Support Us

ފާތިޙާ ސޫރަތާމެދު ވިސްނާލީމުތަ؟ 2

ސޫރަތުލް ފާތިޙާގެ ފުރަތަމަ ބައިން އަހަރެމެންނަށް އެނގުނީ ﷲ އަކީ އަހަރެމެންގެ ރައްބުކަމެވެ. އަދި އަހަރެމެންނަކީ ރައްބުގެ އަޅުންކަމެވެ. ﷲ ގެ މިތަޢާރަފް ތެދުކޮށް ގަބޫލުކުރާހަމައިން އަހަރެމެންނަށް އެއްކައުވަންތަ އިލާހުގެ އަޅުންކަމުގައި އިގުރާރުވެވުނީއެވެ. މިހާ ހިސާބުން ﷲގެ އަޅުތަކުން ކުރަންޖެހޭ ކަންތައްތަކެއްވެއެވެ. އެހެންކަމުން ސޫރަތުގެ ފުރަތަމައިގެ ނިމުން އަންނަނީ ސޫރަތުގެ ދެވަނަ ބައިގައެވެ.

ފާތިޙާ ސޫރަތުގެ ދެވަނަ ބައި ޚާއްޞަ ވަނީ ﷲ އާއި އަހަރެމެން (ﷲގެ އަޅުން) ނަށެވެ. މިބައިގައި ވަނީ ދެ އާޔަތެވެ. މިއިން ކޮންމެ އާޔަތެއްވަނީ ކަމުގެ ޖުމުލަ (ޖުމްލަ ފިޢުލިއްޔަ) އަކުންނެވެ. ސޫރަތުގެ ދެވަނަ ބައިންގެ އަންގައިދެނީ ރައްބުއާއި އަޅާގެ ގުޅުމެވެ. މިބައިގައި ﷲ އާމެދު އަހަރެމެން ބަހައްޓަންޖެހޭ ގުޅުން ނުވަތަ ކުރަންޖެހޭކަން ﷲ ސާފުކޮށްދެއްވައެވެ. މިއީ ފުރަތަމަ ބައިން ލިބުނު ޢިލްމުގެ އަލީގައި ކުރަންޖެހޭ ކަންތަކެވެ.

ފާތިޙާ ސޫރަތުގެ ދެވަނަ ބައި ފެށެނީ އެސޫރަތުގެ ފަސްވަނަ އާޔަތުންނެވެ. މިއާޔަތުގައި ﷲ ވަޙީކުރައްވަނީ އިބަ ﷲ އަށް އެކަނި އަހަރެމެން އަޅުވެތިވަމެވެ. (އަޅުކަންކުރަމެވެ.) އަދި އިބަ ﷲ ގެކިބައިން އެކަނި އަހަރެމެން ވާގިވެރިކަމަށް އެދެމެވެ. ޢަބްދު މިބަހުގެ މާނަޔަކީ އަޅާއެވެ. ﷲ ގެ އަޅަކަށްވުމުން އެމީހަކު ދެމިހުންނަންޖެހެނީ އަޅެއްގެ މަގާމުގައެވެ. އަދި އަޅާ ބަރޯސާވެ އެހީތެރިކަމާއި މަދަދަށް އެދެންޖެހޭނީ އޭނާގެ ރައްބުގެ ޙަޟުރަތުންނެވެ. އޭނާ ދިރިހުރި ނުވަތަ ހޭހުރި ހުރިހާ ވަގުތަކު ހުންނަންޖެހެނީ އަޅުވެތިކަމުގައެވެ. އެއީ ކިޔަމަންތެރިކަމާއި އިޚުލާސްތެރިކަމާއެކު ﷲ އަމުރުކުރެއްވި ހުރިހާކަމެއްކުރުމަށްފަހު ނަހީކުރެއްވި ހުރިހާ ކަމަކުން ދުރުހެލިވުމެވެ. ތިމާއަށް އެންމެ ރަނގަޅު ގޮތް އެނގޭނީ ތިމާއަށް ނޫންކަމާއި އެކަމަކު ތިމާގެ ރައްބުއަށްކަން ގަބޫލުކުރުމެވެ.

އަޅުވެތިކަމުގައި ނުވަތަ އަޅެއްގެ ގޮތުގައި އުޅުމަށް އެއްވެސް މީހެއްގެ އެހީއާއި މަދަދު ބޭނުންނުވާ ކަމަށް މިއާޔަތުގެ ފަހުބައިން އެނގެއެވެ. އެކަމަކު އަޅުވެތިވުމާއެކު އެމީހަކަށް ހަމައެކަނި ބޭނުންވަނީ ﷲ ގެ މަދަދާއި އެހީތެރިކަންކަންވެސް މިއާޔަތުން އެނގެއެވެ. ﷲ މިއަންގަވަނީ އެއިލާހުގެ އަޅެއްގެ ގޮތުގައި އުޅުމަށް އެހެން މީހަކަށް ބަރޯސާނުވުމަށެވެ. ކޮންމެ އަޅަކު ވާގިވެރިކަމާއި މަދަދަށް އެދި ދަންނަވަންޖެހެނީ ﷲ އަށް އެކަނިކަމެވެ.

މިއާޔަތުގައިވާ ނަސްތަޢީން (އަހަރެމެން އެހީތެރިކަމަށް އެދެނީ) އައިސްފައިވަނީ އިސްތިޢާނާ މިބަހުންނެވެ. އިސްތިޢާނާގެ މާނަޔަކީ ކަމެއްގައި ތިމާކުރަންޖެހޭ ހުރިހާ ކަމެއްކުރުމަށްފަހު ދެން އެދޭ އެހީއާއި މަދަދެވެ. މާނަޔަކީ ﷲ އަށް އަޅުވެތިވުމުގައި ތިމާ ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ބަރާބަރަށް ފުރިހަމައަށް އަދާކުރުމަށްފަހު ދެން ﷲ މެނުވީ އެހެން އިލާހެއްގެ އެހީތެރިކަމާއި މަދަދަށް ނޭދުމެވެ. ގިނަ މީހުންގެ އާދަޔަކީ ތިމާކުރަންޖެހޭ އެއްވެސް ކަމެއް ނުކޮށް ހުރެ ތިމާ ﷲ އަށް ވަކީލުކޮށްފީމޭ ބުނެ އަތް އުރާލައިގެން ތިބުމެވެ.

ނަސްތަޢީން މިބަހުން އެނގެނީ ތިމާގެ އިޚުތިޔާރާއި ބާރުގައިވާ ހުރިހާ ކަމެއް ކުރުމަށްފަހު އެހީތެރިކަމާއި މަދަދަށް އެދި ﷲ އަށް ދެންނެވުމެވެ. މިއާޔަތް ކިޔައިގެން އަހަރެމެން މިކުރާ ކަމަކީ ކޮންމެ ދުވަހަކު ތަކުރާރުކޮށް މިކަމަށް އިޤުރާރުވުމެވެ. ތިމާ ކުރަންވާ މަސައްކަތްކުރުމަށްފަހު ﷲ ގެ މަދަދަށް އެދުމެވެ. މިއާޔަތުން ލިބޭ އެއް މެސެޖަކީ އަހަރެމެން ކުރަންޖެހޭ މަސައްކަތް އަހަރެމެންގެ އިޚުތިޔާރުގައިވިޔަސް އަހަރެމެންނަށް އާޚިރުގައި ލިބޭނެ ނަތީޖާ ﷲ ގެ ޙަޟުރަތުގައިވުމެވެ. ރަނގަޅު ނަތީޖާ ބޭނުންނަމަ ތިމާ ރަނގަޅަށް މަސައްކަތްކުރަންޖެހޭ ކަމެވެ.

