Support Us

ރަންނަމާރި އެނބުރި އައުން

ތީމުގޭ މަހާކަލަމިންޖާގެ ނަމުން މަޝްހޫރު ރަސްގެފާނުގެ ރަސްކަމުގެ ދުވަސްވަރެވެ. މަހަލްދީބުގައި އުޅެނީ ބުދުދީނަށް އުޅޭ ބައެކެވެ. ރާއްޖެ އިސްލާމްވުމާ ގުޅިފައިވާ ފުލޯކު ވާކައަކަށް ރަންނަމާރި ވާހަކަވަނީ ވެފައެވެ. މި ވާހަކައަކީ ތާރީޚީ ވާހަކައެއްގެ ގޮތުގައި އަދި ފުލޯކު ވާހަކައެއްގެ ގޮތުގައިވެސް ރާއްޖޭގެ ސްކޫލުތަކުގައި ދަރިވަރުންނަށް ކިޔައިދޭ މަޝްހޫރު ވާހަކައެކެވެ. ދިވެހިންގެ ތެރޭގައި ތިބީ ރަންނަމާރި ވާހަކަ ގަބޫލުކުރާ މީހުންނާއި ނުކުރާ މީހުންނެވެ. އަޑެއް ކިޔައިފިއްޔާ ރެނދެއްލާނޭ ބުނާ ބަހަށް ބަލާއިރު ކޮންމެވެސް ހަގީގަތެއް މިވާހަކައިގައި އޮތުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ރަންނަމާރި ވާހަކައަކީ ހަގީގަތުގައި ހިނގާފައިވާ ކަންތައްތަކެއްގެ ތެރެއަށް ފޮނިތޮށި ކާފޫރުތޮޅި އަޅައި އޭގެ ވަހާއި ކުލައާއި ރަހަ އަދި ސިފަ ބަދަލުކޮށް އޭގެ އަސްލު ބަދަލުކޮށްލާފައިވާ ފުލޯކު ވާހަކައެއް ނަމަވެސް އަޑުއަހާލަން ޝައުގުވެރި ވާހަކައެއްގެ ގޮތުގައި މިވާހަކަ ވަނީ ދިވެހި ތާރީޚީ ފޮތްތަކުންނާއި ދިވެހިންގެ ހިތްތަކުން ޖާގަ ހޯދައިފައެވެ.

ރަންނަމާރީގެ ބިރުވެރިކަމުގައި ހާސްކަމާއި ނާމާންކަން ވެރިވެ މުޅި މާލެ ވަނީ ހިތާމައިން ފުރި، ގޮތްހުސްވެފައެވެ. ކޮންމެ މީލާދީ މަހެއްގެ ފުރަތަމަ ދުވަހުގެރޭ މި ރަންނަމާރި މާލޭގެ އިރުމަތީ ފަރާތުން ހެންވޭރު ލޮނުޒިޔާރަތްކޮޅުން ދިއްލާލާފަ ހުންނަނީ ބޮޑު މަނަވަރެއްގެ ސިފައިގައި ކަމަށް ބުނެއެވެ.

ބޮޑުފާދިރީގެ ލަފަޔާއެކު ތީމުގޭ ކަލަމިންޖާ ރަސްގެފާނު ނިންމެވީ ލޮނުޒިޔާރަތްކޮޅުގައި ޖިފުޓިއެއް އަޅާ ކޮންމެ މަހެއްގެ ފުރަތަމަރޭ ރަށުތެރެއިން ގުރުއަތުން ހޮވޭ ބިކުރުވެރި އަންހެން ކުއްޖެއް މިޖިފުޓީގައި ބައިންދާ ރަންނަމާރިއަށް ދީ ގުރުބާން ކުރުމަށެވެ. މާލޭގެ އެންމެހާ ރައްޔިތުންގެ ހައްގުގައި މިކަން މިގޮތަށް ކުރިއަށް ދިޔައެވެ. ޖެހިގެން އަންނަ ދުވަހު ހެނދުނުހެނދުނާ އެކުއްޖާގެ އާއިލާއިން އެޖިފުޓިއަށް ގޮސް ބަލާއިރު އެކުއްޖާ އޮންނަނީ މަރާލާފައެވެ.

