ހަމަ ދާދި އިހަކަށްދުވަހަކު ދިމާވި ކަމެކެވެ. އަޅުގަނޑަށް ވެސް އިނދެވުނު ތާކު ދެކެވުނު ވާހަކަތަކެއްގެ ތެރެއިން ތިލަވެގެން އައި ދެ ވާހަކަޔެކެވެ. ތަނުގައި ތިއްބެވި އެކި ވަކި ބޭބޭފުޅުންގެ އަތްޕުޅުގައި، ނުވަތަ ގެންގުޅުއްވާ ޚާއްޞަ ފޮށިކޮޅުގެ އެންމެ އަޑީގައި ރައްކައުކުރައްވައިގެން ނަމަވެސް ގެންގުޅުއްވާ، އެ ބޭބޭފުޅުންގެ ޤަދަރާއި ޢިއްޒަތުގެ އެންމެ އަގުހުރި ދަލީލު ކަމުގައިވާ، މޮޅު ކަރުދާހުގައި ޗާޕުކުރެވިގެންވާ މަތިވެރި ފާސްތަކާއި ސަނަދުތަކުގެ ކުރިމަތީގައި އަޅުގަނޑަށް ރަސްމީކޮށް ފަތިގަނޑުވެސް ފިރުކައިނުލެވޭނޭ ކަމަށް އެ ބޭބޭފުޅުން ވިދާޅުވާނެތީޔާވެސް އެކު، އެ ދެ ވާހަކަޔަށް ރައްދެއް ދިނުމަކީ އަޅުގަނޑާ އަރާއަރަފޯދިގެންވާ ކަމެއް ކަމަށް އެ ވަގުތު އަޅުގަނޑަށް ނުފެނުނު ދެ ވާހަކަޔެކެވެ. އެއީ ކޮން ދެ ވާހަކަޔެއް ކަމަށްތޯއެވެ؟ އައްސަވާށެވެ!
އާދެ! އެ ބޭފުޅުން ވިދާޅުވަމުން ގެންދެވިޔޭ، އިނގިރޭސި ބަހުގައި މިހައި ފަސޭހައިން ބުނެވޭން ހުންނަ އެވެނި މިވެނި އެއްޗިހީގައި އެ ހުންނަ އެކި ވަކި ލަފުޒުގެ ބަދަލުގައި ބޭނުންކުރާނޭ އެކި ވަކި ލަފުޒެއް ދިވެހިބަހަކު ނުހުރެޔޭ، އެހެން ވީމައި ދިވެހިބަހަކީ ހައުދަހައި ފަގީރު ބަހެކޭ! އެއީ ފުރަތަމަ ވާހަކައެވެ.
އެ ބޭފުޅުންނަށް އެހެން އެ ވިދާޅުވެވެނީ، އޭގެ އެންމެ ފުނަށް ވިސްނައި ބަލައިފި ނަމަ، ހަމަ ރަނގަޅަށެވެ. އެހެނީ، އިނގިރޭސިބަހުން ކީއްކުރާންތޯއޭ، ބޭރު ހަމަ ކޮންމެ ބަހަކުންނަމަވެސް ތިމާ ވިސްނައި، އެ ވިސްނުން ޢިބާރާތެއް ނުވަތަ ޢިބާރާތްތަކެއްގެ ސިފައިގައި ތިމާގެ ސިކުނޑީގައި އަތުރައި ހެދުމަށް ފަހު، އެ ޢިބާރާތްތަކުގައި އެ ހުންނަ އެކި ވަކި ލަފުޒުތަކަށް، ލަފުޒަކަށް ލަފުޒެއްގެ މަގުން، އެކި ވަކި ލަފުޒު ދިވެހިބަހުން ހޯދުމަކީ ދުނިޔޭގެ ދެކުނުތަނޑީގައި އެ އޮންނަ ބައްރުގެ އައްސޭރިފަށަށް ގޮސް، އެތާ އެއުޅޭ ފީނާދޫންޏާ ވާދަކޮށްގެން ނަމަވެސް، އެއިން ތާކު ނެތް ގޮނޑުދޮށަކުން ކަކުނި ހިފައިގެން، އެ ކަކުނީގެ މަސް އެމަކަށް އަޅައިގެން، އެ ހިސާބުން ފިލޮޅު ބާނާން އުޅުން ކަހަލަ ކަމެކެވެ. އަޅުގަނޑު މިހެން މި ދަންނަވަނީ އަޅުގަނޑަކީ އިނގިރޭސިބަހުގެ އިތުރުން ދުނިޔޭގެ ބައެއް އެހެން ބަސްބަހުން ވެސް ކޮންމެވެސް ވަރަކަށް އަނގަގަދަކުރާ މީހެކޭ ބައެއް މީހުން ބުނެއުޅޭ މީހަކަށް ވެސް ވާތީޔާވެސް އެކުގައެވެ.
