Support Us

ކޮލަމް: ރަންދެލި

ކޮލަމް ރަންދެލި: ޝަހީދު ޔޫސުފް އަލް މުސްލިމާނީ- ވަފާތެރިކަމާއި ހިތްވަރުގެ ރަމްޒެއް

މިއީ، އިޓަލީގެ އިސްތިޢުމާރީ ސިފައިންގެ މީހެއްގެ ގޮތުގައި ލީބިޔާއަށް ދިޔަ މީހަކު އިސްލާމްދީން ޚިޔާރުކޮށް، ޢުމަރުލް މުޚުތާރުގެ މުޖާހިދުންނާއެކު، ލީބިޔާ މިނިވަން ކުރުމަށްޓަކައި ކުރި ޖިހާދުގެ ވާހަކައެވެ. އޭނާއަކީ އިޓަލީގެ އިސްތިޢުމާރާ ދެކޮޅަށް ލީބިޔާއިން ކުރި ހަނގުރާމައިގެ ދިގު ތާރީޚުގައި ވެސް ފާހަގަކޮށްލެވޭ ޝަޚުޞިއްޔަތެކެވެ. މިއީ ފަތުހީ ޢަލީ ސަހުލީ ލިޔެފައިވާ ކުޑަކުޑަ ފޮތެއްގައިވާ ބޮޑު ވާހަކައެކެވެ.

ޔޫސުފް އަލް މުސްލިމާނީއަކީ، ކުރިން ކަރމިން އިމައްކޮލާޓޯ އެންޓޯނިއޯ ޖީރިއޯގެ ނަމުން މަޝްހޫރުވި އިޓަލީގެ އިސްތިޢުމާރީ ސިފައިންގެ މީހެކެވެ. އޭނާ އުފަންވީ، 08 ޑިސެމްބަރ 1883 ގައި އިޓަލީގެ ނޭޕުލްސްގެ ނަސްރާނީ ޢާއިލާއަކަށެވެ. ފުރާވަރުގެ ޢުމުރުގައި، އެތައް ރެއަކު އޭނާއަށް ބިރުވެރި ހުވަފެނެއް ފެނިގެން، އެ ސަހަރުގެ ފައްޅީގެ ފާދިރީގެ ގާތަށް، އޭނާގެ މަންމަ އޭނާ ގޮވައިގެން ގޮސް، އެ ހުވަފެނުގެ ވާހަކަ ފާދިރީއަށް ކިޔައިދިނެވެ. އޭނާ ކިޔައިދިން ގޮތުގައި އޭނާއަށް ހުވަފެނުން ފެންނަނީ އޭނާ ފަރުބަދައެއްގެ މަތީގައި ހުއްޓައި ހުދުކުލައިގެ ދޫންޏަކަށް އޭނާ ބަދަލުވެ، އުދުހިގަންނަން އުޅުމުން ބޮޑު ހަރުފައެއް އޭނާއާ ދިމާކުރާތީއެވެ. އަދި، އޭނާ ހަރުފައާ ކުރިމަތިލާން އުޅެނިކޮށް، ކޮންމެ ރެއަކުވެސް އޭނާއަށް ހޭލެވެއެވެ.

ފާދިރީ އޭނާއަށް ނަސޭހަތް ދެމުން ބުނެފައިވަނީ ކަންބޮޑު ނުވުމަށާއި، އެއީ މުސްތަގުބަލުގެ ކޮންމެވެސް ދުވަސްވަރެއްގައި އޭނާ އެހެން މީހަކަށް ބަދަލުވެގެން ހިނގައިދާނެ ކަމުގެ އިޝާރާތެއް ކަމަށާއި، ހަރުފައާ ދެކޮޅަށް އޭނާ ކުރާ މަސައްކަތަކީ ޙައްޤާއި ބާޠިލާ ދެމެދު އޮންނަ ދާއިމީ ހަނގުރާމަ ކަމަށެވެ.

ކަރމިން، ލީބިޔާ އިސްތިޢުމާރުކުރަން ހަނގުރާމަ ކުރި ހަނގުރާމަ ވެރިއަކުން ފަށައިގެން، ލީބިޔާގެ ދިފާޢުގައި އިޓަލީގެ އިސްތިޢުމާރީ ސިފައިންނާ ދެކޮޅަށް ޖިހާދުކުރި މުޖާހިދަކަށް ވުމަށް ކުރި ދަތުރަކީ ހިތްވަރުގަދަ ދަތުރެކެވެ. ކަރމިން އިޓަލީގެ އިސްތިޢުމާރީ ސިފައިންނާ ގުޅުނީ ލުއި ހަތިޔާރު ބެލެހެއްޓުމާ ބެހޭ ޓެކްނީޝަނެއްގެ ގޮތުގައެވެ. އަދި 1912 ވަނަ އަހަރު އިޓަލީގެ އިސްތިޢުމާރީ ސިފައިންގެ ފައުޖަކާއެކު، ކަރމިން ލީބިޔާއަށް ފޮނުވައިލިއެވެ.

ކަރމިން، އޭނާގެ އާ މާހައުލާ މެދު ވަރަށް ޝައުގުވެރިވެ، ޢަރަބި ބަސް ދަސްކޮށް، ޤުރުއާން ދަސްކުރުމަށް އޭނާ ބޭނުންވިއެވެ. އޭނާގެ ފައުޖުން ވަނީ 1915 ވަނަ އަހަރުގެ ޖެނުއަރީ މަހު ލީބިޔާގެ މުޖާހިދުންނާ ދެކޮޅަށް އަނިޔާވެރި އަދި ބޮޑެތި ހަނގުރާމަތަކެއް ކޮށްފައެވެ.

ލީބިޔާގެ ދަރުނާގައި 1916 ވަނަ އަހަރު ހުރި އިޓަލީގެ ފައުޖު އުޅޭ ތަނުން ފިލައިގެން ދިއުމަށް ކަރމިން ނިންމިއެވެ. އޭނާ ދަރުނާގައި ތިބި އިޓަލީގެ އިސްތިޢުމާރީ ސިފައިން ދޫކޮށް އެތަނުން ފިލައިގެން ގޮސް، ފެހި ފަރުބަދައިގެ ބޭރުގައި ތިބޭ މުޖާހިދުންނަށް އަމާންދީ، އަމިއްލައަށް އެމީހުންނާ ޙަވާލުވިއެވެ. އެއަށްފަހު، ޢުމަރުލް މުޚުތާރުގެ ކޮމާންޑަރުންގެ ތެރެއިން، ކޮމާންޑަރެއް ކަމަށްވާ އަލްފަޟީލު ބޫ ޢުމަރުގެ އަތްމައްޗަށް އިސްލާމްވެ، ޔޫސުފް އަލް މުސްލިމާނީގެ ނަމަށް އޭނާގެ ނަން ބަދަލުކުރިއެވެ. އަދި އޭނާއަށް ލިބިފައިވާ އަސްކަރީ ތަޖުރިބާގެ އަލީގައި އިޓަލީގެ ހަތިޔާރާއި، ހަނގުރާމައިގެ އުކުޅުތަކުގެ ތަމްރީނުތައް މުޖާހިދުންނަށް ފޯރުކޮށްދިނެވެ. ޢުމަރުލް މުޚުތާރުގެ މުޖާހިދުން ތަމްރީނު ކުރުމުގައި ވަރަށް ބޮޑު ޙިއްޞާއެއް ޔޫސުފް ވަނީ އަދާކޮށްފައެވެ.

ޔޫސުފް ވަނީ އިޓަލީގެ އިސްތިޢުމާރީ ސިފައިންނާ ދެކޮޅަށް މުޖާހިދުން ކުރި ހަނގުރާމަތަކުގެ ތެރެއިން، މުރުސީ އަލް ބަރީޤަތު، ބިއުރު ބިލާލް، އަދި ސުލޫޤު ފަދަ މުހިންމު ބައެއް ހަނގުރާމަތަކުގައި ބައިވެރިވެފައެވެ. ޢުމަރުލް މުޚުތާރުގެ ފުރިހަމަ އިތުބާރު އޭނާއަށް ލިބުމުން، ޢުމަރުލް މުޚުތާރު، އޭނާ ލެފްޓިނެންޓަކަށް ބަދަލު ކުރިއެވެ. ލީބިޔާގެ މަޖުބަރާ ޤަބީލާގެ ތަބްރާ މޫސާ އަލް މަޖްބަރީ ނަމަކަށް ކިޔާ އަންހެނަކާ ކައިވެނިކޮށް، އެ ދެމަފިރިންނަށް ދެ ކުދިންވެސް ލިބުނެވެ. ފިރިހެން ކުއްޖާގެ ނަމަކީ، މުޙައްމަދެވެ. އަންހެން ކުއްޖާގެ ނަމަކީ ޢާއިޝާއެވެ. ޔޫސުފުގެ ކާފަދަރިން، މިހާރުވެސް ލީބިޔާގައި އުޅެއެވެ.