ރަންނަމާރީގެ މި ބިރުވެރިކަމުން މާލެ ސަލާމަތްވީ، މިވާހަކައިގައި ވާގޮތުން، ރާއްޖެއަށް ޒިޔާރަތްކުރި އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީ ކިޔާ ފާރިސްކަރައިގެ ދަތުރުވެރިއެއްގެ ސަބަބުންނެވެ. ރަންނަމާރީގެ ޝިކާރައަކަށްވެ އެތައް އަންހެން ކުދިންނެއް މަރުވެފައި ވަނިކޮށް ކަންދިމާވި ގޮތުން ޔޫސުފުލް ބަރުބަރީ ހުންނެވި ގޭގެ ވެރިއަންހެން މީހާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ޖިފުޓިއަށް ގެންދަން އޮތީ ގުރުއަތުން ހޮވިފައެވެ. އެކަމުގެ ހިތާމައިގައި އެކުއްޖާގެ މަންމަ ރޯތަން ފެނުމުން ޔޫސުފުލް ބަރުބަރީ ވަނީ އެކުއްޖާގެ ބަދަލުގައި އެރޭ ޖިފުޓިއަށް ދާނީ އޭނާ ކަމަށް ބުނެ އެގޮތަށް ކަންތައް ކޮށްފައެވެ.

އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީ އެރޭ ޖިފުޓީގައި އިންނެވީ ގުރުއާން ކިޔަވާވިދާޅުވާށެވެ. ރަންނަމާރީގެ ނިމުން އައީ، މި ވާހަކައިގައި ވާގޮތުން އެރޭ ރަންނަމާރި އަރާ ޖިފުޓިއަށް ވަނުމުން ޔޫސުފުލް ބަރުބަރީ ގުރުއާން ކިޔަވާވިދާޅުވެ ރަންނަމާރީގެ ކޮންޓްރޯލް ހޯއްދެވީއެވެ. އަދި ކުޑަވާށޭ ވިދާޅުވީމާ ކުޑަވަނީއެވެ. މިހެން ރަންނަމާރި ކުޑަވަމުން ގޮސް ތޯލާ ފުޅިއަކަށް ލެވޭ ވަރަށް ކުޑަވީމާ އެފުޅިތެރެއަށް ރަންނަމާރި ލާފައި ފުޅީގެ ތުންޖަހާ ބަންދުކޮށްފައި ދުވަހަކުވެސް ދެން އެނބުރި ނާދެވޭ ގޮތަށް އެފުޅި ވާދޫ ކަނޑަށް ފެއްތީއެވެ. ރަންނަމާރި ތޯލާ ފުޅިއަށްލާ ބަންދުކުރި ވަގުތު ރަންނަމާރި ދިއައީ ތިމަންނާ އެނބުރި އަންނާނަމޭ އަދި ދުވަހަކު ހިތުން ނުފިލާވަރުގެ ބަދަލުހިފުމެއް ހިފާލާނަމޭ ގޮވަމުންނެވެ.

އެތައްސަތޭކަ އަހަރު ފަހެވެ. ޒަމާންވަނީ ބަދަލުވެފައެވެ. ބޮކިފަތި ދިއްލާލާފަ އޮންނަ މަނަވަރެއް ފެނި ސިހި، ބިރު ހިތަށް ވަންނާނެ ކުޑަކުއްޖެއްވެސް މިހާރަކު ނޫޅޭނެއެވެ. އެއްގަމު އުޅަނދުގައި އަދި ފައިމަގުގައި ހިނގާފައިވެސް މާލެއިން ގާދޫކޮލު ހުރަސްކޮށް ހުޅުލެއަށް ފަސޭހަކަމާއެކު ދެވެއެވެ. އެއްކަލަ ރަންނަމާރި އެސޮރު ބަންދުވެފައި އޮތް ތޯލާފުޅިން ނިކުންނާނެ ގޮތަކަށް ބަލަބަލާ އޮންނަތާ އެތައް ޒަމާނަކަށް ފަހު ކޮންމެއަކަސް އެއްކަލަ ތޯލާފުޅި ތަޅައިގެންގޮސް ރަންނަމާރީ ދޫވެ ސަލާމަތްވެއްޖެއެވެ. ސިނަމާލެ ބުރިޖް އަޅަން ކަނޑުމެދަށް ތަނބުތައް ޖެހުމުގައި އެއްކަލަ ފުޅި ތަޅައިގެންގޮސް ރަންނަމާރި ސަލާމަތްވީ ކަމަށްވެސް ވެދާނެއެވެ. ނޫނީ މިއުޅޭ ޑައިވްކުރާ ކުދިން ކުރެ ކުއްޖެއް ފީނަން ގޮސް މާ އާދަޔާ ޚިލާފް ފުޅިއެއް ފެނިގެން ގެނެސް ގޭގެ ސިޓިންރޫމް ހަރުގަނޑެއްގައި ބަހައްޓައިފައި ހުއްޓައި ވެއްޓި ތެޅިގެން ރަންނަމާރި ދޫވެ ސަލާމަތްވީ ކަމަށްވެސް ވެދާނެއެވެ. ނޫނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި ދުވަސްވުމުގެ ސަބަބުން ރަންނަމާރި އޮތް ފުޅީގެ މަތިގަނޑު ހަލާކުވެ ދޫވެގެން ރަންނަމާރި ސަލާމަތްވީ ކަމަށްވެސް ވެދާނެއެވެ. އެނގި ކަށަވަރުވާކަމަކީ ރަންނަމާރި ދޫވެ ސަލާމަތްވެއްޖެ ކަމެވެ. އެ ކަމަކަށް ބަހުސެއް ނެތެވެ.

