Support Us

ކޮލަމް ކޯދު: ބައެއްގެ ޝަކުވާއެއްގެ ވާހަކަ

ޝަކުވާއަކީ ވަރަށް ވެސް އާންމު ކަމެކެވެ. މިދިޔަ ގަރުނުގެ އަރަބި އިލްވެރިއެއް ކަމުގައިވާ ޑރ. މުސްތަފާ އައްސިބާއީ، އޭނަގެ 'ހަޔާތް އަހަންނަށް ދަސްކޮށްދިން ކަންކަން' މި ފޮތުގައި ލިޔުއްވާފައި އޮވެއެވެ. "އަހަރުމެން އަބަދުވެސް ކުރާކަމަކީ ޝަކުވާ ކުރުމެވެ."

މިފަދައިން އަޅުގަނޑުމެންގެ އާންމު ފަރުދުން ސިފަކުރެވޭތީ ހަގީގީ ޝަކުވާއެއްގެ އަޑު އެހޭ ގޮތެއް ނޯވެއެވެ. އަޅުގަނޑުގެ ނަޒަރުގައި ތިރީގައި ލިޔެފައި އެވަނީ ހަގީގީ ޝަކުވާއެކެވެ. އެ ޝަކުވާގެ އަޑުއެހުން މުހިއްމު ޝަކުވާއެކެވެ. އަދި އެއަށް ފަހު، އަވަސް ގޮތެއްގައި އެއަށް ހައްލެއް ހޯދުން މުހިއްމު ޝަކުވާއެކެވެ.

މައްސަލައަކީތޯއެވެ؟ ބެލެނިވެރިންގެ އަތުން ޓިއުޝަން ދޭނަމޭ ކިޔައިފައި ދެހާހުން ތިންހާހުން ފައިސާ ނަގާފައި ބައެއް ޓީޗަރުން ފިލުމުގެ މައްސަލައެވެ. މިފަދަ ޚިޔާނާތުގެ އަމަލުތައް ހިންގާއިރު އެ މީހުންގެ ހިތަށް އެއްވެސް އެއްޗެއް ނާރާ ކަހަލައެވެ. އެ މީހުންގެ ޟަމީރެއް ނެތް ކަހަލައެވެ. ވަރަށް އާދައިގެ ނިކަމެތި މީސްމީހުންގެ އަތުން ވެސް ފައިސާ ނެގުމަށް ފަހު މި ފަދަ މީހުން ފިލަނީއެވެ. މީގެ ދެ މައްސަލައިގެ ވާހަކަ ލިޔެލާ ނަމެވެ. މިސާލެއްގެ ގޮތުންނެވެ. ހަނދާނުގައި ބަހައްޓަން ޖެހޭނީ މިއީ މިހާރު ވަރަށް ވެސް އާންމު ކަމެއް ކަމެވެ.

ފުރަތަމަ މައްސަލަ ގުޅެނީ މާލޭގެ މަޝްހޫރު ބައިނަލް އަގުވާމީ އިސްކޫލެއްގެ މަތީ ކިލާސްތަކުގައި ކިޔަވައިދޭ ބިދޭސީ މުދައްރިސަކާއެވެ. ދެ މާއްދާއެއް ކިޔަވައިދޭން 5،000ރ. ގެ ފީއެއް އޭނަ ދަރިވަރު އަތުން ނެގިއެވެ. ނަމަވެސް، ދެ ސެޝަނެއް ނަގައި ދިނުމަށް ފަހު، އޭނަ ޣައިބު ވިއެވެ. ދެން އޭނަ ފެންމަތިވީ މަސް ނިމުމުންނެވެ. އާދެ، އަނެއްކާ ވެސް 5،000ރ. ނެގުމަށެވެ. އޭނަ ހިތުން ދިވެހިން ވަރަށް ވެސް ގަމާރުވާނެއެވެ. އެއް ހޮރުން އެތައް ފަހަރަކު ކަށިޖަހާ އިރު ވެސް ދިވެހިންގެ މޮޔަ ސިކުނޑިތަކަށް ކަމެއް ކުރާކަށް ނޭނގޭނެއެވެ.

