Support Us

ކޮލަމް: އަލި

ކޮލަމް އަލި: އެމުނޭށިޔޭ ރަންހާރުތައް…

އަލްއުސްތާޛް ޢަބްދުލް މުޢީދު ޙަސަން އަޅުގަނޑާ މެދު ފާޅުކުރައްވައިފައިވާ އޭނާގެ ހިތްޕުޅުގެ ޝުޢޫރުން އަޅުގަނޑުގެ ހިތަށް ލިބުނީ ވަރަށް ބޮޑު އާދަޔާޚިލާފު އުފަލެކެވެ. އެ ވިދާޅުވި ވާހަކަފުޅުގެ މުރާދަކީ އެ ޔުނިވަރސިޓީގައި އަޅުގަނޑު ޙަމާރަތާއި ތާރީޚު ކިޔާ މޮޑިޔުލެއް ނެގި ވާހަކައެވެ. އެއީ ޔުނިވަރިސިޓީގެ އެކިއެކި ޑިގުރީތަކުގެ ދަރިވަރުން ކިޔަވަން ޖެހޭ އަސާސީ މޮޑިޔުލެކެވެ. އަޅުގަނޑު ކިޔަވައިދިނީ އިސްލާމިކް ޔުނިވަރިސޓީގެ ފުވަމުލައް ސިޓީގެ ގޮފީގެ ދަރިވަރުންނަށެވެ. އެހެން ދަރިވަރުންނަށް އެ މޮޑިޔުލް ކިޔަވައި ދެއްވީ މުޢީދު އުސްތާޒެވެ. އެ މަނިކުފާނު އެ މޮޑިޔުލް އެ ޔުނިވަރސިޓީގެ އެކި ކޯސްތަކުގެ ދަރިވަރުންނަށް ކިޔަވައިދެއްވާތާ އެތައް އަހަރެއް ވެއްޖެއެވެ.

އެއީ ޔުނިވަރސިޓީ ތައުލީމު ހާސިލްކުރާ ހަމަ ކޮންމެ ދަސްވެންޏަކުމެ ކިޔަވަން ޖެހޭ މުހިންމު މޮޑިޔުލެކެވެ. މޮޑިޔުލްގެ އައުޓްލައިން އަތަށް އެރުމާ އެކު އަޅުގަނޑު ބައްދަލުކުރީ މުޢީދު އުސްތާޒާއެވެ. އަޅުގަނޑަށް ލިބުނީ ކުއްލި ސިހުމެކެވެ. ހަމަތެދެކެވެ. އެ މޮޑިޔުލްއަށް އިލްމާއި މައުލޫމާތުގެ ގޮތުން ތައްޔާރުވާން މީހަކުން އިތުރަށް ކުރާން ޖެހޭ އެއްވެސް ކަމެއް ނެތެވެ. ހުރިހައި ފިލާވަޅެއް މޮޑިޔުލްގައި ހުރި ތަރުތީބުން ބަރާބަރަށް ވަނީ ރާއްވަވައި ނިންމަވައި ނޯޓު ހައްދަވައިފައެވެ. ޕަވަރޕޮއިންޓު ޕްރެސެންޓޭޝަން ވެސް ހައްދަވައިފައެވެ. ދަރިވަރުންނަށް ދޭން ޖެހޭ ނޯޓުތަކާއި މަސައްކަތްތައް ވެސް ނިންމަވައިފައެވެ. މަސައްކަތްޕުޅުގެ ތަރުތީބު ފުރިހަމަކަމާއި ރީތިކަމާ ހުރެ އަޅުގަނޑު ހަމަ ބަސްހުއްޓުނެވެ.

