Support Us

ކުރެހުމުގެ މައުރަޒަށް ސައުދީ އަރަބިއްޔާގެ އެމްބެސެޑަރު ޔަހްޔާ އަލްގަހްތާނީ ޒިޔާރަތް ކުރައްވައި އަހްމަދު އަޒްމީ (ބާޗީ)އާ ބައްދަލުކުރައްވަނީ

ތަރުހީބު ބޮޑަސް މައްކާ ކުރެހުން މައުރަޒުގެ މުއްދަތު އިތުރު ނުކުރަން ނިންމައިފި

މާދަމާ ރޭ ނެޝަނަލް އާޓް ގެލެރީގައި ނިންމައިލައި، ހައްޖާއި އުމްރާގެ އަޅުކަން ދައްކުވައިދޭ ހިތްގައިމު ކުރެހުމުގެ މައުރަޒަށް ތަރުހީބު ބޮޑަސް، މައުރަޒުގެ މުއްދަތު އިތުރު ނުކުރަން ނިންމައިފިއެވެ.

"މައްކާ ދި އާޓް އެކްޒިބިޝަން"ގެ ނަމުގައި މިއުސްއިން ގެނެސްދޭ، އަމިއްލަ މަސައްކަތުން ކުރެހުންތެރިކަން ދަސްކޮށްގެން، ފައިން އާޓްސްގެ ދާއިރާއިން ގައުމީ އިނާމު ލިބިފައިވާ ހުނަރުވެރި ކުރެހުންތެރިޔާ އަހްމަދު އަޒްމީ ނުވަތަ މަޝްހޫރު ނަމުން ނަމަ ބާޗީގެ، މީގެ ކުރިން ރާއްޖޭގައި ނުބާއްވާ ކަހަލަ ތަފާތު މީޑިއަމްތައް ބޭނުންކޮށްފައިވާ ކުރެހުމުގެ މައުރަޒު ކުރިން ނިންމައިލަން އޮތީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

"ގިނަ ބަޔަކު އައި. މެހެމާނުންގެ ފޮތުގައި ވެސް ރަނގަޅު ކޮމެންޓްތައް ކުރި. އަދި އެހާމެ ބޮޑު ތަރުހީބު ލިބުނު،" އޭގެ އަނެއް ދުވަހު ބާޗީ "އަދިވެސް"އަށް ބުންޏެވެ.

މިހެންވެ، މާދަމާ ރެއަށް މުއްދަތު އިތުރުކުރީއެވެ. އަދި މި ކަމުގެ ސަބަބުން އެތައް ބަޔަކަށް މައުރަޒަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ލިބުނެވެ.

"ނަމަވެސް މާދަމާ ރެއަށް ފަހު މުއްދަތު އިތުރު ނުކުރާ ގޮތަށް ހަމަޖައްސައިފިން،" ބާޗީ ބުންޏެވެ.

ރާއްޖޭގައި ހުންނަ ސައޫދީ އަރަބިއްޔާ އެމްބަސީން ސްޕޮންސާކުރި މައުރަޒަށް، އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ އެމްބެސެޑަރު ޔަހްޔާ އަލްގަހްތާނީ ވެސް ޒިޔާރަތް ކުރައްވައި، ބާޗީއާ ބައްދަލުކުރައްވައި ހިތްވަރު ދެއްވިއެވެ.

ޕްރިންޓްލެބް، މޯލްޑިވްސް އިސްލާމިކް ބޭންކް، ވިލާ އަދި މާލެ ސިޓީ ކައުންސިލުން ކޯ-ސްޕޮންސާކޮށްފައިވާ މައުރަޒަކީ މީގެ ކުރިން ރާއްޖޭގައި ނުބާއްވާ ކަހަލަ، ތާރީހީ މައުރަޒެއް ކަމަށް، މިއުސްއިން ބުންޏެވެ.

ބާޗީގެ ލާމަސީލު ކުރެހުމުގެ ސްޓައިލް ބޭނުން ކޮށްގެން މި މައުރަޒުގައި އެކި މީޑިއަމްތަކުން ކުރެހުންތައް ހުށަހަޅައިދީފައިވެއެވެ. އެ ގޮތުން ފޮއްޗާއި އަދި ޚުދު ކުރެހުމުގެ ފަންނުވެރިކަމުން ވެސް ތްރީ-ޑީ ގޮތަށް ފެންނަ ކުރެހުންތައް ވެސް ވެއެވެ. މިހެންވެ، ކައިރިއަށްވުރެ ބޮޑަށް ދުރުން ބަލައިލުމުން ވެސް މަންޒަރުތަކުގެ ރީތިކަން އިތުރުވެއެވެ.

"މީގެ ކޮންމެ ކުރެހުމަކުން ވެސް ރޫހާނިއްޔަތު އަދި ޒިކުރުން ލިއްބައިދޭ ހަމަހިމޭންކަން ދޭހަވެގެންދޭ،" މިއުސްއިން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *