19:30
ތިރީގައި މިވަނީ މެލޭޝިޔާގައި ގެއްލުނު ދަރިވަރު އަހްމަދު އުސައިދު އަފީފުގެ ބައްޕަ އިބްރާހިމް އަފީފުގެ ބަޔާނެކެވެ. މި ބަޔާން އޭނާ ޕޯސްޓްކުރައްވައިފައި ވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިން އެފް.ބީގައެވެ.
"އަޅުގަނޑުގެ ދަރިފުޅު އަހްމަދު އުސައިދު 2 މާރޗް 2025 ވަނަ ދުވަހުގެ 15:15 ގެ ފަހުން Sunway geo އިން ނުކުމެގެން ދިޔަގޮތަށް އެއްވެސް ޚަބަރެއްނުވެގެން، އެރޭ 22:00 ގައި އަޅުގަނޑު އެކަން ޕޮލިހަށް އެންގީމެވެ. އަދި ހަމަ އެދުވަހު މެލޭސިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނަށް ވެސް އެކަން އެންގީމެވެ. މައްސަލަ ފައިލް ކުރި ހިސާބުން ފެށިގެން، ޕޮލިހުންނާއި ހައި ކޮމިޝަންގެ ބޭފުޅުން އުސައިދު ހޯދުމުގެ މަސައްކަތް ފެށިއެވެ. އަދި އެކިއެކި ގްރޫޕްތަކުގައްޔާއި، ހެޔޮއެދޭ ފަރާތްތަކުން އުސައިދު ފެނޭތޯ ކުރެވެންހުރި ހުރިހާ މަސައްކަތެއް ހުއްޓުމެއްނެތި ކުރަމުން ގެންދިޔަކަން ވަރަށް ޝުކުރުވެރިކަމާއެކު ފާހަގަކުރަމެވެ. އެގޮތުން ކުރެވުނު މަސައްކަތުން ސީސީ ކެމެރާ ފްޓޭޖް ތަކުން ލިބުނު މައުލޫމާތުންނާއި، ބައެއްމީހުންގެ ފަރާތުން ލިބުނު މައުލޫމާތުން، ހަމަ އެދުވަހު 16:00 އެހާކަށްހާއިރު، އުސައިދު ރާއްޖޭގެ އެމްބަސީއަށް ދިޔަކަން އެނގުނެވެ. ނަމަވެސް އެދުވަހަކީ ބަންދު ދުވަހަކަށްވާތީ އެމްބަސީގެ މީހަކާ ބައްދަލުވާ ގޮތެއްނުވުމުން، އެތާގައި ގަޑިއެއްހާއިރު މަޑުކޮށްފައި ނުކުމެގެންދިޔައިރު އުސައިދުގެ ވޮލަޓްއާއި ސްޓޫޑެންޓް ކާޑު ވަނީ ބޭއްވިފައެވެ. 3 ވަނަ ދުވަހު އެމްބަސީ ހުޅުވުމާއެކު، އެތަނުގެ ކެމެރާތައް ބަލާ ޗެކްކުރިއިރު އެހިސާބުން އުސައިދު ސަލާމަތުން ހުރިކަން ވަނީ އެނގިފަ އެވެ. الحمد لله. މިއަދު 4 ވަނަދުވަހު 11 ޖެހިއިރު ހައިކޮމިޝަނުން ވަނީ އުސައިދުގެ ވޮލެޓާއި ސްޓޫޑެންޓް ކާޑު ޕޮލިސް މެދުވެރިކޮށް އަޅުގަނޑުމެންނާ ހަވާލުކޮށްފައެވެ. ނަމަވެސް އުސައިދު އަޅުގަނޑުމެންނާ އަދި ބައްދަލެއް ނުވެއެވެ. އިރާދަކުރެއްވިޔާ ވަރަށް އަވަހަށް އުސައިދުގެ ޚަބަރެއް ވާނެއެވެ. انساءالله
"ވީމާ، ވަރަށް ގިނަބޭފުޅުން މިކަމާ ގުޅޭގޮތުން ސުވާލުކުރާތީ، އެކަން ސާފުކޮށްލަދޭން ބޭނުން ވީއެވެ. މިކަމުގައި ތިޔަ އެންމެ ބޭފުޅުންދެއްވި އެއްބާރުލެއްވުމަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. އަދި މިކަމުގައި މެލޭޝިޔާ ގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންއާއި މެލޭޝިޔާގެ ފުލުހުންގެ ފަރާތުންނާއި ހެޔޮއެދޭ ހުރިހާ ފަރާތްތަކަކުން އަޅުގަނޑުމެނަށް ދެއްވި އެހީތެރިކަމާއި އެއްބާރުލުމަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. އުންމީދު ކުރަނީ ވަރަށް އަވަހަށް އުސައިދު އަޅުގަނޑުމެންނާ ބައްދަލުވުމެވެ. ހެޔޮހާލުގައި އުސައިދު ހުރިކަން ކެމެރާ ތަކުން ފެނެއެވެ. ހުރީ ރަތްކުލައިގެ ޓީޝާޓެއް ލައިގެންނެވެ."




advertisment