Support Us

ކޮލަމް ކޯދު: މީހަކު ބުނާ ވާހަކައެއް

1. އިންސާނާއާއި ޖަނަވާރުން ތަފާތުކުރަނީ ހަމައެކަނި ބުއްދިއަކުން ނޫނެވެ. ނަމަވެސް، ޟަމީރުންނެވެ. ބުއްދިވާ، ނަމަވެސް، އޭނަގެ ޟަމީރު މަރުވެފައިވާ އިންސާނާއަކީ އިންސާނެއް ކަމުގައި ބެލެވިދާނެ ހެއްޔެވެ؟

2. އިންސާނާއަށް ބަރުދާސްތުކުރަންޖެހޭ ބޮޑެތި ދަތިތަކާއި ވޭންތައް އޭނާ މަތިވެރި ވަރުގަދަ މީހަކަށް ހަދާލައެވެ.

3. ވަރަށް ގިނަ ފަހަރު، އަންހެނެއްގެ ކިބައިން ފެންނަ ތާކުންތާކު ނުޖެހޭ ކަންކަމާއި މޮޔަކަންކަމަށް، އޭނައަށް މާފު ދެވޭ ހަމައެކަނި ސަބަބަކަށް ވެފައި އޮންނަނީ އޭނަގެ ރީތި ކަމެވެ. ފިރިހެނެއްގެ މުއްސަނދިކަން، އޭނަ ކުރާ ތާކުންތާކު ނުޖެހޭ ކަންކަމާއި މޮޔަކަންކަމަށް މާފުދީ އަޅާ ނުލެވޭ ފަދައިންނެވެ.

4. އަންހެނާއަށް، އެކަނބުލޭގެ ހިތުގެ ފުންމިނުން ލޯބިވެވި، އެ ލޯބި އެ ކަނބުލޭގެ އެހެން ހުރިހާ ކަމަކުން ކަނުކޮށްނުލާ ނަމަ، ރަނުގެ ދަޅައިގެ ވިދުވަރުން އެކަނބުލޭގެ ލޯ ކަނުކޮށްލާނެއެވެ.

5. ވަރަށް ގިނަ މީހުން މާޒީގެ ތެރެއަށް ގެނބި، ޣަރަގުވެދެއެވެ. މާޒީއަކީ މުސްތަގުބަލާ ދިމާއަށް ފުންމާލަން އޮންނަ ޓުރެޕީޒިއަމްއެއް ކަމުގައި އެ މީހުން ހަނދާންނެތެނީއެވެ.

6. ވަގުތީ ގޮތުން އަހަރުމެންނަށް ލިބޭ ބާރު، އެއީ ހިއްސީ ޖިސްމާނީ ބާރެއް ކަމުގައި ވިޔަސް ނޫނީ ފައިސާ/ސިޔާސީ މައުނަވީ ބާރެއް ކަމުގައި ވިޔަސް، އަހަރުމެންގެ އިންސާނީ ނުކުޅެދުންތެރިކަމުގެ މަތިން ހަނދާން ނައްތުވާލައެވެ. އަދި، އެހެންވެ، އަހަރުމެންނަށް ލިބިފައިވާ ހިކުމަތްތެރިކަމުގެ އަލިން އަލިކަން ލިބިގަތުމުން މަހުރޫމުވެގެން ދެއެވެ.

7. ބަލިކަށި ނޫނީ ނިކަމެތި ދެރަ އިންސާނަކު ނުވެއެވެ. ނަމަވެސް، އޭނަގެ ހުނަރާއި އަދި އެ ހުނަރުގެ ސަބަބުން އޭނާ ގަދަފަދަވެ، ބާރުވެރިކުރުވާ އޮށް އޭނަގެ ނަފްސުގެ ތެރޭގައި ވަޅުލެވި ފޮރުވިފައި އޮތީ ކޮންތާކުކަން ދެނެގަންނަން މަސައްކަތް ނުކުރާ މީހުން އުޅެއެވެ.

8. ހަރުފަ އުފަން ވަނީ އޭގެ ކިބައިގައި ވިހަ އެކުލެވިގެންވާ ހާލުގައެވެ. ނަމަވެސް، އިންސާނާ ސާފު ތާހިރުކަންމަތީގައެވެ. ދެން، އެކިއެކި ވިހަތައް އޭނަގެ ކިބައިގައި އޭނަ އަމިއްލައަށް އުފައްދައެވެ. ނަފުރަތާއި ރުޅިވެރިކަމުގެ ވިހައެވެ. ހަސަދައާއި އަނެކާއަށް ހެޔޮ ނޭދުމުގެ ވިހައެވެ. ދަހިވެތިކަމާއި މަވަތި ކަމުގެ ވިހައެވެ. މިހުރިހާ ވިހައެއް އަމިއްލައަށް އަމިއްލަ ނަފްސުގައި އުފެއްދުމަށް ފަހު، އޭގެ ބޭސް އަމިއްލަ ނަފްސުގައި އޮތް އިރު ވެސް، އޭގެ ހިތި ނަތީޖާތައް ފެނުމުން، ދެން، އެކަމުގެ ބޭސް ހޯދަން އިންސާނާ އުޅެނީ ބޭރުންނެވެ.

9. އަހަރުމެންނަށް ހީވަނީ އެންމެން ވެސް މިނިވަންކަމަށް ލޯބިކުރާނެ ކަމަށެވެ. ނަމަވެސް، އަހަރުމެން ހަނދާން ނެތޭ ކަމެއް ވެސް އޮވެއެވެ. އަހުރުމެން ވަނީ އަހަރުމެންގެ އަމިއްލަ އެދުމުގެ އަޅުންނަށްވެފައި ކަމެވެ. މިއީ ހަގީގަތް ކަމަށް ވެއްޖެ ނަމަ، އެހެން މީހުންގެ އަޅުވެތިކަމުން ވެސް އިންސާނާ ސަލާމަތްވުން އުނދަގޫ ވާނެއެވެ.

10. ހުރިހާ ވަރުގަދަ އުސޫލުތަކާއި ރިވެތި އަޚުލާގީ ސިފަތައް، އެ ހިލައެއް މަތީ މުގުރާލެވޭ ހިލައަކީ އަމިއްލަ އެދުމާއި އަމިއްލަ މަސްލަހަތެވެ.