Support Us

އޮންލައިން މައްސަލައެއް

ދާދި ފަހުން ކޮންމެވެސް ނޫހެއްގައި ލިޔެފައި އޮތް ތަން އަޅުގަނޑަށް ފެނުނު ސުރުޚީއެކެވެ. ރާއްޖޭގައި އޮންލައިންކޮށް ކިޔަވައިދެއްވާ ބައެއް މުދައްރިސުންނާއި މުދައްރިސާއިންނަށް ބައެއް ދަރިވަރުން ގަނާކުރާ ވާހަކައެވެ. އަދި ބައެއް މުދައްރިސުންނާއި މުދައްރިސާއިންނަށް އެކަމުގެ ސަބަބުން ނަފުސާނީ ގޮތުން ނޭދެވޭ އަަސަރުތަކެއް ކުރަމުން ދާ ވާހަކައެވެ.

މި ދެންނެވި ސުރުޚީ އަޅުގަނޑުގެ ލޮލުގައި އަޅައިގަތުމާއެކު އެ ސުރުޚީގެ ދަށުގައި ލިޔެފައި ހުރި ވާހަކަތަކަށް އަޅުގަނޑު ނަޒަރު ހިންގައިލީމެވެ. އަދި އެ ވާހަކަ ތަކަކީ ތެދު ވާހަކަތަކެއްތޯ، ނުވަތަ އެއީ ތެދުގެ ތެރެޔަށް ފޮނިތޮށި ކާފޫރުތޮޅި އަޅައިގެން ރަހަ ހެޔޮވަރުކޮށްލައިފައި ހުރި ވާހަކަތަކެއްތޯ، ނުވަތަ ވަކި ބައެއްގެ ވަކި މަޤްޞަދެއް ޙާޞިލް ކުރުމަށްޓަކައި އުފައްދައިފައި ހުރި ވާހަކަތަކެއްތޯ ބަލައިލަން ބޭނުންވެއްޖެ އެވެ. އަޅުގަނޑަކީވެސް އެއްދުވަސްވަރެއްގައި ރަސްމީކޮށް ޓީޗަރުކަން ކޮށް، އަދި މިހައިރުވެސް ތަޢުލީމީ ދާއިރާޔަށް ކޮންމެވެސް ސިފައެއްގައި ޚިދުމަތް ކުރަމުން ގެންދާ މީހަކަށް ވާތީ، 'ކާޅު ކެޔަސް ސޮއް ނުގޮވާށޭ' ކިޔައިފައި އެ ވާހަކަތަކަށް ބީރު ކަންފަތެއް ދޭކަށް އަޅުގަނޑުގެ ހިތް އަޅުގަނޑަކަށް ތަނެއް ނުދިނެވެ. އެެހެންކަމުން، ކަމުގެ ޙަޤީޤަތްތަކުގެ ތެރެއިން އެއްޙަޤީޤަތާ ހަމަޔަށް ނަމަވެސް ވާޞިލް ވެވޭތޯ ބަލަން މަސައްކަތް ފަށައިގެންފީމެވެ.

އެންމެ ފުރަތަމަ އަޅުގަނޑަށް ގުޅައިލެވުނީ މީގެ ދެއަހަރެއްހައި ދުވަސް ކުރިން އަޅުގަނޑު ހިންގި، ޒުވާނުންނަށް ޚާއްޞަ ހުނަރެއް ލިއްބައިދިނުމުގެ ކޯހެއްގައި ވަރަށް ހީވާގި ކަމާއެކު ބައިވެރިވެ ވަޑައިގެން، އަޅުގަނޑުގެ އިޙްތިރާމް ހޯއްދަވައިފައިވާ، އަދި މިހައިރު ސިޔާސީ ރޮނގުން ވަރަށް ކުރީގައި އުޅުއްވާ ބޭފުޅަކާއެވެ. ނޫހުގައި އޮތް ވާހަކަ އޭނާޔަށް ދަންނަަވައިލުމުން އޭނާ ވިދާޅުވީ ވަރަށް އާދަޔާ ޚިލާފު، އެކަމަކު އޭގައި ޙަޤީޤަތެއް އެކުލެވުން އެކަށީގެންވާ ކަހަލަ ވާހަކައެކެވެ. އެއީ، ކިޔަވާ ކުދިން މުދައްރިސުންނާއި މުދައްރިސާއިންނަށް ފުރައްސާރަކޮށް، ހަނގާކުރާ ވާހަކަޔަކީ އެޔަށްވުރެ މުހިންމު ކޮންމެވެސް ކަމެއް ފޮރުވަން ދުއްވައިފައި އޮތް 'ދެބޯގެރި’ޔެކޭއެވެ. އަދި އެކަމާ އަޅުގަނޑު އެހައި ބޮޑަށް ނުވިސްނާށޭއެވެ.