ލީބިޔާގެ ޖާލޫ އޮއެސިސް ކައިރިން 1928 ވަނަ އަހަރު އިޓަލީގެ އިސްތިޢުމާރީ ސިފައިން ޔޫސުފް ހައްޔަރުކުރިއެވެ. އަދި އިޓަލީގެ އަސްކަރީ ޓްރައިބިއުނަލަކަށް ހާޒިރުކޮށް އެންމެ މަތީ ޚިޔާނާތުގެ ތުހުމަތުގައި ޝަރީޢަތް ހިންގައި އޭނާއަށް މަރުގެ ޙުކުމް އިއްވިއެވެ. އެކަމަކު، އަލުން އަނބުރާ ނަސާރާ ދީނަށް ބަދަލުވެއްޖެނަމަ، އޭނާއަށް މަޢާފު ދިނުމަށްވެސް ހުށަހެޅިއެވެ. ނަމަވެސް އޭނާ ވަރަށް ސާބިތުކަމާއެކު އެކަމަށް ދެކޮޅު ހަދައި، ހަމައެކަނި އެދުނީ އޭނާގެ ޢާއިލާގެ ސަލާމަތެވެ. އޭނާ ޝަހީދުކޮށްލައިފައި ވަނީ ލީބިޔާގެ ޖާލޫ ބާޒާރުގެ މައިދާނުގައި ފަޔަރ ސްކޮޑަކުން ބަޑިޖަހައިގެންނެވެ. އެވަގުތު، އޭނާ ދިޔައީ އަޑުހަރުކޮށް ކީރިތި ޤުރުއާން ކިޔަވަމުންނެވެ.

ޔޫސުފް އަލް މުސްލިމާނީ އިސްތިޢުމާރީ ސިފައިންގެ މީހެއްގެ ގޮތުގައި ފެށި ދަތުރު އެންމެފަހުން ނިންމާލާފައިވަނީ ލީބިޔާގެ މިނިވަންކަމަށްޓަކައި ޖިހާދުކުރި ހިތްވަރުގަދަ މުޖާހިދެއްގެ ގޮތުގައި ހަނގުރާމަކޮށް ޝަހީދެއްގެ ދަރަޖަ ހޯދައިގެންނެވެ. އިސްލާމްދީނަކީ އިންސާނާގެ ހިތާއި ސިކުނޑި ބަދަލުކުރުމުގެ ގާބިލްކަން ލިބިފައިވާ ދީނެއްކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އަދި އިޓަލީގެ އިސްތިޢުމާރީ ސިފައިންގެ އަނިޔާވެރިކަމާ ދެކޮޅަށް އޭނާ ޖިހާދުކުރި އިރު އޭނާ ސާބިތުކޮށް ދީފައިވަނީ އޭނާގެ އީމާންކަމާއި ހިތްވަރުގަދަކަމެވެ. އިޓަލީގެ އިސްތިޢުމާރާ ދެކޮޅަށް ލީބިޔާގެ މުޖާހިދުން ކުރި ހަނގުރާމައިގައި ޔޫސުފް އަލް މުސްލިމާނީ މަޝްހޫރުވެފައިވަނީ ވަފާތެރިކަމާއި ހިތްވަރުގެ ރަމްޒެއްގެ ގޮތުގައެވެ. އަދި އޭނާގެ ނަން ވަނީ ލީބިޔާގެ މިނިވަންކަމުގެ ތާރީޚުގައި ބިންވަޅު ނެގިފައެވެ.