"ރޯދައިގެ ހަދިޔާ" 2 ގައި ބަލާލަން ގަސްދުކުރަނީ އަލްފާތިޙާ ސޫރަތުގެ ބައެއް ލަފްޒާއި އިބާރާތުގެ މައްޗަށެވެ. އެންމެ ފުރަތަމަ الرحمن الرحيم މި ދެލަފްޒެވެ. ދެން الحمد މި ލަފްޒެވެ. އަދި އެއަށްފަހު اهدناالصراط المستقيم މި އިބާރާތެވެ.
الرحمنއާއި الرحيم އަކީ މާތް ﷲގެ ސިފަފުޅުތަކުގެ ތެރެއިން ދެ ސިފަފުޅެވެ. الرحمنއާއި الرحيم މި ދެލަފުޒު ވެސް އުފެދިފައިވަނީ رحمة، މިމަސްދަރުންނެވެ. رحمة ގެ މާނައަކީ އޯގާތެރިކަމެވެ. ހެޔޮކަމާއި އިހުސާންތެރިކަމެވެ. الرحمن ސިފަކޮށްދެނީ މާތް ﷲގެ ޒާތުފުޅެވެ. އޯގާތެރިކަމަކީ އެކަލާގެ ޒާތުފުޅާ ގުޅޭ ސިފަފުޅެކެވެ. މިލަފުޒުގެ މާނަ ދިވެހިން ލިއުމުގައި 'ރަހުމަތްވަންތަ' މިހެން ލިޔެވިފައިވަނީ އެހެންވެއެވެ. الرحيم ގުޅެނީ މާތްﷲގެ އަފްއާލުތަކާއެވެ. އެކަލާނގެ މިންވަރު ކުރައްވާ ކަންތައްތަކާއެވެ. އެކަލާނގެއީ ނިއުމަތްތަކާއި ހެޔޮ ގޮތްތައް ހުރިހާ އަޅުތަކުންނަށް މިންވަރުކުރައްވާ ރަސްކަލާނގެއެވެ. މިލަފުޒުގެ މާނާ ދިވެހިން ލިއުމުގައި 'ރަހުމަތްލައްވާ' ލިޔެވިފައިވަނީ މިހެންވެއެވެ. މާތްﷲއީ އެކަލާނގެ ވޮޑިގެންވުމުގައި ރަހުމަތްވަންތަ އަދި، ކަންތައްތައް މިންވަރުކުރެއްވުމުގައި، އެންމެހައި އަޅުތަކުންނަށް ރަހުމަތްލައްވައި ހެޔޮ ގޮތްތައް މެދުވެރިކުރައްވާ، ރަސްކަލާނގެއެވެ.
ފަރުޟު ފަސް ނަމާދުގައި 17 ފަހަރު އަލްފާތިހާ ސޫރަތް ކިޔެވޭ އިރު، މި ނަންގަތް ދެ ސިފަފުޅުގެ ވާހަކަ 34 ފަހަރު ތަކުރާރުކޮށް ކިޔެއެވެ. މިކަމުގެ ހިކުމަތުގެ މައްޗަށް ފިކުރުކޮށްލުން މުހިއްމެވެ. ގިނަ އަދަދަކަށް މި ދެ ސިފަފުޅު ތަކުރާރުކުރުމުގެ ބޭނުމަކީ ކޮބައިކަމާ މެދު ވިސްނާލުން މުހިއްމެވެ. އާދެ، އެކަމުން އެނގޭ އެއްކަމަކީ މާތްﷲއީ އެކަލާނގެ އަޅުތަކުންނަށް ހެޔޮ ރަހުމަތްލައްވާ ހެޔޮ ގޮތްތައް މެދުވެރިކުރައްވާ ރަސްކަލާނގެ ކަމެވެ. އެކަލާނގެއީ އަޅުތަކުންގެ ފާފަތައް ފުއްސަވައި ނިއުމަތްތައް ދެއްވާ ރަސްކަލާނގެ ކަމެވެ. قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا إِنَّهُ هُوَ الْغَفُورُ الرَّحِيمُ (ކަލޭގެފާނު ވިދާޅުވާށެވެ! [ގިނަގުނަ ފާފަތައްކޮށް،] އެބައި މީހުންގެ ނަފްސުތަކުގެ މައްޗަށް އިސްރާފު ކުރި ތިމަން ރަސްކަލާނގެ އަޅުތަކުންނޭވެ! ތިމަން ރަސްކަލާނގެ ރަހުމަތްފުޅު ލިބިގަތުމުން އުއްމީދު ކަނޑާ ނުލާށެވެ. އެހެނީ، (މީހެއްގެ ފާފަތައް ކިތަންމެ ގިނަ ވިޔަސް،) ހުރިހާ ފާފައެއް ވެސް އެކަލާނގެ ފުއްސަވައެވެ. ހަމަކަށަވަރުން، އެކަލާނގެއީ ފާފަފުއްސަވާ ރަހުމަތްލައްވާ ރަސްކަލާނގެއެވެ.)، މި އާޔަތުގައި ނަންގަނެވިފައިވާ ފަދައިންނެވެ.
މިކަމުން އިޝާރަތްކުރެވެނީ ކޮންކަމަކަށް ހެއްޔެވެ؟ މިކަމުން، މާތްﷲގެ އަޅުތަކުންނަށް، އެކަލާނގެ ހަޒުރަތަށް ރުޖޫއަވުމަށް އަވަސްވެގަތުމަށް ދައުވަތު ދެއެވެ. އެކަލާނގެ ހަޒުރަތައް ރުޖޫއަވެ، ތައުބާވުމަށް ގޮވާލައެވެ. މާޒީ ބަދަލު ނުކުރެވުނަސް، މުސްތަގުބަލުގައި ތަގުވާވެރި ސާލިހު އަޅަކަށް ވުމުގެ ފުރުސަތު އޮތްކަން މި ކަމުން ދޭހަވެއެވެ. އެހެންވެ، ރޯދަ މަހަކީ މިކަމާ މެދު ވިސްނައި ފިކުރުކޮށް، ހެޔޮ މަގަށް ދައުވަތުދޭ މަހެކެވެ.
އަލްޙަމްދު، މި ލަފްޒު އިޝާރަތްކުރަނީ ހިތުގައި އުފެދޭ ޝުކުރާއި ތައުރީފުގެ އިހުސާސުތައް ދުލުން ފާޅުކުރާކުރުމަށް ކިޔާ ނަމަކަށެވެ. ޝުކުރުއަދާ ކުރަނީ އިހުސާންތެރިކަމަކާ ވިދިގެންނެވެ. ހިތުންނާއި ދުލުންނެވެ. ތިމާއަށް އެހެން ފަރާތަކުން އިހުސާންތެރިކަމެއް ލިބިއްޖެ ނަމަ އެފަރާތަކަށް ދުލުންނާއި ހިތުގެ އަޑީން ޝުކުރު އަދާކުރެވެއެވެ. ތައުރީފުކުރެވެނީ ރީތި ނޫނީ މޮޅެތި ސިފަތަކާއި އަދި ކަންކަމާއި ގުޅޭ ގޮތުންނެވެ. މީހެއްގެ ކިބައިގައި ތެދުވެރިކަމާއި އަމާނަތްތެރިކަން ހުރެއްޖެ ނަމަ، ނުވަތަ ހިއްވަރާއި ކެރުން އެމީހަކަށް ލިބިގެންވީ ނަމަ، އެކަން ކަމަށް ތައުރީފުގެ ބަސްތައް ކިޔައި އިއްވެއެވެ. އަދި ހަމަ އެހެންމެ މޮޅު ކާމިޔާބީއެއް ހާސިލުކުރުމުން ވެސް، އެކަމާ ވިދިގެން އެމީހަކަށް ތައުރީފުކުރެވެއެވެ.
