Support Us

އިންޑިއާއަށް ތައުރީފު ކުރައްވައި މާރިޔާގެ ޓްވީޓެއް، މިލިޓަރީ އެހީތަކުގެ ވާހަކައެއް ނެތް

ލޯނާއި އެކި ކަހަލަ އެހީތައް ދީގެން މިލިޓަރީ ގޮތުންނާއި އިގްތިސާދީ ގޮތުން އިންޑިއާ އިން ރާއްޖޭގެ މައްޗަށް ބާރު ފޯރުވަން މަސައްކަތްކުރަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގެ އަޑުގަދަވެފައިވާ ދަނޑިވަޅެއްގައި، އިންޑިއާއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ޓްވީޓެއް ކުރައްވައިފިއެވެ. އިންޑިއާއިން ވެދީފައި ހުރި އެކި ކަހަލަ އެހީތަކުގެ ތަފްސީލް ދެއްވި ނަމަވެސް، އިންޑިއާ މިލިޓަރީ އެހީތަކުގެ ވާހަކައެއް އެކަމަނާގެ ޓްވީޓުގައި ހިމަނުއްވައިފައެއް ނުވެއެވެ.

މާލީ އެހީގެ ގޮތުގައި 250 މިލިއަން ޑޮލަރު (3.9 ބިލިއަން ރުފިޔާ) ގެ އެހީއެއް އިންޑިއާ ސަރުކާރުން ދާދި ފަހުން ވެސް ވަނީ ރާއްޖެއަށް ދީފައެވެ. މި އެހީގެ ޕެކޭޖުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިސާދީ ދަތިކަމުން އަރައިގަނެ، ކޮވިޑް-19 އާއި ދެކޮޅަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އިތުރު އެހީއަކަށް ވެގެންދާނެ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް އެއީ ކިހާ ވަރެއްގެ އިންޓަރެސްޓަކާއެކު ދިން ލޯނުތަކެއް ކަމެއް އަދި އަނބުރާ ދައްކަންޖެހޭ މުއްދަތެއް ވެސް ނޭނގޭތީ އިދިކޮޅު ފަރާތްތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދިި ރާއްޖެ އަށް ދެ ހެލިކޮޕްޓަރު "ހަދިޔާކޮށް" އެ ދެ ހެލިކޮޕްޓަރު އުދުއްސަން އިންޑިއާ ސިފައިން ރާއްޖޭގައި ބައިތިއްބާފައި ތިބޭ މައްސަލަ އާއި އައްޑޫ ހަންކެޑައިގައި އިންޑިއާ އިން ހަދާ ޕޮލިސް ޓްރޭނިން ސްކޫލަކީ އިންޑިއާގެ މިލިޓަރީ ބޭސްއެއް ކަމަށް ބުނެވެސް އިދިކޮޅު ފަރާތްތަކުން ދަނީ ޝަކުވާކުރަމުންނެވެ. ނަމަވެސް މާރިޔާގެ ޓްވީޓުގައި އެ ވާހަކަތަކެއް ނެތެވެ.

ގައުމު ވިއްކާލުމާ ދެކޮޅަށް އިދިކޮޅު ކޯލީޝަނުން މިދިޔަ ހުކުރު ދުވަހު މުޅި ރާއްޖޭގައި ބޮޑު މުޒާހަރާއެއް ވެސް ބާއްވައި ބޯޑުތައް ހިފައިގެން ނުކުމެ އިންޑިއާއާ ދެކޮޅަށް ވަނީ އަޑުއުފުލާއިފައެވެ.

އިންޑިއާގެ ދިފާއީ ވަޒީރާ މާރިޔާ ބައްދަލުކުރައްވަނީ

"އިންޑިއާ އަކީ ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ނޮވެމްބަރު 3 ގައި ގިނަގުނަ އެހީތަކެއް ވެދީފައިވާ ބައިވެރިއެއް. ރާއްޖެއަށް ކުރިމަތިވި ފެނުގެ ދަތިކަމުގައި، ވަގުތުން އެހީތެރިކަން ފޯރުކޮށްދިން ބައިވެރިއެއް. އަދި މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ޕެންޑަމިކްގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގާތް ބައިވެރިއެއް. އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމާ ބެހޭގޮތުން ފާޅުކަން ބޮޑު ގޮތެއްގައި ފެންނަ ހުރި ހެކިތަކާމެދު ދޮގެއް ހެދުމަކީ އަޅުގަނޑަށް ކުރެވޭނެ ކަމެއް ނޫން. ދެ ގައުމުގެ ދެމެދުގައިވާ ގުޅުމުގެ ސަބަބުން ރާއްޖެއަށް އިގްތިސާދީ އަދި އިޖްތިމާއީ މަންފާތަކެއް ކުރުމުގެ އިތުރުން، އަޅުގަނޑުމެންގެ މިނިވަންކަން ވަރުގަދަ ކުރުމުގައި ވެސް މުހިއްމު ރޯލެއް އަދާކޮށްފައިވޭ،" މާރިޔާގެ ޓްވީޓުގައިވެއެވެ.


މާރިޔާ ޓްވީޓް ކުރެއްވީ އިންޑިއާއިން އެގޮތަށް ބޭނުންވެގެން ކަމެއް ނޭނގެއެވެ. ނަމަވެސް މާލޭގައި ހުންނަ އިންޑިއާ އެމްބަސީން ވަނީ މާރިޔާގެ ޓުވީޓް އަވަހަށް ރީޓްވީޓްކޮށް، ވާހަކަ ދައްކައިފައެވެ.

"ކަމަނާގެ ތިޔަ އިޚްލާސްތެރި ބަސްފުޅަށް މާރިޔާއަށް ޝުކުރު ދަންނަވަން. ރާއްޖެއާއި އިންޑިއާއާ ދެމެދުގައި ގިނަ ޒަމާންތަކަކަށް ދެމިގެންގޮސްފައިވާ ސަގާފީ އަދި ތާރީޚީ ގުޅުމަށްޓަކައި، އިންޑިއާ އަބަދުވެސް ދެމިއޮންނާނީ ރާއްޖެއާއެކު، ގާތް އަވަށްޓެރިން އަދި ރަހުމަތްތެރިން ހުންނަން ޖެހޭ ފަދައިން!"

މާރިއާގެ ޓްވީޓަށް، އަދި އިންޑިއާއާ ދެކޮޅަށް އާންމުންގެ ގިނަ ބަޔަކު ދަނީ ރައްދުދެމުންނެވެ.

ރާއްޖެއަށް އިންޑިއާއިން އަތްގަދަކުރުމާ ދެކޮޅަށް އެންމެ ގަދަޔަށް އަޑުއުފުއްލަވާ އިދިކޮޅު ލީޑަރު، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވެސް ވަނީ އިންޑިއާ އަށް ބަހުގެ ހަމަލާއެއް ފޮނުވާލައްވައިފައެވެ. އުމަރު ވިދާޅުވީ 2023 ރިޔާސީ އިންތިޚާބަށްފަހު އިންޑިޔާގެ ހުރިހާ ސިފައިން މި ޤައުމުން ބާލާނެ ކަމަށާއި އިންޑިޔާގެ އަދި ޗައިނާގެ އުނގަކަށް ރާއްޖެ ނުވެއްޓޭނެ ކަމަށެވެ.

އުމަރަކީ 2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ބޭފުޅެކެވެ.

އުމަރު ނަސީރު މިހެން ވިދާޅުވީ އިންޑިއާގެ ފަރާތުން ހަދާ ޕޮލިސް ޓްރޭނިން ސްކޫލް އައްޑޫގައި ބިނާކުރަން ނިންމީ އުމަރުގެ ހޯމް މިނިސްޓަރު ކަމުގައި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެ، އިންޑިއާ އިން ހަދާ ޕޮލިސް ޓްރޭނިން ސްކޫލްގެ ކަންތައް އުމަރުގެ އިސްތަށިފުޅަށް ކަނޑުއްވާލައްވާ މޭރުމަކުން ޝާހިދު ވާހަކަފުޅު ދައްކަވައި އުމަރަށް ޝުކުރު އަދާކުރެއްވުމުން، އެކަމަށް ރައްދު ދެއްވައި ފޭސްބުކްގައި މިއަދު ކުރެެއްވި ޕޯސްޓެއްގަ އެވެ.

