މުޅި ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގައި ހުރި، ހުރިހާ ބޭންކުތަކާއި ހުރިހާ ކުންފުނިތަކެއްގެ ރައުސުލްމާލާއި އަދި ވަކިވަކި ފަރުދުންގެ މުއްސަނދިކަމާއި އެ ހުރިހާ އެއްޗެއް އެއްކޮށްލުމުން މުޅި ދުނިޔޭގެ ޖުމްލަ އިޤްތިޞާދުގެ މުއްސަނދިކަން ކިހާވަރެއް ވާނެތޯ ކުޑައިރުކޮޅަކު ވިސްނާލަމާ ހިނގާށެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި މުޅި ދުނިޔޭގެ އިޤުތިސާދުގައި މިވަގުތު ހުރީ ގާތްގަނޑަކަށް 145.4 ޓްރިލިއަން ޑޮލަރެވެ. މިއީ، ދުނިޔޭގެ މަޝްހޫރު އޮޑިޓްފާމެއް ކަމަށްވާ ޕީ.ޑަބުލިއު.ސީ ނުވަތަ ޕްރައިސް ވޯޓަހައުސް ކޫޕާސްއިން ޢާންމުކޮށްފައިވާ ހިސާބެކެވެ. ތަފާތު ތަޖުރިބާކާރުން، ތަފާތު ގޮތްގޮތަށް ހިސާބުތައް އާންމުކޮށްފައި އެބަހުއްޓެވެ.
އެކަމަކު، މި ކައުނުގައި ލައްވާފައިވާ މާއްދާއެއްގެ އެންމެ ދެ ގްރާމުބައިގެ އަގު، ކުރިން މި ބަޔާންކުރި، މުޅި ދުނިޔޭގެ ޖުމްލަ އިޤްތިޞާދުގެ މުއްސަނދިކަމާ އެއްވަރުކަން އެނގޭ ހެއްޔެވެ؟

އާދެ، އެ މާއްދާއަކީ އެންޓިމެޓަރއެވެ. ބަލައިބެލުމަށް އެންޓިމެޓާވެސް ހީވާނީ އާދައިގެ މާއްދާއެއް ހެންނެވެ. އެހެންނަމަވެސް އޭގެ ޕާޓިކަލްތަކުގައި ޗާޖު ހުންނަނީ އިދިކޮޅަށެވެ. އެހެނީ އާދައިގެ މާއްދާއަކީ ޕޮޒިޓިވް އެއްޗެއްނަމަ އެންޓިމެޓައަކީ ނެގެޓިވް އެއްޗެކެވެ.
ހައިރާންވާންޖެހޭ ކަމަކީ، އެންމެ ގްރާމެއްގެ އެންޓިމެޓަރ އަށް، ގާތްގަނޑަކަށް 60 ޓްރިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ލަފާކުރެވޭކަމެވެ. އެހެންކަމުން ދެ ގްރާމް ބައި އެންޓިމެޓަރ އަކީ ގާތްގަނޑަކަށް މުޅި ދުނިޔޭގެ ޖުމްލަ އިޤްތިޞާދާ އެއްވަރުގެ އެއްޗެކެވެ.
އެކަމަކު، އޭގެ ވާހަކަ މި ހިސާބަކުން އަދި ނުނިމެއެވެ. އެއް ގްރާމް އާދައިގެ މާއްދާއެއް، އެއް ގްރާމް އެންޓިމެޓަރ އާ މުޑިއަރައިފިނަމަ، އެ ދެ މާއްދާ ޖެހި ގޮވުމުން ދޫކުރާ ހަކަތައަކީ ތިން އެޓޮމިކް ބޮމާ އެއްވަރުގެ ހަކަތައެކެވެ. މާނައަކީ އެންމެ ދެ ގްރާމް އެންޓިމެޓަރގައި ދުނިޔޭގެ ބޮޑު ސަހަރެއް އެއްކޮށް ފަނާކޮށްލުމުގެ ބާރު އެކުލެވިގެންވެއެވެ.

ޔޫރަޕިއަން ކައުންސިލް ފޮރ ނިއުކުލިއަރ ރިސާޗް ފަދަ ދުނިޔޭގެ ބޮޑެތި ސައިންޓިފިކް އިދާރާތަކުން އެންޓިމެޓަރ ދިރާސާ ކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ. އެކަމަކު، އެންޓިމެޓަރ އުފެއްދުމާއި ބެލެހެއްޓުމާއި ރައްކާތެރިކުރުމަކީ ދުނިޔޭގައި އޮތް އެންމެ އަގުބޮޑު އަދި އެންމެ އުނދަގޫ މަސައްކަތެކެވެ. ސަބަބަކީ އާދައިގެ މާއްދާއެއްގައި އެންޓިމެޓަރ ޖެހުމާއެކު ބޮޑު ގޮވުމެއް ގޮވާތީއެވެ.
އެހެންކަމުން، ދެން ފަހަރަކުން އަގުހުރި އެއްޗިއްސާ މެދު ވިސްނާއިރު، ރަނާއި ޖަވާހިރާ އަދި ޕެޓްރޯލުގެ މަތިން ހަނދާން ކުރުމުގެ ކުރިން އެންޓިމެޓަރއާ މެދު ވިސްނާލާށެވެ. އެއީ މިހާތަނަށް ހޯދިފައިވާ، ކައުނުގައި ލެއްވި އެންމެ އަގުބޮޑު އަދި އެންމެ ބާރުގަދަ އެއްޗެވެ. އެއީ، އަހަރުމެންނަށް ފެންނަ، އެހެން ނަމަވެސް އަތްނުލެވޭ އެއްޗެކެވެ.
އެންމެ ދެ ގްރާމްބައިގެ އެންޓިމެޓަރ އަކީ، މުޅި ދުނިޔޭގެ މުއްސަނދިކަމަށް ވުރެ އަގުބޮޑު އަދި އެހާމެ ނުރައްކާތެރި އެއްޗެކެވެ. ދުނިޔެއާއި، ދުނިޔޭގައި ލެއްވި ހުރިހާ އެއްޗެއްގެ އަގާ މެދު ނިކަން ވިސްނާލަބަލާށެވެ. އެކަމަކު، މާތް ﷲގެ ޙަޟުރަތުގައި މި ދުނިޔޭގެ އަގު މަދިރިއެއްގެ އެންމެ ފިޔައަކަށްވުރެ ވެސް ކުޑައެވެ. ކީރިތި ރަސޫލާ ﷺ ޙަދީސްފުޅު ކުރައްވާފައިވެއެވެ.
"މި ދުނިޔެއަކީ، اللهގެ ޙަޟުރަތުގައި މަދިރި ފިޔައެއްގެ އަގުހުރި އެއްޗެއް ނަމަ، މި ދުނިޔެއިން ކާފަރަކަށް އެންމެ ފެން ތިއްކެއްވެސް ނުދެއްވީހެވެ." ސުނަން އައްތިރުމިޛީ 2320 (ޞަޙީޙު) އައްޒަރުޤާނުގެ މުޚުތަޞަރުލް މަޤާސިދު (829)