ރަންނަމާރި ފުޅިއަށްލާ ބަންދުކުރި ދުވަހުވެސް އެސޮރު ގޮވަމުން ދިއައީ އަހަރެން އަދި އަރާނަމެވެ. އަދި ހިތުންނުފިލާވަރު ކެއްސެއް ދިވެހިންނަށް ދޭނަމެވެ. ރަންނަމާރި ގައިދުގައި ހޭދަކުރި ކޮންމެ ދުވަހަކީ ދިވެހިންގެ ކިބައިން އަދި ދިވެހި ގައުމުގެ ކިބައިން ބަދަލު ހިފާލާނެ ގޮތްތައް ބޮލުތެރޭގައި ރާވައި ކުރަހަމުންދިޔަ ދުވަސްތަކެކެވެ. ރަންނަމާރި ސަލާމަތްވެގެން ހެނވޭރުކޮޅުން މާލެއަށް ބަލާލިއިރު ފުރަތަމަވެސް ފެނުނީ ބޮޑުސިންގާ މިސްކިތެކެވެ. ދިވެހިން ވަނީ އިސްލާމްދީން ގަބޫލުކޮށް އެމަގަށް އަގީދާ ވަރުގަދަކުރާން ފަށާފައެވެ. މިއީ ރަންނަމާރީގެ ހިތައް ކެތްވާވަރުގެ ކަމަކަށް ނުވިއެވެ. ޒަމާން ބަދަލުވެފައިވާތީ އަދި ދިވެހިންގެ ހޭލުންތެރިކަން ހުރި މިންވަރަށް ވިސްނާ ދިވެހިންގެ ބޯ ރަނގަޅަށް ކާލެވޭނެ ޕްލޭނެއް ހަދާ ރަންނަމާރި ވަނީ އޭނާގެ އެޖެންޑާ ދެހާހުގެ އަހަރުތަކުގެ ނަވާރަ ވަނަ އަހަރަށް ފައްކާކޮށް ހާމަކޮށްދީފައެވެ. މި އެޖެންޑާގެ ފަހަތުގައި ފޮރުވިފައި ހުރި ދަންތުރަތައް ގިނަ ދިވެހިންނަށް ފަހުމުނުވާ ގޮތަށް ވަނީ ކުލަރީތިކޮށް އޮފްދާރު ކޮށްފައެވެ. ގައެދުގައި އޮތްއިރު މައިބަދަ ބަލިކަށިވެފައިވާތީ ވިލާތައް ގޮސް ތަމްރީންތައް ހަދާ މައިބަދަ ވަރުގަދަކުރުމަށްޓަކައި ގޮނޑި ދުއްވާ މުބާރާތްތަކުގައި ވެސް ބައިވެރިވެފައެވެ. ރަންނަމާރި މިފަހަރު މި ނުކުތީ އޭނާއަށް ބައިއަތު ހިފާފައިވާ ފަހުލަވާނުންނާ އެކުއެވެ. މިގޮތުން ރަސްކަމުގެ ތަހުތު އެއްކޮޅުގައި ބައިންދާނެ ކަމަށް ވައުދުވެ، ވެރިކަމަށް ދަހިވެތިވެ މަރުދޭ މަހުޖަނު ވަނީ ރަންނަމާރީގެ ޓީމުގައި ހިމަނާފައެވެ. ވަޒީރުކަންދޭނެ ކަމަށް ވައުދުވެގެން ޝޭހުންގެ މުއްލާ ވެސް ގެނެސް ރަންނަމާރި ޓީމުގެ މެދުތެރެއަށްވަނީ ލާފައެވެ. ހިހޫތަނުންކާން ފަރިތަ، އެންމެ ހިޔަޅު އަދި އެންމެ ސޯލިހު އެކުވެރިޔާ ރަންނަމާރި ޓީމުގެ ފޯވަރޑްލައިނަށް ގެނެސް އެންމެ ކުރިއަށްވަނީ ނެރެފައެވެ. ވެރިކަމަށް ކުފޫހަމަނުވާނެޔޭ ގޮވަމުން ތަޖުރިބާކާރު ޒައީމުވެސް ދަރިފަސްކޮޅަށް ވެރިކަން ފޮރޮޅާލުމުގެ ބޭނުމުގައި ރަންނަމާރީގެ ހަގީގަތް އެނގިހުރެ އެޓީމަށް ކުޅެންފެށީ ވަރުގަދަ ޑިފެންޑަރެއްގެ ގޮތުގައެވެ. މި މަސްހުނިގަނޑުގެ ގޯލުގައި ހުރީ ބޮޑެތި ދޫލަ ފަދަ އެއްޗެހި ދިރުވާލައިފަ ވަޔެއްވެސް ބޭރުކޮށްނުލާ ހަމަ ކަހަރުވަކެކޭވެސް ހިތަށް ނާރުވާ އޭނާގެ މަސައްކަތައިގެން މުޅި ދުނިޔެ ހުސްކޮށް ބުރުޖަހާ ކީޕަރެކެވެ. ބުނެވޭ ގޮތުގައި މިއީ މިހާރު ވަކަރުގޭ ހުރިހާ ކުދިން ކޮންޓްރޯލްކުރާ އަދި ރާއްޖޭގައި ނެތްފަދަ ބޮޑު މަހުޖަނެކެވެ. ޕްރީޕެއިޑަށް ރީލޯޑްކުރަން ފަރިތަ، ތިނަދުއަށް ދޯޅަ، އަސްލު ބުރޯ އަކީ މިއީއެވެ.