ހަމްދު ހުރީ މާތް ﷲ ގެ ކިބަފުޅަށޭ ބުނެވޭބަހުގެ މާނައަކީ ހުރިހާ ރިވެތި ސިފަތަކާއި މޮޅުކަމެއް އެކަލާނގެ ކިބަފުޅަށް ލިބިވޮޑިގެންވުމާއި އަދި އެހެނިހެން މަޚުލޫގުންނަށް ލިބިފައިވާ މިފަދަ ކަންކަމުގެ އަސްލަކީ އެކަލާނގެ ކަމަށް ހިތުގެ އަޑީން ގަބޫލުކޮށް ދުލުން އިގުރާރުވުމެވެ. އެކަލާނގެ ކިބަފުޅަށް ޙަމްދު ކުރުން ދޭހަކޮށްދެނީ އެކަލާނގެ މަތިވެރިކަމަށް އެއްބަސްވެ، އިއުތިރާފުވެ، އެކަލާނގެ ދެއްވި ނިއުމަތްތަކަށް ޝުކުރުވެރިވާ ވުމެވެ. ނެތުމުގެ ތެރޭން ތިމަންނަ ވުޖޫދަށް ގެންނަވައި ދުނިޔޭގައި އުޅުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ހަމަޖައްސަވައި ދެއްވިކަމަށްޓަކައެވެ. ތިމާއަށް ތެދުމަގު ދައްކަވައި، ތިމާގެ ހަޔާތް ބާއްޖަވެރިކުރުމުގެ މަގުތައް ފަހި ކޮށްދެއްވިކަމަށްޓަކައެވެ. އަދި މިނޫން ވެސް، އަދަދު ނުކުރެވޭހާ އެތައް އެތައް ނިއުމަތްތަކެއް، އުފަލާއި ހިތްހަމަޖެހުންތަކެއް، މެދުވެރި ކޮށްދެއްވި ކަމަށްޓަކައެވެ.
ދެން، މިއަދުގެ އެންމެފަހުގެ އިބާރާތް، އާދެ، اهدنا الصراط المستقيم، މައްޗަށް ނަޒަރު ހިންގާލުމެވެ. اهدنا الصراط المستقيم، އިޝާރަތްކުރަނީ އަލްފާތިޙާ ސޫރަތުގެ މައިގަނޑު މައުޟޫއުގެ މައްޗަށެވެ. އެއީ 'ތެދުމަގު' ދެއްކެވުމަށް އެދި، މާތްﷲގެ ހަޟުރަތުގައި، މުއުމިނާ ދަންނަވާ ދުއާއެކެވެ. އާދެ، اهدنا الصراط المستقيم، "އަޅަމެނަށް ތެދުމަގު ދައްކަވާނދޭވެ!" މިދުއާއެވެ. މިއާޔަތާ ވިދިގެން އޮތް ހަތް ވަނަ އާޔަތުގައި އައިސްފައި ވަނީ މިތެދުމަގު ސިފަކޮށްދޭ ސިފަކޮށް ދިނުމެކެވެ. އެގޮތުން ފުރަތަމަ ބުނެވިފައިވަނީ މިތެދު މަގަކީ صراط الذين أنعمت عليهم 'އިބަރަސްކަލާނގެ އެބައިމީހުންގެ މައްޗަށް ނިޢުމަތް ލެއްވިމީހުންގެ މަގު’ކަމެވެ. މިއަށްފަހު، ދެން، އެމަގު ސިފަކޮށްދީ ބުނެދެވިފައިވަނީ އެއީ غير المغضوب عليهم ولا الضالين 'އެމީހުންގެ މައްޗަށް އިބަ ރަސްކަލާނގެ ކޯފާ ހައްގުވީ މީހުންނާއި އަދި މަގު އޮޅި ދިޔަ މީހުންގެ މަގު ވެސް ނޫން’ކަމެވެ. މިދެއާޔަތް ފަހުމްކޮށް ދެނެގަތުމަށްޓަކައި މިދެއާޔަތުގައި ވާރިދުވެފައިވާ މުހިއްމު ތިން އިބާރަތެއްގެ މައްޗަށް ބަލައިލަން ޖެހެއެވެ. އެންމެ ފުރަތަމަ 'ތެދުމަގަކީ' ކޮބައިކަމުގެ މައްޗަށެވެ. އެއަށްފަހު، 'އެމީހުންގެ މައްޗަށް މާތްﷲގެ ކޯފާހައްގުވި މީހުން’ނަކީ ކޮބައިކަމާއި އަދި 'މަގު އޮޅިދިޔަ މީހުން’ނަކީ ކޮބައިކަމުގެ މައްޗަށެވެ.
