Support Us

ކުރު ވާހަކަ: ފަންޑިތަ ބޭހުގެ ފައިދާ

ޒުވާން އުމުރުގައި ޖުޒާމްބަލި ޖެހި، އެ ބަލިން ފަސޭހަވީ އިރު، އަހައްމާގެ ބައެއް ގުނަވަންތައް ވަނީ އައިބުވެފައެވެ. އަތުގެ އިނގިލަތައް ބަޅުވެ، އެއް ލޮލުގެ ކަޅީގެ ކުލަވެސް ގޮސް، ކުޑަކޮށް އަނދިރިވެފައެވެ.

އަހައްމާގެ އެންމެ ބޮޑު އެދުމަކަށް އޮންނަނީ ކައިވެންޏެއް ކުރުމެވެ. ނަމަވެސް، އެކަން ކުރުމަށް އަދި އަހައްމާގެ ނަސީބު ތަނެއް ނުދެއެވެ. އަދި، ބަލިވެ، އައިބުވެފައި ހުއްޓަސް، ހަމަ އެހެން މީހުންނެކޭ އެއްފަދައިން، އަހައްމާ ވެސް، އަންހެން ކުދިންނާ ވާހަކަދައްކާލައި ސަމާސާކޮށްލާ ހިތްވެއެވެ.

އަހައްމާމެންގެ ގެއަކީ އެއްދުވަސް ވަރެއްގައި ފަންޑިތަ ބޭސް ހެދި ބަޔަކު އުޅުނު ގެއެކެވެ. މިހާރު އެ މީހުން ނެތި ހިނގައްޖެތަ އެތައް ދުވަހެއް ވެއްޖެއެވެ. އަހައްމާގެ ނަސީބު ދިމާކުރި ގޮތުން، އެއްދުވަހަކު ގޭތެރޭ ހުރި އަލަމާރިއެއް ހާވަނިކޮށް، ގަނޑުތައް ބާވެ، ރީނދޫކުލަޖެހިފައި އޮތް ފޮތެއް އެ އަލަމާރި ތެރެއިން އަހައްމާއަށް ފެނުނެވެ.

ދެން، މާގިނަ ދުވަސްތަކެއް ނުވެ، ރަށުތެރޭގައި އަހައްމާގެ ފަންޑިތަ ބޭސް މޮޅު ވާހަކަ ފެތުރިއްޖެއެވެ. ވަރަށް ގިނަ ބަލިތަކަށް އަހައްމާ ފަންޑިތަ ބޭސް ކުރެއެވެ. ނަމަވެސް، އަހައްމާ އެންމެ މޮޅުކަމަށް ވަނީ އަށާރަ ނަވާރަ އަހަރުގެ ޅަ ޒުވާން އަންހެން ކުދިންގެ އެކި ބަލިތަކަށް ފަންޑިތަ ބޭސް ކުރުމުގައެވެ. ވަކިން ޚާއްސަ ގޮތެއްގައި، އެފަދަ ޅަ ޒުވާން އަންހެން ކުދިންގެ ނާޒުކު ގުނަވަންތަކުގެ ކައިރީގައި ނަގާ ދަދާއި ބިހި ފަދަ ކަންކަމަށް ފަރުވާކުރުމުގައެވެ.

އުމުރުން ސަތާރަވަރަކަށް އަހަރުވީ ފާތުމަގެ އަންހެން ދަރިފުޅުގެ ދަށްބަޑުގެ ވެސް ތަންކޮޅެއް ތިރީގައި ކުދިކުދި ބިހިތަކެއް ނަގައި، ހިރުވާ ވަރުން، އެކަމުގެ ޝަކުވާ ކުރާތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. ރަށުގެ އެކި މީސްމީހުންނާ މިކަމާ ބެހޭ ގޮތުން ފާތުމަ ވާހަކަދައްކާލުމުން އެންމެން ވެސް ބުނީ އަހައްމާއަށް ދައްކާލައިގެ އެކަން ރަނގަޅުވެދާނޭކަމެވެ.

އިޝާ ނަމާދު ނިމުނުތަނާހެން އަހައްމާ ފާތުމަ ގެއަށް ދިޔައެވެ. ފާތުމަގެ ދަރިފުޅުގެ ބަލީގެ ވާހަކަ ބުނުމުން، ދަރިފުޅުގެ ބަލަން ނިންމިއެވެ. އަހައްމާ ބުނީ ދަރިފުޅުގެ ބިހިތައް ހުރި ނެތް ގޮތް ބަލާލައި ކުޑަކޮށް ކިޔަވާލުމަށެވެ. ދެން، މިކަން ކުރުމަށްޓަކައި އަހައްމާއަށް ވަކި ކޮޓަރިއެއް ދައްކައި ދަރިފުޅު އަހައްމާއާ ހަވާލުކުރެވުނެވެ. ދެން، ދަރިފުޅުގެ ހެދުން ކުޑަކޮށް ހިއްލާލާއި އަދި ހަރުވާޅުވެސް ތިރިކޮށްލާފައި، ފުޅި ބައްތިއެއްގެ އަލީގައި ދަރިފުޅު ދަށްބަނޑުގެ ތިރީގައި ނަގާފައި ހުރި ބިހިތައް އަހައްމާ ރަނގަޅަށް ބަލާލިއެވެ. އަދި، އެ ބިހިތަކުގައި މަޑުމަޑުން އަތް ކާއްތަމުން، ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ގޮތެއްގައި އަރަބި ކަލާމުގެ ޖުމްލަތަކެއް ތަކުރާރުކުރަމުން ގެންދިޔައެވެ. އަހައްމާ ކިޔަނީ މިކހަލަ އެއްޗެއް ކަމަށް އަހައްމާ ދަންނަ ބައެއް މީހުން ބުނެއެވެ: يا داء منها اذهبي كظلام الليل انجلي (އޭ ބައްޔާއެވެ! މީނަގެ ގާތުން ކަލޭ ދުރަށް ދާށެވެ! ރޭގަނޑުގެ އަނދިރިކަން ފަދައިން ކަޝްފުވެ، ނެތިދާށެވެ!) ގަޑިއެއްހާ އިރު ވަންދެން، މިގޮތަށް ދަރިފުޅު ގައިގައި އަތް އުނގުޅައި އެ ކިޔާ އެއްޗެއް ކިއެވެ.