މިއަދު ގައުމު އޮތީ މި ރަންނަމާރި އަރާ ހިސޯރުކޮށްފައެވެ. ދަނޑިވަޅުގެ ބޭނުން ހިފައި އެންމެހާ ރައްޔިތުން ގެއަށް ވަނުމަށް އަމުރުކޮށް އަތްފައި ދޮވެ ޝަހާދަތް ކިޔައިގެން ނިދަން ބައިތިއްބާފައި ރަންނަމާރިއާ އޭނާގެ ފަހުލަވާނުން ދަނީ ބަންޑާރަ މުދާތަކާއި ހުރިއްޔާ ހުރި ހަޒާނާއެއް ގެންގޮސް ތިޖޫރިތައް ދޮވެ ސާފުކުރަމުންނެވެ. ނޭވާލާ ނިޒާމަށް ދަންދެނެވެ. މިފަސްގަނޑަށް ދަހިވެތިވެ އެންމެ ބޮޑަށް ފެންބޮވައިގެން އުޅޭ އަވައްޓެރިޔާއަށް ގައުމު ވިއްކާލަން ރަންނަމާރި ފަހަކަށް ނުޖެހޭނެއެވެ. ވާނީ އެހެންތާއެވެ. ގައެދުވެ ބަންދުގައި ހޭދަވި ކޮންމެ ދުވަހެއްގެ ބަދަލު ހިފާލުމަށް ފުރުސަތު ލިބުމުން އެނޫން ކަމެއް ހަޔާތުގައި ހާސިލްކުރާން ބޭނުންނުވާ ކަހަލައެވެ. ރަންނަމާރި މިފަހަރު މިއެރީ ނުލަފާކަމުންނާއި ޖައްބާރު ކަމުން އޭނާއަށް ވަކި ދޫނުކުރާ ބައިވަރު ރަންނަމާރި ތަކެއްގެ މަސްހުނިގަނޑަކާ އެގައެވެ. މިފަހަރު ގުރުބާންކުރާނެ އަންހެންކުދިން ހޮވަނީ ގުރުއަތަކުންނޫނެވެ. ބުނިވަރަކަށް ފައިސާދީފައި ގަނެލަނީއެވެ. ގެންދަނީ މަހަކު އެއްފަހަރު ޖިފުޓިއަކަށް ނޫނެވެ. ސީސީޓީވީ ކެމެރާތައް ވަށައިގެން ހަރުކޮށްފައި ހުރި އުސްއިމާރާތްތަކުގެ ފިނިކޮޓަރިއަށެވެ. ބާތުރޯބުގައި ކޭކުފަޅާ ޕާޓީ ކުރާ ރަންނަމާރިތައްވެސް މިދަނީ ފެންނަމުންނެވެ. ސަފާރީތަކުގައި ސަރުބަތު ބޮއެގެން އުޅޭ ރަންނަމާރިތަކުގެ ވަކިތަކުން ސަލާމަތްވުމަށް ކަނުއަނދިރީގައި މޫދަށް ފުންމާލައިގެން ފަތާ އަންހެންވެރިންވެސް މިދަނީ ފެންނަމުންނެވެ. ރަންނަމާރީގެ ދައުވަތަށް އެވެރިންގެ ރުހުމުގައި ދިވެހިންގެ ފަސްގަނޑަށް ބާރު ފޯރުވާ އެކި ކިއްލާތައް ހަދާ ދިވެހިންގެ ބިމުން ދިވެހިންގެ ބާރު ކަނޑުވާލުމުގެ ކެހިވެރި ރޭވުންތައް ފާޅުވެ އެންމެހާ ދިވެހިންނަށް އެނގިސާފުވާ މިންވަރަށް މިދަނީ ފެންނަމުންނެވެ.