ދެވަނަޔަށް އަޅުގަނޑަށް ގުޅައިލެވުނީ އަޅުގަނޑުގެ ވަރަށް ގާތް ބޭފުޅަކާއެވެ. އެކުވެރި ރަޙުމަތްތެރިކަމުގެ ސަބަބުން އަޚަކަށް ވެވަޑައިގެންފައިވާ ޢިއްޒަތްތެރިޔަކާއެވެ. އޭނާޔަކީ އެއް ދުވަސްވަރެއްގައި މުދައްރިސްކަން ކުރައްވައި، އަދި އޭގެ ފަހުން ދައުލަތުގެ މުހިންމެ ދެތިން މަޤާމުވެސް ފުރުއްވުމަށްފަހު، މިހައިރު އަމިއްލަ ވިޔަފާރިއެއް އާރާސްތު ކުރެއްވުމުގައި މަޝްޢޫލުވެ ވަޑައިގެން އުޅުއްވާ ތާޖިރު މުފައްކިރެކެވެ. ނޫހުގައި އޮތް ވާހަކަ އޭނާ އަރިހުގައި ދަންނަވައިލުމުން އޭނާ އަޅުގަނޑަށް ދެއްވީ ހީކުރި ކަހަލަ ޖަވާބެއް ކަމަށް ނުވިޔަސް، އެ ޖަވާބަކީވެސް ޙަޤީޤަތަށް ވެދާނެ ކަމަށް އަޅުގަނޑު ޤަބޫލު ކުރީމެވެ. އޭނާ ވިދާޅުވީ، އޮންލައިންކޮށް ކިޔަވައިދެއްވާ މުދައްރިސުންނާ ދަރިވަރުން ގަނާކުރާ ވާހަކަ އެއީ ނޫހަކަށް އަރުވާ ވަރުގެ އަހުމިއްޔަތެއް އޮތް ވާހަކައެއް ނޫނޭ އެވެ. އެއީ ކޮންމެވެސް ނޫހެއްގައި މަސައްކަތްކުރާ ކުއްޖެއްގެ ތިމާގެ މީހަކަށް ދިމާވި ވަރަށް އާދައިގެ ކަމެއް ބޮޑުކޮށްލައިގެން ލިޔެފައި އޮތް ވާހަކައެކޭ އެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި އޮންލައިންކޮށް ކިޔަވައިދެއްވާ ގިނަ ޓީޗަރުން ވަރަށް އުފާވެރިކަމާއެކު ހަމަޖެހިވަޑައިގެން ތިއްބަވައިގެން އެކަން ކުރައްވަމުން އެބަ ގެންދަވައޭ އެވެ. އަދި ނޫހުގައި އެ އޮތް ވާހަކަޔަށް އަޅުގަނޑު އެހައި ބޮޑު ސަމާލުކަމެއް ދޭނެ ކަމެއް ނެތޭ އެވެ.