ދެން މިވާހަކަ ދެއްކީމައި، އަޅުގަނޑުގެ ހަނދާނަށް އަންނަނީ 1986 ހާ ތާނގައި، އެއިރުގެ ނުރަސްމީ ތަޢުލީމުދޭ ބައިގައި ކޯސްތައް ވިލަރެސްކުރުމުގެ ވަޒީފާގައި އަޅުގަނޑު ހުރި ދުވަސްވަރު އެ ތާނގައި ހިންގި، އަތޮޅުތަކުގެ ވެރީންނަށް އިނގިރޭސިބަސް ކިޔަވައިދޭ ކޯހެއްގެ ބައިވެރީންނާ އަޅުގަނޑާ ދެމެދު ދެކެވުނު، ހަމަ މި ޒާތުގެ ވާހަކައެއްގެ ތެރެއިން ފުރާނައިގެން ނެރެވުނު ޢިބާރާތެކެވެ. އެ ޢިބާރާތަކީ އަޅުގަނޑުމެންގެ ދިވެހިބަހުން ނުހަނު ފަސޭހަކަމާ އެކު ބުނެލެވޭ، އެކަމަކު އިނގިރޭސިބަހުން ބުނާންވީމައި ބައެއް މީހުންގެ ދޫތައް އެގޮތްމިގޮތަށް ތަޅުލެވޭ ޢިބާރާތެކެވެ. އެ ޢިބާރާތަކީ، "ކަލޭ ތިޔައީ ކަލޭގެ ބައްޕަގެ ކިތައް ވަނަ ދަރިފުޅުތަ؟" މިއެވެ. އެ ޢިބާރާތް ފަސޭހަ މަގަކުން އިނގިރޭސި ބަހުން ވިދާޅުވާން އަޅުގަނޑު ދޫކޮށްލާނީ ބަހުގެ މާހިރުންނަށެވެ. (އިނގިރޭސިބަހުން "ހޭވް ފަން!" އޭ ދަންނަވަމުންނެވެ.)
ދެން އޮތީ ދެވަނަ ވާހަކައެވެ. އެއީ، އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި ދިވެހީން ދިވެހިބަހުން ލިޔާ ކޮންމެ ލިޔުމަކީ، އެ ބޭބޭފުޅުންގެ ވެށީގައި، އެ ބޭބޭފުޅުންގެ އާރާއި ބާރުގެ އިމުން އެތެރެވެއްޖެ ހަމަ ކޮންމެ މީހެއްގެ މައްޗަށް މެ ލާޒިމުވާ ގޮތުން، މިވެނި ވިލާތެއްގެ މިވެނި މުއައްސަސާޔަކުން ޝާއިޢުކޮށް ނެރެފައި އޮންނަ މިވެނި މިންގަނޑަކަށް ފެތޭ ލިޔުމަކަށް ވާން ޖެހޭނެޔޭ ވިދާޅުވާ ވާހަކައެވެ. އެ ވިދާޅުވާ ވިލާތެއްގެ އެ ވިދާޅުވާ މުއައްސަސާ ނޫން އެހެން މުއައްސަސާޔަކުން އެހެން މިންގަނޑުތަކެއް އަދި ގެންގުޅުނަސް، ނުވަތަ އެހެން ވިލާތްތަކާއި ކަރަތަކުގައި އަދި މުޅީން ތަފާތު އެހެން މިންގަޑުތަކެއް ގެންގުޅުނަސް، އެއީ ވެސް ކަމުފޮޅާ މިންގަނޑުތަކެއް ނޫނޯލައެވެ!
މި ދަންނަވާ މަދު ބޭފުޅުންކޮޅަށް އެ ވިދާޅުވެވޭ އެއްޗަކީ އަޅުގަނޑު ހިތުގެ އަޑީން ޤަބޫލުކުރާ އެއްޗެކެވެ. އެއީ ކީއްވެގެން ތޯއެވެ؟ އެއީ "އެ މީހެއްގެ ރޮނޑެއްގެ ހަންދަމާނީ އެ މީހަކު ބޭނުން ގޮތަކަށޭ" އެ ބުނާ ބުނުމަށް ތާއީދުކުރުމުގެ ގޮތުންނެވެ. އެ ރާޖާއެއްގެ ކަރައެއްގައި ވިކޭނީ އެ ރާޖާއެއްގެ ބަހޭ ބައެއް ތަންތާނގައި ބުނެއުޅޭ ބުނުން ވެސް އަޅުގަނޑު އަހައިފައި އޮތީމައެވެ. އަދި ހަމަ އެހެންމެ، ކުރު މުއްދަތެއްގެ ތެރޭގައި މިންކޮށް ވަޒަންކުރާން ޖެހޭ އެތައް ލިޔުމެއް އެއް ތައްގަނޑަކަށް ފެތިގެން އައިމައި އެ ލިޔުންތައް ގިންތިކޮށް، ފުރާނައި، ޚާލިޞް ރިހިން ގަތައިފައި ހުންނަ ފަށާއި ލޮއި ލައިގެން ގަތައިފައި ހުންނަ ރިހި ފަށް ވަކިކޮށް ނަގާން ފަސޭހަ ވާނީ އެހެން ހެދީމައި ކަމަށް ވިސްނޭތީއެވެ. ކޮންމެވެސް އެހެން މީހަކު އޭނާގެ ރޮނޑު އަދި އެހެން ގޮތަކަށް ދަމައިގެން ގެޔަށް ގެންދިޔަޔަސް އެ ރޮނޑުވެސް ފިހެލީމައި އަރުން އެތެރެވާނީ އޭނާގެ ގޭގައި ކަމާއި، އެކި ރާޖާއިންގެ ރަސްރަސްކަމުގައި އެކި ހަމަތަކުން ކަންކަން ހަމަކުރުމަކީވެސް އެ ރާޖާއިން ބަލައިގަންނަ ބަޔަކަށް ހަމަކަމެއް ކަމުގައި ވާނޭތީއެވެ.
އެހެން ނަމަވެސް، ދެވަނަ ވާހަކަ އަޅުގަނޑުގެ ބަލައިގަތުމުގެ އޮޑީން ބޭރުވާ ދަނޑިވަޅެއްވެސް އާދެއެވެ. އެ ދަނޑިވަޅު އަންނަނީ، ތިމަންމެން މިބުނާ ހަނި މިންގަނޑުގެ ހިފެހެއްޓުންތަކުން މިނިވަންކަމާއެކު ވީއްލިގެން ލިޔެފައި އޮންނަ ތަޢުލީމީ ނުވަތަ ދިރާސީ ކޮންމެ ލިޔުމަކީ ހަމަ ކަނޑައެޅިގެން "އެކަޑެމިކް" ލިޔުމެއް ނޫނޭ ބައެއް ބޭފުޅުންނަށް ވިދާޅުވެވޭ ހިސާބުންނެވެ! އެ ހިސާބުން އެ ވާ ގޮތަކީ، ރޮނޑެއްގެ ހަން ދެމޭނޭ ހުއްދަ ހަމައެކަނި ގޮތަކީ ތިމަންމެން މި ބުނާ ގޮތޭ ބުނީމައި ދެން އެ ވާ ގޮތެވެ. އެ ހިސާބުން ފެނުން ތޮޅިލައި، އެ ދިމާއިން ކުޑައިކޮށް ދުންއަރައިލައި، ހޭ ހަމަޔަށް ހުރި ކޮންމެ އިންސާނަކަށް ފެންނަ ހިސާބަށް އެ ތިލަވަނީ، މިހައި ދުވަހު ކަނޑަށް ފެތި އޮވެފައިމެ، އޮތް ތާނގައި މަތަވެ ނުއޮވެވުނު ފުރޭތައެއްގެ އަލިފާން ބޮލެވެ.
