޔޫކްރޭންގެ ބަހާ އެއްވެސް ގުޅުމެއް އޮތް ނަމެއް ނޫނެވެ. އޭގެ ބަދަލުގައި އެ ނަމަކީ ތާތާރީ ބަހުގެ ނަމެކެވެ. އޭގެ މާނައަކީ "ކިއްލާ" އެވެ. ކްރައިމިއާގެ ވެރިރަށަށް ކިޔަނީ ސިމްފެރޯޕޯލްއެވެ. ކުރިން އެ ރަށަށް ކިޔަނީ "އަކްމަސްޖެދު" އެވެ. އޭގެ މާނައަކީ "ހުދު މިސްކިތެވެ." މިއީ އެތައް ގަރުނެއް ވަންދެން އެ ސަރަހައްދުގެ އިސްލާމީ ހުވިއްޔަތާއި އިސްލާމީ މިއުމާރިއްޔަތުގެ ދައްކުވައިދިން ބިނާއެކެވެ.
އިއްޔެ ކްރައިމިއާއަކީ އިސްލާމީ ޖިހާދުގެ ދިދަ އުފުލައި، އުސްމާނީ ޚިލާފަތާއި މަމްލޫކުންގެ އަސްކަރީ ބާރުކަމުގައިވި ކަޅުކަނޑުގެ މުތެވެ. އެކަމަކު، މިއަދު ކްރައިމިއާއަކީ ދެ ޤައުމެއްގެ ދެމެދުގައި ހިނގާ ހަމަނުޖެހުމާއި ހަނގުރާމައިގެ މައި މަރުކަޒެވެ. އެކަމަކު، އެ ބިމަކީ، އެ ދެބައިމީހުންނާ ވެސް އެއްވެސް ގޮތަކުން، އެއްވެސް ގުޅުމެއް އޮތް ބިމެއް ނޫނެވެ. މިއަދު ޔަހޫދީން ކުރާ ބާޠިލު ދަޢުވާއަށްވުރެ، މުސްލިމުންނަށް ކްރީމިއާގެ މައްޗަށް ދަޢުވާ ކުރުން މާ ޙައްޤުކަން ބޮޑެވެ.