"2023 ވަނަ އަހަރުގެ އިންތިޚާބަށް ފަހު އިންޑިޔާގެ ހުރިހާ ސިފައިން އިރާދަކުރެއްވިއްޔާ މި ޤައުމުން ބާލާނަން.
އިންޑިޔާގެ އަދި ޗައިނާގެ އުނގަކަށް މި ޤައުމު ނުވެއްޓޭނެ. މިއީ އަޅުގަޑުމެން ފަޚުރުވެރިވާ މިނިވަން ޤައުމެއް" އުމަރު ވިދާޅުވިއެވެ.

އައްޑޫ ހަންކެޑެ ސަރަހައްދުގައި ޕޮލިސް ޓްރޭނިން ސްކޫލް އަޅަން ނިންމި ސަބަބާ ބެހޭ ގޮތުން ވެސް އުމަރު ވަނީ ޖަވާބު ދެއްވައިފައެވެ.

"އައްޑޫ އަކީ ރާއްޖޭގައި ދެވަނައަށް އެންމެ އާބާދީ ބޮޑު އަތޮޅު ކަމަށް ވެފައި، ވަޒީފާގެ ފުރުސަތުތައް މަދު ކަމުން، އެ އަތޮޅަށް އިތުރު ފުރުސަތު ހޯދައިދިނުމުގެ ގޮތުން ފުލުހުންގެ ތަމްރީން މަރުކަޒު އައްޑޫގައި ގާއިމް ކުރަން ނިންމީ އަޅުގަނޑު. މިހާރު އަޅަމުންދާ މަރުކަޒަކީ އަޅުގަނޑު ނިންމި ފުލުހުންގެ މަރުކަޒު ކަމަށް ވެއްޖެ ނަމަ، އުފަލުގެ ކޮޅެއްވެސް ނެތް. ނަމަވެސް ޑިސައިން ބަދަލުކޮށް، އިމާރާތްތަކުގައި ކުރެވޭ ބޭނުން ބަދަލުކުރެވޭ ގޮތަށް އެޅެމުންދާ މަރުކަޒެއް ނަމަ ހިތާމައިގެ ކޮޅެއްނެތް" އުމަރު ވިދާޅުވިއެވެ. "އަޅުގަނޑު ސޮއިކުރީ ހިލޭއެހީގައި ތަމްރީން މަރުކަޒެއް އެޅުމަށް. މި ސަރުކާރު އައި ފަހުން އެ އެގްރީމަންޓް އަށް އިތުރު ކުރެވުނު ނުކުތާތައް އެގިލައްވާނީ މިނިސްޓަރ ޝާހިދުއަށް. ފެންނަނީ އިންޑިޔާގެ ސިފައިންތައް އައިސް ގޮސްވާތަން."

ހެލިކޮޕްޓަރެއް ހަދިޔާކުރަން ރާއްޖެ އައި އިންޑިއާ ސިފައިން، އަށް އަހަރުވީއިރު އަދިވެސް މިއުޅެނީ ހެލިކޮޕްޓަރު ހަވާލުކޮށްފައި ނުފުރިގެން ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

"ތިޔަ މަރުކަޒު ބަލާލަން މީޑިޔާތަކަށް ދަޢުވަތު ދެއްވާ! އެއްވެސް ސިފައެއްގައި އިންޑިޔާގެ ސިފައިން ނުވަތަ ތަމްރީން ހަދަން ގެންނަ އިންޑިޔާ ސިފައިން ތި މަރުކަޒުގައި ނުތިބޭނެ ކަމުގެ ޔަގީން ކަމެއް ސަރުކާރުން ދެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަން. އަދި އެގްރީމެންޓް އަށް ބައެއް އިތުރު ކުރެވިފަވާނަމަ އެބައި ހާމަކޮށް ދެއްވުމަށް ވެސް ދަންނަވަން،" ފޮރިން މިނިސްޓަރު ޝާހިދަށް ރައްދު ދެއްވައި އުމަރު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. Panadol kolhakaa fenfulhiyakaa noonnama alhuvethi kuruvan dhikkolaa laarikolhakaa MINIVAN kamaa alhuvayeh nukiyeyne. usd dollarun mahu hadiyaa dheyey ves kiyaa adu ivey

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް