Support Us

ކޮލަމް ކޯދު: ކީރިތި ގުރުއާނުގެ ހިޔަލުގައި…

މިއަދު، އެ އާޔަތެއްގެ މައްޗަށް ނަޒަރު ހިންގާލަން ބޭނުންވާ އާޔަތަކީ މާއިދާ ސޫރަތުގެ 82 ވަނަ އާޔަތެވެ.

އެ އާޔަތުގައި، އާންމު ގޮތެއްގައި، ޔަހޫދީންނާއި މުޝްރިކުން، މުސްލިމުންނާ ދޭތެރޭގައި ދެކޭ ގޮތް ބަޔާން ކުރެވިފައި ވެއެވެ. އަދުގެ ދުނިޔޭގައި، ޚާއްސަކޮށް މެދު އިރުމަތީގައި، އަދި ވަކިން ޚާއްސަކޮށް ޣައްޒާގައި، ހިނގަމުންދާ ގަތުލު އާންމާއި ނަސްލު ނައްތާލުމުގެ ހާދިސާގެ މަންޒަރުތައް ހަމަ ލޮލަށް ފެންނަމުންދާ އިރު، މި އާޔަތުގެ މައްޗަށް ނަޒަރު ހިންގާލުން މުހިއްމެވެ.

ކުރިން ވެސް ނަންގަތް ހެން، މިއީ އާންމު ގޮތެއްގައި ކަން އޮތް ގޮތުގެ ހަގީގަތެވެ. މާނައަކީ މިއާޔަތުގައި ބަޔާންކުރެވިފައި އޮތީ ގިނަ ބަޔަކު ދެކޭ ގޮތެވެ. މިއިން އިސްތިސްނާވާ މަދު ބަޔަކު ތިބެދާނެއެވެ. އާދެ، ދެން، އެ އާޔަތުގެ މައްޗަށް ބަލާލަމާ ހެއްޔެވެ؟

لَتَجِدَنَّ أَشَدَّ النَّاسِ عَدَاوَةً لِلَّذِينَ آمَنُوا الْيَهُودَ وَالَّذِينَ أَشْرَكُوا وَلَتَجِدَنَّ أَقْرَبَهُمْ مَوَدَّةً لِلَّذِينَ آمَنُوا الَّذِينَ قَالُوا إِنَّا نَصَارَى ذَلِكَ بِأَنَّ مِنْهُمْ قِسِّيسِينَ وَرُهْبَانًا وَأَنَّهُمْ لَا يَسْتَكْبِرُونَ – المائدة 82

ހަމަ ކަށަވަރުން އަދި އެއްވެސް ޝައްކެއް ވަސްވާހެއް ނެތް ގޮތުގައި، އީމާންވި މީސްތަކުންނާ އެންމެ އަދާވަތްތެރިކަން ބޮޑު ބަޔަކީ ޔަހޫދީންނާއި މުޝްރިކުން ކަމުގައި ކަލޭމެން ފެނި، އެނގޭނެއެވެ. ހަމަ ކަށަވަރުން، އެއްވެސް ޝައްކެއް ވަސްވާހެއް ނެތް ގޮތުގައި، އީމާންވި މީސްތަކުންނަށް ލޮބުވެތިކޮށް ހިތުމުގެ އެންމެ ގާތްކަން ބޮޑު ބަޔަކީ ތިމަންމެންނަކީ ނަސާރާއިންނޭ ބުނާ މީހުން ކަމުގައި ކަލޭމެން ފެނި، އެނގޭނެއެވެ. ސަބަބަކީ އެ މީހުންގެ ތެރޭގައި ފާދިރީންނާއި ރާހިބުން އުޅެތެވެ. އެ ފާދިރީންނާއި ރާހިބުން ކިބުރުވެރިވެ، ބޮޑާވެ ނގަނެއެވެ.

މި އާޔަތް އިތުރަށް ފަހުމްވެ ދިޔުމަށްޓަކައި މި އާޔަތުގައި ހިމެނޭ ބައެއް ލަފްޒުތަކުގެ މައްޗަށް ބަލާލުން މުހިއްމެވެ.

އެ ގޮތުން އެންމެ ފުރަތަމަ ބަލާލަން އޮތީ لَتَجِدَنَّ މި ލަފްޒެވެ. މި ލަފްޒުގެ އަސްލު ގުޅެނީ تجد، ފެނުން، ނުވަތަ، ހިތަށް ފެނި އެނގުމާއެވެ. ކުރިއަށް އިތުރު ކުރެވިފައިވާ ލާމަކީ ހުވައިގެ ލާމެވެ. މާނައަކީ އާދެ، ތިމަން ﷲ ގަންދީ ހުވާކޮށް ބުނަމެވެ. ފަހަތަށް އިތުރު ކުރެވިފައިވާ ދެ ނޫނަކީ، (ތަޝްދީދު ޖެހިފައިވާ އަކުރަކީ އޭގެ އަސްލުގައި ދެ އަކުރުކަން މިތާ ހަނދާންކޮށްލަންވާނެއެވެ.) ތައުކީދުގެ، އާދެ، ބުނާ އެއްޗަކަށް ބާރު އެޅުމުގެ ގޮތުން އިތުރު ކުރެވިފައިވާ ދެ ނޫނެވެ. ހުވައިގެ ލާމާއި އަދި ތައުކީދުގެ ދެ ނޫނު تجد، މި ލަފްޒަށް އިތުރުކުރެވިފައި ވަނީ ބުނެވޭ ވާހަކައަށް ބާރު ދިނުމުގެ ގޮތުންނެވެ. އެހެންވެ، ތަރުޖަމާގައި 'ހަމަކަށަވަރުން އަދި އެއްވެސް ޝައްކެއް ވަސްވާހެއް ނެތް ގޮތުގައި،' މިހެން ލިޔެ، ދެ އިބާރާތަކުން ބާރުދެވުނީއެވެ. އާދެ، އެއްވެސް ޝައްކެއް، ވަސްވާހެއް، ނެތް ގޮތުގައި ޔަހޫދީންނާއި މުޝްރިކުންނަކީ މުއުމިނުންނަށް އެންމެ އަދާވަތްތެރިކަން ބޮޑު ޖަމާއަތްތަކެވެ. މިއާ ޚިލާފަށް، މުއުމިނުންނަށް، އެ މީހުންގެ ހިތުގައި ލޯބި އުފެދުން އެންމެ ގާތްކަން ބޮޑު ޖަމާއަތަކީ ނަސާރާއިންނެވެ.

ދެން އޮތީ عَدَاوَةً މި ލަފްޒެވެ. އަދާވަތްތެރިކަމެވެ. އަދާވަތްތެރިކަމުގެ ފެށުމަކީ ނުރުހުމެވެ. އެ ނުރުހުން ގަދަވުމުން، ނަފުރަތަށް ބަދަލުވެއެވެ. އަދި، ނަފުރަތްތެރިކަން ގަދަވުމުން، އެކަން ރުޅިވެރިކަމަށް ބަދަލުވެ، ދެން، އެ ރުޅިވެރިކަން އަދާވަތްތެރިކަމަށް ފުރޮޅިގެން ދެއެވެ. ދެން، ފެންނަނީ ބުނުންތަކާއި ކުރުންތަކުން، އަނިޔާވެރި އަމަލުތައް ހިންގާލެވޭ ތަނެވެ. ޣައްޒާއިން އެ ފެންނަނީ އެ މަންޒަރެވެ.

މިދިޔަ މަހު 23 ގައި އިސްރާއީލު ސިފައިން ގަސްދުގައި ޝަހީދުކޮށްލި ފަލަސްތީން ރެޑް ކްރެސެންޓްގެ ސިއްހީ އެހީތެރިންގެ ޖަނާޒާގައި ކަށުނަމާދު ކުރަނީ

ދެން، ބަލާލަން ބޭނުންވާ ލަފްޒަކީ لِلَّذِينَ آمَنُوا (އީމާންވި މީހުންނާ) މި އިބާރާތެވެ. ކީރިތި ގުރުއާނުގައި މުސްލިމުންނަށް، އެބަހީ މުހައްމަދުގެފާނަށް (ސ) ތަބާވި މީހުންނަށް އިޝާރަތްކުރަމުން ބޭނުން ކުރާ އިބާރާތަކީ الذين آمنوا (އީމާންވި މީސްތަކުން) އަދި މިއާ ގުޅޭ، المؤمنون (މުއުމިނުން) ފަދަ އިބާރާތެވެ. ކީރިތި ގުރުއާނުގައި މުސްލިމު، އަދި އެއާ ގުޅޭ އިބާރާތްތައް ބޭނުން ކުރެވިފައިވަނީ އެ ލަފްޒުތަކުގެ ލަފްޒީ މާނައިގައެވެ. މާތްﷲއަށް ނަފްސު ދީލާލައިލާ މީހުން، މި މާނައިގައެވެ. މާނައަކީ ހެޔޮލަފާ މީހުން، މިއެވެ. ކޮންމެއަކަސް، މަތީގައި އެވާ އާޔަތުގައި މުއުމިނުންނޭ ނަންގަނެ އިޝާރަތްކުރެވެނީ ކީރިތި ގުރުއާން ގަބޫލުކޮށް، މުހައްމަދުގެފާނަށް (ސ) ތަބާވި މީހުންނަށެވެ.

مَوَدَّةً އަކީ ލޯތްބެވެ. މާނައަކީ އެ މީހުންގެ ބަހުންނާއި އަމަލުތަކުން ރަހުމާއި ހަމްދަރުދީ ފާޅުވާ މީހުންނެވެ.

قِسِّيسِينَ: ގިއްސީސުންނަކީ ނަސާރާ ދީނުގެ ދީނީ އިލްމުވެރި އިމާމުންނެވެ.

رُهْبَانًا: ރާހިބުންނަކީ އެ މީހުންގެ ނަފްސުތައް އެ މީހުންގެ ދީނަށްޓަކައި، އެބައީ ނަސާރާ ދީނަށްޓަކައި، ވަގުފުކޮށްގެން، އަޅުކަމުގައި އެ މީހުންގެ ހަޔާތް ހޭދަކޮށްލާ މީހުންނެވެ.

މަތީގައި އެވާ އާޔަތުގެ މިސްދާގިއްޔަތު، ތެދުކަން، މިއަދު ވެސް، އާދެ، މި އާޔަތް ބާވާލެއްވިތާ އެއްހާސް ހަތަރު ސަތޭކަ ގިނަ އަހަރުވީ އިރު ވެސް ފެނެއެވެ. ޣައްޒާގައި ހިންގާ ގަތުލު އާންމުއާއި ނަސްލު ނައްތާލުމުގެ އަމަލުގެ ތެރެއިންނެވެ. މިކަން ކުރާ މީހުންނާއި އެކަމަށް ތާއީދު ކުރާ މީހުންގެ ބުނުންތަކާއި ކުރުން ތަކުންނެވެ. އަދި، ހަމަ އެހެންމެ، އެކަމާ އެންމެ ބޮޑަށް ދެކޮޅު ހަދައި، ފިޔަވަޅުތައް އަޅާ މީހުންގެ ބުނުންތަކާއި ކުރުންތަކުންނެވެ.

މިއިން ލިބޭ ފިލާވަޅަކީ ކޮބައި ހެއްޔެވެ؟ އެންމެ ފުރަތަމަ މި އާޔަތުގައި ބަޔާންކޮށްފައިވާ ތެދު ހަގީގަތުގެ މައްޗަށް ފުންކޮށް ވިސްނުމެވެ. ދެން، އެ ފަދަ އަދާވަތް ތެރިކަމުގެ ސަބަބުން ހިންގޭ ލާއަޚުލާގީ، ޣައިރު ގާނޫނީ ބުނުންތަކާއި ކުރުންތަކާ މެދު ނުރުހި، އެކަމާއި ދެކޮޅުހަދައި، އެކަން ކުށްވެރިކުރުމެވެ. އަދި، އެކަން ކުރުމުގެ ގާބިލުކަން، ލިބިގަތުމަށް މަސައްކަތް ކުރުމެވެ. ބަހާއި އަމަލުގެ ގާބިލުކަމެވެ.