މިވަގުތު ދުނިޔޭގައި ނިއުކުލިއާރ ހަތިޔާރު އުފައްދާ ކޮށާރުކޮށްފައިވާ ނުވަ ޤައުމެއް އެބައޮތެވެ. އެ ޤައުމުތަކަކީ ރަޝިޔާ، އެމެރިކާ، ޗައިނާ، ފްރާންސް، އިނގިރޭސިވިލާތް، ޕާކިސްތާން، އިންޑިއާ، އިޒުރޭލު، އަދި އުތުރު ކޮރެއާއެވެ.
މި ޤައުމުތަކުގައި ގާތްގަނޑަކަށް 12،331 ނިއުކުލިއާރ ވޯހެޑް ހުރިއިރު، 9،600 އަށް ވުރެ ގިނަ ނިއުކުލިއާރ ވޯހެޑް އަސްކަރީ ސްޓޮކްގައި ހުރި ކަމަށް ފެޑެރޭޝަން އޮފް އެޓޮމިކް ސައިންޓިސްޓުންގެ 2025 ވަނަ އަހަރުގެ ސްޓޭޓަސް އޮފް ދަ ވޯލްޑްސް ނިއުކްލިއާ ފޯސަސް އިން ބުނެފައިވެއެވެ. މިއީ ފިނި ހަނގުރާމައިގެ ދުވަސްވަރު ނިއުކުލިއާރ ހަތިޔާރު އެޅި ގައުމުތަކުގައި ހުރި ޢަދަދަށް ވުރެ ގާތްގަނޑަކަށް 70،000 ވޯހެޑު ދަށް ޢަދަދެކެވެ. ނަމަވެސް، ކުރިއަށް އޮތް ދިހަ އަހަރު ތެރޭގައި ނިއުކްލިއާ ހަތިޔާރުގެ ޢަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ.
ނިއުކުލިއާރ ހަތިޔާރު އެންމެ ފުރަތަމަ އުފެއްދި އަދި ނިއުކުލިއާރ ނޮން ޕްރޮލިފަރޭޝަން ޓްރީޓީ (އެންޕީޓީ) ގެ ދަށުން ނިއުކުލިއާރ ބާރުތަކުގެ ގޮތުގައި ގާނޫނީ ގޮތުން ބަލައިގަނެފައިވާ ފަސް ޤައުމެއް ވެއެވެ. އެއީ އެމެރިކާ، ރަޝިޔާ، ޗައިނާ، ފްރާންސް އަދި އިނގިރޭސިވިލާތެވެ. މި ފަސް ޤައުމުން ވެސް ވަނީ އެންޕީޓީގައި ސޮއިކޮށްފައެވެ. މި މުޢާހަދާގެ މެމްބަރު ޤައުމުތަކަށް ނިއުކުލިއާރ ހަތިޔާރު މަދުކުރުމަށް ހެޔޮ ނިޔަތުގައި މަޝްވަރާ ކުރުމާއި، އެހެން ޤައުމުތަކުން ނިއުކުލިއާރ ހަތިޔާރު އުފެއްދުން ހުއްޓުވުމަށް މަސައްކަތް ކުރުން ވެސް ލާޒިމްކޮށްފައި ވެއެވެ.
އަދި އެންޕީޓީގައި ސޮއި ނުކުރާ، ނިއުކްލިއާ ދެ ބާރެއް ވެސް އެބައޮތެވެ. އެ ދެބާރަކީ އިންޑިއާ އާއި ޕާކިސްތާނެވެ. ވާދަވެރި އަވަށްޓެރި، މި ދެ ޤައުމަކީވެސް އެންޕީޓީން ބޭރުގައި އުޅޭ، ދެ ގައުމު ކަމުގައިވީ ނަމަވެސް އެ ދެ ޤައުމަކީ ނިއުކުލިއާރ ހަތިޔާރާއި، ޤާބިލުކަން ހޯދާފައިވާ ދެ ޤައުމު ކަމަށް، ފާޅުގައި އެ ދެ ޤައުމުން އެއްބަސްވެފައި ވެއެވެ. ޕާކިސްތާނާއި އިންޑިއާ އަކީ ނިއުކުލިއާރ ނޮން ޕްރޮލިފަރޭޝަން ޓްރީޓީގައި ސޮއިކޮށްފައިވާ ދެގައުމެއް ނޫނެވެ.