ހަވަނަ އާޔަތުގައި ވަޙީކުރައްވަނީ އަހަރެމެންނަށް ސީދާވެގެންވާ ތެދުމަގަށް މަގުދައްކަވާނދޭވެ. ތެދުމަގަކީ އިންސާނާއަށް ބޭނުންވާ އެންމެބޮޑު އެހީއެވެ. މިއީ އޭނާއަށް ލިބިދޭންޖެހޭ އެންމެބޮޑު މަދަދާއި ވާގިވެރިކަމެވެ. އެހެނީ އަޅުވެތިކަމުގެ ނިޢުމަތް ތިމާއަށް ލިބެނީ ހިދާޔަތް ލިބުމުންނެވެ. ހިދާޔަތް ފެށެނީ ތިމާ ﷲ ގެ އަޅަކަށްވާ ހިސާބުންނެވެ. އަޅަކަށްވާ ހިސާބުން އެކަނި ތެދުމަގު ކަށަވަރުވީކީނޫނެވެ. އަބަދުވެސް އިންސާނާ އޮންނަނީ މަގުން ކައްސާލާފައެވެ. އެހެންވެ ތެދުމަގު ކަށަވަރުކުރުމަށްޓަކައި ޤަވާޢިދުން ތެދުމަގަށް އެދެންޖެހެއެވެ. މިސަބަބަށްޓަކައި މިއާޔަތުން ﷲ އަހަރެމެންނަށް ދެއްވަނީ ތެދުމަގަށް އެދުމުގެ ނިޢުމަތެވެ.

އާންމުކޮށް މީހުންނަށް މަގުދައްކަނީ ކޮންމެވެސް ތަނަކަށް ވާސިލުވާށެވެ. އެކަމަކު މިއާޔަތުގައި ﷲ މަގުދައްކަވަނީ ސީދާވެގެންވާ ތެދުމަގަށެވެ. މިމަގަށް އާދެވުމުން އަހަރެމެންނަށް އަހަރެމެންގެ މަންޒިލު ކަށަވަރުވެއެވެ. މިމަގަށް މަގު ދެއްކެވުމުގެ ބަދަލުގައި ﷲ އަހަރެމެން މިމަގުގެ ކޮޅަށް ގެންގޮސްދެއްވައެވެ. މިމަގަކީ އެމަގުގެ ކޮޅަށް އަހަރެމެންނަށް ދެވުމުން އަހަރެމެން އެދޭ މަންޒިލަށް ވާސިލުވެވޭ މަގެވެ. އެއީ ނިޢުމަތުން ފުރިގެންވާ ސުވަރުގެއެވެ.

ޞިރާޠުގެ އެއް މާނަޔަކީ ސީދާ މަގެވެ. އެހެންކަމަށްވާއިރު މުސްތަޤީމް މިބަސް މިއާޔަތުގައި ވަޙީކުރެއްވުމުގެ ޙިކުމަތަށް ބަލާލަންޖެހެއެވެ. މުސްތަޤީމް މިބަސް އައިސްފައިވަނީ އިސްތިޤާމާ މިބަހުންނެވެ. މާނަޔަކީ ތެދަށް ކޮޅަށް ހުރުމެވެ. އެހެންކަމުން މިބަހުން ލިބިގަނެވޭ އެއް މާނަޔަކީ ތެދުމަގަކީ މައްޗަށްދާ މަގެއްކަމެވެ. މިސާލަކަށް މީހަކު ޞާލިޙު ހެޔޮ ޢަމަލުގައި ދެމިހުރުމުން އޭނާއަށް ދަތުރުކުރެވެނީ މައްޗަށެވެ. ހަގީގަތުގައި އޭނާ މިދުނިޔެ ދޫކޮށް ދަތުރުއެކުރަނީ ﷲ ގެ ޙަޟުރަތަށެވެ. މައްޗަށް ގޮސްގޮސް ހުއްޓާ ހެޔޮ އަމަލުތައް ހުއްޓުމާއެކު އެމީހަކު އެހިސާބުގައި ތާށިވީއެވެ. އަދި އޭނާ ފާފަކުރަން ފެށުމުން އެހިސާބުން އޭނާ ހަލާކަށް ވެއްޓުނީއެވެ. އެހެންވެ އަހަރެމެން މަސައްކަތްކުރަންޖެހެނީ ސީދާވެގެންވާ ތެދުމަގުގައި ދެމިތިބެ އެމަގު ނިމޭ ހިސާބަށް ދިއުމަށެވެ.

ސާހިބަކު އޭނާގެ އަޅާއާއި ނުވަތަ ވެރިއަކު އޭނާގެ ނޯކަރާއި ބާއްވާ ގުޅުމަށް ބަލަމާ ހިނގާށެވެ. އަޅު ސާހިބު މީހާގެ ކިބައިން އެހީއަށް އެދޭ ނަމަ ސާހިބު މީހާ އެކަން ބަލައެއްނުގަންނާނެއެވެ. ހަމައެގޮތަށް ވެރިޔާގެ ކިބައިން ނޯކަރު އެހީއަށް އެދޭނަމަ ވެރިޔާވެސް އެކަން ބަލައެއްނުގަންނާނެއެވެ. އަދި އަޅު ނުވަތަ ނޯކަރު މީހާއާމެދު ފިޔަވަޅުއަޅައި އޭނާއަށް އަދަބުދޭނެއެވެ. އެކަމުގެ އިންސާނާގެ ރައްބު ﷲގެ ލޯބިވެވޮޑިގަތުން އެއިލާހުގެ އަޅާގެ މައްޗަށް ހުރީ މާމައްޗަށެވެ. ނަތީޖާއަކީ ﷲ ގެ ޙަޟުރަތުގައި ގިނައިން އެހީއާއި މަދަދަށް އެދި ދެންނެވުމަށް އެއިލާހު ލޯބިވެވޮޑިގަތުމެވެ.

އަޅަކު އޭނާގެ ސާހިބު މީހާ ގާތު މަގުދައްކައި އިރުޝާދު ދޭން އެދިއްޖެނަމަ އެކަމަށް ސާހިބު މީހާ މާބޮޑު ފަރުވާލެއް ނުބަހައްޓާނެއެވެ. އަދި ތަކުރާރުކޮށް ކަންކުރަންވީގޮތް އޮޅުންފިލުވުމަށް އެދޭނަމަ އަޅަށް އަދަބުދެވޭނެއެވެ. މިއީ ދުނިޔޭގައި ސާހިބުންނާއި ވެރިން ކަންކުރާގޮތެވެ. އެކަމަކު ﷲ އެއިލާހުގެ އަޅުން މަގުދެއްކެވުމަށް އެދި ދެންނެވުމުން އެކަމަށް އިޖާބަދެއްވައި އެކަން ދެކެ ލޯބިވެވޮޑިގެންވެއެވެ. މިކަމުން އަންގައިދެނީ ﷲގެ ޙަޟުރަތުގައި އިންސާނާގެ މާތްކަމާއި މަތިވެރިކަމެވެ.

ފާތިޙާ ސޫރަތުގެ ފުރަތަމަ ބައިގައިވަނީ މަޢުލޫމާތެވެ. އެކަމަކު ދެވަނަ ބައިގައިވަނީ ޢަމަލެވެ. ފުރަތަމަ ބައިގައިވަނީ ﷲގެ ތަޢާރަފެވެ. ދެވަނަ ބައިގައިވަނީ ﷲ އާއި ﷲގެ އަޅުންކަމުގައިވާ އަހަރެމެންގެ ވާހަކައެވެ. ﷲ އާއި އަހަރެމެންގެ ގުޅުމެވެ. އެހެންކަމުން ސޫރަތް އެކުލެވިފައިވަނީ ފުރިހަމަ ވަޒަނެއްގައެވެ.

މައުލޫމާތު: މުފައްޘިރު ނުޢުމާން ޢަލީ ޚާން، ބައްޔިނާ ޓީވީ