ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަނު"ން "ފްލައި ވިތު އަ ސްމައިލް" ނުވަތަ "ހިނިތުންވުމާއެކު އުދުހިލާ" ކެމްޕޭން ޏ. ފުވައްމުލަކުން ފަށައިފިއެވެ.
އައިލެންޑް އެވިއޭޝަން ސާވިސަސް ލިމިޓެޑް (އައި.އޭ.އެސް.އެލް) އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މި ހަފުތާގައި ފެށި ކެމްޕޭންގައި ހިމެނެނީ ތިމާވެށްޓާމެދު ހޭލުންތެރި ކުރުމާއި ކެރިއަރު ތަރައްގީ ކުރުމާއި އަދި ކުޑަކުދިންނަށް އުފާވާނެ ހަރަކާތްތަކެއް ކަމަށެވެ.
"މީގެ އިތުރުން އެއާލައިންގެ އެތެރޭގައި ރަނގަޅު ސަގާފަތެއް ކުރިއެރުވުން ހިމެނޭ. އެއީ ފުވައްމުލަކު ކައުންސިލާ ގުޅިގެން އެ ރަށުގެ މުޖުތަމައަށް ފައިދާތަކެއް ފޯރުކޮށްދިނުމުގައި ހިއްސާވުމަށް،" އައި.އޭ.އެސް.އެލްއިން ބުންޏެވެ.
"މޯލްޑިވިއަނު"ން ޕްރޮމޯޓް ކުރަމުން އަންނަ ތިމާވެށްޓާ ރައްޓެހި "ގްރީން ހޮރައިޒަންސް އިނިޝިއެޓިވް" ނުވަތަ "ފެހި އުދަރެސްތައް" ޕްރޮގްރާމްގެ ދަށުން ފުރަތަމަ ރަސްމިއްޔާތު ބޭއްވީ މި ދިޔަ އަންގާރަ ދުވަހުއެވެ. މި ހަފުލާގައި "މޯލްޑިވިއަން"ގެ މުވައްޒަފުން ވަނީ ފުވައްމުލަކު ރައްޔިތުންނާ ގުޅިގެން، ފުވައްމުލަކުގެ ފެހިކަން އިތުރުކުރުމަށްޓަކައި ގަސް އިންދުމުގެ ހަރަކާތެއް ހިންގައިފައެވެ. މި ހަރަކާތް ހިންގީ ފަސް މިލިއަން ގަސް އިންދުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އިސްނެންގެވި މަޝްރޫއަށް ތަރުހީބު ދިނުމުގެ ގޮތުން ކަމަށް އައި.އޭ.އެސް.އެލްއިން ބުންޏެވެ.

