Support Us

ކޮލަމް ހާފިޒީ

މިޔަރުގެ އުނދަގުލާ ހެދި މަސްވެރިންގެ ޝަކުވާ

"މިޔަރުގެ އުނދަގުލާ ހެދި މަހެއް ނުބޭނޭ،" މިއީ ފަހަކަށް އައިސް މަސްވެރިންގެ އަތްމަތީ ބަހަކަށް ވަނީ ވެފައެވެ. ޚާއްސަކޮށް ފަރުމަހުގެ މަސްވެރިކަމުގެ ތެރޭގައި މި ޝަކުވާތައް އިތުރުވެ، އިވެމުންދާތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. އެކުވެރިންނާއެކު ކެޔޮޅުކަމުދާ ޒުވާން މަސްވެރިން ވެސް، މިޔަރު ހިފައިފައި ހުންނަ މަސްތަކުގެ ފޮޓޯތަކާއެކު މީސްމީޑިއާގައި އެ ޝަކުވާތައް ދަނީ އޮއްސަމުންނެވެ.

މި ޝަކުވާތައް ގިނަވެގެން މިދިޔައީ އާދަޔާ ޚިލާފަށް މިޔަރު ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގަޔާއި އެތެރެވަރީގެ ކަނޑުތަކުގަޔާއި ކަނޑުއޮޅިތަކާއި ތިލަތިލާގައި ގިނަވެގެންބާވައެވެ؟ ނޫނީ މިޔަރުގެ ކާނާ އޭގެ ޤުދުރަތީ މާހައުލުން އެސޮރުމެންނަށް ލިބޭލެއް މަދުވީބާވައެވެ؟ މިއީ ދިރާސާ ތަކަކަށްފަހު ނޫނީ ޖަވާބުދޭން ފަސޭހަ ސުވާލުތަކަކަށް ނުވާނެއެވެ. ނަމަވެސް އެނގޭ ކަމަކީ މިޔަރާ ހެދި މަސްވެރިންނަށް އުނދަގުލަކަށް މިހާރު ވެފައިވާ ކަމެވެ.

މިޔަރެއް ހިފައިފައި އޮތް ބޮޑު ވޮށިމަހެއް ލޯންޗަށް އަރުވަނީ

މިޔަރަކީ މިއަދު ރާއްޖޭގައި ހިމާޔަތްކުރެވިފައިވާ މަހެއް ކަމުގައިވިއަސް މިއީ 1970ގެ އަހަރުތަކުން ފެށިގެން 1990 ގެ އަހަރުތައް ނިމުނުއިރުވެސް ވަރަށް ފުޅާ ދާއިރާއެއްގައި އެއިން އިޤްތިސާދީ ފައިދާ ދިވެހިން ހޯދަމުންދިޔަ ވަސީލަތެކެވެ. މިޔަރުގެ އުރަހަޔާއި އޭގެ މަހާއި އޭގެ އަނގަޔާއި އޭގެ ތެލަކީ މަސްވެރިކަމުގެ އިގްތިސޯދުގައި ފުޅާ ދައުރެއް އަދާކުރި ތަކެއްޗެވެ. އެދުވަސްވަރު ރާއްޖޭގައި 1600 ދޯނި މިޔަރު މަސްވެރިކަމުގައި ހަރަކާތްތެރިވިއެވެ.

Yess yess , save the sharks save the sharks … we fisherman are the sacrifice , we sacrifice our most valued fishing…

