Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: މަސްނޫއީ ރަހިމެއް– ދެން ވާނީ ކިހިނެތް؟

ދުނިޔޭގައި ފުރަތަމަ ފަހަރަށް "މަސްނޫއީ ރަހިމެ"އް ނުވަތަ "އާޓިފިޝަލް ވޫމްބް"އެއް މި ވަނީ އީޖާދުކޮށްފައެވެ. ބޭނުމަކީ ދުވަސް ނުފުރާ ވިހާ ކުދިން ބޮޑުކުރުމެވެ.

މިއީ އެއް ޒަމާނެއްގައި ހަމައެކަނި އެމެރިކާގެ މުނިފޫހިފިލުވުމުގެ ސިނާއަތް، ހޮލީވުޑްގެ ހިޔާލީ ސައިންސް ފިކްޝަން ފިލްމްތަކުން ފެނުނު ކޮންސެޕްޓެކެވެ. ނަމަވެސް ޖަޕާނުގެ ސައިންސްވެރިން މިއަދު މި ވަނީ މި ކަން ހަގީގަތަކަށް ހަދައިފައެވެ.

މިއީ، އަންހެނާގެ ހަށިގަނޑުން ބޭރުން، ދުވަސް ނުފުރާ ވިހާ ކުދިން، "ދިޔާ ކެޕްސޫލަކަށް" ލައިފައި ބާއްވާ އުސޫލަށް ތަރައްގީކޮށްފައިވާ މަސްނޫއީ ރަހިމެކެވެ.

މި ވީޑިއޯއިން ފެންނަ ފަދައިން މި މަސްނޫއީ ރަހިމު ފަރުމާ ކޮށްފައި ވަނީ މަންމަގެ ރަހިމުގައި ފޫޅުގެ ޒަރީއާއިން ކުއްޖާއަށް ކާނާ ފޯރުކޮށްދެވޭނެ ވެސް ގޮތުގެ މިސާލަށެވެ. އަދި މި މަސްނޫއީ ރަހިމު ވަނީ، ގުދުރަތީ ރަހިމެއްގެ އެތެރޭގެ ހުރިހާ ހާލަތަކާ ވެސް އެއް ގޮތަށް ފަރުމާ ކޮށްފައެވެ.

އެ ގޮތުން ކުއްޖާ މި މަސްނޫއީ ރަހިމުގެ ތެރޭގައި ރައްކާތެރި ކަމާއެކު، ރަހިމުގެ ތެރޭގައި "ފަތާލަފަތާލާ" ނުވަތަ "ފްލޯޓް"ވޭވޭ އޮވެއެވެ. އޭނާގެ ވަށައިގެން އޮންނަނީ ވެސް ކާނާއިން މުއްސަނދި މާހައުލެކެވެ. އަދި މަންމަގެ ރަހިމުގައި ހެދިބޮޑުވާ އުސޫލުން ކުއްޖާ ވެސް މި މަސްނޫއީ ރަހިމުގެ ތެރޭގައި ބޮޑުވަމުންދެއެވެ.

މި ޓެކްނޮލޮޖީއަކީ، އެންމެ ނުރައްކާތެރި ހާލަތުގައި، އެންމެ ސީރިއަސްކޮށް ދުވަސް ނުފުރާ ވިހާ ކުދިން މަންމަގެ ހަށިގަނޑުން ބޭރުގައި ހެދިބޮޑުވުމަށް މަގުފަހިކޮށްދޭ އާލާތެކެވެ. މި ފަދަ ކުދިންނަކީ ފުރާނަ ސަލާމަތްވުމުގެ ފުރުސަތު ވަރަށް ހަނި ކުދިންނެވެ. އަދި އިންޓެންސިވް ކެއާގައި ވެސް ކޮމްޕްލިކޭޝަންތައް ވަރަށް އާއްމު ކުދިންނެވެ.

އެހެންކަމުން، މަސްނޫއީ ރަހިމެއް އީޖާދު ކުރުމުގެ އަމާޒަކީ ކޮބައި ހެއްޔެވެ؟ ބޭނުމަކީ "ނިއޯނޭޓަލް"ގައި ދޭން ޖެހޭ ކޮންމެހެން މުހިންމު ފަރުވާ ފޯރުކޮށްދިނުމެވެ. އެއީ ކުއްޖާ ދިރިދެމެހެއްޓުމުގެ އިތުރުން، ދިގު މުއްދަތުގެ ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ.

ނިއޯނޭޓަލް މުއްދަތް ނުވަތަ "ނިއޯނޭޓަލް ޕީރިއެޑް"އަކީ ކުއްޖާ ވިހާތާ ފުރަތަމަ 28 ދުވަހެވެ. ނިއޯނޭޓަލް ފަރުވާއަކީ މި "ނިއުބޯން ޕީރިއެޑް" ނުވަތަ "އަލަށް އުފަންވާ މުއްދަތު"ގެ ތެރޭގައި ބޭނުންވާ ފަރުވާ ދިނުމެވެ. މި މުއްދަތަކީ ކުއްޖާގެ ހަށިގަނޑަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަ މުއްދަތެކެވެ. އެއީ މަންމަގެ ރަހިމުން ބޭރުގައި ދިރިހުރުމަށް ހަޔާތް "އެޖަސްޓް"ވަމުން ނުވަތަ ހޭނެމުން އަންނަ ދުވަސްކޮޅެވެ.

މިއީ ބައެއް ކަހަލަ ސިއްހީ މައްސަލަތައް ދިމާވުމުގެ "ރިސްކް" ނުވަތަ ނުރައްކާ ވަރަށް ބޮޑަށް އޮންނަ ދުވަސްވަރެކެވެ. ނިއޯނޭޓަލް "ކެއާ" ނުވަތަ ނިއޯނޭޓަލް "ފަރުވާ"އަކީ، އެ ގޮތުން "ސްޕެޝަލައިޒްޑް ޔުނިޓްސް" ނުވަތަ "ހާއްސަ ޔުނިޓު"ތަކެއްގައި ދޭ ފަރުވާއެވެ. މި ފަދަ ޔުނިޓުތަކަށް ކިޔަނީ "ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓް" (އެން.އައި.ސީ.ޔޫ)އެވެ.

މި ޔުނިޓުތަކުގައި ދުވަސް ނުފުރާ ވިހާ ކުދިންނަށް ފުޅާ ދާއިރާއެއްގައި ސިއްހީ ފަރުވާ ދެއެވެ. މި ފަދަ ކުދިންނަކީ ވިހާއިރު އެ ހުންނަން ޖެހޭ ބަރުދަން ނުހުންނަ، ބަރުދަން ލުއި ކުދިންނެވެ. ނުވަތަ "ސްޕެޝަލައިޒްޑް ކެއާ" ނުވަތަ "ހާއްސަ ފަރުވާ" ދޭން ޖެހޭ "މެޑިކަލް ކޮންޑިޝަން"ތައް ނުވަތަ "ސިއްހީ ހާލަތްތައް" ތަހައްމަލު ކުރަމުން ނުވަތަ ތަޖުރިބާ ކުރަމުންދާ ކުދިންނެވެ.

ކާބޯތަކެއްޗާއި ބޭހުގެ މިންގަނޑުތައް ބަލަހައްޓާ އަދި ދަމަހައްޓާ އެމެރިކާ ސަރުކާރުގެ އިދާރާ، ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފް.ޑީ.އޭ)އިން މިހާރު އަންނަނީ މި މުޅިން އާ ޓެކްނޮލޮޖީގެ ގޮތް ބަލައިލުމަށް ތައްޔާރުވަމުންނެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި، ރެގިއުލޭޓް ކުރާ ފަރާތްތަކުން މި ޓެކްނޮލޮޖީގެ ރައްކާތެރިކަމާއި މަސައްކަތް ކުރަނީ ކިހާ ވަރަކަށް ކަމާއި އަދި ސުލޫކީ ގޮތުން މިއީ ކޮން ކަހަލަ ޓެކްނޮލޮޖީއެއްތޯ މިނައި، ބަލާނެއެވެ. މިއީ އިންސާނުން ބައިވެރިކޮށްގެން ލެބޯޓްރީ ނުވަތަ އެހެން ވެސް ގޮތަކަށް ތަހުލީލުކޮށް، "ކްލިނިކަލް ޔޫސް" ނުވަތަ ހަގީގީ މާހައުލުގައި ސީދާ ސިއްހީ ފަރުވާ ދިނުމުގައި އާ ޓެކްނޮލޮޖީއެއް ބޭނުންކޮށް، ތަންފީޒު ކުރުމުގެ ކުރިން އަޅަން ޖެހޭ ކޮންމެހެން މުހިންމު ފިޔަވަޅެކެވެ.

އެފް.ޑީ.އޭއިން މި ޓެކްނޮލޮޖީ ބަލައިގަނެ، ސިއްހީ ދާއިރާގައި މި ޓެކްނޮލޮޖީ ބޭނުން ކުރަން ރަސްމީ ގޮތުން ހުއްދަ ދީފި ނަމަ، މި ޓެކްނޮލޮޖީގެ ސަބަބުން ނިއޯނޭޓަލް ފަރުވާގެ ދާއިރާއަށް އިންގިލާބެއް ގެނައުން އެކަށީގެންވެއެވެ. މި ކަމުގެ ސަބަބުން ކޮންމެ އަހަރަކު އެތައް ހާސް އާއިލާއަކަށް އާ އުއްމީދެއް ލިއްބައިދޭނެއެވެ. މިއީކީ ކޮންމެހެން "ނެޗުރަލް ޕްރެގްނެންސީ" ނުވަތަ "ގުދުރަތީ ގޮތުން މާބަނޑު"ވުން ހުއްޓުވައިލަން ތައާރަފު ކުރާ ޓެކްނޮލޮޖީއެއް ނޫނެވެ. ނަމަވެސް، ރަހިމުގައި، "ވަގުތު ޖެހުމުގެ ކުރިން" ކުއްޖާ ދުނިޔެއަށް އުފަންވުމުގެ ސަބަބުން، ދުވަސް ނުފުރާ ވިހާ ވިހެއުމުން، އޭނާގެ ފުރާނަ ސަލާމަތްވުމަށް ލިބޭ އެ ހުސްކަމުގެ ތެރެ ބައްދައިލަން އަޅާ ފާލަމެކެވެ.

ސިއްހީ ދާއިރާގެ އާ ހޯދުމަކަށްވުރެ، މިއީ ހަޔާތުގެ އެންމެ ފުރަތަމަ ހިނދުކޮޅުތައް މުޅިން އާ ގޮތަކަށް މާނަކުރުމެކެވެ. ދުވަސް ނުފުރާ ވިހާ ކުއްޖާއަށް ހަޔާތައިގެން ކުރިއަށް ދާން ދެވޭ ދެވަނަ ފުރުސަތެކެވެ. ލެބޯޓްރީއެއްގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

One Response

  1. ސުރުޚީގައި އެއޮތް "ކިހިނެތް" މި ލަފުޒުގައި "ތ" ގައި ސުކުން ކޮށްފައިވަނީ ރަނގަޅަކަށް ނޫން. އެތަނުގައި ލިޔަންޖެހޭނީ އަލިފު ސުކުން. "ކިހިނެއް" މިގޮތަށް. ރަދީފު ބަލާ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *