ކުޑަކުޑަ ހެލިކޮޕްޓަރެއް ރާއްޖޭގައި އޮޕަރޭޓްކުރަން އިންޑިއާ ސިފައިންގެ 15 ނޫނީ 20 މީހުންގެ ޔުނިޓެއް ބޭނުންނުވާނެ ކަމަށް އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާ ދެކޮޅަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އަޑު އުފުލަމުން ދަނިކޮށް، އަސްކަރިއްޔާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ އަލީ އިހުސާން ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ އިންޑިއާއަކީ ރަނގަޅު ރަހުމަތްތެރި، އަވަށްޓެރި ގައުމެއް ކަމަށާއި އިންޑިއާގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ ރާއްޖޭގެ ވެސް ޒިންމާއެއް ކަމަށެވެ.
"މަހަކު އެއް ފަހަރު ވެސް ގިނަ ފަހަރު ދުއްވަން ނުޖެހޭ ތިން މީހުންގެ ޖާގައިގެ ހެލިކޮޕްޓަރެއް ދުއްވަން އިންޑިއާގެ 15 ނޫނީ 20 ސިފައިން ބޭނުމެއް ނުވާނެ،" އަލީ އިހުސާން ވިދާޅުވިއެވެ.
Sifaingeyga bandu musaara nagaigen huri iru nukerun thihen bunelan.
— Hussain Athif (@KiruKoffee) September 6, 2020
އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބޭތީ އެކަމާ އިދިކޮޅުން ކަނބޮޑުވުން ފާޅުކުރަމުން ގެންދަނިކޮށް އެމްއެންޑީއެފުން ވަނީ އެކަމާ ބެހޭ ގޮތުން ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދީފައެވެ. އެގޮތުން ހަތިޔާރު އެޅި ސިފައިންގެ ފައުޖެއް ނުވަތަ ބަޔަކު ރާއްޖޭގައި ނެތް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ހިއުމެނިޓޭރިއަން ރޯލެއްގައި އިންސާނީ ހިދުމަތްތަކެއް ދިނުމަށް ޓެކްނީޝަނުންގެ އެހީތެރިކަން އަބަދުވެސް ލިބެމުން އަންނަ ކަމަށް ޝަމާލް ވަނީ ވިދާޅުވެފަ އެވެ.
އެމްއެމްޑީއެފުން އެހެން ބުނުމާއެކު "އަދިވެސް" އަށް ދެއްވި އިންޓަވިއުއެއްގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަތުގައި މިވަގުތު ހަތިޔާރު ނެތުން އެއީ ނުރައްކާ ކުޑަވާ ކަމެއް ނޫން ކަމަށާއި ހެލިކޮޕްޓަރުގައި ގޮސް އިންޑިއާ މަނަވަރަކުން ހަތިޔާރު ގެނެސް، ރާއްޖޭގައި މިތިބަ 150 އިންޑިއާ ސިފައިން ހަތިޔާރު އެޅި ފައުޖަކަށް ބަދަލުވުމަށް ބޭނުންވާނީ އެންމެ ދެ ގަޑިއިރު ކަމަށެވެ.
އެމެރިކާގެ އަސްކަރިއްޔާގައި ހަތަރު އަހަރު ހިދުމަތް ކުރައްވާފައިވާ އަލީ އިހުސާނަކީ އެމްއެންޑީއެފްގެ މެރިންކޯގައި 11 އަހަރު ހިދުމަތް ކުރައްވާފައިވާ އޮފިސަރެކެވެ. އެހެންވެ، އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް ސިފައިންގޭގައި އުޅުއްވިއިރު ދެކޮޅު ނުހެއްދެވީ ކީއްވެތޯ ޓްވީޓަރގައި މީހަކު ކޮށްފައިވާ ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ސިފައިންގެ ތެރޭގައި އުޅުނުއިރު ވެސް އެކަމާ އޭނާ ދެކޮޅުހެއްދެވި ކަމަށެވެ. ނަމަވެސް ޔުނީފޯމް އަޅައިގެން ތިބޭއިރު ޕޮލިސީ ލެވެލްގައި ނިންމާ ކަންކަމުގައި އާއްމުކޮށް ހިޔާލު ފާޅުކުރުމަކީ އަސްކަރީ އުސޫލްތަކާ ހިލާފް ކަމެއް ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ އެކި ބާވަތްތަކުގެ ލޯނުތައް އިންޑިއާއިން ރާއްޖެއަށް ދީ ރާއްޖެ އަތްދަށުލާން އިންޑިއާއިން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މާލީ އެހީގެ ގޮތުގައި 250 މިލިއަން ޑޮލަރު (3.9 ބިލިއަން ރުފިޔާ) ގެ އެހީއެއް އިންޑިއާ ސަރުކާރުން ދާދި ފަހުން ވެސް ވަނީ ރާއްޖެއަށް ދޭން ނިންމައިފައެވެ. މި އެހީގެ ޕެކޭޖުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިސާދީ ދަތިކަމުން އަރައިގަނެ، ކޮވިޑް-19 އާއި ދެކޮޅަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އިތުރު އެހީއަކަށް ވެގެންދާނެ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް އެއީ ކިހާ ވަރެއްގެ އިންޓަރެސްޓަކާއެކު ދިން ލޯނުތަކެއް ކަމެއް އަދި އަނބުރާ ދައްކަންޖެހޭ މުއްދަތެއް ވެސް ނޭނގޭތީ އިދިކޮޅު ފަރާތްތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދިި ރާއްޖެ އަށް ދެ ހެލިކޮޕްޓަރު "ހަދިޔާކޮށް" އެ ދެ ހެލިކޮޕްޓަރު އުދުއްސަން އިންޑިއާ ސިފައިން ރާއްޖޭގައި ބައިތިއްބާފައި ތިބޭ މައްސަލަ އާއި އައްޑޫ ހަންކެޑައިގައި އިންޑިއާ އިން ހަދާ ޕޮލިސް ޓްރޭނިން ސްކޫލަކީ އިންޑިއާގެ މިލިޓަރީ ބޭސްއެއް ކަމަށް ބުނެވެސް އިދިކޮޅު ފަރާތްތަކުން ދަނީ ޝަކުވާކުރަމުންނެވެ. އެކަމަކު ދިވެހި ސަރުކާރުން އެކަން ދޮގުކުރެއެވެ.
ލޯނާއި މިލިޓަރީ އެހީތައް ދީ، އިންޑިއާއިން ރާއްޖެ އަޅުވެތިކުރާ ކަމަށް ބުނެ އެކަމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ދަނީ #އިންޑިއާއައުޓް ނަމުގައި ކެމްޕެއިނެއް މީސްމީޑިއާގައި ހިންގަމުންނެވެ. އެއާއެކު ދިވެހި ސަރުކާރުގެ އިސް ފަރާތްތަކުން ދަނީ އިންޑިއާގެ އެހީތެރިކަމާއި މަދަދުގެ ވާހަކަތައް ދައްކައި އިންޓަވިއު ދީ، އިންޑިއާ ރުހޭ ކަހަލަ ޓްވީޓްތައް ކުރަމުންނެވެ.



advertisment