Posted by Sajja Sajj Saj on Wednesday, September 2, 2020

ސީދާ މިޔަރަށް އަމާޒުކޮށްގެން ތިން ބާވަތެއްގެ މަސްވެރިކަމެއް ކުރިއެވެ. އެއީ އަތޮޅުބޭރު މާކަނޑުގައި ލޭނުއެޅުމަށާއި އެތެރެވަރީގެ ކަނޑުތަކުގައި މިޔަރަށް ދާއެޅުމާއި، ކަށިމިޔަރު ބޭނުމަށް ބުޅިފަތިލާފައި އޮންނަ އަތުނަނު ދޫކުރުމުގެ މަސްވެރިކަމެވެ. ރާއްޖޭގެ މަސްވެރިކަމުގެ ހާލަތް އެދުވަސްވަރު އޮތްގޮތުން މިޔަރު ވެފައިވަނީ އޭގެ ސަބަބުން ވިޔަފާރީގެ ގިނަ ފައިދާތަކެއް ލިއްބައިދޭ ބާވަތަކަށެވެ. ނަމަވެސް އެއީ އެދުވަހެވެ.

މިއަދު މިޔަރު ހިމާޔަތްކުރެވި، މިޔަރު މަސްވެރިކަން މުޅިން އުވިގެންދިޔަ ކަމުގައިވިޔަސް މިއީ އިންޑިޔާ ކަނޑުގެ ސަރަހައްދު ތަކުގައި ގިނައިން އުޅޭ މަހެއްކަމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވެސް މިޔަރު ގިނައިން އުޅެއެވެ.

އަތޮޅުބޭރު މާކަނޑުތަކުގައި އުޅޭ މިޔަރުގެ ބާވަތްތަކަކީ މާއިހުއްސުރެ ދިވެހި ދޮށީގެ މަސްވެރިން ހިމާޔަތްކޮށްފައި އޮތް ބާވަތެކެވެ. އޮއިވާލިން މަސްވެރިކަންކުރާއިރު އޮއިވާލީގައި އަޅާފައި ހުންނަ މިޔަރުގެ ސަބަބުން މަސްއައިންތައް ތިލަކޮށް މޮޔަކޮށްލާކަމީ ދިވެހި މަސްވެރިން ދަންނަ ކަމެކެވެ. އައިންމަތީ މިޔަރު ނުވަތަ އޮއިވާލި މިޔަރު ނަގައިފިނަމަ މަސްއައިން އަޑިޔަށް ގޮސް މަސްވެރިކަމަށް ގެއްލުންވެއެވެ. މިސަބަބާ ހުރެ ގަންފައި ހުންނަ މަހަށް ދޭތެރެދޭތެރެއިން މިޔަރު ހަމަލާދީ ޝިކާރަކުރި ކަމުގައި ވިޔަސް މަސްވެރިން އޮއިވާލި މިޔަރު ބާނަން ނުވަތަ ނަގަން ޝައުގުވެރިކަމެއް ނުދެއެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި މަސްއައިން ތިލަވެ އޮޑިދޮށުގައި އުޅޭއިރު އައިންތެރޭ ތިލަވެއުޅޭ މިޔަރުގެ ސަބަބުން މާބޮޑަށް އުނދަގޫ ވާނަމަ މިޔަރުގެ އުރަހާގައި ހިފާ އޮޑީތެރެއަށް ދަމައިގަނެއެވެ.

މިޔަރެއް ހިފުމުގެ ސަބަބުން ބޭނުނީ ފާނައެއްގެ ބޯބުރި އެކަނި

މިޔަރަކީ ވަރަށް ލޯކޮށި މަހެކެވެ. މިޔަރު އޭގެ ކާނާ ޝިކާރަކުރަނީ އެއަށް ފެންނަ ފެނުމަށް ބަލައިގެންނެއް ނޫނެވެ. މިޔަރު އޭގެ ކަނާ ޝިކާރަކުރުމުގައި ބޭނުންކުރަނީ ޤުދުރަތީގޮތުން އެއަށް ލިބިފައިވާ ވަރަށް ހާއްސަ ހިއްސެކެވެ. ނަނުގައި ނުވަތަ ދޮށީގައި މަސް ގަނެގެން އުޅޭއިރު ގަދަ ދައްކާ ވަގުތުގައި އެމަހުގެ ސަބަބުން ކަނޑުގައި ނުވަތަ މޫދުގައި އުފެދޭ ކުދިކުދި ރާޅުބާނިތައް (ނުވަތަ ވޭވްސް) ދެނެގަތުމުގެ ހިއްސެވެ. މިފަދަ ހާލަތުގައި ޔަގީންކަމާއިއެކު އައިސް ނަނުގައި ގަނެފައިވާ މަހުގައި ހިފައެވެ. މަސްވެރިންގެ ނަނުގައި ގަންނަމަސް ނެގުމުގެ ކުރިން މިޔަރު ހިފާ ސަބަބަކީ މިއީއެވެ.