އެރޭގެ ބޭސް ފަރުވާގެ ވަގުތު ނިމުމުން، ދަރިފުޅުގެ މަންމަ ފާތުމަ ގާތު އަހައްމާ ބުންޏެވެ. އަދި، އެއްރޭ ފަންޑިތަ ކުރިއަށް ގެންދަން ޖެހެއެވެ. އެހެން ބުނެފައި 'ބޭހެއް' ހޯދަން ބުންޏެވެ. އެއީ، އާންމު ގޮތެއްގައި ވަލުތެރޭގައި ބިންމަތީ ފެތުރި ހެދޭ ބިންހިމައޭ ކިޔުނު ވެލެއްފާޑު ގަހެއްގެ ފަތެކެވެ. ޖެހިގެން އަންނަ ރޭ އަހައްމާ އައުމުގެ ކުރިން އެ ފަތް ހޯދާފައި ބެހެއްޓުމަށް ފާތުމަ ގާތު އަހައްމާ ބުންޏެވެ.

ޖެހިގެން އައިރޭ އިޝާ ވަގުތުގެ ފަހުން އަހައްމާ ފާތުމަ ގެއަށް އައި އިރު ބިންހިމަ ފަތް ހޯދާފައި ފާތުމަ ހުއްޓެވެ. ދެން، އަހައްމާއަށް ޚާއްސަ ކުރެވިފައި ހުރި ކޮޓަރީގައި ފާތުމަގެ ޅަ ޒުވާން އަންހެން ދަރިފުޅަށް ފަރުވާދޭން ފެށިއެވެ. އެ ފަތުގެ ތަނޑު ދުއްވާލައި އެއިން އައި ކިރު އަހައްމާގެ އިނގިލިތަކުގައި އުނގުޅައި، އިނގިލަތަކުން އަންހެން ދަރިފުޅުގެ ދަށްބަނޑުގެ ދަށުގައި ބިހިތައް މަތީގައްޔާއި އަދި އެ ސަރަހައްދުގައި އަތް ކާއްތަމުން ފަންޑިތަ ކިޔަވަމުން ދިޔައެވެ. ކުރީ ރެއޭ ވެސް އެއްފަދައިން އެ ގޮތަށް ފަންޑިތަ ބޭސް ކުރުމުގައި ގަޑިއެއްހާ އިރު ހޭދަކޮށްލިއެވެ.

ފަންޑިތަ ބޭސްގެ ކަންތައް ނިމުމުން، ފާތުމަ ގާތު، ދަރިފުޅު ބަލިން ރަނގަޅު ވާނެ ވާހަކަ ބުންޏެވެ. އަދި، އަހައްމާއަށްވާ އުޖޫރަ ހިފައިގެން ފާތުމަ ގެއިން ނިކުމެގެން އަހައްމާ ދިޔައެވެ.

ދެން، މާ ގިނަ ދުވަސްތަކެއް ނުވެ، ފާތުމަގެ ދަރިފުޅުގެ ބިހިތައް ފިލައި އެކަން ރަނގަޅު ވެއްޖެއެވެ. އެއްބައި މީހުން ބުނަނީ އެ ބަލި ރަނގަޅުވީ އަހައްމާގެ ކިޔެވުމާއި ބިހިތަކާއި އެ ސަރަހައްދުގައި އަހައްމާގެ އަތް އުނގުޅައި އަހައްމާ ކިޔެވި ކިޔެވެލީގެ ސަބަބުންނެވެ. އަހައްމާ ފަދައިން، އަންހެން ދަރިފުޅުގެ ނާޒުކު ހިސާބުތަކުގައި ބީހިލުމުގެ އެދުން ހުންނަ ލާނެއް ބައެއް ފިރިހެން ކުދިން ބުނަނީ ބަލި ރަނގަޅުވީ ބިންހިމަ ފަތުގެ ތޫނު ކިރުގެ ސަބަބުންނެވެ. އަހައްމާގެ އަތް އުނގުޅުމާއި ކިޔެވެލީގެ ސަބަބަކުން ނޫނެވެ.

ކޮންމެއަކަސް، ދެ ބައި މީހުންގެ ބޭނުން ވެސް ފުދިއްޖެއެވެ. އަންހެން ދަރިފުޅުގެ ބަލި ރަނގަޅު ވެއްޖެއެވެ. އަދި، މީހަކާ އިނުމުގެ އެދުން ނުފިދިފައިވާ އަހައްމާގެ އެ އެދުމަށް ކޮންމެ ވެސް ވަރެއްގެ ލުއިކަމެއް ވެސް ލިބުނެވެ. އާދެ، ފަންޑިތަ ބޭހުގެ ފައިދާގެ ސަބަބުންނެވެ!