"ފުވައްމުލައް އިތުރަށް ފެހިކޮށް އަދި ކުރިމަގުގެ ޖީލުތަކުގެ ފައިދާއަށްޓަކައި ހުރިހާ އުމުރެއްގެ ވޮލަންޓިއަރުން މި ރަސްމިއްޔާތުގައި ބައިވެރިވި،" އައި.އޭ.އެސް.އެލް.އިން ބުންޏެވެ.
ގްރޭޑް 10 ގެ ދަރިވަރުންނަށް ކެރިއަރު ކަނޑައެޅުމަށާއި މަސައްކަތު ދާއިރާގެ ލަނޑުދަނޑިތަކަށް މަގު ދެއްކުމަށް އިރުޝާދު ދިނުމުގެ ޕްރޮގްރާމެއް މި ދިޔަ ބުދަ ދުވަހު ވަނީ ބާއްވައިފައެވެ. ކާމިޔާބު ކުރިމަގެއް ހޯދުމަށް ދަރިވަރުންނަށް އަގުހުރި މައުލޫމާތާއި ނަސޭހަތް ފޯރުކޮށްދިނީ ސިނާއަތްތަކުގައި ތަޖުރިބާ ލިބިފައި ހުރި ތަޖުރިބާކާރުންނެވެ.
"އެއަށް ފަހު ބުރާސްފަތި ދުވަހު 'މޯލްޑިވިއަން ހަވީރީ އުފާ' ވަނީ ފުވައްމުލަކުގެ ތުނޑި ގޮނޑުދޮށުގައި އަލުން ބާއްވައިފައި. އެ ގޮތުން ފުވައްމުލަކު ކައުންސިލާއި ފުވައްމުލަކުގެ އަންހެނުންގެ ތަރައްގީއާ ބެހޭ ކޮމިޓީއާ ގުޅިގެން 'މޯލްޑިވިއަނު’ން ވަނީ ރަށުގައި ރޯދަ މަސް އައުން ފާހަގަ ކުރަން ބޭއްވި މާހެފުމުގައި ބައިވެރިވެފައި. މި ހަފުލާގެ ސަބަބުން ރާއްޖޭގެ ސަގާފީ ތަރިކަ ފާހަގަކޮށް، ރައްކާތެރި ކުރުމަށް ރަށްވެހިން އެކަތިގަނޑަކަށް ހަދައިދީފައިވޭ،" އައި.އޭ.އެސް.އެލްއިން ބުންޏެވެ.
"މޯލްޑިވިއަނު"ން އެތެރޭގެ އަދި ބައިނަލްއަގުވާމީ ވައިގެދަތުރުފަތުރުގެ ވިއުގަ ފުޅާ ދާއިރާއެއްގައިވަނީ ގުޅުވައިލައިފައެވެ. އެ އެއާލައިނުން 16 ޑޮމެސްޓިކް އެއާޕޯޓާއި ބައިނަލްއަގުވާމީ މަންޒިލަށް ދަތުރުކުރެއެވެ. އޭގެ ތެރޭގައި އިންޑިއާ، ޗައިނާ އަދި އެހެނިހެން ގައުމުތައް ހިމެނެއެވެ. ރާއްޖޭގައި އެއްގަމަށް ޖައްސާ މަތިންދާބޯޓުފަހަރު އެންމެ ގިނައިން އޮތީ "މޯލްޑިވިއަން"ގައެވެ. އަދި ޓޫރިސްޓުން އުފުލުމަށް ކަނޑަށް ޖައްސާ ސީޕްލޭން ވެސް އޮޕަރޭޓްކުރެއެވެ.

"މޯލްޑިވިއަނު"ން މިހާރު 25 މަތިންދާބޯޓު އޮޕަރޭޓްކުރެއެވެ. އޭގެ ތެރޭގައި އޭ.320 މަރުކާގެ އެއް މަތިންދާބޯޓާއި އޭ.330-200 މަރުކާގެ އެއް މަތިންދާބޯޓާއި ޑޭޝް އަށެއްގެ އަށް މަތިންދާބޯޓާއި ޑީ.އެޗް.ސީ-6 ޓްވިން އޮޓާގެ 11 މަތިންދާބޯޓާއި ހަތަރު އޭ.ޓީ.އާރް ހިމެނެއެވެ. "މޯލްޑިވިއަން" މިހާރު އަންނަނީ ރާއްޖެ ބޭރު ދުނިޔޭގެ މަންޒިލްތަކާ ގުޅުވައިލަދޭނެ ދަތުރުފަތުރަށް އިތުރުވަމުންނަ އަންނަ ޑިމާންޑާ އެއްވަރަށް ހިދުމަތް ދެވޭތޯ މަސައްކަތް ކުރަމުންނެވެ.
"’މޯލްޑިވިއަނު’ން ދޭހަކޮށްދެނީ ރާއްޖޭގެ ރޫހު. ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މި ޖަޒީރާ ގައުމުގެ ލޮބުވެތި މެހެމާންދާރީކަމަށް އަލިއަޅުވައިލައި ލާމަސީލު ވައިގެދަތުރުފަތުރުގެ ހިދުމަތް ދޭ ކުންފުންޏެއްކަން،" އައި.އޭ.އެސް.އެލްގެ ބަޔާން ނިންމައިލަމުން ބުންޏެވެ.



advertisment

