ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު މުހިންމު ދާއިރާތަކުން އެއްބާރުލުން ދިނުމުގެ ފަހުމުނާމާއަކާއި މުއާހަދާއެއްގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ މިއަދު ބައިވެރިވެވަޑައިގަންނަވައިފިއެވެ.
މި ރަސްމިއްޔާތުގައި ސޮއިކުރައްވާފައި ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ފޮރިން ސަރވިސް އިންސްޓިޓިއުޓާއި ލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަލް ޑިޕްލޮމެޓިކް ޓްރޭނިން އިންސްޓިޓިއުޓާ ދެމެދު ވެވޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ޑިޕްލޮމެޓިކް ޓްރޭނިންގ އެންޑް އެކްސްޗޭންޖް އޮފް އިންފޮމޭޝަން އެންޑް ޑޮކިއުމަންޓްސް ގައެވެ. މި އެއްބަސްވުމުގެ ދަށުން، ދެ ޤައުމުން ގުޅިގެން ޑިޕްލޮމެޓުން ތަމްރީނުކުރުމާއި، މަޢުލޫމާތު ހިއްސާކުރުމާއި، އިދާރީ ވަސީލަތްތަކާއި ޑޮކިއުމެންޓޭޝަންގެ ދާއިރާއިން ގުޅުން ބަދަހިކުރެވިގެންދާނެއެވެ.
މީގެ އިތުރުން ދެޤައުމުގެ މެދުގައި، ޖިނާޢީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މައްޗަށް ވެވޭ މުއާހަދާއެއްގައިވެސް މިއަދު ސޮއިކުރެއްވިއެވެ. ކެބިނެޓުން ފާސްކޮށްފައިވާ މިމުއާހަދާގެ ދަށުން، ޖިނާޢީ މައްސަލަތަކުގައި އެއްބާރުލުން ދިނުމާއި، ދަޢުވާކުރުމާއި، ހެއްކާއި މަޢުލޫމާތު ހިއްސާކުރުން ފުޅާކުރެވިގެންދާނެއެވެ.
މި އެއްބަސްވުމާއި މުއާހަދާއަކީ ޑިޕްލޮމަސީ އާއި ޤާނޫނީ ދާއިރާތަކުގެ ޒަރީއާއިން ދެޤައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދިޔުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.



advertisment