ކުރިއަށްވުރެ ގިނައިން މިޔަރު ރާއްޖޭގެ އެތެރެވަރީގެ ކަނޑުތަކުގައާއި ތިލަތަކާއި ކަނޑުއޮޅިތަކުގައި މިހާރު އުޅުމަކީ އެކަށީގެންވާ ކަމެކެވެ. އަދި 2010 ވަނަ އަހަރު މިޔަރު ހިމާޔަތްކުރުމާ ގުޅިގެން އެތެރެވަރީގެ މިޔަރުތައް ފަތުރުވެރިން ބެލުމަށް ދޫކޮށްލައިގެން މި ތިބޭތިބުމުގައި ފަރުމަހުގެ މަސްވެރިކަމަށް ގޮސް ނަނުފައްތައިގެން އުޅޭ ދަނޑިވަޅުތަކުގައި "މިޔަރުގެ އުނދަގޫ" އިހުނަށްވުރެ އިތުރުވަނީއެވެ.

މިޔަރަށް ޓާގެޓްކޮށްގެން ކުރާ މަސްވެރިކަމެއް މިހާރަކު ނެތެވެ. ފަރުމަހުގެ މަސްވެރިކަމަށް ގޮސް އެއިން ނަފާއެއް ހޯދަން ކުރާ މަސައްކަތުގައި އެމަސްވެރިންނެއް މިޔަރު ބާނާކަށް ނޫޅެއެވެ. ނަމަވެސް ނަނުފައްތައިގެން ތިބޭއިރު އަޑީގައި އުޅެނީ ކޮންކޮން މަހެއްކަމެއް މަސްވެރިޔާއަކަށް ނުއެނގޭނެއެވެ. މަހެއް ގަތީމާ ނަގާއިރު ބައެއް ފަހަރު މިޔަރުވެސް ނެގެއެވެ. އެއީ ބާނައިގެނެއް ނޫނެވެ. ބޭނިގެންނެވެ. އެފަދަ ހާލަތުގައި ބުޅިބުޑުން ކަނޑާލާފައި މިޔަރު ދޫކޮށްލި ކަމުގައިވިއަސް އަލުން ހަމަ އެމިޔަރު އެއް ފަހަރަށްވުރެ ގިނަ ފަހަރު ބޭނިފައި ހުރެއެވެ. މިފަދަ ހާލަތްތަކުގައި ބާނާ މަހުގައި ހިފާ މިޔަރުވެސް އިންތިހާޔަށް ގިނައެވެ. ޝަކުވާއަކަށްވާ ހިސާބަށް މިކަން އެބަދެއެވެ. އެހެންކަމުން އަދުގެ މަސްވެރިންނަށް މިކަމަށް ހައްލެއް ބޭނުންވެއެވެ.

މަސްވެރިންގެ ހާލަތު މިއަދު ވަނީ ކުރިއަށްވުރެ ދަށްވެފައެވެ. ޚާއްސަކޮށް ފަތުރުވެރިކަމަށް މިއައި ހީނަރުކަމުގެ ސަބަބުން ފަރުމަހުގެ މަސްވެރިންނަށް މަސްވިއްކޭނެ ފުރުސަތު ކުޑަވެ އަދި އެއިން ލިބޭ މަންފާ ކުޑަވެފައިވާ ދަނޑިވަޅެއްގައި މަސްވެރިން ބާނާ މަހުގެ އެއްބައި މިޔަރުގެ ޝިކާރަޔަކަށްވެ ނިމިގެންދިއުމަކީ މަސްވެރިންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކެވެ. އެހެންކަމުން އޮޅިގެން ބޭނޭ މިޔަރު، ބުޅިބުޑުން ކަނޑާނުލާ ވަތަށް ލެވޭގޮތަށް ހަމަޖެހިއްޖެނަމަ މަސްވެރިންނަށް އުނދަގޫކުރާ ބައެއް މިޔަރުގެ ކިބައިން މަސްވެރިކަން ސަލާމަތް ކުރެވިދާނެއެވެ. އަދި އެމިޔަރުގެ މަސް، ކާނާގެ ގޮތުގައި ބޭނުންކުރެވިދާނެއެވެ.

މިހާލަތް ދިމާވަނީ އެތެރެވަރީގައްޔާއި ކަނޑުއޮޅިތަކުގައްޔާއި އަތޮޅުގެ ބޭރުތުނޑީގެ ފަރުބޭރުގައި ކުރާ ފަރުމަހުގެ މަސްވެރިކަމުގެ ތެރެއިންނެވެ. މި މާހައުލަކީ ފަތުރުވެރިންވެސް މިޔަރު އޭގެ ގުދުރަތީ މާހައުލުގައި އުޅޭތަން ދުށުމަށް ޑައިވްކޮށް އަދި ސްނޯކަލް ކުރަމުންދާ މާހައުލެއްކަމުން މި މާހައުލުން ގިނައިން މިޔަރު ފެނުމަކީ ފަތުރުވެރިކަމުގެ ސިނާއަތަށް އޮތް ބޮޑު ފައިދާއެކެވެ.

މިޔަރެއް ހިފުމުގެ ސަބަބުން ބޭނުނީ ބޮޑު ކަންނެއްޔެއްގެ އެއްބައި

މިޔަރު މަސްވެރިކަން މުޅި ރާއްޖޭގައި އާންމުވެފައި އޮތް ދަނޑިވަޅެއްގައި 1992 ވަނަ އަހަރު ވަނީ މިޔަރު އަގުކޮށްފައެވެ. މި އަގުކުރުމުގައި ފަތުރުވެރިން ޑައިވްކުރާ ތިލައެއްގައި ދިރިއުޅޭ މިޔަރަކުން އަހަރަކު 3300 ޑޮލަރު ލިބޭ ކަމަށާއި ހަމަ އެ މިޔަރު ބާނައިގެން އޭގެ ބޭނުންކޮށްފިނަމަ އޭގެ އަގަކަށް ލިބޭނީ އެންމެ 32 ޑޮލަރު ކަމަށް ބެލެވިފައި ވީކަމަކު ސީދާ ޓާގެޓްކޮށްގެން މިޔަރު ނުބާނާނަމަ ހިމާޔަތް ކުރި ދުވަސްވަރުގެ ހާލަތާ އަޅާބަލާއިރު އޭގެ އުފެއްދުންތެރިކަމަށް ބުރޫއެއް އަރާނޭ ކަމަކަށް ނުބެލެވެއެވެ.

🦈 އަރާ ފެންމަތީން މަހެއް ކާލާނީ..!
-Video by Addu Sports Fishing-

Posted by Zuvaan Keyolhu on Friday, August 28, 2020

މަސްވެރިންގެ ޝަކުވާއަކީ އަދުގެ ހާލަތަށް ބަލާފައި ހަމަ ހަގީގަތުގައިވެސް މިޔަރު އުނދަގޫކުރާތީ ކުރާ ޝަކުވާއެއް ކަމަށް ވާތީ އެޝަކުވާތަކަށް ލުޔެއް ހޯދުމަށް މަސްވެރިންނާއި މަސްވެރިކަމުގެ ޕޮލިސީތައް އެކުލަވާލާ ފަރާތްތަކުން އަމަލީ ރޯލެއް ކުޅެވިދާނެއެވެ.