ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަތުގައި މިވަގުތު ހަތިޔާރު ނެތުން އެއީ ނުރައްކާ ކުޑަވާ ކަމެއް ނޫން ކަމަށާއި ހެލިކޮޕްޓަރުގައި ގޮސް އިންޑިއާ މަނަވަރަކުން ހަތިޔާރު ގެނެސް، ރާއްޖޭގައި މިތިބަ 150 އިންޑިއާ ސިފައިން ހަތިޔާރު އެޅި ފައުޖަކަށް ބަދަލުވުމަށް ބޭނުންވާނީ އެންމެ ދެ ގަޑިއިރު ކަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުލާ އިދިކޮޅު ލީޑަރު މިހެން ވިދާޅުވީ ބޭރުގެ އެއްވެސް ގައުމެއްގެ ހަތިޔާރު އެޅި ސިފައިންގެ ފައުޖެއް ނުވަތަ ބަޔަކު ރާއްޖޭގައި ނެތް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް އިއްޔެ ވިދާޅުވުމާ ގުޅިގެން "އަދިވެސް" އަށް ދެއްވި އިންޓަވިއުއެއްގައެވެ.
އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖެނެރަލް ޝަމާލް ވިދާޅުވީ ރާއްޖޭގައި "އެއްވެސް ގައުމެއްގެ މިލިޓަރީ ޕްރެސެންސެއް ނުވަތަ އަސްކަރީ ޕްރެސެންސެއް ނެތް" ކަމަށެވެ. ވަކިން ހާއްސަކޮށް ހަނގުރާމަވެރި ހަތިޔާރު އަޅައިގެން ތިބި ބަޔަކު ނެތް ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް ހިއުމެނިޓޭރިއަން ރޯލެއްގައި އިންސާނީ ހިދުމަތްތަކެއް ދިނުމަށް ޓެކްނީޝަނުންގެ އެހީތެރިކަން އަބަދުވެސް ލިބެމުން އަންނަ ކަމަށް ޖެނެރަލް ޝަމާލް ވިދާޅުވިއެވެ.
"ރާއްޖޭގައި މިލިޓަރީ ޕްރެސެންސެއް ނުވަތަ އަސްކަރީ ޕްރެސެންސެއް އެއްވެސް ގައުމެއްގެ ނެތްކަން ފާހަގަކޮށްލަން. ތަފްސީލަށް ދަންޏާ ހަނގުރާމަވެރި ހަތިޔާރު އަޅައިގެން ތިބޭ ސިފައިންގެ ފައުޖެއް ރާއްޖެއަކު ނެތް،" ޖެނެރަލް ޝަމާލް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ، އެކިއެކި ނަންނަމުގައި ޖުމްލަ 150 އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
"ރާއްޖޭގަ ތިބޭ އިންޑިއާ ސިފައިންގެ އަތުގައި ހަތިޔާރު ހުރި ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. (އެކަމަކު) އެމީހުން ހަތިޔާރު މިވަގުތު ނެތުން އެއީ ނުރައްކާ ކުޑަވާ ކަމެއް ނޫން. ސަބަބަކީ މި ހެލިކޮޕްޓަރު އުދުހި ގޮސް އިންޑިއާ މަނަވަރަކުން ހަތިޔާރު ގެންނަން ނަގާނީ ދެ ގަޑިއިރު. މާނައަކީ ރާއްޖޭގައި މިތިބަ 150 އިންޑިއާ ސިފައިން ހަތިޔާރު އެޅި ފައުޖަކަށް ބަދަލުވުމަށް ބޭނުން ވާނީ އެންމެ ދެ ގަޑިއިރު،" ކުރިން އެމް.އެން.ޑީ.އެފްގައި މަސައްކަތް ކުރެއްވުމަށްފަހު ފަހުން ހޯމް މިނިސްޓަރުކަން ވެސް ކުރެއްވި އުމަރު މިއަދު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އިންޑިއާ އިން އޮޕަރޭޓްކުރާ ދެ ހެލިކޮޕްޓަރު ރާއްޖޭގައި އޮއްވައި، އިތުރު ޑޯނިއާ ފްލައިޓެއް ގެންނަން އުޅުން އެއީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
"މިހާރުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އިތުރު ޑޯނިއާ ފްލައިޓެއް ސިފައިންނާއި އެކު ހަނިމާދޫއަށް ފޭބުމުގެ އެއްބަސްވުމެއްގައި މި ސަރުކާރުން ސޮއިކޮށްފި ކަމަށް ކުރެވޭ ތުހުމަތު. މިއީ ތެދެއް ކަމަށް ވެއްޖެނަމަ އުތުރުން ދެކުނަށް އިންޑިއާގެ ސިފައިންގެ އުރަޔަކަށް މި ރާއްޖެ ލެވުނީ،" އުމަރު ވިދާޅުވިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ކުރި މަސައްކަތްތައް ވެސް އުމަރު ވަނީ މީޑިއާގައި ވިދާޅުވެފައެވެ.
