ދުނިޔޭގައި ލެއްވިހައި އިންސާނުންނަކީ އެއް މަޞްދަރަކުން ވުޖޫދަށް އައި ބައެއްކަން އެއީ ބުއްދިހަމަ ހަމަ އެއްވެސް އިންސާނަކު އެޔާ ދެކޮޅުހަދާނޭ ކަމެއް ނޫނެވެ. ހަމަ އެޔާ އެކު، ދެން ޤަބޫލުކުރާން ހަމަ ކޮންމެހެން ޖެހޭނޭ ޙަޤީޤަތަކީ، ދުނިޔޭގައި މިހައިރު ދިރިތިބި އަށެއްކަ އަރަބު އިންސާނުންނަކީ އެކަކު އަނެކަކާ އެއްގޮތް ކިތަންމެ ކަމެއް އަދި ހުއްޓަސް، އެކަކު އަނެކަކާ ތަފާތު އެތައްއެތައް ކަމެއް ވެސް ހުރި މީހެއްކަމެވެ. ތިމާ ދަންނަ މީހާޔާ ނުދަންނަ މީހާ ވަކިކޮށް ދެނެގަންނާން އެންމެ ކުޑަކުއްޖާ ވެސް ބޭނުންކުރާ، މޫނުމަތީގެ ބައްޓަމާއި ސިފަ އެއީ މިކަމުގެ ހެއްކެކެވެ. މީގެ އެތަކެއް ޤަރުނު ކުރީއްސުރެ އެކި މީހުން އެކަކު އަނެކަކާ ވަކިކޮށް ދެނެގަތުމަށް އެކި ޙާލަތަތަކުގައި ބޭނުންކުރާ އިނގިލީނިޝާނަކީ ވެސް ހަމަ އެ ފަދަ ހެއްކެއް މެއެވެ. އަދި ކިއެއްތޯއޭ، މިހައިރަކަށް އައިސް ވަކި ފަންނެއްގެ ބަޔަކަށް އެހައި ކަމުގޮސްގެން އެ އުޅޭ، "ފޭޝަލް ރެކޮގްނިޝަން" ނުވަތަ މޫނުމަތީގެ ސިފައިގެ ބޭނުންހިފައިގެން މިވެނި މީހާޔަކީ ހަމަ އޭނާކަން ކަށަވަރުކުރުން ވެސް ހަމަ އެ ފަދަ ނޫންތޯއެވެ!
ކަން މިހެން އޮތް އިރު، ތިމާޔަކީ ރޫފަޔާއި ސިފައިން، ނުވަތަ މަޝްހޫރުކަމާއި މަޤްބޫލުކަމުން، ނުވަތަ ފާހާއި ސަނަދުން، ނުވަތަ ޢިލްމާއި ހުނަރުން، ނުވަތަ އާރާއި ބާރުން، ނުވަތަ ދުލާއި ޤަލަމާއި ނުފޫޒުން، ނުވަތަ މިލްކިއްޔާތާއި މާލުން ތިމާ ދަންނަ އެހެން މީހަކާ ތިމާ ހަމަ ހުރިހާ ގޮތަކުން އެއްގޮތް ނުވެއްޖެނަމަ، އެކަމާ ފިކުރުބޮޑުވެ، ވިސްނައި، ހާސްވެ އުޅުމަކީ ކޮން ކަހަލަ ކަމެއްތޯއެވެ؟ މިހެން ދެންނެވީމައި ތިޔައީ ވަރަށް މަދު މީހަކު ނޫނީ ނުހިނގާނޭ މަގެކޭ ވަރަށް ފަސޭހައި ބުނެލާނޭ މީހުން ވަރަށް ގިނަވާނެއެވެ. އެހެނަސް، ރޫފަހެޔޮ ކަމަކީ އައިބެއް ކަމަށް ބަލާ މީހުން ހިކޭން ހަމަ ކޮންމެހެން ވެސް ބޯން ޖެހޭ ބުއިންތައް ބާޒާރުގައި ވިކޭލެއް މަދުތޯއެވެ؟ ބުރަ މަސައްކަތުން ޝުހުރަތު ހޯދާ މީހުންނާ އެކި ގޮތްގޮތުން ބެހިގަނެގެން ނުވަތަ ހަނގާކޮށްގަނެގެން މަޝްހޫރުކަން ހޯދާން އުޅޭ މީހުން މަގުމަތީގައްޔާއި އިންޓަނެޓުގައި މަދުތޯއެވެ؟ ވަގު ސަނަދު ވިއްކާ ތަންތަން ބަންދުނުކޮށް އެ ހުންނަނީ އެ ތަންތަނުން ވިއްކާ ކަރުދާސްގަނޑުގަނޑު ގަންނާނޭ މީހުން ވާތީ ނޫންތޯއެވެ؟ ޢިލްމު ހޯދުމުގެ މަގުގައި ނުވަތަ ނަމުގައި އެތައްއެތައް އުފަލަކާއި އަރާމެއް ޞައްޙަ މަގުން ޤުރުބާންކުރާ މީހުންގެ އިތުރުން، ހަމަ އެ ބޭނުމުގައި އަނެކުންގެ ޙައްޤުތަކަށް އަރައިގަންނަ މީހުން މަދުތޯއެވެ؟ އާރާއި ބާރާއި ދުލާއި ޤަލަމާއި ނުފޫޒާއި މިލްކިއްޔާތާއި މާލުން އަނެކާޔަށް ވުރެ މައްޗަށް ދާން ހަމަ ކޮންމެ ފަދަ ކަމެއް ވެސް ކުރާން ފަސްނުޖެހޭ މީހުން ފަހެ މަދުތޯއެވެ؟ މި ސުވާލުތަކުގެ ޖަވާބު އަޅުގަނޑު މިތާނގައި ނުލިޔުނަސް… އެންމެ ރަނގަޅު ދެއްތޯއެވެ!
މި މަޢުޟޫގެ މައްޗަށް އަޅުގަނޑު ފިކުރުހިންގައިލާއިރު، އަޅުގަނޑު ކަންބޮޑުވާ މައްސަލަޔަކީ މިދެންނެވި ޒާތުގެ ކަންކަމުގެ ވާދަވެރިކަން ޙައްދުންނައްޓައިގެން ގޮސް އެނޫން ގޮތަކަށް ދެން ދިރިނުއުޅެވޭނޭ ޒާތުގެ މީހުން އެހެރަ އުޅޭ ގޮތްތަކަކުން އަޅުގަނޑުގެ ހިތަށް ކުރާ އަސަރެއް ނޫނެވެ. އަޅުގަނޑުގެ މައްސަލަޔަކީ، ކޮންމެވެސް މީހަކަށް އިސްވެ މި ދެންނެވި ބާވަތަކުން ލިބިފައިވާ ނިޢުމަތެއް ތިމާޔަށް ލިބިފައި ނެތަތީ އެ ކަމާ ފިކުރުބޮޑުވެ، ކަންބޮޑުވެ، ދުނިޔެމަތީން ފޫހިވެ، ދެބޯދޫނި ދިޔަ މަގުން ދެވޭނޭ ނަމަ ރަނގަޅޭ ހިތަށްއަރާ ހިސާބަށް ސިކުނޑީގެ ސަކުމަކު ނެއްޓިދާން ގާތްވާ މީހުންގެ ޙާލާ މެދު ބައެއް ފަހަރު ނަމަވެސް އަޅުގަނޑަށް ވިސްނައިލާން ޖެހޭ މައްސަލައެވެ. އެހެންކަމުން، އެ ފަދަ މީހުން ގާތު އަޅުގަނޑު ބުނެލާނޭ ދެތިން އެއްޗެއް ހިތަށް އަރާތީ، އެ ވާހަކަތައް މިތާނގައި ދައްކައިލާން ކަމަށެވެ!
އެންމެ ފުރަތަމަ އޮތީ ތިމާޔަށް ލިބި ހުރި ރޫފަޔާއި ސިފައިގެ ވާހަކައެވެ.
ދުނިޔެޔޭ މި ކިޔާ ތަނަށް ފުރާނަޔަކާލައިގެން އައުމުގެ ފުރުޞަތަކީ އަޅުގަނޑުމެން ކުރެ ހަމަ ކޮންމެ މީހަކަށް ވެސް އަޅުގަނޑުމެން ޚަލްޤުކުރެއްވި ފަރާތުން ދެއްވި މަތިވެރި ނިޢުމަތެއް އަޅެ ނޫންތޯއެވެ؟ ޙަމްދާއި ޝުކުރުން ފުރިގެން ތިބެ ބަލައިގަންނާންވީ ނިޢުމަތެއް ނޫންތޯއެވެ؟ ދުނިޔައަށް އުފަންވީ އިރު ތިމާޔަށް ދެއްވި ޖިންސާއި، ހަމުގެ ކުލަޔާއި، ސިފަޔާއި، ހަށިގަނޑުގެ ބައްޓަމާއި ރޫފަޔަކީ އެ ކަންކަމުގެ ޖަމުޢު ހަމަ އެ ގޮތަށް އެހެން އެއްވެސް މީހަކަށް ދެއްވި އެއްޗެއް ނޫނެވެ. އެއީ ކިހައި ބޮޑު މުޢުޖިޒާތެއް ތޯއެވެ؟ އެހެން ވީމައި، ކަޅު ދޮނަށް ބަދަލުކުރާން، ކުރު ދިގަށް ބަދަލުކުރާން، ރޫފަހެޔޮކަން ލޫޅާފަތިކަމަށް ބަދަލުކުރާން އުޅުމީ ކިހައި ބޮޑު މޮޔަކަމެއް ތޯއެވެ؟ އޭގެ ބަދަލުގައި، ދެއްވި ނިޢުމަތަށް ޝުކުރުވެރިވެ، ދެއްވި ޖިންސުގެ ޢިއްޒަތާއި އަބުރު ހިފަހައްޓައި، ހަމުގެ ކުލަ ބަދަލުކުރާން އުޅުމުގެ ބަދަލުގައި ހަންގަނޑު ސާފުތާހިރުކަން މަތީ ދަމަހައްޓާން ގަދައަޅައި މަސައްކަތްކުރުން މާ ރަނގަޅު ނޫންތޯއެވެ؟ ހަށިގަނޑުގެ ހެދިހުރި ރޫފަޔާއި ބައްޓަމާއި އިސްކޮޅު ބަދަލުކުރާން ނުއުޅެ، ހަށިގަނޑުގެ ދުޅަހެއުކަން ދަމަހައްޓާން އެ ހަށިގަނޑަށް ސާފު ބޯފެނާއި ޠާހިރު ކާނާ ހޯދާން މަސައްކަތްކޮށް، ކަސްރަތުކޮށް، ބަލިމަޑުކަމަކާ ކުރިމަތިވެއްޖެ ނަމަ ފަރުވާ ހޯދައި އުޅުން މާ ބުއްދިވެރި ނޫންތޯއެވެ؟ ތިމާގެ ޖިންސާއި، ހަމުގެ ކުލަޔާއި، ސިފަޔާއި، ހަށިގަނޑުގެ ބައްޓަމާއި ރޫފައިގެ މައްޗަށް ފާޑުކިޔައި، ހަނގާކޮށް، ގަނާކޮށް، ފުރައްސާރަކުރާ މީހުންގެ ކިބައިން ދަފަރާވެ ސަލާމަތްވެ ތިބުން މާ މޮޅު ނޫންތޯއެވެ! އެ ފަދަ ނޭއްދާރު ޢަމަލުތަކުން އެނެކުންގެ ދިރިއުޅުން ބަނަކުރާންކަމަށް އުޅޭ މީހުންނަށް ކުޑަ ވެސް ސަމާލުކަމެއް ނުދީ، އެ މީހުންނަށް ބީރު ކަންފަތް ނޫން އެއްޗެއް ނުދިނުން މާ ބުއްދިވެރި ނޫންތޯއެވެ!
ދެން އޮތީ ދެން އެހެން ހުރިހައި އެއްޗެއްގެ ވާހަކައެވެ.