އަޅުގަނޑު ގާތުގައި ވިދާޅުވީ ހުރިހައި ކަމެއް ވެސް މިހުރީ ތައްޔާރަށެވެ. ދެން އޮތީ ކުދީންނާ ހަމައަށް މި ވާހަކަތައް ފޯރޮކޮށްދެއްވުމެވެ. އެ ކަމުގައި އަޅުގަނޑުގެ މައްޗަކަށް ކުޑަވެސް ޝައްކުކަމެއް ނެތެވެ. އަޅުގަނޑު ވަރަށް އުފާވިއެވެ. ކުރެއްވި ފުރިހަމަ އިތުބާރާއި ދެއްވީ އެހީތެރިކަން އަޅުގަނޑުގެ އަޖަލަށް ހަނދާން ހުންނާނެއެވެ. އަޅުގަނޑު ބައިންދަވައިގެން އަޅުގަނޑުގެ ލެޕްޓޮޕަށް އެ ހުރިހައި ތަކެއްޗެއް އަޅުއްވައި މޫޑުލް ބޭނުން ކުރަން ވީ ގޮތްތައް ވެސް ދަސްކޮށް ދެއްވިއެވެ. ހާޒިރީ ބަލާނެ ގޮތާއި ގަޑިތައް ފުރާނޭ ގޮތްތައް ހަމަޖައްސައިދެއްވައި ޔުނިވަރސިޓީގެ އެކަމަށް ޚާއްޞަ ވިޔުގައަށް އެ މިޑިޔުލްގެ އެންމެހައި ކަންކަން ފަހިވާނެ ގޮތްތައް ގާއިމުކޮށްދެއްވީ ވެސް އުސްތާޒެވެ. ފޫހިފުޅުކަމެއް ނެތި އަޅުގަނޑާ އެކު ހޭދަކުރެއްވީ އެތައް ގަޑިއިރެކެވެ. ހަގީގަތުގައި ދަރިވަރުންގެ ފުށުން އަޅުގަނޑަށް ލިބުނު ނަމަ ރީތި ނަމެއްގެ ހަގީގީ ހައްގުވެރިޔަކީ ލޮބުވެތި އުސްތާޒް ޢަބްދުލް މުޢީދެވެ.

އުސްތާޒް ޢަބްދުލް މުޢީދަކީ ވަރަށް ގިނަ ފަންނާއި ޢިލްމާއި ހުނަރުން ދެފުށް ކަޅިވެފައިވާ ވަރަށް ގާބިލް ކުޅަދާނަ ޢިލްމުވެރިއެކެވެ. ފަންނުވެރިއެވެ. ޒަމާނީ ފަންނިއްޔާތުގެ ގޮތުން އެ މަނިކުފާނަކީ މި ޒަމާން އައުމުގެ މާ ކުރިން އެ ކަމަށް ފައްކަވާވެވަޑައިގެންނެވި ހުނަރުވެރިއެކެވެ. އެ މަނިކުފާނުގެ އިލްމީ މަސައްކަތްޕުޅުތަކުގެ މަހައްލު، އާދެ "މަހަރު" މި ދެންނެވި ބަހުގެ ހެތްކަކަށް ފުދެއެވެ. އުސްތާޒް މުޢީދަކީ ކުޅަދާނަ އަކުރުއެޅުންތެރިއެކެވެ. އާދެ މިއަދު ރާއްޖޭގައި ހުންނެވި ލާމަސީލު ކެލިގްރަފަރަކީ އަޅުގަނޑުގެ ނަޒަރުގައި ލޮބުވެތި އުސްތާޒެކެވެ. އެ ހުނަރު އަ މަނިކުފާނު ވަނީ އެތައް މީހަކަށް ދަސްކޮށްދެއްވައި އެ ފަންނަށް މީހުން ބިނާކުރައްވައިފައެވެ.

އުސްތާޒު މުޢީދަކީ އެކިއެކި ޢިލްމުތަކަށް އަހުލުވެރިވެވަޑައިގެންފައިވާ މުޢައްލިމެވެ. ކުލަދާނަ ވާހަކަދެއްކުންތެރިއެކެވެ. މޮޅު ލިޔުންތެރިއެކެވެ. ފުން ފިކުރުތަކުގެ ޅެންހައްދަވާ ކުޅަދާނަ ޝާޢިރެކެވެ. މީސްތަކުންގެ ވިންދާ ގުޅިފައިވާ ކަންކަމުގެ މައްޗަށް އެކިއެކި ނަޒަރުތަކުން އިލްމީ ހެކިތަކާ އެކު މީހުން ހޭލުންތެރިކުރައްވާ ވަރަށް ކުޅަދާނަ މުރުޝިދެކެވެ. އުސްތާޒު މުޢީދަކީ ދީނީ ކަންކަމަށް ސަލާމުކަންދެއްވާ ތަރުތީބު ހެޔޮ ސާދާ މިޒާޖުފުޅެކެވެ. ސާފުތާހިރުކަމަށް ލޯބިކުރައްވާ ވަގުތަށް ކަމޭހިއްތަވާ މުރުވަތްތެރި އިންސާނެކެވެ. ދަރިވަރުން ގަޔާވާހެން ޗައުގުވެރިވާހެން ކިޔަވައިދެއްވާ ލޮބުވެތި އުސްތާޒެކެވެ. ނެތީ މަތީ ސަނަދެއްގެ ކަރުދާސްކޮޅެއް ކަމަށް ވެދާނެއެވެ. މަތީސަނަދުގެ މައްޗަށް އެކި ތަންތަނުން ދެއްވާ ކަރުދާހަކީ އެއީ އިލްމާއި ހުނަރުގެ މައްޗަށް ހަގީގީ މާނައެއްގައި ބަލައިގެން ދޭ އެއްޗެއް ނަމަ އުސްތާޒް މުޢީދަކީ މަތީތައުލީމުގެ އެތައް ސަނަދެއްގެ ޖަމާއެކެވެ. ޢިލްމަކީ ސަނަދެއް ނޫނެވެ. އިލްމަކީ ފިކުރުގެ ކާނާއެވެ. އެ ކާނާގެ މޮޅުކަމާއި މިރުކަން ވަޒަން ކުރާނީ މުޖުތަމައެވެ. މުޖުތަމައު އެ ކަންކަން ވަޒަން ކުރަނީ އުޅުންތެރިކަމުންނެވެ. އަޚްލާޤާއި ސުލޫކުންނެވެ. ދުނިޔެ ބަދަލުކުރި ހަގީގީ ޒަޢިމުންގެ ފަސްބައިގައި ހިފައިގެން އޮތީ މޮޅު ސަނަދެއްގެ ވާހަކަ ލިޔެފައި އޮތް ކަރުދާސްގަނޑެއް ނޫނެވެ. އެހެނެއްކަމަކު، އެ މީހުންގެ މުރާލި މަސައްކަތްތެރިކަމާއި ހިކުމަތާއި ހުނަރާއި ފަންނެވެ. މި ނަންޒަރުތަކަށް ނަޒަރުކޮށްފި ނަމަ ބުއްދި ހުރި ކޮންމެ މީހަކަށްމެ އުސްތާޒު މުޢީދު ފެންނާނީ އިލްމާއި މައުލޫމާތުގައި ފުން ކަނޑެއް ފަދައިންނެވެ. ހުނަރާއި ފަންނުގައި އަލި ވޮށެއް ފަދައިންނެވެ. އަގުވަޒަން ކުރައްވަންވީ މި ފަދަ ބޭފުޅުންގެ ނޫންތޯއެވެ! ޝަރަފާއި ޢިއްޒަތްދެއްވައި ނަމޫނާ ފުރަމަލަތަކެއް ލިޔުއްވައި ދަރީންނަށް ދަސްކޮށްދެއްވަންވީ މި ފަދަ ބޭފުޅުންގެ ފަސާނާ ނޫންތޯއެވެ. އިންސާނީ ޚިދުމަތުގެ އަގުވަޒަންކުޅައުންކަމަށް ވަނީ ގަދަރާއި ޢިޙުތިރާމާއި ލޯބި ގަތައިގެން އަމުނައިފައިވާ ހާރެއް ވެދުންކުޅައުމެވެ. ދެތިން ދުވަހަކުން މޯޅިވެދާ ގުލްތަސްތާއަކާއި ފޮނި އިބާރާތެއް ލިޔެ މުލައްމާކޮށްފައިވާ ރަންބޯޑަރު ލީ ކަރުދާސްގަނޑަކުންނޫނެވެ. އިރާދަކުރެއްވިއްޔާ އުސްތާޒު މުޢީދުގެ ގައުމީ ލޭފަވެތި ޚިދުމަތުގެ އަގާއި ގަދަރު އޭނާގެ އެތައް ޙާސް ދަރިވަރެއްގެ ހިތްތަކުގެ ބަގީޗާތަކުން ފޮޅި ފަރިވާތަން އިސާހިތަކު ދެކޭނޫއެވެ. އެ މަނިކުފާނުގެ މަސައްކަތްޕުޅުތަކަށް ލޯތްބާ އެކު ޝުކުރުދަންނަވައި ހިތުގެ އެންމެ މަތީ އިޙުތިރާމާ އެކު ކުރުނީސްކުރަމެވެ. ޝުކުރާ ސަނާގެ ރަންހާރުތައް އަބަދަށް އެމުނޭށިއެވެ! ބަރަކާތްލައްވާށިއެވެ. ރަހުމަތްލައްވާށިއެވެ. ކާމިޔާބު ގިނަގުނަކުރައްވާށިއެވެ.