No boots on the ground. pic.twitter.com/4yekA7QkWi
— Umar Naseer (@UmarNaseerMV) September 6, 2020
އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ އުމަރު މިދިޔަ ހަފުތާގައި ވިދާޅުވީ އޭނާ އިންތިޚާބު ކާމިޔާބު ކުރައްވައިފި ނަމަ، އިންޑިއާ ސިފައިން ވަގުތުން ފޮނުވާލާނެ ކަމަށެވެ.
"2023 ވަނަ އަހަރުގެ އިންތިޚާބަށް ފަހު އިންޑިޔާގެ ހުރިހާ ސިފައިން އިރާދަކުރެއްވިއްޔާ މި ޤައުމުން ބާލާނަން. އިންޑިޔާގެ އަދި ޗައިނާގެ އުނގަކަށް މި ޤައުމު ނުވެއްޓޭނެ. މިއީ އަޅުގަޑުމެން ފަޚުރުވެރިވާ މިނިވަން ޤައުމެއް،" އުމަރު ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ އެކި ބާވަތްތަކުގެ ލޯނުތައް އިންޑިއާއިން ރާއްޖެއަށް ދީ ރާއްޖެ އަތްދަށުލާން އިންޑިއާއިން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މާލީ އެހީގެ ގޮތުގައި 250 މިލިއަން ޑޮލަރު (3.9 ބިލިއަން ރުފިޔާ) ގެ އެހީއެއް އިންޑިއާ ސަރުކާރުން ދާދި ފަހުން ވެސް ވަނީ ރާއްޖެއަށް ދޭން ނިންމައިފައެވެ. މި އެހީގެ ޕެކޭޖުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިސާދީ ދަތިކަމުން އަރައިގަނެ، ކޮވިޑް-19 އާއި ދެކޮޅަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އިތުރު އެހީއަކަށް ވެގެންދާނެ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް އެއީ ކިހާ ވަރެއްގެ އިންޓަރެސްޓަކާއެކު ދިން ލޯނުތަކެއް ކަމެއް އަދި އަނބުރާ ދައްކަންޖެހޭ މުއްދަތެއް ވެސް ނޭނގޭތީ އިދިކޮޅު ފަރާތްތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދިި ރާއްޖެ އަށް ދެ ހެލިކޮޕްޓަރު "ހަދިޔާކޮށް" އެ ދެ ހެލިކޮޕްޓަރު އުދުއްސަން އިންޑިއާ ސިފައިން ރާއްޖޭގައި ބައިތިއްބާފައި ތިބޭ މައްސަލަ އާއި އައްޑޫ ހަންކެޑައިގައި އިންޑިއާ އިން ހަދާ ޕޮލިސް ޓްރޭނިން ސްކޫލަކީ އިންޑިއާގެ މިލިޓަރީ ބޭސްއެއް ކަމަށް ބުނެވެސް އިދިކޮޅު ފަރާތްތަކުން ދަނީ ޝަކުވާކުރަމުންނެވެ. އެކަމަކު ދިވެހި ސަރުކާރުން އެކަން ދޮގުކުރެއެވެ.
ލޯނާއި މިލިޓަރީ އެހީތައް ދީ، އިންޑިއާއިން ރާއްޖެ އަޅުވެތިކުރާ ކަމަށް ބުނެ އެކަމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ދަނީ #އިންޑިއާއައުޓް ނަމުގައި ކެމްޕެއިނެއް މީސްމީޑިއާގައި ހިންގަމުންނެވެ. އެއާއެކު ދިވެހި ސަރުކާރުގެ އިސް ފަރާތްތަކުން ދަނީ އިންޑިއާގެ އެހީތެރިކަމާއި މަދަދުގެ ވާހަކަތައް ދައްކައި އިންޓަވިއު ދީ، އިންޑިއާ ރުހޭ ކަހަލަ ޓްވީޓްތައް ކުރަމުންނެވެ.



advertisment
4 Responses
ވަރަށް ތޫނުފިލި، ވަރަށް މޮޅު، ވަރަށް ޒުވާން ޖީލެއްގެ އަތްމަތީގައި އޮތް މިރާއްޖޭގައި 10 އަހަރު ވާންދާއިރުވެސް ބާ ހެލިކޮޕްޓަރު ގަނޑެއް ދުވަން ދިވެހީންނަށް ނޭގެނީއޭ ބުނީމަ ބޮޑުވެގެންވާ ބޮޑު ޖޯކަކަށްވަނީ….. މިކަމުންއެންގި ސާފުވޭ އިންޑިއާއިން ހަދިޔާ ދެނީ ނޫންކަން އެހެން މަގުސަދެއް އެބައޮތްކަން. ސިޔާސީ ވެގެން އުޅުއްވާ ބޭފުޅުންނަށް ކުޑަކުއްޖަކަށް ވިސްނޭވަރުވެސް ހަމަނޭގެނީތޯ؟ ވާގޮތަކީ ފައިސާ އާއި ބާރުގެ ދަހިވެތިކަމުގެ ބޮޑުކަމުން އުނގަށް ވެއްޓެނީ.. އިންޑިއާ ވެގެނެއްނޫން، އެއްވެސް ބައެއްގެ އުނގަށް ވެއްޓިގެންނުވާނެ، އެކަމާއި ދެކޮޅު. މާމުއި އާއި ގިތެޔޮ އުޑުން ވާރޭ ކަމުގައިވެ ވެހޭނެއޭ ހީވެ ދެފައިދަމާލައިގެން ތިބެނީ..
ބޭރުގެ އެއްވެސް މިލިޓަރީ އެއް ވިޔަފާރި ކުންފުންޏެއް ނުވަތަ އެއްވެސް ޤައުމެއްގެ ބާރާއި ނުފޫޒު މި ދިވެހި ރާއްޖޭގެ މައްޗައް އޮންނާނެ ފަދަ އެއްބަސްވުމެއް ހެދުމުގެ ހުއްދަ ދިވެހީން އެކަކަށްވެސް ދީފައެއްނުވޭ..
ދުނިޔޭގެ ބޮޑެތި ހުރިހާ ގައުމެއްގެ ޢަދި ކުރިއަރާފައިވާ ގައުމުތަކުގެ ޕޮލިޓިކްސްގައި އުޅުއްވާ އެއްވެސް ފަރާތެއް ޢެގައުމުތަކުގެ ނެޝެނަލް ސެކިއުރިޓީ އާއި ސޮވެރިނިޓީ އަށް އަސަރުކުރާ އެއްވެސް ވާހަކައެއް ޕަބްލިކް ފޯރަމްތަކުގައި ނުދައްކާނެ. އެކަމަކު މިގައުމުގަ ބަޑި ގުދަނުގެ ހުރި ބަޑިތައް ހޯދީ ފަޅުރަށެއްގެ މޫދުއަޑިން.
އިންޑިއާ ސިފައިން ޗައިނާ ބޯޑަރަށް ފޮނުވާ! ޕާކިސްތާނު ބޯޑަރަށް ފޮނުވާ ! ނޭޕާލު ބޯޑަރަށް ފޮނުވާ! ބޫޓާނު ބޯޑަރަށް ފޮނުވާ! ރާއްޖެއަށް ބޭނުމީ ކަޝްމީރުގެ ފިނިފެންމާ!
އުމަރު ވަރެއް ހަމަނެތް. ޔާމީނު އިސްތިސްނާ ކޮށްފައި މިބުނީ