ތިމާޔަކީ މިވެނި މީހަކަށް ވުރެ މަޝްހޫރުކަމާއި މަޤްބޫލުކަމުން އުނި، ނުވަތަ ފާހާއި ސަނަދުން ދެރަ، ނުވަތަ ޢިލްމާއި ހުނަރުން އުނި، ނުވަތަ އާރާއި ބާރުން ކަމީނާ، ނުވަތަ ދުލާއި ޤަލަމާއި ނުފޫޒުން ނިކަމެތި، ނުވަތަ މިލްކިއްޔާތާއި މާލުން ފަޤީރު މީހަކީމޭ، އެހެންވީމައި ތިމާޔަކީ އެއްވެސް މީހެއް ނޫނޭ ހިތަށްއަރާ ހިތަށްއެރުމުގެ ވާހަކައެވެ.
ރިވެތި ގޮތުގައި ލިބޭ ޞައްޙަ މަޝްހޫރުކަމަކީ އެއްވެސް މީހަކަށް ހަމަ އެހެން ހުރެފައި ލިބޭ އެއްޗެއް ނޫނެވެ. އެއީ ބައެއް މީހުން ގަދައަޅައި ކުރާ މަސައްކަތުން ހޯދާ އެއްޗެކެވެ. ނުވަތަ ވަކި ދާއިރާޔަކުން މީހަކަށް ކުރެވޭ އާދަޔާ ޚިލާފު ކަމަކުން އެހެން މީހުން އޭނާޔަށް ދޭ އެއްޗެކެވެ. މަޝްހޫރުކަމަކީ މަޝްހޫރު އަނެކާޔާ ބެހިގަނެގެން މަޝްހޫރު މީހާގެ ޝުޙުރަތުގެ ދާވަނީގައި އެލިގަނެގެން ހޯދާ ނުޙައްޤު އެއްޗެއް ނޫނެވެ. އަދި ކިއެއްތޯއޭ، މަޝްހޫރު ބައެއް މީހުން ގާތު އައްސަވައި ބައްލަވާށޭ، މަޝްހޫރު ބައެއް މީހުންނަކީ އެ ކަން ހަމަ އެއްވެސް ގޮތަކަށް ބޭނުން ބައެއް ވެސް ނޫނެވެ. އެކަން އެހެން ވުމުގެ އެއް ސަބަބަކީ ވެސް މަޝްހޫރުކަމުގެ ސަބަބުން މީހާޔާ ކުރިމަތިވާ، ކުރީން ދެންނެވި ޒާތުގެ ކަމީނާ މީހުންގެ އުނދަގުލެވެ. ދެން އޮތީ ފާސްތަކާއި ސަނަދުތަކުގެ ވާހަކައެވެ. ޢިލްމާޢި ހުނަރުގެ ވާހަކައެވެ. މި ދެ ބާވަތީ ވެސް ދެކަމެއް ބައްދަލުވެގެން ނޫނީ ނުލިބޭ ދެ ބާވަތެވެ. އެ ދެ ކަމަކީ ތަނަވަސްކަމާއި ފުރުޞަތެވެ. ތަނަވަސްކަމާއި ފުރުޞަތަކީ މިންވަރުކުރެއްވި ދުވަހަކުން ނޫނީ އެއްވެސް މީހަކަށް އެކީ އެއް ފަހަރާ ލިބޭނޭ ދެ ކަމެއް ނޫނެވެ. މިދެންނެވި އެއްޗަކާ މެދު ދެން ފުންކޮށް ވިސްނާވަޑައިގަންނަވާށެވެ.
އާރާއި ބާރާއި ނުފޫޒާއި މިލްކިއްޔާތާއި މާލީ ތަނަވަސްކަން ވެސް ހަމަ މި ދެންނެވި ފަދައެވެ. ގިނަ ފަހަރަށް އެއީ ވެސް އެހެންޏާ ވާރުތައިން ނުވަތަ ޙާލަތެއް މެދުވެރި ކުރައްވައިގެން ދެއްވާ އެއްޗިއްސެވެ. އަނެއްކާވެސް ދަންނަވާން އޮތީ، މިދެންނެވި އެއްޗަކާ މެދު ދެން ވެސް ފުންކޮށް ވިސްނާވަޑައިގަންނަވާށޭ އެވެ.
ދެން ވިސްނާވަޑައިގެން، އެޔަށް ފަހު، މި ދަންނަވާ އެއްޗަކަށް ވެސް ފިސާރި ރަނގަޅަށް ފިކުރުފުޅު ހިންގަވައި، ޙަޔާތުގެ ދަތުރުފުޅާ މެދު ވިސްނާވަޑައިގެން ބައްލަވާށެވެ.
ދުނިޔޭގައި ތިމާ މީހާގެ ކުރިމައްޗަށް އައިސް ހުއްޓޭ ގިނަ މައްސަލަތަކީ، އަދި ވަކީން ޚާއްޞަކޮށް މި ތާނގައި އަޅުގަނޑު ދަންނަވަމުން މި ގެންދިޔަ ބާވަތުގެ މައްސަލަތަކަކީ އެ މީހަކު އެ މީހެއްގެ ނަފުސު އަމިއްލަ ސިކުނޑީން ވަޒަންކުރާ ގޮތުގެ މައްޗަށް ބިނާވެގެން އައިސް ކުރިމައްޗަށް ހުއްޓޭ މައްސަލަތަކެއް ނޫންތޯއެވެ؟ އަޅުގަނޑު ވަރަށް ސާބިތުކަމާއި ހަރުދަނާކަމާއި ޔަޤީންކަމާއެކު ވާހަކަޔެއް ދަންނަވާފާނަމެވެ. އެއީ، ތިމާ ޔަށް ދެއްވައިފައިވާ ރޫފަޔާއި ސިފައިން އަމިއްލަޔަށް އައިބު ނުހޯދައި، ތިމާގެ ސިފަޔާއި ރޫފައިގެ މިވެނި ކަމެއް އައިބޭ ކިޔާން އުޅޭ ޒާތުގެ ޝަޚްސިއްޔަތު ކަމީނާ ފުރައްސާރަވެރީންނަށް ފުރުޞަތު ނުދީ އުޅޭ މީހާ ހުންނާނީ އުފަލުންނެވެ. މަޝްހޫރުކަމާއި މަޤްބޫލުކަމުގެ ފަހަތުން ދަހިވެތިކަމާ އެކު ނުދުވެ ހުންނަ މީހާ ހުންނާނީ އުފަލުންނެވެ. އަތުއޮތް ފާހާއި ސަނަދުން އަމިއްލަ ކަންކަން ފުއްދުމުގެ އިތުރުން، ލިބިހުރި ޢިލްމަކާއި ހުނަރުން މުޅި މުޖުތަމަޢަށް އޭގެ ފައިދާ ކޮށްދެއްވިއްޖެ ކަމުގެ ހިތްހަމަޖެހުން ލިބިއްޖެ މީހާ ހުންނާނީ އުފަލުންނެވެ. ހަމަޖެހިގެންނެވެ. އެ ނޫން މީހާ ހުންނާނީ އަދިވެސް ނުފުދިފައެވެ. އާރާއި ބާރުން، ނުވަތަ ދުލާއި ޤަލަމާއި ނުފޫޒުން، ނުވަތަ މިލްކިއްޔާތާއި މާލުން ތިމާޔާ ޙަވާލުކުރެވުނު މިންވަރުން އެނެކުންނަށް ޙައްޤުވާ މިންވަރުގެ އިތުރުން ވެސް އެންމެނަށް ދީ އުޅޭ މީހާ ހުންނާނީ އުފަލުން ފުރިފައި މެއެވެ. އެ ނޫން މީހާ ހުންނާނީ ބަޚީލުންގެ ސަފުގައެވެ. ދެއްވި ނިޢުމަތް ހެއުހިތުން ބަލައިގެންފި މީހާ ހުންނާނީ ދެއްވި ފަރާތަށް ޙަމްދު ކޮށްކޮށް، ދެއްވި ނިޢުމަތަށް ޝުކުރުކޮށްކޮށް މެއެވެ.
އެ ނޫން މީހާ ހުންނާނީ، ތެޅިފޮޅޭނީ، ދާއިމީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.
މި ދެންނެވި ދެ ގޮތުން ކުރެ ގޮތެއް، ޔަޢުނީ ޝުކުރުވެރިކަމާ އެކު އުފަލާއެކު ހިތްހަމަޖެހިގެން ހުރުން، ނުވަތަ ދާއިމީ ނުތަނަވަސްކަމެއްގެ ތެރޭގައި ތެޅިފޮޅުން، އަމިއްލަފުޅަށް އިޚްތިޔާތުކުރައްވާށެވެ!