ދެން އަޅުގަނޑަށް ގުޅައިލެވުނީ މަދުރަސާއެއްގައި ކިޔަވައިދެއްވަން އުޅުއްވާ ބޭކަނބަލަކާއެވެ. މި މައްސަލަޔާ ގުޅޭ ގޮތަކުން ނޫނެވެ. މުޅިން އެހެން ކަމަކާއެވެ. އެހެން ނަމަވެސް، އަޅުގަނޑު އޭނާޔާ ގުޅި ކަމާ ބެހޭ ވާހަކަ ދެއްކުމަށްފަހު، ގަނާކުރުމާ ބެހޭ ވާހަކަ އަހައިނުލައެއް ނުހުރެވުނެވެ. ނޫހުގައި އޮތް، ގަނާކުރުމުގެ ވާހަކަ އެއީ ހިނގާކަމެއްތޯވެސް އަހައިލެވުނެވެ. ޖަވާބު އައީ އަޅުގަނޑު ހީކުރި ގޮތަކަށް ނޫނެވެ. މުދައްރިސާ ޙަލީމާ (އަސްލު ނަމެއް ނޫން) ބުނުއްވީ އެއީ ހިނގާ ކަމެއް ކަމަށެވެ. އަދި ޚުދު އޭނާޔަށްވެސް އެކަމުގެ އުނދަގޫ ފޯރި ކަމަށެވެ. އަދި އެ ކަމާ ބެހޭ ގޮތުން އޭނާ ދެކެލައްވާ ގޮތް ވަރަށް ސާފުކޮށް އަޅުގަނޑަށް ކިޔައިދެއްވިއެވެ.

ޙަލީމާ ބުނުއްވި ގޮތުގައި، އަޅުގަނޑުމެންނާ ކުރިމަތިވެފައި މިއޮތީ ވަރަށް ގިނަ ގޮންޖެހުންތަކެއް އެކަމެއްގައި އެކުލެވިގެންވާ ދުވަސްތަކެކެވެ. ކޯވިޑު19 ގެ ސަބަބުން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ދަތިތައް އަޅުގަނޑުމެންނާވެސް ކުރިމަތިވެފައި ވެއެވެ. މަދުރަސާތައް ބަންދުކޮށްފައި ބެހެއްޓިއެއް ކަމަކު ކިޔަވައިދޭން ޖެހެއެވެ. ކުދިން ކިޔެވުމާ ދުރުނުވެ ތިބޭނޭ ގޮތެއް ހެދުމަށްޓަކައެވެ. މުޤައްރަރުތައް ނިންމުމަށްޓަަކައެވެ. ކިޔަވައިދޭން ޖެހެނީ އޮންލައިން ކޮށެވެ. ގިނަ މުދައްރިސުންނަކީ އޮންލައިންކޮށް ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިތިބި ބައެއް ނޫނެވެ. އެހެންނަމަވެސް އެ މީހުންނަށް ޖެހެނީ އެ ކަން ކުރުުމުގެ ވަޞީލަތްތަކާއި ހުނަރުތައް އަލަށް، އެހެން ބައެއްގެ މާ ބޮޑު އެހީއަކާ ނުލައި، ވަރަށް ކުޑަ މުއްދަތެއްގެ ތެރޭގައި ދަސްކޮށްގެން، ކިޔަވައިދިނުމައިގެން ކުރިޔަށް ދާށެވެ. މިކަމައިގެން އެމީހުން ކުރިޔަށް ދާ ކަމަށްޓަކައި ޙަލީމާ އެމީހުންނަށް އައްސަރިބަހުން ސާބަސް ދެއްވައެެވެ.

