Support Us

ކުރީގެ މަޖިލިސް މެމްބަރު ހުސެއިން މުހައްމަދު އަވަހާރަވެއްޖެ

ތައުލީމީ، މީޑިއާ އަދި ސިޔާސީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި

ރައްޔިތުންގެ މަޖިލިސްގެ މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން މުހައްމަދު އަވަހާރަވެއްޖެއެވެ.

ތައުލީމީ، މީޑިއާ އަދި ސިޔާސީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ހުސެއިން މުހައްމަދު، 71، އަވަހާރަވީ ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދަނިކޮށް ރޭ ފަތިހުއެވެ.

ހުސެއިން މުހައްމަދުގެ ޖަނާޒާ އޮންނާނީ އިރުއޮއްސި 6.45ގައި އާސަހަރާގައެވެ. ހަށިކޮޅު މިވަގުތު އޮތީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ މޯޗަރީގައެވެ.


ހުސެއިން މުހައްމަދު ވަނީ ތައުލީމީ ދާއިރާގެ ތަފާތު އެކިއެކި މަޤާމުތަކާއި އިސް މަޤާމުތައް އަދާކުރައްވައި އަގުހުރި ޚިދުމަތްތަކެއް ކުރައްވައިފައެވެ. އެގޮތުން އީ.ޑީ.ސީ.ގެ އެކިއެކި މަޤާމުތަކާއި، އެޑިޔުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ކަމާއި، ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވިއެވެ.

ރާއްޖޭގެ މީޑިއާގެ ދާއިރާގައި ގިނަގުނަ ޚިދުމަތްތަކެއް އެ މަނިކުފާނު ކުރެއްވިއެވެ. އެގޮތުން ޓީ.ވީ. މޯލްޑިވްސްގެ ޑެޕިއުޓީ ޑިރެކްޓަރ، ޑިރެކްޓަރ އޮފް ޕްރޮގްރާމްސްގެ މަގާމުގެ އިތުރުން ޓީ.ވީ.އެމްގެ އިސްވެރިކަން ނުވަތަ ޑިރެކްޓަރ ޖެނެރަލްކަމާއި، އެގްޒެކެޓިވް ޑިރެކްޓަރުކަން ކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ އަޑުގެ ބޭރުގެ ޚަބަރުތައް ލިޔުއްވުމުގެ މަސައްކަތް 1980ގެ އަހަރުތަކުން ފެށިގެން 2000ގެ އަހަރުތަކާ ހަމައަށް ކުރެއްވިއެވެ. ދިވެހިރާއްޖޭގެ އަޑުގެ ބައެއް ޕްރޮގްރާމްތައް ވެސް ހުށަހެޅުއްވި ހުސެއިން މުހައްމަދަކީ ބީ.ބީސީ ރޭޑިއޯގެ ޚަބަރު ދިވެހި ބަހަށް ތަރުޖަމާކުރެއްވުމަށް ވަރަށް ކުޅަދާނަ ބޭފުޅެކެވެ.


އާފަތިސް ނޫހުގައި ބޭރުގެ ޚަބަރުތައް ލިޔުއްވުމުގެ މަސައްކަތް 1980 ގެ އަހަރުތަކުން 2000ގެ އަހަރުތަކާ ހަމައަށް ހުސެއިން މުހައްމަދު ކުރެއްވިއެވެ. އަދި "ހަވީރު" ނޫހުން ފެށިގެން އައި "ބޭރުދުނިޔެއިން ކުޅިވަރު" އެއީ ހުސެއިން މުހައްމަދު މުޅިން އަލަށް ރާއްޖޭގެ ނޫސްވެރިކަމަށް ތައާރަފުކުރެއްވި ސޮފުހާއެކެވެ.

ދުނިޔޭގެ ސިޔާސީ މަސްރަހު ދިރާސާކުރެއްވުމުގެ މުފައްކިރެއްގެ ގޮތުގައި 30 އަހަރުގެ ޢިލްމީ ތަޖުރިބާއަށްފަހު، ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވަން ހުސެއިން މުހައްމަދު ފެއްޓެވީ 2005ގައެވެ. މި ގޮތުން ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަން 2005-2009 އަށް އަދި މަތިވެރި ދާއިރާގެ މެންބަރުކަން 2009-2019 އަށް ހުސެއިން މުހައްމަދު ކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
12
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *