Support Us

ރޯދައިގެ ހަދިޔާ- 3: ނަމާދުގެ މަގުސަދުގެ މައްޗަށް އަވަސް ކަޅިއެއް

މި ލިޔުމުގައި ދެ ނުކުތާއެއްގެ މައްޗަށް ބަލައިލާން ގަސްދުކުރަމެވެ. ފުރަތަމަ ނުކުތާއަކީ ދީނީ ޝިއާރުތައް އަމާޒު ވަނީ ކޮން ބައެއްގެ މައްޗަށް ކަމާއި އެ ޝިއާރުތަކުގެ މަގުސަދަކީ ކޮބައިކަން ބަޔާންކޮށްލުމެވެ. ވަކިން ޚާއްސަ ގޮތެއްގައި ނަމާދުގެ މަގުސަދުގެ މައްޗަށް ބަލާލުމެވެ.

ދީނީ ޝިއާރުތަކޭ ބުނެ މިތީ އިޝާރަތް ކުރަނީ އަޅުކަމުގެ ގޮތުން އިސްލާމް ދީނުގައި ކަނޑައެޅިފައި ހުރި ކަންކަމަށެވެ. އޭގެ ތެރޭގައި، ދީނުގެ ޖައުހަރު ކަމުގައިވާ ހަލާލު ހަރާން ކަންކަމާއި އަޅުކަމުގެ ގޮތުގައި ކުރެވޭ ކަންކަން ހިމެނެއެވެ.

ދީނީ ޝިއާރުތަކާއި އެހެނިހެން ތައުލީމާތުތައް، އުނގަންނައި ދިނުންތައް، އަމާޒު ވަނީ ދީން ގަބޫލުކުރާ މީހުންނަށެވެ. ކީރިތި ގުރުއާނުގެ ބަގަރާ ސޫރަތުގެ ދެ ވަނަ އާޔަތުގައި އެ ފޮތުގެ ހިދާޔަތު، ތެދުމަގު، ބަޔާންކުރެވިފައި ވަނީ އެ ފޮތް އެއީ އިލާހީ ފޮތެއް ކަން ގަބޫލުކުރާ ތަގުވާވެރިން، އަދީ މުއުމިނުންނަށް ކަމުގައި އޮވެއެވެ. هدى للمتقين އެއްވެސް ޝައްކެއް ނެތް ގޮތުގައި މި އިބާރާތުން ދޭހަވާ ފަދައިންނެވެ.

ހަމަ އެހެންމެ، އިސްލާމް ދީން ގަބޫލު ކުރުމާއި ނުކުރުން އެއީ އެއްވެސް މަޖުބޫރު ކަމެއް ނެތި އޮންނަން ޖެހޭ ކަމެއް ކަމުގައި ވެސް ކީރިތި ގުރުއާނުގައި ބަޔާން ކުރެވިފައި އޮވެއެވެ. لا إكراه في الدين (ދީނުގައި މަޖުބޫރު ކަމެއް ފަހަރެއްގައި ވެސް ނޯންނާނެއެވެ!) އެއީ ކީއްވެ ހެއްޔެވެ؟ މި ސުއާލުގެ ޖަވާބު قد تبين الرشد من الغي މިއާޔަތުން ލިބެއެވެ. އާދެ، ހެވާއި ނުބަޔަކީ ކޮބައިކަން ކީރިތި ގުރުއާނުގައި ސާފުކޮށް ބަޔާން ކޮށްދެވިއްޖެއެވެ. އެހެންވީމައި ހެޔޮ ގޮތް ދަނެގަނެ އެ ގޮތަށް ތަބާވާން އެދޭ މީހުން، ކީރިތި ގުރުއާނުގެ ހިދާޔަތު ގަބޫލުކޮށް، އިސްލާކަން ޚިޔާރުކުރާނެއެވެ.

ޝައްކެއް ނެތް ގޮތުގައި ދީނެއްގެ އެންމެ މުހިއްމު ތައުލީމާތުތައް ގުޅެނީ ހެވާއި ނުބައި ކަނޑައަޅައި ބަޔާންކޮށްދިނުމުގައެވެ. އިސްލާމީ އިސްތިލާހުގައި މި ކަން ބުނެދެވިފައި އޮންނަނީ ހަލާލު ހަރާމް ކަނޑައަޅައި، އެއްވެސް ދެބަހެއް ނުވާ ގޮތެއްގައި ބަޔާންކޮށްދިނުމުގައެވެ. މިކަމުގެ ތަފްސީލު އިސްލާމީ ޝަރުއީ އިލްމުތަކުގެ ތެރެއިން ފިގުހު އިލްމުގައި ބަޔާންކުރެވިފައި އޮވެއެވެ. ފިގުހު އިލްމަށް، އެންމެ އިހުގައި ހަލާލު ހަރާން ބަޔާން ކުރުމުގެ އިލްމޭ ކިޔުނެވެ. މި ކަން ކަނޑައަޅައި ބަޔާން ކުރުމުގެ ގޮތުން، އަމަލުތަކުގެ ހުކުމް ފަސް ބަޔަކަށް ބަހާލެވުނެވެ. ވާޖިބު ކަންކަމާއި ހަރާން ކަންކަމެވެ. ކުރަން ޖެހޭ ކަންކަމާއި ކުރުން ދޫކޮށްލަން ޖެހޭ ކަންކަމެވެ. މަންދޫބު، އާދެ ކުރުމަށް ބާރުއެޅިފައިވާ، ސުންނަތް ކަންކަމާއި މަކްރޫހު، އާދެ، ކުރުމަށް ވުރެ ނުކުރުން ރަނގަޅު ކަންކަމާއި މުބާހު ނުވަތަ ހުއްދަ ކަންކަމެވެ.

އިސްލާމީ މި އަގުތައް ބަލައިގަނެ، ހިތުގައި އަށަގަންނުވައި، މުސްލިމަކަށް ވުމުގެ ފެށުން ގުޅެނީ މާތްﷲއަށް އީމާންވުމުންނެވެ. މި އީމާންވުން ދިރުވައި ދެމެހެއްޓުމަށްޓަކައި އަޅުކަމުގެ އަމަލުތަކެއް ޝަރުއުކުރެވިފައި ވެއެވެ. މި ދިރުވުމާއި ދެމެހެއްޓުމަށް ދީނީ ބަހުރުވައިގައި ޒިކުރުކުރުމޭ ބުނެވެއެވެ. އާދެ، މާތްﷲ މަތިން ހަނދުމަކުރުމެވެ. އަޅުކަމުގެ ޝިއާރުތަކުގެ ތެރެއިން

މި ޒިކުރު ކުރުމާއި ހަނދުމަކުރުން ހަގީގަތަކަށް ހަދާލެވެއެވެ. ނަމަވެސް، މާތްﷲއަށް އީމާންވެ، ޒިކުރުކޮށް، އެކަލާނގެ މަތިން ހަނދުމަކުރުމަކީ ވެސް އޭގެ ޒާތަށްޓަކައި ކުރެވޭ ކަމެއް ނޫނެވެ. އެކަމުގެ ވެސް މަގުސަދެއް ކަނޑައެޅިފައި އޮވެއެވެ. އަޅުކަމުގެ ޒަރިއްޔާއިން ވާސިލުވާން އެދޭ އަމާޒުފަތްގަނޑެއް އޮވެއެވެ. އެއީ މުއުމިނާ އަކީ– މާތްﷲއަށް އީމާންވާ މީހާއަކީ-، އެކަލާނގެއަށް އޭނަގެ ނަފްސު އިސްތިސްލާމުކުރާ، ދީލާލާ، މީހަކަށް ވުމެވެ. އާދެ، މުސްލިމަކަށް ވުމެވެ. މީގެ މާނައަކީ ކޮބައި ހެއްޔެވެ؟ މުއުމިނާއަކީ ހެޔޮލަފާ މީހަކަށް ވުމެވެ.

އިސްލާން ކަމުގެ މި މާނަ ދެނެގަތުމަށްޓަކައި އިތުރު އެއްޗެއް ބުނެލަންޖެހެއެވެ. އާންމު ސިފައެއްގައި އިސްލާން މި ލަފްޒު ދެ ގޮތަކަށް ބޭނުން ކުރެވެއެވެ. ލަފްޒީ ގޮތެއްގައްޔާއި މުއައްސަސީ ގޮތެއްގައެވެ. މުހައްމަދު އަސަދު ފަދަ ބައެއް މުފައްސިރުން ފާހަގަކުރައްވާފައިވާ ގޮތުގައި، ކީރިތި ގުރުއާނުގައި އިސްލާމް އާއި އެއިން ނެގިފައިވާ އެހެނިހެން ލަފްތައް ބޭނުން ކުރެވިފައި ވަނީ ލަފްސީ މާނައެއްގައެވެ. އާދެ، މާތްﷲއަށް އިސްތިސްލާމު ކުރުމުގެ މާނައިގައެވެ. މާތްﷲއަށް އިސްތިސްލާމު ކުރުމުގައި ދެ ކަމެއް ވެއެވެ. ފުރަތަމަކަމަކީ މާތްﷲއަށް އީމާންވުމެވެ. އެކަލާނގެ ވޮޑިގެންވާކަން ގަބޫލުކުރުމެވެ. ދެވަނަ ކަމަކީ އެ ގަބޫލުކުރުމާ އެއްގޮތަށް އަމިއްލަ ނަފްސު ބައްޓަންކުރުމެވެ. ނުރަނގަޅު މަގުމަގުން ނަފްސު ދިޔަ ނުދީ ހިފަހައްޓައި ކޮންޓުރޯލު ކުރުމެވެ. ފާފައެއް ކުރާ މުއުމިނާ، ޚަވާރިޖުން ދީނުން ބޭރު ކުރުން ގުޅިފައި އޮތީ އިސްލާމުގެ މި މާނައަށް ރިއާޔަތްކޮށްގެންނެވެ. އަދި، އެހެންވެ، ޚަވާރިޖުންނަކީ، މި ފަދަ ހަރުކަށި ފިކުރެއް ގެންގުޅުނު ބަޔަކު ކަމުގައި ވިޔަސް، ވަރަށް ވެސް ދީންވެރި ތަގުވާވެރި ބައެއްގެ ގޮތުގައި އަލީގެފާނު ސިފަކުރައްވަނީ މިހެން ވެގެންނެވެ. އެއްވެސް ފާފައަކަށް، ނުރަނގަޅު ކަމަކަށް އަރައި ނުގަނެ ތިބުން އަދައިގެން އުޅުނު ބަޔަކަށްވީމައެވެ.

އިސްލާމް، މި ލަފްޒުގެ ދެވަނަ މާނަ، އާދެ، މުއައްސަސީ މާނައަކީ ސަލާމާއި ސަލަވާތްލެއްވި މުހައްމަދުގެފާނު ތައުސީސުކުރެއްވި ދީނެވެ. ކީރިތި ގުރުއާނާއި އެކަލޭގެފާނުންގެ ސުންނަތުގެ މައްޗަށް ބިނާވާ އަގީދާތަކާއި އަމަލުތަކުގެ މައްޗަށް ބިނާވާ ދީނެވެ. ކީރިތި ގުރުއާނުގައި އިހުގެ ނަބީބޭކަލުންނާއި އަދި އެބޭކަލުންނަށް ތަބާވީ މީހުންނަކީ މުސްލިމުންނޭ ނަންގަނެފައި ވަނީ އިސްލާމް މި ބަހުގެ ލަފްޒީ މާނައަށް ރިއާޔަތް ކުރެވިގެންނެވެ. އެ ލަފްޒުގެ މުއައްސަސީ މާނައެއްގައެއް ނޫނެވެ.

ކުރިން ނަންގަނެވުނު މައްސަލަ، އާދެ، އީމާންކަމަކީ އޭގެ ޒާތަށްޓަކައި އޮތް ކަމެއް ނޫންކަމާއި އެކަމުން ފައިދާ ކުރާނީ ހެޔޮލަފާ މީހަކަށްވެ، ހެޔޮ އަމަލުތައްކޮށްގެންކަން، އަންއާމު ސޫރަތުގެ 158 ގައި މިކަމަށް އިޝާރަތް ކުރެވިފައި ވެއެވެ. އާދެ، މި އާޔަތުގައި ބަޔާން ކުރެވިފައިވާ ގޮތުން، އީމާންކަމަކީ އޭގެ ޒާތުގައި އަގެއް އޮތް ކަމެއް ނޫނެވެ. "… يوم يأتي بعض آيات ربك لا ينفع نفسا إيمانها لم تكن آمنت من قبل أو كسبت في إيمانها خيرا… "ކަލޭގެފާނުގެ ސާހިބުވަންތަ ރަސްކަލާނގެ ބައެއް އަލާމާތްތައް ފެންނަ ދުވަހުގެ (މަރު ހިތްޕެވުމަށް މަލާއިކަތުން ވަޑައިގަތުން ނޫނީ ގިޔާމަތުގެ އަލާމާތްތައް ފެންނަދުވަހުގެ) ކުރިން އީމާންވެފައި ނުވާނަމަ، ނުވަތަ (އީމާންވެފައިމެ) އެއީމާންކަންމަތީ ހެވެއް ލިބިގެންފައި ނުވާނަމަ، އެދުވަހަކުން އޭނާގެ އީމާންކަމަކުން ކުރާނޭ މަންފާއެއް ނޯންނާނެއެވެ."

ޠަބަރީއާއި އިބްނު ކަޘީރާއި އަދި ޒަމަޚްޝަރީ ފަދަ އިހުގެ މުފައްސިރުންނާއި އަދި މުޙައްމަދު ޢަބްދުހޫއާއި އަސަދު ފަދަ މިޒަމާނުގެ މުފައްސިރުން ވެސް ފާހަގަ ކުރައްވާގޮތުގައި މިއާޔަތުން ދޭހަވަނީ ހެޔޮއަމަލެއް ނުކުރާ ނަމަ، އީމާންކަމުގެ ފައިދާއެއް ނެތެވެ. ހެޔޮލަފާ މީހަކަށް ނުވާ ނަމަ، ތިމަންނާ އީމާންވެއްޖައީމޭ ބުނުމަކުން، ތިމަން މާތްﷲއަށާއި ރަސޫލު ބޭކަލުންނަށް އީމާންވަމޭ ބުނުމަކުން، މީހަކަށް ކުރާނޭ ފައިދާއެއް ނޯންނާނެއެވެ. އާދެ، އީމާންކަމަކީ އޭގެ ޒާތުގައި ފައިދާއެއް އޮތްކަމެއް ނޫނެވެ. އީމާންކަމުން ފައިދާ ކުރަނީ އެއީމާންކަންމަތީ ހެޔޮއަމަލު ކުރެވިގެންނެވެ. އަޚުލާގީ ގޮތުން ރަގަޅު މީހަކަށް ވެވިގެންނެވެ. އެހެން މީހުންނަށް ކަމޭހިތައި ވީވަރަކުން އެހެންމީހުންނަށް އިހުސާންތެރި ވެގެންނެވެ.

މީގެ މާނައަކީ ފަހަރެއްގައި ވެސް އީމާންވުމުގެ ގަދަރު ކަނޑާލައި، އީމާންވުމުގެ އަގެއް ނެތޭ ބުނުމެއް ނޫނެވެ. މީގެ މާނައަކީ މިއާޔަތުން ބާރު އަޅަނީ އީމާންވުމުގެ މަގުސަދަކީ އަމިއްލަ ނަފްސުލު އިސްލާހުކުރުން ކަމާއި އީމާންވުމަކީ އެ ލަނޑުދަނޑިހަމައަށް ވާހަސިލުވުމަށްޓަކައި އޮންނަ މަގުގެ ފެށުން ކަމުގައި ބުނުމެވެ. އާދެ، މުއުމިނާގެ ރޫހާނިއްޔަތުގެ ފެށުމަކީ މާތްﷲއަށް އީމާންވުމެވެ. އަދި، އެ އީމާންކަމުގައި ހަގީގީ ކުލަޖެހި، އެއީ ތެދުވެރި އީމާންކަމެއްކަމުގައި ވަނީ އޭގެ މައްޗަށް ހެޔޮ އަމަލުކުރެވި، މުއުމިނާގެ އަމިއްލަ ނަފްސު އިސްލާހުކުރެވިގެންނެވެ.

އެކިއެކި ދީންތަކުގައި ސޫރީ ކަންކަން (ސޫރަ ނުވަތަ ބޭރުފުށާއި ގުޅޭ ކަންކަން) ހިމެނޭ ފަދައިން، އިސްލާމް ދީނުގައިވެސް ސޫރީ ކަންކަން ހިމެނެއެވެ. އަޅުކަމާއި ގުޅޭ ސޫރީ ކަންކަމާއި އަދި އިސްލާމީ އާންމު އަދަބުތަކާއި އަދި ސަގާފަތާއި ގުޅޭ ސޫރީ ކަންކަމެވެ. ނަމާދު ކުރުމާއި ރޯދަހިފުން މިއީ އިސްލާމީ ބައެއް އަޅުކަމާއި ގުޅޭ ސޫރީ ކަންކަމެވެ. ވަކިގޮތަކަށް ހެދުން ބެހެއްޓުމާއި އަދި ސަލާމް ކުރުމުގެ ވަކި ބަސްތަކެއް ބޭނުން ކުރުން ގުޅެނީ އިސްލާމީ ބައެއް އަދަބުތަކާއި ސަގާފަތާއެވެ.

ސޫރީ ކަންކަމީ އޭގެ ޒާތަށްޓަކައި ކުރެވޭ ކަންކަމެއް ނޫނެވެ. އިމާމު ބުޚާރީއާއި އިމާމު މުސްލިމު ރިވާކުރެއްވި ހަދީސެއްގައި ވެއެވެ. "إن الله لا ينظر إلى صوركم وأموالكم ولكن ينظر إلى قلوبكم وأعمالكم" "މާތްﷲ ކަލޭމެންގެ ބޭރުފުށަށާއި ކަލޭމެންގެ މުއްސަނދިކަމާއި މުދަލަކަށް ބައްލަވާވޮޑިގެން ނުވެއެވެ. ނަމަވެސް އެކަލާނގެ ބައްލަވާ ވޮޑިގެންވަނީ ކަލޭމެންގެ ހިތްތަކަށާއި ކަލޭމެންގެ އަމަލުތަކަށެވެ." މިހަދީސްގެ މާނައަކީ، ފަހަރެއްގައިވެސް، ސޫރީ ކަންކަމާއި އަޅާނުލުމެއްނޫނެވެ. ނަމަވެސް، ހަދިސްގައި ބާރު އެޅިފައިވަނީ އެކަންކަމަކީ މުއުމިނާގެ ހިތް ތާހިރުކޮށް، އަޚުލާގީ ގޮތުން ރަނގަޅު މީހަކަށްވޭތޯ މަސައްކަތްކޮށް، ރަނގަޅުކަންތައް ކުރުންމަތީ ދެމިހުރުމަށެވެ. ތެދުވެރިވުމާއި އަމާނަތްތެރިވުމާއި މީހުންގެ ހައްގުތަކަށް އަރައި ނުގަތުމާއި މީހުންނަށް ކަމޭހިތުމާއި އިހުތިރާމުކުރުމާއި ހެޔޮއެދުމާއި ހެޔޮފޯރުކޮށް ދިނުން ފަދަ ހެޔޮ އަމަލުތަކެވެ.