ޙަލީމާ ބުނުއްވި ގޮތުގައި މިކަހަލަ ދަނޑިވަޅެއްގައި މުދައްރިސުންނާ ދިމާކޮށް، ފުރައްސާރަކޮށް، ގަނާކޮށް ހަދަނީ ދަރިވަރުން ކަމަށް ވެއްޖިއްޔާ، އެކުދިން ވާނީ އެއްވެސް ގޮތެއް ފޮތެއް ނެތް ބަޔަކަށެވެ. ތަޢުލީމެއް، ތަހުޒީބެއް ނެތް މައިންބަފައިންގެ ފަރާތުން އެއްވެސް ހެޔޮ ތަރުބިއްޔަތެއް ނުދީ ދުނިޔެ ތެރެޔަށް ނެރެފައިވާ ބަޔަކަށެވެ. އެ ބައެއް އެ މުޖުތަމަޢެއްގެ ތެރެޔަށް ދޫވެފައި ތިބެގެން ބޮޑެތި މީހުންނަށް ވެއްޖެނަމަ، އެ މުޖުތަމަޢެއްގައި އެއްވެސް އަމާންކަމެއް، ފަރުދެއްގެ އަބުރެއް، ނަފުސުގެ ކަރާމާތެއް ނެތް ތާކަށް އެ މުޖުތަމަޢު ހަދައިލާނެ ބަޔަކަށެވެ. އެކަހަލަ ބަޔަކު އަޅުގަނޑުމެންގެ މި މުޖުތަމަޢުގެ ތެރޭގައި ދަރިވަރުންގެ ގޮތުގައި ތިބޭނޭ ކަމަކަށް ޙަލީމާ ޤަބޫލެއް ނުކުރައްވައެވެ.

ޙަލީމާ ދެން ބުނުއްވި ގޮތުގައި، އޭނާ އެ ބުނުއްވި ކަހަލަ ނުރައްކާތެރި ދެތިން ދަރިވަރުން މުޖުތަމަޢަށް ދޫވެފައި ތިބެމެ، އެ ކުދީންނަކީ ކޮމްޕިޔުޓަރާއި އިންޓަރނެޓާއި މިކަހަލަ ކަންކަމަށް ކުޅަދާނަ ކުދީންނަށް ވެފައި، އެ ކުދީން ރާވައިގެން މުދައްރިސުންނަށް ޖެއްސުންކޮށް، ގަނާކޮށް ހަދާނަމަ، އެ ކުދީން ވިސްނަން ވާނެ އެހެން ކަމެއްވެސް އެބަ އޮތެވެ. އެއީ، އެކުދިންނަކީ އައި.ޓީ ގެ ދާއިރާޔަށް ފަރިތަ ކުދީންނަށް ވިޔަސް، އެކުދިންގެ ނާތަހުޒީބު އަމާޒަށް ހަދައިލާ މުދައްރިސުންނަކީ ނަފުސާނީ ޢިލްމާއި ދުނިޔޭގެ ތަޖުރިބާގެ ރޮނގުން އެކުދީންނަށްވުރެ މާކުރީގައި ތިބޭނޭ ބައެއް ކަމާމެދު ވިސްނުމެވެ. އެ ކުދީންގެ ޝިކާރަޔަކަށް ހަދައިލާ މުދައްރިސުންނަކީ ވެސް އިންސާނުން ކަމަށް ވާއިރު، އޭގެ ތެރެއިން އެންމެ މުދައްރިސަކު ނަމަވެސް ކެތް ކޮޅުންލައިގެން ރައްދު ޙަމަލައެއް ދީފާނެ ކަމާމެދު ވިސްނުމެވެ. އަދި އެކަހަލަ ޙަމަލައެއް ދީފިނަމަ، އެކުދީންގެ ޙަޔާތަށްވެސް އިޢާދަ ނުކުރެވޭވަރުގެ ދެރައެއް ލިބިދާނެ ކަމާމެދު ވިސްނުމެވެ. ޙަލީމާ ބުނުއްވީ، އެހައިކަންހާ ވަރަށް ވިސްނާނުލައި އުޅޭ ކުދީންނެއް މިރާއްޖެޔަކު ނޫޅޭނޭ ކަމަށް އޭނާ ޤަބޫލު ކުރައްވާ ކަމަށެވެ.