އިޒުރޭލަކީ ދުވަހަކުވެސް ނިއުކްލިއާ ބާރެއް ކަމަށް، އެ ޤައުމުން އެއްބަސްވެފައިވާ ޤައުމެއް ނޫނެވެ. އެހެން ނަމަވެސް އިޒުރޭލަކީ، ބައިނަލްއަޤުވާމީ ގޮތުން ނިއުކުލިއާރ ހަތިޔާރު ހުރި ދައުލަތެއްގެ ގޮތުގައި ދުނިޔެއިން ގަބޫލުކުރެއެވެ. އިޒުރޭލަކީ ވެސް އެންޕީޓީގައި ސޮއިކޮށްފައިވާ ޤައުމެއް ނޫނެވެ.
އުތުރު ކޮރެއާ ވަނީ އެންޕީޓީން ވަކިވެ، ތަކުރާރުކޮށް ނިއުކުލިއާރ ހަތިޔާރު ޓެސްޓު ކޮށްފައެވެ. އުތުރު ކޮރެއާއިން 1985 ވަނަ އަހަރު އެންޕީޓީއާ ގުޅުނު ކަމުގައިވީ ނަމަވެސް އެމެރިކާއިން އެ މުއާހަދާއާ މެދު ޢަމަލުކުރަމުން އަންނަނީ ޢަދާވާތްތެރި ގޮތެއްގައި ކަމަށް ބުނެ، އުތުރުކޮރެއާއިން ވަނީ 2003 ވަނަ އަހަރު، އެ މުޢާހަދާއިން ވަކިވެފައެވެ. އުތުރު ކޮރެއާއިން ވަނީ 2006 ވަނަ އަހަރުން ފެށިގެން ނިއުކުލިއާރ ޓެސްޓްތަކެއް ކޮށްފައެވެ.
އީރާނަކީ އެންޕީޓީގެ މެމްބަރު ޤައުމެކެވެ. އެ ޤައުމުގެ ނިއުކުލިއާރ ޕްރޮގްރާމަކީ ހަމައެކަނި ސުލްހަވެރި މަޤުސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ވެސް ތަކުރާރުކޮށް އީރާނުން ބުނަމުން ދެއެވެ. އެމެރިކާގެ ޖާސޫސީ އިދާރާއިން ބުނި ގޮތުގައި، އީރާނުން މިވަގުތު ނިއުކުލިއާރ ބޮމެއް ހަދަން މަސައްކަތް ނުކުރި ކަމުގައި ވިޔަސް، ފާއިތުވި އަހަރުތަކުގައި އެ ޤައުމުން ވަނީ ޔޫރޭނިއަމް 60 އިންސައްތައަށް މުއްސަނދި ކޮށްފައެވެ. މިއީ ނިއުކުލިއާރ ހަތިޔާރު ގްރޭޑްގެ 90 އިންސައްތައާ ގާތްކުރާ ޢަދަދެކެވެ.
ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓް (އެސް.އައި.ޕީއާރު.އައި) އިން ދާދި ފަހުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ނިއުކުލިއާރ ހަތިޔާރު އެޅި ނުވަ ޤައުމުގައި މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އަސްކަރީ ބޭނުންތަކަށް ތިރީގައިވާ އަދަދަށް ނިއުކުލިއާރ ހަތިޔާރު އެބަ ހުއްޓެވެ.
ނިއުކުލިއާރ ހަތިޔާރު އެޅި ބައެއް ގައުމުތައް
ރަޝިޔާ: 4،309
އެމެރިކާ: 3،700
ޗައިނާ: 600
ފްރާންސް: 290
އިނގިރޭސިވިލާތް: 225
އިންޑިއާ: 180
ޕާކިސްތާން: 170
އިޒުރޭލް: 90
އުތުރު ކޮރެއާ: 50
އެހެން ގައުމެއްގެ ނިއުކުލިއާރ ހަތިޔާރު ކޮށާރުކޮށްފައިވާ ހަ ޤައުމެއް ވެއެވެ. ބެލްޖިއަމް، ޖަރުމަނު، އިޓަލީ، ނެދަލެންޑްސް އަދި ތުރުކިޔޭ ފަދަ ގައުމުތަކުގައި އެމެރިކާގެ ނިއުކުލިއާރ ހަތިޔާރު އެބަހުއްޓެވެ. އެމެރިކާއިން ބުނެފައިވަނީ، މި ހަތިޔާރުތަކުގެ އޮޕަރޭޝަނަލް ކޮންޓްރޯލް އަބަދުވެސް ދަމަހައްޓާނީ އެމެރިކާއިން ކަމަށެވެ. ނަމަވެސް މި ހަތިޔާރުތައް މި ގައުމުތަކުގައި ބެހެއްޓުމަކީ އެމެރިކާގެ ނިއުކްލިއާ ހަނގުރާމަ ރޭވުމަށް އެހީތެރިވެދޭނޭ ކަމެއް ކަމަށެވެ. 2023 ވަނަ އަހަރު ބެލާރޫސްގެ ރައީސް އެލެގްޒެންޑަރ ލުކަޝެންކޯ ވަނީ ބެލާރޫސްގައި މިހާރު ރަޝިޔާގެ ޓެކްޓިކަލް ނިއުކްލިއާ ހަތިޔާރުތައް ކޮށާރުކޮށްފައިވާކަން އިޢުލާން ކުރައްވާފައެވެ.
މި ޤައުމުތަކުގައި ނިއުކުލިއާރ ހަތިޔާރު ހުރުމުގެ މާނައަކީ ކޮބައި ހެއްޔެވެ؟ އެންމެ ނިއުކުލިއާރ ވޯހެޑަކުން މިލިއަނެއްހާ މީހުން މަރުވެ، އިންސާނީ އަދި ތިމާވެށީގެ ގޮތުން ދިގުދެމިގެންދާ އަދި ފަނާކުރަނިވި ނަތީޖާތަކެއް ކުރިމަތި ވެދާނެއެވެ. ނިއުޔޯރކް ސަހަރަށް އެކަނި ނިއުކުލިއާރ ހަތިޔާރެއް ގޮއްވާލައިފިނަމަ ވަގުތުން ގާތްގަނޑަކަށް 583،160 މީހުން މަރުވާނެ ކަމަށް ލަފާކުރެވެ އެވެ.

ޗައިނާ، ފްރާންސް، އިންޑިއާ، އިޒުރޭލް، އުތުރު ކޮރެއާ، ޕާކިސްތާން، ރަޝިޔާ، އިނގިރޭސިވިލާތް އަދި އެމެރިކާ އެއްކޮށްލުމުން 12،300 އަށް ވުރެ ގިނަ ނިއުކުލިއާރ ހަތިޔާރު ހުރިއިރު، އޭގެ ތެރެއިން ގިނައީ ހީރޯޝިމާއަށް ވައްޓާލި ނިއުކުލިއާރ ބޮމަށް ވުރެ އެތައް ގުނައެއް ބާރުގަދަ އަދި ފަނާކުރަނިވި ހަތިޔާރުތަކެކެވެ. އިތުރު 32 ދައުލަތަކީ ވެސް މި މައްސަލައިގެ ބައެއް ކަމަށާއި، ހަ ގައުމަކުން ނިއުކުލިއާރ ހަތިޔާރު ކޮށާރުކޮށްފައި ވާއިރު، އިތުރު 28 ގައުމަކުން އެ ހަތިޔާރު ބޭނުންކުރުމަށް ތާއީދުކުރެއެވެ.