އިސްލާމް ދީނުގައި އެންމެ މަތިވެރި އަޅުކަން ކަމުގައިވާ ނަމާދާއި ރޯދައަކީވެސް އެއަޅުކަންކަމުގެ ޒާތަށްޓަކައި ފަރުޟުކުރެވި ކަނޑައެޅިފައިވާ ކަންކަމެއް ނޫނެވެ. ވަކި މަގުސަދުތަކެއް ހާސިލުކުރުމަށްޓަކައި އެހީވެދިނުމުގެ ގޮތުން ކަނޑައެޅިފައިވާ ކަންކަމެވެ. ތިމާއަކީ މާތްﷲއަށް އީމާންވާ މީހެއްކަމާއި އަދި އެއީމާންކަމުގެ އަލީގައި ހެޔޮލަފާ މީހެއްކަމަށް ވެދިޔުމަށްޓަކައެވެ. އަލްބަޤަރާ ސޫރަތުގެ 177ވަނަ އާޔަތުގައްޔާއި އަލްޢަންކަބޫތު ސޫރަތުގެ 45ވަނަ އާޔަތުގައި ހެޔޮ އަމަލަކީ ކޮބައި ކަމާއި ނަމާދުގައި ހަމައެކަނި މުހިއްމީ ސޫރަ ނޫންކަމާއި ނަމާދުގެ މަގުސަދު، އާދެ އީމާންކަންމަތީ ހުރެ، ހެޔޮލަފާ އިންސާނަކަށްވުން، ހާސިލުކުރުންކަން ބަޔާން ކުރެވިފައިވެއެވެ. ހަމަ އެފަދައިން ރޯދައިގެ ބޭނުމަކީވެސް 'ތަޤުވާވެރިޔަކަށް’، އާދެ، ރޯދަހިފާ އަޅުވެރިޔާ ހެޔޮލަފާ މީހަކަށް ވުމަށް އެހީވުންކަން ވެސް އަލްބަޤަރާ ސޫރަތުގެ 183ވަނަ އާޔަތުގައި ބަޔާން ކުރެވިފައިވެއެވެ. އަދި މިކަމަށް ބާރު ލިބޭ ހަދީސް ވެސް ވާރިދުވެފައި ވެއެވެ. 'ރޯދައަކީ ކަލޭމެން އަޚުލާގީގޮތުން ރަނގަޅުވުމަށް އެހީވެދޭ ކަމަކަށް ނުވާ ނަމަ، ބަޑުހައި ހޫނުކަންމަތީ ތިބުން މާތްﷲ ބޭނުންވެ ވޮޑިގެން ނުވެއޭ' ދޭހަވާ މާނައިގައި އޮންނަ ހަދީސެވެ.

ދެން، މި ނަންގަނެވުނު ވާހަކަތަށް ހަނދުމަކޮށް، ނަމާދުގެ މަގުސަދަކީ ކޮބައިތޯ ބަލާލަމާ ހެއްޔެވެ؟ މި މަގުސަދަކީ ކޮބައިކަން ވަރަށް ސަރީހަ ބަހުން ކީރިތި ގުރުއާނުގައި ބަޔާން ކުރެވިފައި އެބަ އޮތެވެ. އާދެ، ޢަންކަބޫތު ސޫރަތުގެ 45 ވަނަ އާޔަތުގައެވެ. "… وأقم الصلاة إن الصلاة تنهى عن الفحشاء والمنكر ولذكر الله أكبر…."، "…އަދި، ކަލޭގެފާނު (މުހައްމަދުގެފާނު) ނަމާދު ގާއިމު ކުރައްވާށެވެ. އެހެނީ ނަމާދަކީ ހަމަކަށަވަރުން، (ޒިނޭކުރުންފަދަ ހަޑިހުތުރުކަން ބޮޑުވެގެންވާ) ފާހިޝް އަމަލުތަކުންނާއި، (އިންސާނާގެ ސަލާމަތް ބުއްދި، އެއީ ނުބައި ކަންތައްތަކެއް ކަމުގައި ބުނެދޭ، މީހުން މެރުމާއި ވައްކަން ކުރުމާއި، ފޭރުން ފަދަ، ނުބައިކަން ބޮޑުވެގެންވާ)، މުންކަރާތްތައް ހުއްޓުވައި (އެކަންކަމުން ދުރުހެލިވުމަށް، އެހީވެދޭ) ކަމެކެވެ. އަދި (ނަމާދު މެދުވެރިކޮށް މާތް)ﷲ މަތީން ހަނދުމަ ކުރުން އެއީ (ނަމާދު ކުރުމުގެ މަގުސަދުތަކުގެ ތެރެއިން) އެންމެ މޮޅުއިތުރު ވެގެންވާ ކަމެވެ…."، މިއާޔަތުގައެވެ.

އާދެ، ނަމާދުގެ އެންމެ އިސް މަގުސަދަކީ، މިއާޔަތުގައި، ބަޔާން ކުރެވިފައިވާ ފަދައިން، މާތްﷲއާ ގުޅުން އުފެއްދުމެވެ. އާދެ، ولذكر الله أكبر…."، މި އިބާރާތުން ދޭހަވާ ފަދައިންނެވެ. ދެން، އެއަށް ފަހު، އެ ގުޅުން މަތީ ހުރެ، ފާހިޝްކަންކަމުންނާއި މުންކަރާތްތަކުން ދުރުވެ، ހެޔޮ ލަފާ މީހަކަށް ވުމެވެ.

އާދެ، ނަމާދުގެ މަގުސަދަކީ މުއުމިނާއަކީ، މާއްދިއްޔަތުގެ އަޅަކަށްވުމުން ދުރުކޮށް، ރޫހާނިއްޔަތުގެ މީހަކަށް ހަދާލުމެވެ. މަތީގައި އިޝާރަތްކުރެވި ދިޔަ، އިސްލާމީ އަގުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ހެވާއި ނުބައި ދެނެގަނެ، ހެޔޮ ގޮތުގައި ހުންނަ މީހަކަށް ހަދާލުމެވެ. ފަހަރެއްގައި ވެސް، ނަމާދުގެ ވެސް، އަދި، އެހެން އިސްލާމީ އަޅުކަމެއްގެ ވެސް، އަސާސީ މަގުސަދަކީ، ޖިސްމާނީ ބަލިތަކަށް ފަރުވާ ހޯދުމެއް ނޫނެވެ. ޖިސްމާނީ ބަލިތަކުން ފަރުވާ ލިބިގަތުމަށް ދާން ޖެހޭނީ ހޮސްޕިޓާތަކަށާއި ކުލިނިކުތަކަށެވެ. އެތަންތަނުގައި މަސައްކަތްކުރައްވާ ޑޮކްޓަރުންނާއި ހަކީމުންގެ ގާތަށެވެ. އެހެންވެ، ނަމާދަކީ ޖިސްމާނީ ބަލިތަކަށް އޮތް ފަރުވާއެއް ނޫނޭ މީހަކު ބުނުމަކުން އެކަމާ ކަންބޮޑުވެ، އަޅާލާކަށް ނުޖެހެއެވެ. ނަމާދުގެ މަގުސަދު، ދެންމެ ބަޔާންކޮށްދިން ފަދައިން ކީރިތި ގުރުއާނުގައި ވަރަށް ސަރީހަކޮށް ކަނޑައެޅިފައި އޮތީމައެވެ. އަދި، މިކަން ކޮންމެ ހުކުރު ދުވަހު، ހުކުރު ޚުތުބާގައި ހަނދާންކޮށްދެވޭ ކަން ވެސް ހަނދާންކޮށްލަން ޖެހެއެވެ.