ދެވަނަ މައްސަލަ ގުޅެނީ ސަރުކާރު އިސްކޫލެއްގައި ކިޔަވައިދޭ ބޭރު މުދައްރިސާއަކާއެވެ. އޭނަވެސް އެއް މާއްދާއިން ޓިއުޝަން ދިނުމަށްޓަކައި ބެލެނިވެރިާގެ އަތުން 2300ރ. ނެގިއެވެ. ނަމަވެސް، އޭނަވެސް ޣައިބުވެގެން ދިޔައީއެވެ. މެސެޖަކަށް ފޯނަކަށް ޖަވާބެއް ނުދެއެވެ.

މިފަދަ ލާއަޚުލާގީ ފަސާދައާއި ޚިޔާނަތުގެ އަމަލުތައް ޓީޗަރުންގެ ކިބައިން ފެށުމުން، އުފެދޭ ސުއާލުތައް އެބަ ހުއްޓެވެ. މި ފަދަ މީހުންގެ ކިބައިގައި ދިރިހުރި ޟަމީރެއް ނެތީބާވައެވެ؟ ޓީޗަރުން މި ފަދަ ޚިޔާނަތްތެރި އަމަލުތައް ހިންގާ އިރު، އެ މީހުންގެ ކިބައިގައި ހުންނަންޖެހޭ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަން ކޮބާ ބާވައެވެ؟ މި ސަފަތައް އެމީހުންގެ ކިބައިގައި އުނިވެފައި އޮތުމުން، އެދުރުބެއިންނާއި އެދުރު ދައިތައަކަށް ވުމުގެ ގާބިލުކަން އެ މީހުންގެ ކިބައިގައި ހުރި ކަމަށް ބެލެވިދާނެ ހެއްޔެވެ؟

ދެން އުފެދޭ ސުއާލަކީ، މި ފަދަ ކަންކަން ހުއްޓުވޭނީ ކިހިނެއް ބާވައެވެ؟ މިސުއާލުގެ ޖަވާބުގައި ބުނެވޭނީ ގަވައިދުތައް ހެދިގެންނެވެ. މިސާލަކަށް ޓިއުޝަން ފީ ކުރިއަށް ދެއްކުމުގެ ބަދަލުގައި ޓިއުޝަން ފީ ދުވަހުން ދުވަހަށް ދައްކާ ގޮތް ހަދަންވީ އެވެ. މާނައަކީ ޓިއުޝަން ނަގާ ދުވަހު، އެ ދުވަހަށްވާ ފައިސާ ދިނުމެވެ. މީގެ އިތުރުން، އަމިއްލައަށް ޓިއުޝަން ދޭ މީހުން ކަމާ ބެހޭ އިދާރައިގައި ރަޖިސްޓްރީވެފައި އޮތުމެވެ. ޓިއުޝަން ދިނުމުގެ މަސައްކަތް އިޝްތިހާރު ކުރާ ފަރާތްތަކުން، ކިޔަވައިދޭ މީހުންނާ ބެހޭ ގޮތުން 'ފީޑްބެކް' އެމީހުންގެ ސައިޓުގައި އެންމެނަށް ފެންނަ ގޮތަށް ލިޔެވިފައި އޮތުމެވެ. އަދި، ޓިއުޝަންއާ ބެހޭ ޝަކުވާތައް އުފުލައި އެކަން ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމެވެ.

އަޅުގަނޑުގެ އުއްމީދަކީ ކަމާ ބެހޭ ފަރާތްތަކުން، މި ނަންގަތް މައްސަލަތައް ވީހާ ވެސް އަވަހަކަށް ބެލުމެވެ. އެއަށް ފަހު، ހައްގުވެރި ފަރާތްތަކަށް އެ މީހުންގެ ހައްގު ލިބޭނޭ ގޮތް ހަދައިދިނުމެވެ!