ފަށަމުންވެސް ދެންނެވި ފަދައިން، އަޅުގަނޑަކީވެސް އެއްދުވަސްވަރެއްގައި ރަސްމީކޮށް ޓީޗަރުކަން ކޮށް، އަދި މިހައިރުވެސް ތަޢުލީމީ ދާއިރާޔަށް ކޮންމެވެސް ސިފައެއްގައި ޚިދުމަތް ކުރަމުން ގެންދާ މީހަކަށް ވާތީ، މައްސަލައިގެ އަނެއް ކޮޅުގައި ކަން އޮތްގޮތެއްވެސް ބަލައިލަން އަޅުގަނޑު ބޭނުންވެއްޖެއެވެ. އެހެން ކަމާއެކު، ދެން އަޅުގަނޑު ގުޅައިލީ އަޅުގަނޑު ރަނގަޅަށް ދަންނަ ދަރިވަރުންކޮޅެއްގެ ތެރެއިން ތަންކޮޅެއް ސިޔާސަ ކަމަށް ބައެއް މީހުން ބުނެ އުޅޭ ދެތިން ކުއްޖަކާއެވެ. މުދައްރިސުންނާ ގަނާކުރުމަކީ މަޖާ ކަމެއްކަމަށް އެމީހުން ދެކޭތޯ ބަލައިލުމަށެވެ. އަޅުގަނޑު އެ ވާހަކަ ހަމަ ފެށުމާއެކު އެއިން ހަމަ ކޮންމެ ކުއްޖަކުވެސް ދެއްކީ އެއް ވާހަކައެކެވެ. އެކި ކުދީން އެކި ގޮތަށް ނަމަވެސް ކީ ހަމަ އެކައްޗެކެވެ. އެއީ، މިކަހަލަ ދަނޑިވަޅެއްގައި އެތަކެއް ކުދީންނަށް ކިޔަވައިދެއްވުމަށްޓަކައި އެ ކުދީންގެ މުދައްރިސުންނާއި މުދައްރިސާއިން އޮންލައިންކޮށް އެ ކުރައްވާ ހިތްވަރަށްޓަކައި އެ ކުދީން ޝުކުރުވެރިވާ ވާހަކައެވެ. އެ ދައްކަވާ މިސާލަށްޓަކައި އެކުދީންވެސް ފަޚުރުވެރިވާ ވާހަކައެވެ. އަދި އެ ކުދީން ދަންނަ އެއްވެސް ކުއްޖަކު އެ ކަހަލަ ކަމެއް ކުރާކަން ނުވަތަ ކުރިކަން އެނގިފައި ނެތް ކަމަށެވެ. މި އަޑުތައް އަހައިފައި އަޅުގަނޑުގެ ހިތް އުފަލުން ފުރިގެން ދިޔައެވެ.

އެ ހިސާބުން އަޅުގަނޑުގެ ހަނދާނަށް އައީ އަޅުގަނޑުގެ ސިޔާސީ ރަޙުމަތްތެރިޔާ ވިދާޅުވި ވާހަކަފުޅެވެ. މައްސަލަޔަކީ 'ދެބޯގެރި’ޔަކަށް ވެދާނެ ކަމަށެވެ. އަދި އެކަމާ އަޅައިނުލުމަށެވެ. ދެން ހަނދާނަށް އައީ އަޅުގަނޑުގެ ތާޖިރު މުފައްކިރު ވިދާޅުވެދެއްވި ވާހަކަފުޅެވެ. އެއީ އެންމެން އެ ކަމާ އަޅައިލާ ވަރަށްވުރެ ކުޑަކުޑަ މައްސަލަޔަކަށް ވެދާނެ ކަމަށެވެ. އާދޭހެވެ! މައްސަލަޔަކީ ދެބޯގެރިޔަކަށް ވިޔަސް، އެކަކާ ދިމާވި ކަމެއް ބޮޑުކޮށްލައިގެން ދެކެވުނު ވާހަކަޔަކަށް ވިޔަސް، އެއީ އެ ކަމާ އަޅުގަނޑުމެން އަޅައިނުލައި ދޫކޮށްލާ ވަރުގެ ވާހަކައެއް ނޫނެވެ.

ސަބަބަކީ ތޯއެވެ؟ ސަބަބުތައް ބައިވަރެވެ. އެންމެ ފުރަތަމަ، އަޅުގަނޑުމެންގެ މުސްތަޤުބަލު ކަމަށްވާ، އަޅުގަނޑުމެންގެ އަދުގެ ދަރިވަރުންގެ އަބުރާއި ޤަދަރާއި ޢިއްޒަތެވެ. އެ ކުދީންނަށް އަޅުގަނޑުމެންގެ ހިތާއި ރޫޙުން ދެވޭ ލޯތްބާއި އިޙްތިރާމެވެ. ދަރިވަރުން މުދައްރިސުންނަށް ފުރައްސާރަކުރެޔޭ ބުނެވުނީމައި، މި ދެންނެވި ޤަދަރާއި ޢިއްޒަތާއި ލޯތްބާއި އިޙްތިރާމަށް އެޅޭ ހުރަހެވެ. ދެވަނަޔަށް، ތިމާމެންގެ ދަރީން ހެޔޮ ގޮތުގައި ބަލައިބޮޑުކޮށް، ރަނގަޅު ތަރުބިޔަތު ދީގެން އެ ކުދީން ގެންގުޅުމަށްޓަކައި މައިންބަފައިންނާއި ބެލެނިވެރީން ކެނޑިނޭޅި ވަމުންދާ ޤުރުބާނީގެ އަގު، މި ދެންނެވިހެން ބުނެވުނީމައި ވެއްޓިގެން ދާ ގޮތެވެ. ތިންވަނަޔަށް، އަޅުގަނޑުމެންގެ މުދައްރިސުންނާއި މުދައްރިސާއިން އޮންލައިންކޮށް ކިޔަވައިދެއްވުމުގައި ހޯއްދަވަމުން އެ ގެންދަވާ ކާމިޔާބީއާއި ލޯތްބާއި އިޙްތިރާމުން ބައެއް ނަމަވެސް މިކަހަލަ ނުކިއްސަރު ވާހަކަ ދެއްކީމައި އުނިވެގެން އެ ދާ ގޮތެވެ.

އަޅުގަނޑުވެސް އެއްބަހެވެ. ކޮންމެވެސް ތަނެއްގައި އޮންލައިންކޮށް ކިޔަވައިދޭ  ކޮންމެވެސް ފަރުދަކަށް 'ހިފި ނުހުރެގެން' އުޅޭ ޒާތުގެ ކޮންމެވެސް މީހަކު ބެހިލައިފައި އޮވެދާނެއެވެ. އެ ކަހަލަ ނޭންގާނީ ކަންކަން އެހެން ދާއިރާ ތަކުގައިވެސް މީސްމީހުން ކޮށް އުޅެއެވެ. ފުލުހުންނާއި ކޯޓުތަކާއި ޖަލުތައް އެހުންނަނީ އެހެންވީމައެވެ. އެހެނެކޭ ކިޔައިފައި އެ ދާއިރާތަކުގެ އެންމެން ބަދުނާމެއް ނުވޭ ނޫންތޯއެވެ؟ ހަމަ އެ ބީދައިން، ޖުމުލަ ގޮތެއްގައި ބަލައިލައިއިރު، ދިމާވެގެން މި އުޅޭ ދަތި ކަންތައްގަނޑުގެ ތެރޭގައި ދަރިވަރުންނާއި މައިންބަފައިންނާއި ބެލެނިވެރީންނާއި މުދައްރިސުންނާއި މުދައްރިސާއިން އެ ކުރައްވާ ހިތްވަރާއި، ދައްކަވާ ކެތްތެރިކަމަށްޓަކައި އައްސަރިބަހުން ސާބަސް ދިނުން ނޫން ހެޔޮ ގޮތެއް ހަމަ ނޯންނާނެއެވެ.  އަޅުގަނޑުގެ ހިފެހެއްޓުމެއްނެތް ލޯތްބާއި ސާބަސް މިދެންނެވި އެންމެހައި ބޭބޭފުޅުންނަށް އަރިސްކުރަމެވެ.