'ތެދުމަގު' ދެއްކެވުމަށް މާތްﷲގެ ހަޟްރަތުގައި، މުއުމިނާ ދަންނަވާ ދެންނެވުމުގެ މާނައަކީ ކޮބައި ހެއްޔެވެ؟ އެއީ އޭނާގެ ހަޔާތް، ހެޔޮގޮތުގައި، ވޭތުކޮށްލާނޭ ގޮތުގެ މަގު ބަޔާންކޮށް ދެއްވުމަށް އެދި ދަންނަވާ ދެންނެވުމެކެވެ. އެމަގުގައި އޭނާގެ ހަޔާތް ވޭތުކޮށްލުމުން، ދުނިޔޭގައްޔާއި އަދި އާޚިރަތުގައި ވެސް، ބާއްޖަވެރިކަން، އޭނާއަށް ލިބޭނޭ މަގު، އޭނާއަށް ބަޔާންކޮށް ދެއްވުމަށް އެދި ދަންނަވާ ދެންނެވުމެކެވެ.

މިމަގަކީ ކޮބައިކަން ދެނެގަތުމަށްޓަކައި، އެންމެ ފުރަތަމަ، އިންސާނާގެ ދުނިޔަވީ ވުޖޫދުގެ، އެބަހީ، އޭނާ، ދުނިޔޭގައި، ދިރިހުންނަ ހުރުމުގެ، ތަބީއަތާ މެދު ވިސްނާލާން ޖެހެއެވެ. ދުނިޔޭގައި، އިންސާނާ ދިރިހުންނަ ހުރުން، މައިގަނޑު ދެ ބަޔަކަށް ބަހާލެވި ދާނެއެވެ. ފުރަތަމަ ބަޔަކީ ވަކި ފަރުދެއްގެ ހައިސިއްޔަތުން، އޭނާ ދުނިޔޭގައި ދިރިހުންނަ ހުރުމެވެ. އާދެ، އޭނާގެ އަމިއްލަ ޝަޚްސީ، ނުވަތަ ޒާތީ، ހަޔާތާ ގުޅޭ ބަޔެވެ. ދެވަނަ ބަޔަކީ، މުޖުތަމައެއްގައި ހިމެނޭ މީހެއްގެ ގޮތުގައި އޭނާ ދިރިއުޅެން ޖެހޭ ދިރިއުޅުމެވެ. އާންމު މީސްތަކުންގެ ތެރޭގައި، މުޖުތަމައުގެ ފަރުދުންނާ އެއްވެ ގުޅިގެން، އެމީހުންނާ މުއާމަލާތްކޮށް، އުޅެންޖެހޭ އުޅުމެވެ. 'ތެދުމަގު' ދެއްކެވުމަށް މާތްﷲގެ ހަޟްރަތުގައި ދެންނެވޭ ދެންނެވުމަކީ މުއުމިނާ، އޭނާގެ ހަޔާތުގެ ފަރުދީ ބަޔާއި އަދި އޭނާގެ ހަޔާތުގެ މުޖުތަމައީ ބައި ވެސް، ހެޔޮގޮތުގައި، ވޭތުކޮށްލާނީ ކިހިނެއްކަން ބަޔާންކޮށް ދެއްވުމަށް، އެކަލާނގެ ޙަޟުރަތުގައި އެދި ދެންނެވޭ ދެންނެވުމެކެވެ. ކީރިތި ޤުރްއާނުގެ ދެން ބާކީއޮތް 113 ސޫރަތުގައި ބަޔާންކޮށް ހުށަހަޅާލެވިފައި ވަނީ މުއުމިނާގެ ހަޔާތުގެ މި ދެބައި ހެޔޮގޮތުގައި ވޭތު ކޮށްލާނޭ ގޮތުގެ ތަފްސީލީ ވާހަކަތަކެވެ.
މިމަގާމުގައި، ކީރިތި ޤުރްއާނުގައި ހުށަހަޅާލެވޭ ތެދުމަގު، ޚުލާސާ ގޮތެއްގައި ބަޔާން ކުރެވިފައިވާ ބައެއް އާޔަތުގެ މައްޗަށް އަވަސް ކަޅިއެއް އެއްލުން ބޭނުންތެރި ކަމަށް ދެކެމެވެ. ކުރުނަމަވެސް، އެމަގުގެ ހިއްސީ ތަސައްވުރެއް، ލިބިގަތުމައްޓަކައެވެ. މި ތަސައްވުރު ކީރިތި ގުރުއާނުގެ ދެ އާޔަތަކުން ލިބެން އޮވެއެވެ. ފުރަތަމަ އާޔަތަކީ ޢަންކަބޫތު ސޫރަތުގެ ސާޅީސް ފަސް ވަނަ އާޔަތެވެ. ނަމާދުގެ މުހިއްމުކަމާއި މިއަޅުކަމުގެ ހަގީގީ މަގުސަދާއި ބޭނުމަކީ ކޮބައިކަން މުއުމިނުންނަށްޓަކައި ބަޔާންކޮށްދެވިފައިވާ އާޔަތެވެ. "… وأقم الصلاة إن الصلاة تنهى عن الفحشاء والمنكر ولذكر الله أكبر…."، "…އަދި، ކަލޭގެފާނު (މުހައްމަދުގެފާނު) ނަމާދު ގާއިމު ކުރައްވާށެވެ. އެހެނީ ނަމާދަކީ ހަމަކަށަވަރުން، (ޒިނޭކުރުންފަދަ ހަޑިހުތުރުކަން ބޮޑުވެގެންވާ) ފާހިޝް އަމަލުތަކުންނާއި، (އިންސާނާގެ ސަލާމަތް ބުއްދި، އެއީ ނުބައި ކަންތައްތަކެއް ކަމުގައި ބުނެދޭ، މީހުން މެރުމާއި ވައްކަން ކުރުމާއި، ފޭރުން ފަދަ، ނުބައިކަން ބޮޑުވެގެންވާ)، މުންކަރާތްތައް ހުއްޓުވައި (އެކަންކަމުން ދުރުހެލިވުމަށް، އެހީވެދޭ) ކަމެކެވެ. އަދި (ނަމާދު މެދުވެރިކޮށް މާތް)ﷲ މަތީން ހަނދުމަ ކުރުން އެއީ (ނަމާދު ކުރުމުގެ މަގުސަދުތަކުގެ ތެރެއިން) އެންމެ މޮޅުއިތުރު ވެގެންވާ ކަމެވެ…."، މިއާޔަތުގައެވެ.
މިއާޔަތުގައި ބަޔާން ކުރެވިފައިވާ ގޮތުގައި، ނަމާދުގެ އެންމެ ފުރަތަމަ ބޭނުމަކީ މުއުމިނާ، އޭނާގެ ސާހިބުވަންތަ ރަސްކަލާނގެއާއި، ގުޅުވާލަދިނުމެވެ. އޭނާއަކީ މާތްﷲއަށް އީމާންވާ މީހެއްކަން، އޭނާގެ އަމިއްލަ ނަފްސަށް ހަނދާންކޮށްދީ، މިކަން އޭނާގެ ނަފްސުގައި ރޯކޮށްލުވައި، އަށަގަންނުވައި، ދެމެހެއްޓުމެވެ. މިއާޔަތުގައިވާ ولذكر الله أكبر، (އަދި (މާތް)ﷲ މަތީން ހަނދުމަކުރުމަކީ އެންމެ މޮޅުއިތުރުވެގެންވާ ކަމެވެ)، މިއިބާރަތުން ދޭހަވާ ފަދައިންނެވެ.
މީގެ އިތުރުން، މިދެންނެވި ގުޅުމުމުގެ ބޭނުމެއް އޮތްކަމާއި، އަދި އެބޭނުމަކީ ކޮބައިކަން ވެސް ހަމަ މި އާޔަތުގައި ބަޔާން ކުރެވިފައިވެއެވެ. މިގުޅުމަކީ މާނަ ހުރި ގުޅުމަކަށް ހަދައިލުމަށް ޓަކައެވެ. އެކަމަށް އިޝާރަތް ކުރެވިފައިވަނީ މިއާޔަތުގެ إن الصلاة تنهى عن الفحشاء والمنكر މިބައިގައެވެ. ނަމާދަކީ ޒިނޭފަދަ ހަޑިހުތުރުކަން ބޮޑު ވެގެންވާ ފާފަތައް ކުރުމުންނާއި، މީހުން މެރުމާއި، އަދި އެނޫންވެސް އެފަދަ ބޮޑެތި ކުށްތައް ކުރުމުން، ނަމާދުކުރާ މީހާ ދުރުހެލި ކުރުމަށް އެހީވެދޭ ކަމެއްކަން ބަޔާންކޮށްދެމުންނެވެ. އާދެ، ނަމާދު ވާންޖެހޭނީ ފާފަވެރި އަމަލުތަކުންނާއި ނުރަނގަޅު ކަންތައްތައް ކުރުމުން އަމިއްލަ ނަފްސު ދުރުހެލި ކުރުވާ ކަމެއްކަމަށެވެ. އަދި، ނަމާދު ކުރާމީހާއަށް، އެފަދަ ކުށް ފާފަތަކަށް އަރައިގަތުމުން ދުރުހެލި ނުވެވޭ ނަމަ، އޭނާ، ނަމާދުކޮށް، މާތްﷲއާއި އޭނާއާއި ދެމެދު އުފައްދަން ބޭނުންވާ ގުޅުން ވާނީ މާނައެއް ނެތް ގުޅުމަކަށެވެ. އެކަން ކަމުން ދުރުނުވެވިއްޖެ ނަމަ، ނަމާދުވާނީ އެއްވެސް ފައިދާއެއް ނެތް ގޮތުގައި ކުރެވޭ މާނައެއް ނެތް ހަރަކާތްތަކަކާއި ކިޔޭ ކިޔުންތަކަކަށެވެ. ނަމާދު ފަދަ އަޅުކަންކަމުގެ މިދެންނެވި މަގުސަދު ހާސިލު ނުކުރެވޭނަމަ، އެފަދަ އަޅުކަންކަމުން، ތިމާގެ ނަފްސަށް ލިބުން އެދެވޭ ރޫހާނީ ދިރުމަކާއި ކުރިއެރުން އޮންނަނީ ނުލިބިފައެވެ. މިކަމަށް އިޝާރަތް ކުރައްވައި، މަލިންގޭ ހުސައިންދީދީ މިއާޔަތުގެ ތަފްސީރުގައި ލިއުއްވި ވާހަކަ ކޮޅެއް މިތަނުގައި ނަކަލު ކޮށްލާނަމެވެ. އަލްޢަންކަބޫތު ސޫރަތުގެ 45 އާޔަތް ތަފްސީރު ކުރައްވަމުން، އޭނާ ލިޔުއްވައިފައިވެއެވެ.
"… އެންމެހައި ހަޑި މުޑުދާރު ކަންތައްތަކުންނާއި އަދި މާތްރަސްކަލާނގެ ރުހިވޮޑިގެން ނުވާ އެންމެހައި ކަންތައްތަކުން، މީހާ ދުރުވެގަތުމަށް ނަމާދު އެއީ ނުހަނު ބޮޑު ޛަރީޢާ އެކެވެ [ވަސީލަތެކެވެ]. ނަމާދު ގާއިމުކޮށް އުޅޭ މީހަކަށް، ނަމާދު ފެންނާނީ، ހެޔޮކަންތަކަށް ތިމާއަށް އަމުރުކުރާ ތަނާއި އަދި ނުބައި ކަންތައްތަކުން ނަހީ ކުރާތަނެވެ. ނަމާދުކުރާ މީހާއަށް ތިމާގެ ނަމާދުގެ ޛަރީޢާއިން ނުބައި ކަންތަކުން ދުރުވެ ނުގަނެވިއްޖެ ނަމަ، އެމީހަކު ދާހުރީ ކީރިތި ﷲއާއި ނުހަނު ބޮޑަށް ދުރުވަމުން ދުރުވަމުންނެވެ. ތިމާ ކުރާ ނަމާދު، ފާފަތަކުންނާއި، އަދި ނުބައި ކަންތައްތަކުން، ތިމާ ދުރު ނުކޮށްފި ނަމަ، ﷲގެ ހަޟްރަތުގައި އެމީހާގެ ނަމާދު ޤަބޫލު ނުވާހުއްޓެވެ. މިފަދައިން، ސަލާމާއި ޞަލަވާތް ލެއްވި އިތުރު ރަސޫލާ ކުރައްވާފައިވާ ޙަދީޘްފުޅެއް، އިބްނު އަބީ ޙާތިމްގައި ރިވާވެގެން ވެއެވެ. އަދި މިނޫން ވެސް މިކަމާއި މެދުގައި ރިވާވެގެންވާ ރަސޫލާގެ ޙަދީޘްފުޅުތައް ގިނަގުނައެވެ." (މަލިންގޭ ހުސައިންދީދީ ލިޔުއްވި ކީރިތި ޤުރްއާނުގެ ތަރުޖަމާ އާއި ތަފްސީރު، ދެވަނަބައިގެ ތިންވަނަ ޖިލްދުގެ 651 ވަނަ ސަފުހާ.)
އިންސާނާގެ ވުޖޫދުގެ ދެވަނަ ބައި، އާދެ، މުޖުތަމައީ ބައި، މި ބަޔާ ބެހޭ ތެދު މަގު، ޚުލާސާ ގޮތެއްގައި ބަޔާން ކުރެވިފައި ވަނީ އައްނަޙްލު ސޫރަތުގެ 90ވަނަ އާޔަތުގައެވެ. އާދެ، إن الله يأمر بالعدل والإحسان وإيتاء ذي القربى وينهى عن الفحشاء والمنكر والبغي يعظكم لعلكم تذكرون، "ހަމަކަށަވަރުން (އީމާންވީ މީސްތަކުންނަށް މާތް) ﷲ އަންގަވަނީ އަދުލުވެރިވުމަށާއި (އެހެން މީސްމީހުނަށް) އިހުސާންތެރިވުމަށާއި، ގާތްތިމާގެ މީހުންނަށް ހެޔޮ ފޯރުކޮށް އުޅުމަށެވެ. އަދި އެކަލާނގެ (ކަލޭމެންނަށް) މަނާކުރައްވަނީ ފާޙިޝްކަންތައްތަކާއި (އެބަހީ ޒިނޭކުރުންފަދަ ހުތުރުކަން ބޮޑު ފާފަތަކާއި)، މުންކަރާތުތަކާއި (މީހުންމެރުމާއި ވައްކަންކުރުމާއި، ފޭރުންފަދަ ނުބައިކަން ބޮޑުވެގެންވާ ކަންތައްތަކާއި) އަދި(އެއްވެސް މީހެއްގެ ނުވަތަ ބައެއްގެ މައްޗަށް) އަނިޔާވެރިވުމެވެ. (މާތް)ﷲ ތިޔަބައި މީހުންނަށް ނަސޭހަތްތެރިވެ ބާރުއަޅުއްވަނީ، ތިޔަބައިމީހުންގެ ހިތްތަކުގައި (މިކަންކަން) ހަރުކޮށްލެވި ދިޔުމައްޓަކައެވެ"، މިއާޔަތެވެ.
އައްނަޙުލު ސޫރަތުގެ މިއާޔަތުގައި މުޅި ކީރިތި ޤުރުއާނުގެ ފަތްފުށްތަކުގައި ހުށަހަޅާ ލެވިފައިވާ 'ތެދުމަގު' ޚުލާސާކޮށް ބަޔާން ކޮށްދެވިފައި ވެއެވެ. މުއުމިނާގެ ފަރުދީ ހަޔާތާއި އޭނާގެ މުޖުތަމައީ ހަޔާތް އޮންނަން ޖެހޭނޭ ގޮތުގެ ތައުލީމާތު މިއާޔަތުގައި ގެނެސްދެވިފައި ވެއެވެ. މަތީގައި ނަންގަނެވުނު ޢަންކަބޫތު ސޫރަތުގެ އާޔަތުގައި ބަޔާން ކުރެވިފައިވާ ފަދައިން، މިއާޔަތުން ވެސް އެނގެނީ މުއުމިނާ، އޭނާ ވަކި ފަރުދެއްގެ ހައިސިއްޔަތުން މަސައްކަތް ކުރަން ޖެހޭނީ ހެޔޮލަފާ ރަނގަޅު މީހަކަށް ވުމަށްކަމަށެވެ. އޭނާގެ އަމިއްލަ، ޝަޚްޞީ، ހަޔާތް ވޭތުކޮށްލަން ޖެހޭނީ، ފާޙިޝް ކަންތައްތަކާއި އަދި މުންކަރާތްތައް ފަދަ ނުބައި ނުރަނގަޅު ކަންތައްތަކުން ދުރުހެލިވެ ހުރެއެވެ. މީގެ އިތުރުން، ގާތް ތިމާގެ މީހުންނަށާއި، އަދި އެނޫން މީހުންނަށް ވެސް، އެހީތެރިވެ، މިގޮތުން، ހެޔޮ އަމަލު ކުރުންމަތީ ދެމިހުރެ ވެސް މެއެވެ.
މީގެ އިތުރުން ނަޙުލު ސޫރަތުގެ މިއާޔަތުގައި އޭނާގެ މުޖުތަމައީ ހަޔާތް، ރޭވި ބިނާވެފައި، އޮންނަން ޖެހޭނީ ހަމަހަމަ ކަމާއި އަދުލު އިންސާފުވެރިކަމުގެ މައްޗަށް ކަމަށްވެސް އައްނަޙުލު ސޫރަތުގެ މިއާތުން އެނގެއެވެ. އާދެ، ކީރިތި ޤުރްއާނުގައި ބަޔާން ކުރެވިފައިވާ ތެދުމަގާ ގުޅޭ ތައުލީމާތުތަކުގެ ލަނޑުދަނޑި ގުޅެނީ މި ދެކަމާއެވެ. މުއުމިނާއަކީ ހެޔޮލަފާ އިންސާނަކަށް ހެދުމާއި އަދި އޭނާގެ މުޖުތަމައުއަކީ، އެމުޖަތަމައުގެ ޖަމާއީ ހަޔާތް، ހަމަހަމަކަމާއި އިންސާފުވެރިކަމުގެ މައްޗަށް ބިނާވެފައި އޮންނަ މުޖުތަމައުއަކަށް ހެދުމެވެ. މި ސިލްސިލާގެ އެހެން ބޮޅުތަކުގައި މި ކަމާ ބެހޭ އިތުރު ވާހަކަތައް އިރާދަކުރެއްވިއްޔާ ގެނެވޭނެއެވެ.
މި ނަންގަތް ދެ އާޔަތަކީ – ޢަންކަބޫތު ސޫރަތުގެ 45 ވަނަ އާޔަތާއި ނަޙްލު ސޫރަތުގެ 90 އާޔަތް – ކީރިތި ގުރުއާނުގެ ހިދާޔަތުގެ ވާހަކަ ޚުލާސާކޮށްލަދޭ ދެ އާޔަތެވެ. އެހެންވެ، މުސްލިމުން އުޅޭކޮންމެ ތަނެއްގައި، އެންމެ އިހުއްސުރެން، ކޮންމެ ހުކުރު ދުވަހަކު ހުކުރުގެ ފަހު ޚުތުބާގައި މި ދެ އާޔަތް އިއްވާލެވެއެވެ. އެއާޔަތުގެ މުހިއްމު ކަމަށްޓަކައެވެ. އާދެ، ދެންމެ ނަންގަތްހެން، ކީރިތި ޤުރްއާނުގައި ބަޔާން ކުރެވިފައިވާ ތެދުމަގު އެ ދެ އާޔަތުގައި ޚުލާސާކުރެވިފައި ވާތީއެވެ. މި ދެ އާޔަތަކީ، އަޅުގަނޑު ހިތުން، އަޅުގަނޑުމެންގެ ތެރެއިން، ހުކުރަށްގޮސް ހުކުރު ޚުތުބާ އަޑުއަހާ ކޮންމެ މީހަކަށް ވެސް، ތަކުރާރުކޮށް އިވި، ދަސްވެފައި އޮންނާނޭ ދެ އާޔަތެވެ.