އަޅުގަނޑު ދަންނަވާން މިއުޅޭ ވާހަކަޔަކީ، ނޫން! ދަންނަވާން މި އުޅޭ ސުވާލަކީ، ކޮންމެވެސް ދުރު ވިލާތެއްގައި ނުވަތަ ގާތް ކަރައެއްގައި ނަމަވެސް އުޅޭ ބިދޭސީ އެދުރުން، އެ މީހުން އެ ތަންތާނގައި އަންދުހުއްސުރެ ގެންގުޅެމުން އަންނަ ގޮތްތަކާއި އާދަކާދަޔާއި ވިސްނުންތަކާއި ހަމަތައް ކަމަށް ބުނާ ކޮންމެ ބުނުމަކީ އަޅުގަނޑުމެން ހޭވެސް އަހައިނުލައި އެޔަށް ކިޔަމަންވެ ބޯލަނބާން ޖެހޭ ބުނުމެއް ތޯއޭ އެވެ! އަޅުގަނޑުމެން ދައްކާ ކޮންމެ ވާހަކަޔަކީ، ލިޔާ ކޮންމެ ލިޔުމަކީ އެ ގޮތްތަކާއި އާދަކާދަޔާއި ވިސްނުންތަކާއި ހަމަތަކަށް ރަނުންރަނަށް، މިނުން މިނަށް ނުފެތޭ އެއްޗަކަށް ވާ ނަމަ، އެ ދެކެވޭ ވާހަކަޔަކާއި ލިޔާ ލިޔުމަކީ ތަޢުލީމީ ގޮތުން އެއްވެސް އުރައްޕެއް، ބުރަދަނެއް ހުރި އެއްޗެއް ނޫންކަމަށް ހަމަ އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ފުންނާބުފުޅު އުސް ބައެއް ބޭބޭފުޅުން ނިންމަވާނީތޯއޭ އެވެ!
އަދި އެހެންކަމަށް ވާ ނަމަ، ހަމަ އެ ވިލާތްތަކާއި ކަރަތަކުން، މީގެ ދެތިންހަތަރު ޤަރުނު ކުރީއްސުރެ ދާދި އިހަކަށް ދުވަހާ ހަމަޔަށް، ހަސްތީގައި އަޅުގަނޑުމެން ލެއްވި ހިސާބަށް ކަނޑިބަޑިލޮންސި ހިފައިގެން އައިސް، އަޅުގަނޑުމެންގެ މަސްކަނޑުތަކަށާއި ދަނޑުފަނގަށާއި ގޮވަތިގެދޮރަށް އައްސުން އަރައި، ގަދަކަމުން ހިފައިގެން ވެރިވެ، އެތަންތާނގައި ބަގުޑިބައްދައިގަނެގެން އެ އުޅުނު ގޮތް އަޅުގަނޑުމެން ހަނދާންނެތުނީ ތޯއޭ އެވެ! ދެން މިހައިރު އަޅުގަނޑުމެންގެ ސިނކުނޑީގައްޔާއި، ހަމަ ބުއްދީގައްޔާއި، ހެޔޮ ވިސްނުމުގައިވެސް ހަމަ އެބީދައިން ކަސްތޮޅު އަޅުވާން އެވެރީންނަށް ދޫކޮށްލައި، ހުއްދަކޮށް، އޭގެ ބަދަލުގައި އެ މީހުން އަޅުގަނޑުމެންނަށް ދޭން ބުނާ އިނާމަކީ މި ދުނިޔޭގައި މިހައިރު ހުރި އެންމެ އުޖާލާ، އެނގުމާއި އުނގެނުމުގެ އުސް ކުންނުގައި ހުރި އެންމެ ސަރުނަ ސަމޭދާނޭ އެވެރީން ބުނީމައި އެ ބުނާ ބުނުން ހެޔޮހިތުން ހަމަ ބަލައިގަންނާން ވީތޯއޭ އެވެ!
ނޫނިއްޔާ، އަޅުގަނޑުމެންނަކީވެސް މީގެ އެތައް ހާސް އަހަރެއް ކުރީން މި ރަށްތަކަށް އައިސް، މި ރަށްތަކުގައި ވަޒަންވެރިވެ، އަޅުގަނޑުމެން އެ އައި ތާކުން ނުވަތަ ތަންތަނުން އަޅުގަނޑުމެންނާ އެކީ ގެނައި ބަސް ނުވަތަ ބަސްތަކާއި ގޮތްތަކާއި ހަމަތަކާއި ހުނަރުތަކާއި މިހުރިހައި އެއްޗެއް އަޅުގަނޑުމެންގެ ރަށްތަކުގެ ވެށްޓަށް ފައްތައި، އޭގެ ސަބަބުން ޒަމާނުގެ ފަތްފުށްތަކުގެ ތެރެއިން އެ ބަހާތަކަށް އައި ބަދަލުތަކާއި ފުރޮޅުންތައް އެއް ތާކަށް ޖަމާކޮށްގެން އަޅުގަނޑުމެންގެ އަމިއްލަ، ފަޚުރުވެރި ތާރީޚަކާއި ތަރިކަޔަކާއި ސަގާފަތަކާއި އާދަކާދައެއް މިލްކުކޮށްގެން ތިބި ބަޔަކީމެއް ނޫންތޯއެވެ؟ އެހެން ކަމަށް ވާ ނަމަ، ނޫން! އެހެން ކަމަށް ވީތީ، އަޅުގަނޑުމެންގެ ކާބަފައިންގެ ބުނުންތަކުގެ ތެރެއިން އަޅުގަނޑުމެންނާ ހަމަޔަށް ވާރުތަވަމުން އައިސްފައިވާ ހަރުބަސްތަކާއި މިސާލުބަސްތަކާއި ބުނުންތަކަކީ، އަދި އަޅުގަނޑުމެންގެ ވަރުކޮށިތަކާއި އެދުރުގެތަކުގައި ހަމަޖެހިގެން ކުރެވިފައި ހުރި ކަންކަމާއި، އަޅުގަނޑުމެންގެ އިސް އެދުރުން ލިޔުއްވައިފައި އެ ހުރި އަގުހުރި ލިޔުއްވުންތަކަކީ މަދު ބައެއް ބޭފުޅުންނަށް ނަމަވެސް އެ ވިދާޅުވެވޭ ހަމައިން ބަލައިފި ނަމަ، ދުނިޔޭގެ ތަޢުލީމީ މިންގަނޑުން ފުރާނައިލީމައި އޮށްޓަރެއް ނެތި ފައިބުޑަށް އޮހިގެން ފައިބައިގެން ދާ ބޭކާރު އެއްޗިއްސަށް ވަނީ ތޯއެވެ؟
ނޫނެކެވެ! ހަމަ ހިލާވެސް އެހެންނެއް ނުވާނެއެވެ! އަޅުގަނޑުމެންނަކީ ވެސް ޤައުމަކީމެވެ. އަޅުގަނޑުމެންގެ ފަޚުރުވެރި އަމިއްލަ ތާރީޚަކާއި ތަރިކަޔަކާއި ސަގާފަތަކާއި ގޮތަކާއި ފޮތެއް ގެންގުޅޭ ބަޔަކީމުއެވެ. އެ ބަހެއްގެ އަމިއްލަ ހަމަތަކާއި ގޮތްތަކުގެ ފުރިހަމަ މިނިވަންކަން އަމިއްލަކޮށްގެން ތިބި މުސްތަޤިއްލު ބަޔަކީމުއެވެ. އަޅުގަނޑުމެންގެ ލިޔުންތަކަކީ "އެކަޑެމިކް" ލިޔުންތަކެއް ނޫން ކަމަށް ފުރެއްދެ ފަރަންޖީ އެދުރުކޮށިތަކުން ކުރެ ވަކި ކޮށްޓަކުން އަދި ބުންޏަސް، އަޅުގަނޑުމެންގެ އިސް އެދުރުންގެ ލިޔުއްވުންތަކަކީ ތަޢުލީމީ ލިޔުއްވުންތަކެއް ކަމަށް ކަށަވަރުކަމާއެކު ބަޔާންކޮށްކޮށް ތިބި ބަޔަކީމުއެވެ!

2 Responses
ވަރަށް އިބުރަތްތެރި
ފިލާވަޅެއް
ޝުކުރިއްޔާ ވަހީދު
ދިވެހިބަހުގެ ބަލާޣާތްތެރިކަމާއި ފަށުއިކަން މި ލިޔުމުން ވެސް އެބަ ފެނޭ. އަހަރެން އެންމެ ހައިރާންވަނީ މިއީ ބޭރުބަހަށް އެހާ ފަރިތަ މީހަކު ލިޔުނު ލިޔުމަކަށް ވާތީ.