ދަރިފަސްކޮޅަށް ގައުމު ދަރުވާލާ ދިވެހިން ދިވެހިބިމުގައި ނިކަމެތިކޮށް ކަސްތޮޅު އަޅުވާ އަޅުވެތިކުރުވާ މި ލޮބުވެތި ގައުމުގެ އަމިއްލަވަންތަކަން ގެއްލުވާލާ މިލޮބުވެތި ވަތަނުގެ ދީނާ ގައުމިއްޔަތު ނެތިކޮށް ފުނޑުފުނޑުކޮށްލާތަން ބަލަން ހިރުވާތަން ކަހާވެސް ނުލާ ހަމަ ތިބެންވީތޯއެވެ؟ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީ އަށް މިދުވަސްތައް ފެނިއްޖެނަމަ އޭނާގެ ހިތަށްއަރާނީ ކީކޭބާވައެވެ؟ ރަންނަމާރި ސައިޒްކޮށް ތޯލާފުޅިއަށްލާފައި ކަނޑުފެއްތީ ދުވަހެއްގެ ކޮޅުންވެސް ދިވެހިންނަށް ދުއްތުރާއެއް ނުކުރާނެ ކަމަށް ވައުދުވީތީއެވެ. ރަންނަމާރި ސައިޒްކޮށް ފުޅިއަށް ލުމުގެ ބަދަލުގައި ރަންނަމާރި ކަތިލާފައި ދުވަސް ދުއްވާލެވުނު ނަމައޭ މިއަދު ބަރުބަރީ ހިތަށް އަރާނެއެވެ. އަނެއްކާވެސް ޔޫސުފުލް ބަރުބަރީއެއް ޒިޔާރަތް ކުރަންދެން ހަމަ ތިބެންވީތޯއެވެ؟ މި ފަސްގަނޑުން ބަރިބަރިއަށް ޔޫސުފުލް ބަރުބަރީތައް ނުކުމެ ރަންނަމާރިތަކުގެ ވަކިތަކުން ގައުމާއި މީސްތަކުން ސަލާމަތްކުރަން އަޒުމުވަރުގަދަކޮށް މަސައްކަތް ކުރަން ފަށާކަށް އަދިވެސް ހަމަ ނުވޭތޯއެވެ؟