Support Us

ސްރީލަންކާގެ އާ ސަފީރު ރޮހާނާ ބެއްޑާޖު ރައީސުލްޖުމްހޫރިއްޔާ އަށް ފަތްކޮޅު އަރުއްވަނީ -ފޮޓޯ: ރައީސް އޮފީސް

ސްރީލަންކާ އާއި ޕާކިސްތާނުގެ އާ ސަފީރުން ފަތްކޮޅު އަރުއްވައިފި

ސްރީލަންކާ އާއި ޕާކިސްތާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުން އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި މި ރަސްމިއްޔާތުގައި ފަތްކޮޅު އެރުވުމަށްފަހު، ސްރީލަންކާގެ އާ ސަފީރު ރޮހާނާ ބެއްޑާޖު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ސްރީލަންކާއާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސްރީލަންކާއަކީ ރާއްޖެއާ ވަރަށް ގާތްގުޅުމެއް އޮންނަ، އަދި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައިވެސް ޒަމާންވީ އެކުވެރިކަމުގެ ގުޅުންތައް އޮންނަ ޤައުމެއްކަން ފާހަގަކުރެއްވިއެވެ. އަދި، ކޯވިޑް ޕެންޑަމިކްގައި ރާއްޖެއަށް ސްރީލަންކާ ސަރުކާރުން ވެދެއްވާ އެހީތެރިކަމާއި އަދި ވަކިން ޚާއްޞަކޮށް ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ސްރީލަންކާ ސަރުކާރުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ސްރީލަންކާގެ ސަރުކާރަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ލަންކާއަކީ ރާއްޖޭގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް އެހީތެރިވެދޭ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ސްރީލަންކާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އާއި ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސައާއި ފޮރިން މިނިސްޓަރ ދިނޭޝް ގުނަވަރުދަނައާއި ލަންކާ ސަރުކާރުގެ ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި ސަރުކާރަށް ފޮނުއްވާ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ސްރީލަންކާގެ ސަފީރު ވަނީ އާދަކާދަ އާއި ޘަޤާފީ ކަންކަމުގައި ވެސް ދެ ޤައުމަކީ ވަރަށް އެއްގޮތް ކަންތައްތަކެއް ޙިއްޞާކުރާ ދެ ޤައުމުކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއާއި އާދަކާދައާ ޘަގާފަތާ ގުޅޭ ދާއިރާއިން އިތުރަށް ގުޅުންބަދަހި ކުރެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމަށް ސަފީރު ވިދާޅުވިއެވެ.

ފާކިސްތާނުގެ އާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަރޑް) އަތާރް މުޚްތާރް، ރައީސުލްޖުމްހޫރިއްޔާ އަށް ފަތްކޮޅު އަރުއްވަނީ -ފޮޓޯ: ރައީސް އޮފީސް

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ފާކިސްތާނުގެ އާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަރޑް) އަތާރް މުޚްތާރް، ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައި ވެއެވެ. އަދި، އެމަނިކުފާނު ވިދާޅުވިގޮތުގައި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދުގައި އޮތް ގާތް އަޚުވަންތަ ގުޅުން ބިނާވެފައި ވަނީ ދެޤައުމުގެ ދެމެދުގައިވާ އެއްގޮތްކަންތައްތަކާއި، އިސްލާމީ އަޤީދާގެ މައްޗަށްކަން ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ، ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ޙާލަތާއި، ދެޤައުމުން އިސްކަން ދޭ ކަންކަމަށް ރިޢާޔަތްކުރައްވައި، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާނާއި ފޯނުން ގުޅުއްވައި މަޝްވަރާ ކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންކަން ފާހަގަކުރައްވާފައެވެ. އަދި، އެމަނިކުފާނު ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރާއި އެޤައުމުގެ ސަރުކާރުން ކޯވިޑް-19 ކޮންޓްރޯލް ކުރުމުގައި ހޯދިފައިވާ ކާމިޔާބީ އަދި ނަންގަވަމުންދާ ހަރުދަނާ ފިޔަވަޅުތައް ފާހަގަކުރައްވައި އެކަމަށް ތަޢުރީފުކުރައްވާފައެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ޕާކިސްތާނުގައި ކުރިމަތިވާ މޫސުމީ ވިއްސާރައިގައި ގެއްލުން ލިބެމުންދާ ފަރާތްތަކަށް ހަމްދަރުދީ ފޮނުއްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *