ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަޤާމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން, ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޢައްޔަނުކުރައްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވައިފައިވާ ބޭފުޅަކު އަލުން ސަރުކާރުގެ މަގާމަކަށް އައްޔަންކުރެއްވި ފުރަތަމަ ފަހަރެވެ.
ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަޤާމަށް ޢައްޔަނު ކުރެއްވުމަށްފަހު، ރައީސް ވަހީދާ، ރައީސުލްޖުމްހޫރިއްޔާ ބައްދަލު ކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވަޙީދަކީ ވަރަށް ޤާބިލު ބޭފުޅެއް ކަމުގައި ފާހަގަކުރައްވައި ރާއްޖޭގެ ޚާރިޖީ ގުޅުން ވަރުގަދަ ކުރުމަށް ސަރުކާރާއެކު މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި އިޤްތިޞާދީ ގޮތުން ނަފާ ލިބޭނެ ކަންކަން މަގުފަހިކުރުމަށް ޤައުމުތަކާއެކު މަޝްވަރާކުރައްވައި އެ ރޮނގުން ކާމިޔާބީ ޙާޞިލުކުރުމަށް މަސައްކަތް ކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. ހަމަ އެއާއެކު މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމުގައި ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަޙީދު ވަނީ ސަރުކާރަށް ޚިދުމަތްކުރެއްވުމުގެ ފުރުޞަތު ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވިއެވެ.
ފެބުރުވަރީ 2012 އިން ނޮވެމްބަރު 2013 އަށް ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ރައީސް ވަޙީދު މި މަޤާމަށް ޢައްޔަނު ކުރައްވާފައިވަނީ މުސާރަ ލިބިވަޑައިނުގަންނަވާ ގޮތަށް ކަމަށް ރައީސް އޮފީހުގެ ބަޔާނެއްގައި ވެއެވެ.
ކުރީގެ ރައީސުންނަށް ގާނޫނުން ހައްގުވާ މުސާރަ ވެސް އެ މަނިކުފާނު ނުނަންގަވައެވެ. ނަމަވެސް ލިވިން އެލަވަންސާއި އޮފީސް އެލަވަންސްގެ ގޮތުގައި އަހަރަކު 2.7 މިލިއަން ރުފިޔާ ނަންގަވައެވެ. އެއީ މަހަކަށް 225،000ރ. އެވެ.
ރައީސް މައުމޫންގެ ޒައާމަތުގައި އެޑިއުކޭޝަން މިނިސްޓަރުގެ ނައިބުކަން ކުރެއްވި ޑރ. ވަހީދަކީ 2008ގައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ވަޑައިގެންނެވި މުހައްމަދު ނަޝީދުގެ ނައިބު ރައީސެވެ. ޑރ. ވަހީދު ރައީސް ކަމަށް ވަޑައިގެންނެވީ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ.
ރައީސް ވަޙީދު ވަނީ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ވެސް ފުރުއްވައިފައެވެ. އެމަނިކުފާނަކީ ޔުނިސެފުގައިވެސް އިސް މަޤާމުތަކެއްގައި ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. އަދި އެމަނިކުފާނަކީ މިހާރު ވެސް ސައުދީ އަރަބިއްޔާ ސަރުކާރުން ހިންގާ ރެޑްސީ ގްލޯބަލްގެ ޑިރެކްޓަރެކެވެ.



advertisment